އަޅުގަނޑުމެންގެ މަސައްކަތް ބަލައިގަތުން ވަރަށް މުހިންމު: ޑރ. އަލީ ލަތީފް

ރާއްޖެއިން ވެސް ކޮވިޑް-19 ފެނި އެއިން ރައްކާތެރިވުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގައި  ޑޮކްޓަރުންގެ މަސައްކަތް ކުރަނީ ހެޔޮހިތުން ކަމަށް ރައްޔިތުން ގަބޫލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހުންގެ ތެރެއިން 2 މީހަކު އެބަލިން ރަނގަޅު ވެފައިވާކަން ހާމަކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެންގޮސް އެތައް ބައެއްގެ ވަރަށްބޮޑު މަސައްކަތެއް ކަމަށެވެ.

"މިކަހަލަ ވަގުތެއްގައި ވަރަށް މުހިންމު ކަމެއް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެއީ ހެޔޮ ނިޔަތުގައި ރަނގަޅަށް ކުރާމަސައްކަތެއް ކަމަށް ގަބޫލުކުރެއްވުން. އެކަމަށް ހުރަސް އެޅޭނެ ގޮތަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކެވުމަކީ ޕަބްލިކް ކޮންފިޑެންސް ޑޮކްޓަރުންނާމެދު ގެއްލޭނެ ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ތިބޭ މީހުންގެ މައުލޫމާތު ޑޮކްޓަރުން ހިއްސާނުކުރައްވާ ކަމަށް ބުނެ މީޑިއާގައި ފެތުރުމަކީ ވަރަށް ދެރަވާކަމެއް ކަމަށެވެ. ކޮވިޑް-19 ފަދަ ބައްޔަށް ޕޮޒިޓިވްވެފައި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑރ. އިން ކުރިމަތި ލައްވަނީ ވަރަށް ބޮޑު ރިސްކަކާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ވަރަށް ދެރަވޭ އިނގޭތޯ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަ ޕޭޝަންޓެއްގެ މައުލޫމާތު އަޅުގަނޑުމެން ހިއްސާ ނުކުރާކަމަށް މީޑީއާގައި ފެތުރެންޏާ އެއީދެންވަރަށް ދެރަކަމެއް. ވަރަށްބޮޑު ރިސްކަކާއެކު އަޅުގަނޑުމެން އެޕޭޝަންޓުންނަށް ކުރިމަތިލާންޖެހެނީ. އަޅުގަނޑުމެން މިދަންނަވަނީ ތިޔަބޭފުޅުން އަރިހު ގޭގައި މަޑުކުރައްވާށޭ. ބޭރަށް ނުނުކުންނަވާށޭ. ސޯޝަލް ޑިސްޓެންސެއް ހަދާށޭ. ވީވަރަކުން ތަންތަނަށް އެއް ނުވާށޭ. އެއީ ތިޔަ ބޭފުޅުންނަށް މިބަލި ޖެހިދާނެތީ،" ޑރ. ވިދާޅުވިއެވެ.

ޑރ. އަލީ ވިދާޅުވީ ރައްޔިތުން އެކަހެރިވެ ތިބުމަށް އަންގަވަމުން ޑޮކްޓަރުން ޖެހެނީ ގަވާއިދު ހޮސްޕިޓަލަށް ވަޑައިގެން ބަލިމީހުން ގާތަށްގޮސް އެމީހުން ބަލައި ކަންކަން ކުރުމަކީ ޑޮކްޓަރުންގެ ވާޖިބެއް ކަމަށެވެ. "އެކަންކަމަށް އެއްބަސްވާތީ މިއަދު ޑޮކްޓަރުންނަށް ވެފައި މިތިބީ،" ޑރ. އަލީ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު އައިޖީއެމްއެޗުގައި ވެސް އަދި އެހެން ފެސިލިޓީއެއްގައި ވިޔަސް އެޑުމިޓް ކޮށްފި ކަމަށްވާނަމަ އެކަމެއް ރައްޔިތުންނަށް ނުވަތަ ނޫސްވެރިންނަށް އަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއްވެސް ބޭފުޅަކު އަދި ނުދަންނަވާ އެއްވެސް ކަހަލަ ރިސަލްޓެއް ހާމައެއް ނުކުރަން،" ޑރ. ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ އެބޭފުޅުންނަށް އެނގިވަޑައިގަތުމަކާ ނުލައި ކޮވިޑް ބަލީގެ އެއްވެސް މީހަކު އައިޖީއެމްއެޗުގައި އެޑުމިޓް ނުކުރެވޭނެ ކަމަށެވެ. އެފަދަ ޓެސްޓެއް ހަދާއިރުވެސް ޕޮޒިޓިވް ވެއްޖެއްޔާ ޑޮކްޓަރިންނަށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. "އެހެންވީމާ އައިޖީއެމްއެޗުގައި އެއްވެސް ދިއްވަސަކުނަމަވެސް އަދި ބޭރުމީހަކު ނަމަވެސް އެޑުމިޓްކޮށްފައި އޮވެއްޖެއްޔާ އަޅުގަނޑުމެންނަށް އެނގޭނެ. އަދި އެކަން އަޅުގަނޑުމެން ތިޔަ ބޭފުޅުންނާ ހިއްސާކުރާނަން،" ޑރ. އަލީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.