ފަލަމަޑި ގޮވާމުގެ ބާވަތްތައް ހެއްދެވުމަށް މިނިސްޓަރ ޒަހާ ގޮވައިލައްވައިފި

ރާއްޖޭގައި ފަލަމަޑިއާއި ގޮވާމުގެ ބާވައްތައް ރާއްޖޭގައި އިތުރަށް އުފެއްދެވުމަށް ދިވެހި ދަނޑުވެރިންނަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރ ޒަހާ ވަހީދު މިއަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް މިގޮވައިލެއްވީ އެސްޓީއޯއާ ގުޅިގެން މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ގެންދަވަނީ ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އެގޮތުން ދަނޑުވެރިން އުފައްދާ ތަކެތި ހަލާކުވިޔަ ނުދީ އެސްޓީއޯއަށް ގަތުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރުވެސް ދަނޑުވެރިކަމުގެ މަސައްކަތް އިތުރު ކޮށްދެއްވުމަށް އެކަމަނާ ވިދާޅުވިއެވެ.

"މިހާރުވެސް ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި އިތުރުކޮށްދެއްވާ. އަޅުގަނޑުމެން މިތިބީ ތިޔަ ބޭފުޅުންނާއެކުގައި،" މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު އިތުރުކޮށް ބާޒާރަށް ނެރުމަށް އެފަރާތްތަކާ މިހާރުވެސް ވާހަކަ ދައްކަވަމުން ގެންދަވާކަމަށެވެ. އަދި ދަނޑުވެރިކަމަށް ފަށައި ގަންނަ ފަރާތްތަކަށް އެކަން ފަށައިގަތުމަށް ބޭނުންވާނެ ފައިސާގެ ކަންކަން ނުވަތަ އެއާ ގުޅޭކަންކަން ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީއާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަން ކުރުމުގެ ބޭނުމަކީ ރާއްޖެއިން ބޭރަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަލަމަޑި ފަދަ ތަކެތި ހައްދަންޖެހޭ މިދަނޑިވަޅުގައި ވަރަށްފަހުން ވެސް ރަށަކުން ވަނީ 8 ބަނބުކެޔޮ ގަސް ކަނޑާލައިފައި ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންވީމާ ބަނބުކެޔި، އަލަ އަދި އެފަދަ އެހެން ބާވަތްތައް އުފެއްދުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި އުފައްދާއިރު ވީހާވެސް ގިނައިން އުފެއްދުމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން އުފެއްދުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދަނޑުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް ވެސް އެހީތެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިކަމަށް މީހުން ތަމްރީން ކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން އެމަސައްކަތަށް މިވަގުތު މަޑު ޖެހުމެއް އައިސްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.