50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިއްޖެ, ބާކީ ބައިވެސް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް- މިނިސްޓަރ އަމީރު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރުގެ  ބަޖެޓްގައި ހިލޭ އެހީގެގޮތުގައި ލިބޭނެކަމަށް ޖަހައިފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ހިލޭ އެހީ ލިބިފައިވާ ކަމަށް ފިނޭން މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް- 19 އާ ގުޅިގެން ސަރުކާރުން އިޢްލާންކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖާ ބެހޭގޮތުން ނޫސްވެރިނަށް މަޢުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓްގައި ޖަހައިފައިވާ ފައިސާގެ ތެރެއިން ނުލިބިވާ 100 މިލިއަން ޑޮލަރު ވެސް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އޮތް ކަމަށެވެ. މިގޭ އިތުރުން ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ އެކިފަރާތްތަކުން ލޯނުގެ ގޮތުގައާއި އެނޫން ގޮތްގޮތުން މާލީ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ޖިޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން މިއަހަރު 5.7 އިންސައްތަ އަށް ދަށަށްދާނެކަމަށް ލަފާކުރެއްވޭކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 37 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް ދަށްވާނެކަމަށް އަންދާޒާކުރެއްވޭކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓް 12 މިލިއަން ރުފިޔާއިން ދަރަނިވެރިވާނެކަމަށް ވަނީ އަންދާޒާކުރައްވައިފައެވެ. މިކަންކަމާ ގުޅިގެން ދައުލަތުގެ ރިކަރަންޓް ޚަރަދު އެއްބިލިއަން ރުފިޔާއަށް ވުރެވެސް އިތުރަށް، ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުގެ އެއްވެސް ޕީއެސްއައިޕީ މަޝްރޫޢެއް ހުއްޓާލުމަށް ނުވަތަ ފަސް ކުރުމަށްވެސް ނިންމައިފައި ނުވާކަމަށް ފިނޭން މިނިސްޓްރ ވިދާޅުވިއެވެ. ޚަރަދުތައް ކުޑަކުރުމަށް ބާރު އެޅުއްވުމުގެ ގޮތުން 36 ހާހަށް ވުރެއިތުރަށް ޚަރަދެއް ކުއްރާނަމަ ފިނޭންސް މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ހޯދަންޖެހޭނެކަމަށް މިހާރު ވަނީ ދައުލަތުގެ އިދާރާތައް އަންގަވައިފައިވާކަމަށް ވެސް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތާކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ވެސް ޚަރަދު ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެކުންފުނިތަކަށް އަންގައިފައިވާ ވާނެކަމަށް ވިދާޅުވިއެވެ.

ކޮވިޑް- 19 އާގުޅިގެން ބަޖެޓްގައި ޖަހައިފައިވާ އަންދާޒާތަކަށް އަންނާނެ ބަދަލުތައް ރައްޔިތުންގެ މަޖިލީހާ ވެސް ޙިއްސާކުރައްވާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓަކަށް ދާންޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމަކީ އެއްވެސް ބަޔަކު އަންދާޒާކޮށް އެކަމަށް ތައްޔާރުވެގެން ތިބި ކަމެއް ނޫންކަމަށެވެ.

ސަރުކާރުން އިޢުލާން ކުރައްވައިފައިވާ ސްޓިމިއުލަސް ޕެކޭޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިންދުވަސް މަތިން ވަނީ ފުޅާ ދާއިރާއެއްގައި ބަހުސްކުރައްވައި ހުށަހެޅުން ތަކެއް ހުށަހަޅުއްވައިފައެވެ. އެހުށަހެޅުން ތަކާއެކު ނިންމުންތަކެއް ނިންމުމަށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް ފޮނުވުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެހުށަހެޅުން ތަކުގެ ތެރޭގައި ކޮވީޑްގެ ސަބަބުން ދިމާވާނެ ސޯޝަލް އިކޮނިމިކް އިމްޕެކްޓް އެސެސްމެންޓެއް އަވަހަށް ހަދަންޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ ސަލީމް ވަނީ ހުށަހަޅުއްވައިފައެވެ. އެސެސްމެންޓްގެ އަލީގައި ރިކަވަރީ ޕްލޭނެއް އެކުލަވާލައި ޤައުމީ ފެންވަރުގައި ކޮވިޑް ރިކަވަރީ ފަންޑެއް އުފައްދަންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.