އައްޑޫ ޕޮލިސްޓްރެއިނިން ސެންޓަރު މިއަހަރު ހުޅުވި ޚިދުމަތް ދެވޭނެ: ރައީސް

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ  ޕޮލިސް ޓްރެއިނިން ސެންޓަރު މިއަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް ނިމި ހުޅުވުމުން ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުން މިހާރުވަނީ ރައްޔިތުންނަށް އަމާންކަންމަތީ އުޅެވޭނެ ވެއްޓެއް ގާއިމްކޮށް ދެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށެވެ. "ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދީ، ސުލްހަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖުތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށްވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތް އެންމެ ބޮޑަށް މިހާރު އަމާޒު ކުރަންޖެހިފައިވަނީ ވެސް ކުށްކުރިން ހުއްޓުވުމާއި، އެމީހުން ގާނޫގެ ކުރިމައްޗަށް ގެނައުމަށް ކަމަށެވެ. "ކުށް ކުރުމުގެ ވައްޓަފާޅިއާއި ބޭނުންކުރާ އުކުޅުތައް، އަދި ކުށުގެ ބާވަތްތައްވެސް އަންނަނީ، ދުވަހުން ދުވަހަށް ބަދަލުވަމުން، އިތުރުވަމުން،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ އަމަލުތައް ވެސް މިހާރުވަނީ ފުޅާކުރަން ފަށައިފައި ކަމަށެވެ. އޭގެ އިތުރުން  ކުޑަކުދިންނާއި އަންހެނުންގެ އިތުރުން  ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ދެވޭ ސަމާލުކަން ވެސް މިހާރުވަނީ އިތުރުވެފައި ކަމަށް ވިދާޅުވިއެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާ ފެށިގެން އަންނަނީ، ފުލުހުން ކުރާ ތަހުގީގު ތެރެއިން. އެހެންކަމުން، ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމުގައި އަޅުގަނޑު ދެކެން. ފުލުހުން ކުރާ އެ މުހިންމު މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.