ކުރެއްދޫގައި 93 މީހުން ރޫމް އައިސޮލޭޝަންގައި އެބަތިބި: މިނިސްޓަރ އަމީން

ޅ. ކުރެއްދޫ އައިލެންޑު ރިސޯޓުގައި 93 މީހުން ރޫމް އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ ކޮވިޑް 19 އާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމީހުން ކޮޓަރީގައި އެކަހެރިކޮށްފައިވަނީ ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން އެމީހުން އެއަށްޓެސްޓް މޮނިޓަރ ކުރުމުގެ ބޭނުމުގައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ދެމީހުން ވެސް ފެނިފައިވަނީ އެ ރިސޯޓުންނެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް ރާއްޖެއިން 24 މީހެއްގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވެ ވެފައިވަނީ ދެ މީހެކެވެ. އެއީ ކުރެއްދޫން ޕޮޒިޓިވްވި ދެމީހުންނެވެ. ވިހި މީހުން ވަނީ ނެގެޓިވް ވެފައެވެ. އިތުރު ދެ މީހެއްގެ ޓެސްޓުތަކުގެ ނަތީ އަދި ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްޖެއިން ދެމީހަކު އިއްޔެ ޕޮޒިޓިވްވުމުން ވަރަށް ބޮޑަށް މިހާރުދަނީ ހާލަތު ބަލަމުން ފިޔަވަޅުތައް އިތުރުކޮށް ވަރުގަދަކުރަމުން ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް މީހަކު އަތުވެއްޖެނަމަ އެމީހެއްގެ ގައި ކޮވިޑް 19 ގެ އަލާމާތެއް ނުފެނުނަސް 14 ދުވަހަށް އެމީހަކު ކަރަންޓީނު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުންނާ ބައްދަލުވެ ގުޅުންހުރި މީހުން ހޯދައި ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 81 މީހަކު ފާހަގަވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރައްވަނީ ބަލި ފެތުރުނަ ނުދިނުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އިތުރުވާން ފަށައިފި ކަމަށްވާނަމަ އެމީހުން އައިސޮލޭޓު ކުރުމުގެ ކަންކަމަށް ސަރުކާރުވަނީ ތައްޔާރުވެފައެވެ. އެގޮތުން ކޮންމެތަނެއް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރިސޯޓެއްވިޔަސް ސްކޫލެއް ވިޔަސް އަދި ހޮސްޕިޓަލެއް ވިޔަސް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދަންޖެހޭ ހާލަތު އައުމުން އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވި ދެމީހުންގެ ޙާލަތާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ އެމީހުންގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވާ ކަމަށެވެ.

ކޮވިޑް 19 އާ ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ރައީސް ވަނީ އެކަމަށް ބޭފުޅަކު ޚާއްސަ ކޮށްފައެވެ. އެކަމަށް ޚާއްސަކޮށްފައިވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކު ޢަޒީޒެވެ. މިރޭގެ ޕްރެސް ކޮންފަރެންސްގައި އޭނާވަނީ ތެދުމައުލޫމާތު ފެތުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ. ކޮވިޑް 19 ރާއްޖެއިން ފެނުމުން ރައްޔިތުންނަށް ލިބިގެންދާނެ އެންމެބޮޑު އެއް ތަސައްލީއަކީ ވީހާވެސް އަވަހަށް ތެދުމައުލޫމާތު ލިބުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ދުވާލަކު ދެ ފަހަރު ޕްރެސްކޮންފަރެންސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނޫސްތަކަށް މައުލޫމާތު ދެއްވުމުގައި ހޭދަވަނީ އެކަމެއް ކަށަވަރުކުރުމަށް ހޭދަވާ ވަގުތު އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިންވެސް ތަންތަނުން ލިބޭ ޚަބަރު ފެތުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން އެމައުލޫމާތު ކަށަވަރު ކުރުމަށްފަހު ނޫނީ ނުފެތުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.