ކޮރޯނާ ވައިރަހާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްދެއްވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ގޮވާލައްފައިފި

ކޮރޯނާވައިރަހާމެދު ކަންބޮޑުވުންފާޅުކުރައްވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްދެއްވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ގޮވާލައްފައިފިއެވެ. ރާއްޖޭގެ ބައެއް ޑޮކްޓަރުންވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިވައިރަހުން ރައްކާތެރި ވުމުގެ ޚާއްޞަ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އެޅުމުގެ މުހިންމުކަން ކަމާބެހޭ މުއައްސަސާ ތަކުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

ކޮރޯނާ ވައިރަހާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން މުއައްސަސާތަކުގެ ސަމާލުކަމަށް ރާއްޖޭގެ ޑޮކްޓްރުން ވެސް ގެނެސްފައިވަނީ ޗައިނާގައި ފެތުރެމުންދާ މިބަލީގެ ވައިރަސް ފުރަތަމަ ފަހަރަށް އެމެރިކާއިން ފެނި، މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓްރ އަޙްމަދު ފައިސަލް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވައިރަހެއް ހަށިގަޑަށް ވަނުމަށްފަހު އޭގެ އަލާމާތައް ފެންނަން ދުވަސްކޮޅެއް ނަގާނެކަމަށެވެ. ވައިރަސް ހިފައިގެން ރާއްޖޭއަންނަ މީހާގެ ޢަލާމާތެއް ނެތަސް، އެމީހުން އަންނަނީ ބަލި ފެތުރޭ ހިސާބުންކަމަށްވާނަމަ، ރާއްޖޭގައި އެމީހުން ހޭދަކުރާ މުއްދަތުގައި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެޗް ޕީއޭއަށް އަންގަންވާނެކަމަށެވެ.

ކޮރޯނާ ވައިރަސް ޗައިނާގައި ހަލުއިކޮށް ފެތުރެމުންދާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އަންނަ ޤައުމަކީ ޗައިނާއެވެ. ޗައިނާގެ440 މީހުންގެ ހަށިގަނޑުން މިވައިރަސް ފެނިވާއިރު 9 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ރާއްޖޭގެ އެއާޕޯޓްތަކުގައި ވެސް މިބަލިގެ ވައިރަސް ދެނެގަތުމުގެ ކަންކަން ވަރުގަދަކުރަންޖެހޭކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ އަބްދުﷲ ނިޔާފް ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފައެވެ. ގިނަ ޤައުމުތަކެއްގައި މިހާރު ވެސް ވަނީ މިބަލިން ރައްކާތެރި ވުމަށް އެއަރޕޯރޓްތަކުގައި ބަލީގެ ވައިރަސް ދެނެގަނެވޭނެ ފިޔަވަޅު އަޅައިފައެވެ. ރާއްޖޭގައި ވެސް އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާފައި ހުރިކަން، މީހުންނަށް އެނގި އިތުބާރު އުފައްދަންޖެހޭކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ޓެގްކޮށް ކުރެއްވި ޓްވީޓްގައި ޑރ. ނިޔާފު ވިދާއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެ އިދާރާއިން ވިދާޅުވީ ކޮރޯނާ ވައިރަސް ކަންތަކާ މަޢުލޫމާތު ދިނުމަށް މިއަދު އެ މުއައްސަސާއިން ޕްރެސް ކޮންފަރެންސް ބާއްވާނެކަމަށެވެ.

 ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޤައުމުކަމުގައިވާ ޗައިނާގެ އިތުރުން ޓައިވާނާއި ތައިލަންޑާއި ޖަޕާނާއި ދެކުނު ކޮރެއާ އާއި އެމެރިކާ އިން މިހާރު މި ވައިރަސް ފެނިވައިފާއިވާކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ. މއީ ޞިއްޙީ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާވަރުގެ ވައިރަހެއްތޯ ދެނެގަނެ ގޮތެއް ނިންމުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ދަނީ މަސައްކަތްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.