ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަމީހުންގެ އަލާމާތްތައް މިހާރުވަނީ ފިލާފައި: ޑރ. މުރާދު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިންމީހަކު ވަނީ އެބަލިން އެއްކޮށް ފަސޭހަވެފައިކަމަށް ޑޮކްޓަރުން އިއުލާން ކުރެއްވުމަށްފަހު ޑރ. މޫސާ މުރާދު މިރޭ އަނެއްކާވެސް އުންމީދު ޚަބަރެއް ދެއްވައިފިއެވެ.

މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ތިން މީހުންގެ ތެރެއިން ދެމީހަކަށް މިހާރު ބަލި އެއްކޮށް ފަސޭހަވެފައިވާއިރު، ތިންވަނަ މީހާއަށް މިހާރުވެސް ފަރުވާ ކުރަމުންދާ ކަމަށެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. "އޭނާގެ އިތުރު މައްސަލަތަކެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. އަޅުގަނޑުމެން ބަލަމުންދާ މިންގަނޑުން ކުރިންވެސް ކަންތައް ކުރަމުންދާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ބާކީތިބި ދިހަ މީހުންނަށް ފަރުވާދެމުން އަންނަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައެވެ. "އެމީހުންގެ ވެސް އަލާމާތްތައް މަޑުމަޑު އަންނަނީ ރަނގަޅުވަމުން. ގިނަމީހުންގެ އަލާމާތްތައް ވަނީ ފިލާފައި. އޭގެ ތެރެއިން ޓެސްކުރަން ސާމްޕަލް ފޮނުވަންޖެހޭ މީހުންގެ ސާމްޕަލް ފޮނުވުމުގެ ކަންކަން މިހާރު ކުރިއަށްދަނީ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ  ނެގެޓިވް މީހުންނަށް ވެސް ސިއްހީ ގޮތުން އިތުރު މައްސަލައެއް އަދި ދިމާވެފައި ނުވާކަމަށެވެ. އެންމެންގެ ޙާލުވެސް މިވަގުތު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.