މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައި: ޖެންޑަރ މިނިސްޓަރ

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައި ކަމަށާއި، މި ވަބާގައި ޖެހޭ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔޫ.އެސް ޑިޕާޓުމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ "ޕްލޭސްހޯލްޑަރ ފޮރ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމް.އޭ.ޓީ) ބްރީފިންގ"ގައި ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާކަމަށާއި، އަދި އެ ކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެ ފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާދީ، ރިހެބިލިޓޭޝަނާއި ރީއިންޓަގްރޭޝަންގެ ތެރެއިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރުން ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ އާލަމީ ވަބާގެ ތެރެއިން ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދެއްވި ކަމަށާއި، އެ ގޮތުން އެ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ގޮތުން އެ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި، އަވަސް ފަރުވާގެ ތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދެވުނުކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މަސްތުވާތަކެތި ބޭނުންކުރާ ޖުމުލަ 400 އެއްހާ ފަރާތަށް ޚިދުމަތްދިނުމުގައި އެން.ޑީ.އޭއިން ހަރަކާތްތެރިވި ކަމަށާއި، އެ މަސައްކަތުން ވެސް އެނގިގެންދިޔައީ މި ކަން ޙައްލުކުރުމަށް އިސްލާޙުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އިތުރަށް ވިދާޅުވިގޮތުގައި މި ކަން ޙައްލުކުރުމަށް ގެންގުޅޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައެވެ. އެ ގޮތުން "އެވިޑެންސް ބޭސްޑް"، "ނީޑް ބޭސްޑް" އަދި "ކޮމިއުނިޓީ ބޭސްޑް އިންޓަރވެންޝަން" ޕްރޮގްރާމްތަކުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤައުމީ ސިޔާސަތާއި، "ސްޓްރެޓެޖިކް ޕްލޭން" އަދި "ކޮސްޓެޑް ވަރކް ޕްލޭން" އެކުލަވައިލުމާއި، އަންހެނުންނަށާއި ކުޑަކުދިންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޔޫ.އެސް ޑިޕާޓުމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒާއި، ޔޫ.އެން.އޯ.ޑީ.ސީއާއި، އެން.ޑީ.އޭ އަދި ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.