މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ބާއްވާނެ އުޞޫލު ކަނޑައަޅައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަވާނެ އުޞޫލު ކަނޑައަޅައިފިއެވެ. މަޖިލީހުގެ އާއްމު ކޮމެޓީން ކަނޑައެޅި އުޞޫލުތައް ރޭ ބޭއްވި އޮކޮމެޓީގެ ބައްދަލުވުމުގައި ވަނީ ފާސް ކުރައްވައިފައެވެ.

މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ގެންދެވޭނެ އުޞޫލު ކަނޑައަޅައިފައި މިވަނީ މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން އިޖްތުމާއީ ގައިދުރުކޮށް ނުވަތަ ސޯޝަލް ޑިސްޓެންސިންގައި މެމްބަރުން، ގޭގައި ތިއްބަވައިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައެވެ. އެގޮތުން އަންނަ ހަފާތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތްތައް ވެބްކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަވާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުންކޮށްގެންނެވެ. މިކަމުގައި މެމްބަރުން ބޭނުންކުރައްވާނީ އެ މެމްބަރުންގެ ރަސްމީ އީމެއިލް އެޑްރެހެވެ.

އާއްމު ކޮމެޓީން ކަނޑައެޅުއްވި އުސޫލުގައިވާ ގޮތުން ވެބްކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަމީން އާންމާއި ކައުންސެލާ ޖެނެރަލާއި ސާޖަންޓް އެޓް އާމްސް އަދި މަސައްކަތާގުޅޭ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 92 ބައިވެރިން ކޮންމެ ވެބް ކޮންފަރެންސިން ޗެނަލްއެއްގައި ހިމަނައިގެންނެވެ.

ވެބް ކޮންފަރަންސް ކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ޓޭބަލް އޮފީހާއި އައިސީޓީ، މީޑިއާ އަދި ހެންސާޑްގެ ޒިންމާތައް ވެސް ކޮމެޓީން ކަނޑައެޅި އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

ވެބް ކޮންފަރެންސިން މެދުވެރިކޮށް ބޭއްވޭ ޖަލްސާތައް ކުރިއަށްދާނެ ގޮތުގައި އުޞޫލުގައި ބުނާ ގޮތުން ޖަލްސާއަށް ދެންނެވުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާކުރަން ޖެހެނީ އެސްއެމްއެސް މެދުވެރިކޮށެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން މެންބަރުންނަށް ނޯޓިފިކޭޝަނެއް މަޖިލީހުގެ އިދާރާއިން ފޮނުވަންޖެހެއެވެ. ޖަލްސާ ފެށުމުގެ ފަސް މިނެޓްކުރިނާއި އެއްވެސް ވޯޓެއް ނެގުމުގެ ފަސް މިނެޓް ކުރިން ނުވަތަ ކޯރަމް ހަމަނުވާނަމަ، ހުރިހާ މެންބަރުންނަށް ނޯޓިފިކޭޝަންއެއް ފޮނުވަންޖެހެއެވެ.

މަޖިލީހުގެ ރައީސް ޖަލްސާ ފެއްޓެވުމަށް ފަހު ހާޒިރީގެ ގޮތުގައި އެވަގުތު ޖަލްސާގެ ވެބް ކޮންފެރެންސްގައި ބައިވެރިވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު އިއްވަންޖެހޭނެއެވެ. އަދި އެޖެންޑާ އިއުލާންކުރެއްވުމަށްފަހު ޖަލްސާކުރިއަށް ގެންދަންޖެހޭނެއެވެ.

ބަހުސްއަށް ހުޅުވާލެއްވުމުން މެންބަރުން ފުރުސަތަށް އެދިވަޑައިގަންނަވާނީ ވެބް ކޮންފެރެންސިން އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެންނެވެ. ­ވޯޓުލުން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު 194 ވަނަ މާއްދާގައި ބަޔަންކޮށްފައިވާ ގޮތަށް ވަކި ވަކިން މެންބަރުންނާ ސުވާލުކުރައްވައިގެންނެވެ. ވޯޓު ނެގުމުގައި ކޮންމެ މެންބަރެއްގެ ނަން އިއުލާނުކުރުމުން، ކަނޑައަޅައިފައިވާ ތިން ގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް ވޯޓް ދެއްވާކަން ހާމަކުރަންޖެހޭނެއެވެ. އެއީ  ފެންނަނަމަ "ފެނޭ"  ނުފެންނަ ނަމަ "ނުފެނޭ"  ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާނަމަ "ވޯޓު ނުދެން" މިއިން ކޮންމެވެސް އެއް ގޮތަށެވެ.

ނިޒާމީ މައްސަލައެއް މެންބަރަކު ފާހަގަކުރައްވަން އެދިވަޑައިގަންނަވާނަމަ، ވެބް ކޮންފެރެންސިން އެޕްލިކޭޝަނުގެ "ޗެޓް" ބޭނުންކުރައްވައިގެން އެކަން ފާހަގަކުރެއްވޭނެ އެވެ. މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަންވަންޖެހެނެކަމަށް އުޞޫލުގައި ވަނީ ބުނެފައެވެ. މަޖިލީހުގެ ރައީސްގެ އަމުރަށް މެންބަރުން ކިޔަމަންނުވެއްޖެނަމަ، މަޖިލީހުގެ ޤަވާއިދުގެ 65 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެކަމަށް ވެސް ވަނީ ބުނެފައެވެ. އެންމެ ފަހުކަމަކަށް ކަނޑައަޅައިފައި ވަނީ ޖަލްސާ ނިންމުމެވެ.

މިދިޔަ ހަފްތާގެ ބުދަދުވަހުގެ ޖަލްސާއަށް ފަހު މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ މެނދުކަނޑާލައިފައެވެ. ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.