އޯޓިޒަމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝާ މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ. ކުރަންޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދިރާސާ މަސައްކަތް ކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އޯޓިޒަމާ ބެހޭގޮތުން މާގިނަ ދިރާސާތަކެއް ރާއްޖޭގައި ކުރެވިފައި ހުރިތަނެއް މިވަގުތު ފެންނާން ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ރާއްޖޭގައި އޯޓިޒަމް ސްޕެކްޓްރަމްގެ އެންމެ އުނގަދޫ ކަންތައްތަކަކީ ކޮބައިތޯ ދެނެގަންނާން ދިރާސާކުރަން އެބަޖެހޭ. އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަންވެސް ބޭނުން." މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސްޕެޝަލް ނީޑްސް ޓީޗަރުންނާއި ތައުލީމީ ދާއިރާއިން މާސްޓަރސް ހަދާ ދަރިވަރުން އޯޓިޒަމްގެ ދާއިރާއަށް އަމާޒުކޮށްގެން ދިރާސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކުގައި އޯޓިސްޓިކް ކުދީންނަށް އުނގަންނައިދިނުމަށް ވަރަށް ގިނަ މަސައްކަތްކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ކުދީންނަށް އުނގަންނައިދޭން އޮންނަ އުސޫލުން އުނގަންނައިދޭކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ސްކޫލް ބަންދުވެ، މިހާ ގިނަދުވަހުގެ މެދުކެނޑުމެއް އައުމުން އެކުދީންނަށް ވަރަށް ބޮޑެ ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ. އަދި އާއިލާއާއި މުދައްރިސުންނަށް ވެސް މި އުނދަގޫ ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގޭގައި ތިބެގެން ކުދީންނަށް ކުރެވޭނެ ކަހަލަ މަސައްކަތްތަކެއް މުދައްރިސުންނާ ބެލެނިވެރިން ގުޅިގެން އޯޓިޒަމް ސްޕެކްޓްރަމްގެ ކުދީންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ހަރަކާތްތަކެއް ރޭވިއްޖެނަމަ ވަރަށް ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނ ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަމަށާއި އެކަމުގެ އުނދަގޫ އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އޯޓިސްޓީކް ކުއްޖަކަށް ކިޔަވާދޭ ގޮތާއި ޑައުންސިންޑްރޯމްސް ކުއްޖަކަށް ކިޔަވާދޭ ގޮތާވެސް ވަރަށް ތަފާތު. އަހަރު ފެށިގެން ދުވަސްކޮޅެއްވުމާއެކު މުދައްރިސުންނަށް ކޮންމެ ކުއްޖެއްވެސް ރަނގަޅަށް އެނގޭނެ. ކުދީންނަށް ޕްލޭން ވެސް ހެދިފައި ހުންނާނެ ކަމަށް ގަބޫލުކުރެވެނީ. އެހެންވީމާ އޮންލައިން ޕްލެޓްފޯމަކަށްވުރެ ބޮޑަށް ބެލެނިވެރިންނާ ކޯޑިނޭޓްކޮށްގެން ޚާއްސަ މަސައްކަތްތަކެއް ކުރުވޭނެ މަގު ހޯދުން ރަނގަޅު." މިނިސްޓަރ ވިދާޅުވިއެވެ.
މި ދުވަސްކޮޅަކީ ގިނަ ބެލެނިވެރިންނަށް ވަރަށް ދަތި، ގިނަ ގޮންޖެހުންތަކެއް ހުންނާނެ ދުވަސްކޮޅެއްކަން އެނގިވަޑައިނގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ހުރިހާ ވަގުތެއް ކުދިން ބެލެހެއްޓުމުގައި ހޭދަކުރާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރޭގައިވެސް އޯޓިޒަމްގެ ބައެއް ކުދިން އެބަތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެމީހުން ކުރާ މަސައްކަތަށް ބަލާއިރުވެސް، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ކުދީން ހޭލާ ތިބޭ ހުރިހާ އިރަކު ކުދިން ބަލަހައްޓާ މީހުންވެސް ހޭލާ ތިބެންޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިދުވަސްކޮޅު ތަޖުރިބާކާރެއްގެ އެހީތެރިކަމެއް ނެތި ހުރިހާ އިރަކު އަމިއްލައަށް ކުދީންގެ ކަންކަން ބަލަމުންދާތީ ހިތުގެ އަޑިން އެކަންވެސް ބަލައިގަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.