އަލްމާ ބޯޓު މާވާރުލު ފަރަށް އަރައިފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރު ކުރަމުން ދިޔަ އަލްމާ ބޯޓު ގއ. މާވާރުލު ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެބޯޓު ފަރަށް އެރިއިރު އޭގައި 8 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.  މިބޯޓު ދަތުރު ކުރަމުންދިޔައީ އައްޑޫ ސިޓީ ފޭދުއަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ބޯޓު ފަރަށްއެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 5:35 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަލްމާ ބޯޓަކީ އައްޑޫސިޓީ މީދޫ ބޯޓެކެވެ.

އެމްއެންޑީއެފުން އެންމެފަހުން ވިދާޅުވީ ބޯޓު ދިޔަވަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް މުދަލެއް އަދި ބޭރުކޮށްފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ބޯޓުގައި ހުރީ ލުއިކާނާއާއި، ކާޑުގެ ބާވަތްތަކާއި ލަކުޑި ފަދަ ތަކެތި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު ވަނީ ހދ. ކުޅުދުއްފުށީ ބާދުޝާހު ބޯޓުގެ އިންޖިން ވެސް ހުއްޓި ހާލުގައި ޖެހިފައެވެ. އެހާދިސާ ހިނގިއިރު އޭގައި 25 މީހުން ތިއްބެވެވެ. ސިފައިން މިއަދު ހެނދުނެ 11:00 ގައި އެމީހުން މާލެ ގެނެސްދީފައެވެ. ބޯޓު މާލެ ގެނައުމުގެ މަސައްކަތް ވެރި ފަރާތުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.