ކުޑަކުދިން ރައްކާތެރިކުރުމުގެ ޒިންމާ ނަގަންޖެހޭނީ މުޅި ދައުލަތުން: މިނިސްޓަރ ޝިދާތާ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުޑަކުދިން ރައްކާތެރިކުރުމުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ދައުލްތުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުاللهގެ މައްސަލައިގައި، ރައްޔިތުންގެ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުކޮށް ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސައިމްގެ މައްސަލައިގައިވެސް އެކަމަނާ އުފުއްލަވަން ޖެހޭ ޒިންމާ އުފުއްލައިފައިވާކަން ހާމަކުރައްވަމުން، ވިދާޅުވީ އެމައްސަލައިގައި މުޅިދައުލަތުން ޒިންމާ ނަންގަވަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ. މިމައްސަލައިގައި މިނިސްޓަރާ ސުވާލުކުރައްވައިފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިނިސްޓަރ ސިދާތާ އިތުރަށް ތަފްޞީލް ކޮށްދެއްވަމުން ވިދާޅުވީ ދައުލަތުން ޒިންމާ ނަންގަވަން ޖެހޭކަމަށް އެކަމަނާ ވިދާޅުވާ ސަބަބަކީ ބަޖެޓް ކަނޑައެޅުމުގައާއި ވަޞީލަތްތައް ފޯރުކޮށްދެއްވުމުގައާއި ސިޔާސަތާއި ޤާނޫނުތައް ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތް ކުރަންޖެހޭތީކަމަށެވެ.

ކުޑަކުދިން ރައްކާތެރި ކުރުމަށް މިހާރުވެސް ޢަމަލުކުރަމުން ދަނީ 1991 ވަނަ އަހަރު އެކުލަވާލެވިފައިވާ ޤާނޫނަކަށްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެޤާނޫނުގައި މިއަދުގެ ޙާލަތާ ނުގުޅޭ ރިޢާޔަތް ނުކުރެވޭ ވަރަށްގިނަ ކަންތައްތައް އެބަހުރިކަން ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް އަލަށް ޤާނޫނެއް ގެނައުމަށް މަސައްކަތް ކުރަމުންދާވެސް ވަރަށް ގިނަ ދުވަސް ވެއްޖެ ކަން ފާހަގަ ކުރައްވާ އެޤާނޫނުވެސް މަޖިލީހުގައި އޮންނަތާ 12 ވަރަކަށް އަހަރުވެއްޖެކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ކުޑަކުދިންނާ ގުޅޭ ޖިނާޢީ އިޖުރާތުގެ ޤާނޫނުވެސް ނުވަތަ ޖުވެނައިލް ޖަސްޓިސްގެ ޤާނޫނު މަޖިލީހުގެ އޮންނަތާ ވެސް އަހަރުތަކެއްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ހައެއްކަ އަހަރުގެ ބަޖެޓަށް ބަލާއިރު ކުޑަކުދިންގެ ހިޔާގެ މަސައްކަތްކުރަމުން ދިޔައީ އަންޑަރ ބަޖެޓްކޮށް ނުވަތަ ދެކޮޅު ނުޖެހޭ ބަޖެޓަކުން ކަން ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ވަޞީލަތްތަކާއި ބަޖެޓް ކަނޑައެޅުމުގައި އެންމެ ނިކަމެތި ފަރާތްތަކަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް މިނިސްޓަ ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންގެ ހިޔާގައި މިހާރުވެސް 13 އަހަރާއި 18 އަހަރާ ދެމެދުގެ 42 ކުދިން ބަލަހައްޓަމުން ގެންދަނީ 29 މުވައްޒަފުން މަދުކޮށް ކަން މިނިސްޓަރ މަޖިލީހުގައި ވިދާޅުވިއެވެ. އެހެން މަރުކަޒުތަކުގައި ވެސް ކުދިންގެ އަދަދު އިތުރުވަމުންދާ ވަރާ ބަލާ އެކުދިން ބަލަހައްޓާނެ މީހުން ނެތްކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސިދާތާ ވިދާޅުވީ މި ސަރުކާރަށް ވާރުތަ ވިއިރު ކުޑަކުދިން ބަލަހަށްޓާ މަރުކަޒުތަކުގެ ޙާލަތު އޮތީ އިންތިހާއަށް ދެރަ ހާލަތުގައި، އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮންނަތާ އަހަރުތަކެއް ވެފައިކަމަށެވެ. ބަޖެޓާއި ވަޞީލަތްތަކާއި ތަމްރީން ވެފައިވާ މުވައްޒަފުން ނެތްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުގެ ފުރަމަ 100 ދުވަހުގެ ތެރޭގައި އެކަށީގެންވާ ބަދަލު ހުރިހާ މަރުކަޒުތަކަށް ގެނެވިފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންގެ ހިޔާ މަރާތު ކުރުމަށް މިދިޔަ ހައެއްކަ މަސް ތެރޭގައި 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މުވައްޒަފުން ތަމްރީނު ކުރުމާއި ކުދިންގެ އަޚްލާޤީ ކަންކަމަށްވެސް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ސިދާތާ ފާހަގަ ކުރެއްވިއެވެ.

ޝައިމް ޢަބްދުاللهގެ މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ބަލާއިރު އެކުއްޖާ ފިލައިގެން ގޮސްފައިވާކަމަށާއި ކުއްޖާ ފެނިފައިވަނީ 2 ކޮޓަރީގެ އެޕާރޓްމަންޓަކުން ކަމަށާއި އެކަމުގައި ބައެއް ބޮޑެތި މީހުންގެ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެމައްސަލަ ފުލުހުން ތަޙްޤީޤް ކުރައްވަމުން ގެންދެވިނަމަވެސް މިނިސްޓަރީންވެސް އެމައްސަލަ ތަޙްޤީޤްކޮށް ރިޕޯރޓެއް އެކުލަވާލައްވަމުންދާކަމަށް މިނިސްޓަވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަޤީންކުރަން ބޭނުން ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފަކު އެއްވެސް ސިފައެއްގައި އެކަމުގައި ސާމިލް ވެފައިވޭ ވޭތޯ ބަލަން" ސިދާތާ ވިދާޅުވިއެވެ

ސައިމް ގެއްލުނުއިރު ޑިއުޓީގައި ހުރި މުވަޒަފަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކޮށް ސަސްޕެންޑްކޮށްފައިވާކަމަށް ވެސް ސިދާތާ ވިދާޅުވިއެވެ. މިހާރުވެސް މިނިސްޓްރީގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ދެއްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.