ކޮވިޑް-19: އައިސީޔޫގައި ފަރުވާ ދޭނެ މީހުން ތަމްރީން ކުރަން ފަށައިފި: ޑރ. އިސްމާޢީލް

ކޮވިޑްގެ ބަލީހުން ރާއްޖޭގައި އިތުރުވެ އައިސީޔޫގައި ފަރުވާދޭ ހިސާބަށް ގޮސްފި ކަމަށްވާނަމަ އެތަނުގައި ފަރުވާދޭނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފައިވާ ފުއްޕާމޭގެ ބަލިތަކާ ބެހޭ، އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިސްމާޢީލް ވިދާޅުވީ އެމަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފަށައިފައިވާ ކަމަށެވެ.

"މީގެ ދެ ހަފްތާ ކުރިން ފަށައިގެން ކުރިއަށް އެބަގެންދަން އައިސީޔޫގައި ފަރުވާދޭނެ އިތުރު މީހުން ތައްޔާރުކުރުކުރަން. އެގޮތުން އައިޖީއެމްޗުގެ އެކި ޑިޕާޓްމެންޓް ތަކާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން ޑަބްލިޔުއެޗުއޯގެ ވެސް އެހީތެރި ކަމާއެކު ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް އެބަގެންދަން. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން މި ތައްޔާރު ކުރެވެނީ އައިސީޔޫ ފެސިލިޓީތަކެއްގައި މަސައްކަތް ކުރެވޭ ވަރަށް،" ޑރ. ވިދާޅުވިއެވެ.

ޑރ. އިސްމާޢީލް ވިދާޅުވީ ތަމްރީން ކުރަމުން ގެންދަނީ އައިސީޔޫގައި ކުރިން މަސައްކަތް ކޮށްފައިނުވާ ޑޮކްޓަރުންނާއި ނަރުހުން ކަމަށެވެ. އެ މީހުން ތަމްރީން ކުރަނީ އައީސީޔޫގައި އެޑްމިޓް ކުރާ އެފަދަ ބަލިމީހުންނަށް ފަރުވާދެވި މެނޭޖު ކުރެވޭ ވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން  ސަޕޯޓިވް ސްޓާފުންނަށް ވެސް ރައްކާތެރިވުމަށް އަޅަންޖެހޭ ހެދުން އެޅުމާއި އެއާގުޅޭ ތަމްރީންތައް ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ އެއާއެކު ރަށްރަށުގެ ހޮސްޕިޓަލް ތަކުގައި ވެސް މިފަދަ ޓްރެއިނިންތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ޕްލޭން ކުރަމުން އެބަގެންދަން. ރަށްރަށުގެ ހޮސްޕިޓަލް ތަކުން ޑޮކްޓަރުންނާއި ނަރުހުން މާލެ ގެނެސްގެން ޓްރެއިނިން އޮފް ޓްރެއިނަރސްގެ ގޮތުގައި ޓްރެއިނިން ކުރުމަށް ޕްލޭން ހަދަމުންދަނީ،" ޑރ. އިސްލާމާޢީލް ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މިއީ އަދި ދުނީޔޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނޫންކަމަށެވެ. ޕޮޒިޓވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  ދުނިޔޭގެ ނިސްބަތުގައި މިހާރު ގަޑިއަކު 200 ނުވަތަ 300 އެއްހާ މީހުން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ވިދާޅުވީ އެންމެ މީހަކު ޕޮޒިޓިވް ވިޔަސް އެތައް ބައިވަރު މީހުންނާއި ރިސޯސް ބޭނުން ކުރަން އެބަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.