ސިނަމާތައް ބަންދު ކުރަން އަންގައިފި

ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓާލުމަށް ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

މިއީ ކޮވިޑް-19 ރާއްޖެއިން ފެނުމުން އެކަމުން ރައްކާތެރިވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން އިތުރަށް އެޅުއްވި ފިޔަވަޅެކެވެ. މިދުވަސްވަރަކީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައެވެ.

މި އެންގެވުމަށް އަމަލުކުރަން ފަށާނީ މާދަމާއެވެ. އެހެންނަމަވެސް އެއަށް އަމަލުކުރުން ހުއްޓާލާނެ ވަކިދުވަހެއް ވިދާޅުވެފައެއްނުވެއެވެ. އެހެންނަމަވެސް ޑީޖީ ވިދާޅުވެފައިވަނީ ވަކި ގޮތެއް އަންގަވަންދެން އެއަށް އަމަލުކުރުމަށެވެ. މީގެ އިތުރަށް ޖިމްތަކާއި ކަސްރަތު ކުރާ ތަންތަން ވެސް ބަންދު ކުރުމަށް ވަނީ އަންގަވައިފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ޑީޖީ އެގޮތަށް އެންގެވުމުގެ ކުރިން އަމިއްލައަށް އިސްނަގައިގެން ބައެއް މީހުންވަނީ އެފަދަ ތަންތަން ބަންދުކުރަން ފަށައިފައި ކަމަށެވެ.

މަބްރޫކު މިރޭ ވިދާޅުވީ ޓްރާންސްޕޯޓުން މިހާރުވަނީ ސްކޫލްތައް ހުޅުވެންދެން ޑްރައިވަރުންނަށް ބްރިޖު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވައިފައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.