މުސްލިމުންގެ މަޢީޝީ ތަރައްޤީއާއި، ނަބަވީ ސީރަތު – 3

(18 މާޗް 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)

ޢަރަބިކަރައިގެ މަހުޖަނުންގެ މުދާވެރިކަމުގެ ޑޭމްތައް ހުޅުވިގެން ދިޔުން

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމަދީނާގައި އިސްލާމީ ދައުލަތެއް ބިނާ ކުރެއްވުމަށްފަހު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ހުރިހާ ގޮތަކުންވެސް އެދައުލަތް ހަރުދަނާ ކުރެއްވުމަށެވެ. މިގޮތުން އިސްލާމީދައުލަތުގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި އެ މާތްސާހިބާ ޚިޔާރުކުރެއްވި މަގާމެދު އިސްވެދިޔަ ތާނގައި އެވަނީ އަލިއަޅުވައިލެވިފައެވެ.

އިތުރުސާހިބާއާއި މުސްލިމުން މަދީނާއަށް ހިޖްރަކުރެއްވިތާ އެއް އަހަރު ފާއިތުވެ ދިޔައިރުވެސް އިތުރުސާހިބާ އެއްވެސް ކަހަލަ ޢަސްކަރީ ޙަރަކާތެއް ނުފައްޓަވައެވެ. މުސްލިމުން އެގޮތުގައި ކުރިޔަށްދަނިކޮށް ހަތިޔާރު ހިފައިގެން ޖިހާދުގެ މައިދާނަށް ނުކުންނަން މުސްލިމުންނަށް މަޖުބޫރުވިއެވެ. އިސްލާމްދީނުގެ ދުޝްމިނުންނާއި އޮރިއެންޓަލިސްޓުންގެ ގިނަ މީހުން ލިޔަމުން ގެންދާގޮތުގައި މުސްލިމުން ޖިހާދުގެ މައިދާނަށް ނުކުތީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުން މީހުންގެ މުދާތައް ލޫޓުވުމަށްޓަކައެވެ. މަޝްހޫރު އޮރިއެންޓަލިސްޓް މޮންޓްގޮމަރީވޮޓް މިމޭރުމުން ލިޔެފައިވާ ލިޔުމެއް އިސްވެދިޔަތާނގައި އެވަނީ ބަޔާން ކުރެވިފައެވެ.

ނަމަވެސް އިންސާފުގެ ނަޒަރުން މި މައްސަލައިގެ މައްޗަށް ބަލާއިރު މުސްލިމުން ހަތިޔާރުގައި ހިފީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި މާތް اللّه ފޮނުއްވި މާތްދީނުގެ އަހުލުވެރީންގެ ކުރިމަތީގައި މާތް اللّهގެ ޙަރަމްގެ ދޮރުކޮޅު ބަންދުކުރެވުމުން އެދޮރުކޮޅު ހުޅުވައިލުމަށްޓަކައެވެ. ސުލްޙައިގެ މޭޒުދޮށަށް މުޝްރިކުން ގެނައުމަށްޓަކައެވެ. މި މައިގަނޑު ނަމަކީ ކޮންމެވެސްވަރެއްގެ ތަފްޞީލެއް ބޭނުންވާ މައިގަނޑު ނަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.ބައެއް ބޭފުޅުންގެ ނަޒަރުގައި [ދަންބެރަށްވުރެ ތަގުޑިދިގުވި] ކަމުގައިވިޔަސްވެހެވެ.

އިސްލާމީދަޢުވަތު ފެށުނީއްސުރެ އިސްލާމްދީނުގެ ނަބިއްޔާއަށާއި މުސްލިމުންނަށް މުޝްރިކުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާއާއި ދުއްތުރާލުގެ ވާހަކައަކީ އިސްލާމީތާރީޚު ދަންނަ ބަޔެއްގެ ކުރިމަތީގައި އަލުން ފަށްފަށްކުރާވަރަށްވުރެ މާ ހާމަކަންބޮޑު ވާހަކަތަކެކެވެ. މުޝްރިކުންގެ އަނިޔާއަށް ކެތްނުކުރެވިގެން މުސްލިމުން ވަނީ މައްކާ ދޫކޮށް އެފްރިކާގެ ޙަބަޝާއަށްވެސް ދެފަހަރެއްގެ މަތީން ހިޖްރަކޮށްފައެވެ. އެންމެފަހުން މުސްލިމުންގެ ދާއިމީ ވަޒަނެއް ކަމުގައި ހަމަޖެހިގެން ދިޔައީ މަދީނާއެވެ.

މުސްލިމުން މައްކާ ދޫކޮށްލުމަށްފަހު ހުސްއަތާ މަދީނާއަށް ހިޖްރަކޮށް މަދީނާގައި ހަމަޖެހިގެން ދިރިއުޅޭން ފެށުމުން މުޝްރިކުން އެކަމަކާވެސް ހިތްހަމައެއް ނުޖެހުނެވެ. އެބައިމީހުންގެ އަނިޔާވެރި ޢަމަލުތަކަކަށް ހުއްޓުމެއް ނުގެނައެވެ. އަދި ކީއްތޯއެވެ. ތިމާމެންގެ އަނިޔާވެރިކަމުގެ ވަކިތަކުން މުސްލިމުން ސަލާމަތްވީތީ މުޝްރިކުންގެ ގާތަށް އައި ރުޅި ވަކީންވީ ގަދައެވެ. އެހެންކަމުން މައްކާގެ މުޝްރިކުން، މަދީނާގެ މުނާފިޤުންގެ ސަރުދާރު عبداللّه بن أبيّއަށް (އޭރު އޭނާއަކީ ފާޅުގައިވެސް މުޝްރިކެކެވެ.) ބިރުގަންނަވައި އިންޒާރުކުރުމުގެ ސިޓީއެއް ފޮނުވިއެވެ.

[ތިޔަބައިމީހުން އަހަރެމެންގެ މީހަކަށް ޙިމާޔަތްދީ ތިޔަރަށުގައި ބަހައްޓައިފީމުއެވެ. އެހެންކަމުން އަހަރެމެން اللّهގަންދީ ހުވާކޮށްފައި ބުނަމުއެވެ. ތިޔަބައިމީހުން އޭނާއާ ހަނގުރާމަ ކުރާށެވެ. ނުވަތަ ތިޔަބައިމީހުންގެ ރަށުން އޭނާ ބޭރުކޮށްލާށެވެ. މިދެގޮތުންކުރެ ގޮތަކަށް ޢަމަލުނުކޮށްފިނަމަ އަހަރެމެންގެ ފުރިހަމަ ބާރާއެކު ތިޔަބައިމީހުނާ ޙަމަލާދީ ތިޔަބައިމީހުންގެ ހަނގުރާމަވެރި ފިރިހެނުންތައް ޤަތުލުކޮށްލާނޫއެވެ. ތިޔަބައިމީހުންގެ އަންހެނުންގެ ޙުރުމަތް ވެއްޔާ މޮޑެލާނޫއެވެ.] (އަބޫ ދާއޫދު)

މިސިޓީ ލިބުމާއެކު عبداللّه بن أبيّއޭނާގެ މުޝްރިކު އަޚުންގެ އަމުރާ އެއްގޮތަށް ޢަމަލުކުރަން އޭނާގެ އެކުވެރީން އެއްކުރިއެވެ. އިތުރުސާހިބާ صلّى اللّه عليه وسلّمއަށް އެ ޚަބަރު ލިބިވަޑައިގަތުމުން އެބައިމީހުން އެއްވެތިބި ތަނަށް ފައިންޕުޅު ބީއްސަވައި އެބައިމީހުނާ ވާހަކަދެއްކެވިއެވެ. އިތުރުސާހިބާ ޙަދީޘްކުރެއްވިއެވެ.

[ޤުރައިޝުންގެ ބިރުގެންނެވުމުގެ ސިޓީން ތިޔަބައިމީހުންނަށް ވަރަށް ފުން އަސަރެއް ކޮށްފި ކަމުގައި ފެނެއެވެ. ތިޔަބައިމީހުންގެ އަމިއްލަ އަތުން ތިޔަބައިމީހުނަށް ދޭން ތިޔައުޅޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ޤުރައިޝުންނަކަށް ތިޔަބައިމީހުންނަކަށް ނުދެވޭނެއެވެ. ތިޔަބައިމީހުން ޚުދު ތިޔަބައިމީހުންގެ ދަރީންނާއި އެއްބަނޑު މީހުނާ ހަނގުރާމަ ކުރާނު ހެއްޔެވެ؟]

ކައުސާހިބާގެ މިވާހަކަފުޅު އަޑުއިވުމުން عبداللّهبن أبيّގެ އެކުވެރީން ވަކިވަކިވެގެން ހިނގައްޖެއެވެ. އެބައިމީހުން މުސްލިމުންނާ ހަނގުރާމަކުރުމުގެ ޚިޔާލު އެވަގުތަށް ދޫކޮށްލި ކަމުގައި ވިޔަސް ޤުރައިޝުންނާއި މުނާފިޤުންނާ ދެމެދު އޮތް ސިއްރު ގުޅުންތަކަކަށް ބަދަލެއް ނާދެއެވެ. އެބައިމީހުން ތިބީ އަޑިއަޑީން މުޝްރިކުންނާ ގުޅިފައެވެ. މުސްލިމުންގެ މެދުގައި ފިތުނަ އުފައްދަން އަބަދުމެ ފޫގަޅައިގެންނެވެ. މަދީނާގެ ޔަހޫދީންވެސް ތިބީ މުނާފިޤުންނާ ބައިވެރިވެގެންނެވެ. އެބައިމީހުން ރޯކުރާ ފިތުނައިގެ ކޮންމެ އަލިފާންގަނޑެއް މާތް اللّه ގެ ވަޙީގެ އިރުޝާދާއެކު އިތުރުސާހިބާ ގެންދެވީ ނިއްވަވަމުންނެވެ. (ބުޚާރީ)

މައްކާގެ މުޝްރިކުންގެ ދެވަނަ ފިޔަވަޅަކަށްހެދީ މުސްލިމުންގެ ކުރިމަތީގައި އަލްމަސްޖިދުލްޙަރާމްގެ ދޮރުކޮޅުތައް ބަންދުކޮށް އެކަން އިޢުލާންކުރުމެވެ. އެކަން ހިނގައިފައިވަނީ މިދަންނަވާ ގޮތަށެވެ.

އިސްވެދެންނެވި ޙާދިޘާއަށްފަހު އަންޞާރިއްޔަ ބޭކަލުންކުރެ އައުސްވަންހައިގެ ރައީސް سعدبن معاذ رضى اللّه عنهޢުމްރާއެއް ވެވަޑައިގަތުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތީ މައްކާގެ މުޝްރިކުންކުރެ އެކަލޭގެފާނުގެ ކުރީގެ ރަޙްމަތްތެރިޔެއް ކަމުގައިވާ أميّة بن خلفގެ މެހުމާނެއްގެ ގޮތުގައެވެ. އެއްދުވަހެއްގެ މެންދުރެއްހައިއިރު އެކަލޭގެފާނު ޠަވާފު ކުރެއްވުމަށްޓަކައި ގެފުޅުގެ އަރިހަށް ވަޑައިގަންނަވަނިކޮށް އަބޫޖަހުލާ ދިމާވެގެން ބުންޏެވެ.

[ވަރަށް ރަނގަޅެވެ! ކަލޭގެ ވަރަށް ހިތްހަމަޖެހިލައިގެންހުރެ ގެފުޅުގައި އެބަ ޠަވާފުކުރަމުއެވެ. އެކަމަކު ތިޔަބައިމީހުން ތިޔަތިބީ ލާދީނީ މީހުނަށް ޙިމާޔަތް ދީގެންނެވެ. އެބައިމީހުނަށް އެހީވެ ނަޞްރު ދޭންވެސް އެބަ ޤަޞްދުކުރަމުއެވެ. ރަނގަޅަށް ކަނުލައި އަޑުއަހާށެވެ. މާތް اللّه ގަންދެމެވެ. ކަލެޔާއެކު އަބޫޞަފްވާނު ނެތްނަމަ ކަލެޔަށް ސަލާމަތުން އެނބުރި ގެއަށް ދާކަށެއް ލާހިކެއް ނޫނެވެ.]

سعد بن معاذ رضى اللّه عنهއަކީ ވެރިކަމުގެ ބާރާއި ޝަރަފުވެރިކަމުގައި، އަބޫޖަހްލަށްވުރެ ވަކީން ތިރީ ހަރުފަތެއްގައި ހުންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ބާރު އަޑުފުޅުން ޖަވާބުދެއްވިއެވެ. [މާތް اللّه ގަންދެމެވެ. ތިޔަބައިމީހުން އަހަރެމެންނަށް މިކަންތައް މަނާކޮށްފިނަމަ ތިޔަބައިމީހުން އަދި މާބޮޑަށް ކަންބޮޑުވާނެ ކަމެއް އަހަރެން ތިޔަބައިމީހުނަށް މަނާކުރާނަމެވެ. (މަދީނާގެކައިރިން ތިޔަބައިމީހުން ޝާމްކަރަޔަށް ކުރާ ވިޔަފާރިދަތުރު ހުއްޓުވާނަމެވެ. - ބުޚާރީ)

ޤުރައިޝުން މުހާޖިރިއްޔަ ބޭކަލުންނަށްވެސް އިންޒާރުގެ ޚަބަރުތައްފޮނުވިއެވެ. [ތިޔަބައިމީހުންނަށް ސަލާމަތުން މައްކާއިން ނިކުމެވުނީތީ ބޮޑާނުވާށެވެ. އަހަރެމެން މަދީނާއަށްގޮސް ތިޔަބައިމީހުންގެ ދުވަސް ދުއްވައިލާނޫއެވެ.]

ޤުރައިޝުންގެ މިއިންޒާރުތަކަކީ ހަމައެކަނި ބިރުގަންނަވައިލުމުގެ ބަސްތަކެއް ނޫނެވެ. ޤުރައިޝުންގެ ރޭވުމުގެ ދަށުން، ކުރުޒު ބިން ޖާބިރު މަދީނާގެ ސަރަޙައްދަށް ޙަމަލަދީ ފޭރުމުގެ ޙަރަކާތެއް ހިންގިއެވެ. ޤުރައިޝުން ގެންދިޔައީ އެބައިމީހުންގެ އިންޒާރާ އެއްގޮތަށް ޢަމަލީގޮތަށް ކަންހިންގާލުމަށްވެސް ތައްޔާރުވަމުންނެވެ. އެކަންކަމުގެ އިތުބާރުހުރި މަޢުލޫމާތު އިސްލާމްދީނުގެ ނަބިއްޔާއަށް ތަކުރާރުކޮށް ލިބިވަޑައިގަންނަވަމުން ދިޔައެވެ. އެހެންކަމުން މުސްލިމުން ރޭގަނޑު ނިދަނީވެސް ހަތިޔާރު އަޅައިގެން ތިބެއެވެ. أبيّ بن كعب رضى اللّه عنهގެ އަރިހުން ރިވާވެފައިވެއެވެ. [رسول اللّه صلّى اللّه عليه وسلّمއާއި އެކަލޭގެފާނުގެ އެކުވެރީން މަދީނާއަށް ވަޑައިގެން އަންޞާރުން އެބޭކަލުންނަށް ޙިމާޔަތްދެއްވި ހިނދު ހުރިހާ ޢަރަބީން މުސްލިމުންނާ ދެކޮޅަށް އެއްބައިވެ އެކަތިގަނޑަކަށް ވެއްޖެއެވެ. އެހެންކަމުން އެބޭކަލުން ހަތިޔާރާނުލައި ރޭގަނޑު ހޭދައެއް ނުކުރައްވައެވެ. ހަތިޔާރާނުލައި ފަތިހެއްވެސް ނުކުރައްވައެވެ.]

އާދެ، މުސްލިމުންނަށް ހަމަނިދި ނުލިބޭވަރަށް މުޝްރިކުންގެ ނުރައްކާތެރިކަން ބޮޑުވުމުން އަރަހުށި މާތްاللّه މުސްލިމުންނަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވިއެވެ. އެކަމުގެ ހުއްދަދެއްވައި ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

[أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا وَإِنَّ اللَّـهَ عَلَىٰ نَصْرِ‌هِمْ لَقَدِيرٌ‌] (الحج:39)

[ހަނގުރާމަވެވެމުންދާމީހުނަށް، ހަނގުރާމަކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއުރެންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް، اللّه ކުޅަދުންވަންތަކަން ކަށަވަރެވެ.]

ބަޔާންވެދިޔަ އާޔަތް ބާވައިލެއްވުމަށްފަހު ދެވަނަ މަރްޙަލާގައި މުސްލިމުންގެ މައްޗަށް ޖިހާދު ފަރްޟުކުރެއްވިއެވެ. އެގޮތުން ސޫރަތުލްބަޤަރާގެ 190ވަނަ އާޔަތުގައި އަރަހުށި މާތްاللّه ވަޙީކުރައްވައިފައިވެއެވެ.

[وَقَاتِلُوا فِي سَبِيلِ اللَّـهِ الَّذِينَ يُقَاتِلُونَكُمْ وَلاَتَعْتَدُوا إِنَّ اللَّـهَ لاَ يُحِبُّ الْمُعْتَدِينَ](البقرة: 190)

[ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން اللّهގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެގޮތުން) ހައްދުފަހަނަޅައި ނުދާށެވެ. ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުން ދެކެ اللّه ލޯބިވެވޮޑިގެނެއް ނުވެއެވެ.]

މުސްލިމުންނަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވައި ޖިހާދު ފަރްޟުކުރެއްވި ޙާލަތަށް ބަލާއިރު އިންސާފުވެރި ކޮންމެ މުއައްރިޚަކު އެއްބަސްވާނެ ފަދައިން މުސްލިމުންނަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވައި ޖިހާދު ފަރްޟުކުރެއްވީ މަޢީޝަތުގެ ވަސީލަތެއްގެ ގޮތަކުން ނޫނެވެ. އިސްވެ ހަނގުރާމަ ފެށުމަކީ މުސްލިމުންނަށް ހުއްދަ ދެއްވައިފައިވާ ކަމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ ހަނގުރާމަކުރުމުގެ ހުއްދަ ދެއްވައި ޖިހާދު ފަރްޟުކުރެއްވުމަކީ ޤުރައިޝުންގެ ބާރާމެދު އެބައިމީހުން ކިބުރުވެރިވެފައި ތިބިވަރާއި އެބައިމީހުންގެ ޢަދާވަތްތެރިކަމުގެ ނަތީޖާއެވެ. އެހެންކަމުން ޙިކްމަތްތެރިކަން ލާޒިމުކުރާ ގޮތުންވެސް މުސްލިމުން އެބައިމީހުންގެ ޙަރަކާތްތަކުގެ ދާއިރާއަކަށް އެންމެ ފުރަތަމަ ހެދީ ޤުރައިޝުންގެ އަމާޒުތަކެވެ. ޤުރައިޝުންގެ ވިޔަފާރި ޤާފިލާތައް މައްކާއިން ޝާމުކަރަޔަށް ދަތުރުކުރާމަގު މުސްލިމުންގެ ބާރުގެދަށަށް ގެންނެވުމަށް، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމަސައްކަތްޕުޅު ފެއްޓެވިއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ކަމަކަށް ހެއްދެވީ ވިޔަފާރި ޤާފިލާތައް ދަތުރުކުރާ މަގުގެކައިރި ހިސާބުތަކުގައި ވަޒަންވެރިވެގެން އުޅުނު ޤަބީލާތަކާއެކު ރަޙްމަތްތެރިކަމާއި އެއްބާރުލުމާއި، ހަނގުރާމަ ނުކުރުމުގެ މުޢާހަދާތަކެއް ކުރެއްވުމެވެ. ދެވަނަ ކަމަކަށް ހެއްދެވީ ވިޔަފާރި ޤާފިލާތަކަށް ހުރަސް އަޅުއްވަން ޢަސްކަރީ ޔުނިޓްތައް ފޮނުއްވާން ފެއްޓެވުމެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمޤުރައިޝުންނާ ދެކޮޅަށް އަސްކަރީ ޙަރަކާތްތަކެއް ފެއްޓެވުމުން ޢަރަބީންގެ އެހެނިހެން މުޝްރިކުންނާއި ޔަހޫދީން ޤުރައިޝުންނާ ބައިވެރިވެ މުސްލިމުންނާ ދެކޮޅަށް ތެދުވިއެވެ. ނަތީޖާއަކަށްވީ މުޝްރިކުންގެ އެންމެން މުސްލިމުންނާ ހަނގުރާމަކުރާ ފަދައިން މުސްލިމުންވެސް އެންމެހައި މުޝްރިކުންނާ ހަނގުރާމަކުރުމުގެ އަމުރުފުޅު ބާވައިލެއްވުމެވެ. އަރަހުށި މާތްاللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވައެވެ.

[وَقَاتِلُوا الْمُشْرِ‌كِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً](التّوبة: 36)

[އަދި އެންމެހައި މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ.]

މުސްލިމުންގެ ޖިހާދުގެ ޙަރަކާތްތައް ފެށިގެން އައީ އިސްވެދެންނެވި ފަދައިންނެވެ. ޝައްކެއްނެތެވެ. ޖިހާދުގެ ޙަރަކާތްތައް ހިނގައިގަތުމުން މުސްލިމުންގެ ޖާނާއި މާލަށް ލިބުނު ރައްކާތެރިކަމުގެ އިތުރަށް އެކަމުގެ ހަވާސާއިންވެސް މުސްލިމުންނަށް މަންފާތަކެއް ޙާޞިލުވިއެވެ. އެ ފައިދާތަކުގެ ތެރޭގައި ޞުލްޙަވެރި ވެއްޓެއްގައި މުސްލިމުންނާއި މުޝްރިކުން އެއްބަޔަކު އަނެއްބަޔަކަށް ފެނިދެނިވުމުގެ ސަބަބުން އިސްލާމީ ދަޢުވަތު އޭގެ ޠަބީޢީ ގޮތުގައި އޮމާންކަމާއެކު ޢަރަބިކަރަޔަށް ފެތުރިގެން ދިޔުން ހިމެނެއެވެ. ހަމައެފަދައިން މުޝްރިކުންގެ ސަރުދާރުންނާއި ޔަހޫދީ މަހުޖަނުން ޢާއްމުންގެ ލޭބޮއިގެން ޖަމާކޮށްފައިހުރި މުދާވެރިކަމުގެ ކޯރުކޯރުގެ ޑޭމްތައް ހުޅުވައިލެވި ޢާއްމުންގެ މެދުގައި ދައުރުވުމުގެ މަގުފަހިވިއެވެ.

ހަނގުރާމައިން ބަލިވާ ދުޝްމިނުންގެ ހަތިޔާރާއި އެނޫންވެސް ތަކެތި ޣަނީމާގެ ގޮތުގައި އަތުލައިގަތުމަކީ އެދުވަސްވަރުން ފެށިގެން މިޒަމާނާ ހަމަޔަށްވެސް ޤަބޫލުކުރެވިފައިވާ ޙައްޤެއް ކަމުގައި ބެލެވޭ ކަމެކެވެ. ދީނީ ޤާނޫނަކަށްވިޔަސް ލާދީނީޤާނޫނަކަށްވިޔަސް ދުނިޔޭގެ ހުރިހާ ޤާނޫނުތަކެއްގައިވެސް މިކަން އޮތީ މިގޮތަށެވެ. ހަނގުރާމަތައް ހުއްޓުވުމަށްޓަކައިވެސް މީހުން ޤަތުލުކުރުމަށްވުރެ ބޮޑަށް ނަތީޖާ ފެންނަ ކަމަކީ ވާދަވެރި ފަރާތް ހަތިޔާރާއި އެނޫންވެސް ސަޕްލައިތަކުން މަޙްރޫމުކޮށްލުމެވެ. އެފަރާތުގެ ޢަސްކަރީ ވަސީލަތްތައް ނިކަމެތިކޮށްލުމެވެ.

އިސްލާމްދީންވެސް ޣަނީމާގެ ޙައްޤު ތަޞްދީޤުކުރިއެވެ. ޣަނީމާއާ ބެހޭގޮތުން އެދީނުގެ ޚާއްޞަ އަޚްލާޤީ އިންތަކަކާއި ޤަވާޢިދުތަކެއް އެކަށައެޅުމާ އެކުގައެވެ. މިތާނގައި އެއްވެސް ކަހަލަ ނަޒަރީ ބަޙްޘަކަށް ދާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. ސަބަބަކީ މިކަމަކީ މިއަދުގެ ކުރިއަރައިފައިވާ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ޢާއްމުކަމަކަށް ވާތީއެވެ. އާދެ، ޣަނީމާގެ ޤާނޫނު ލިބިދޭ ޙައްޤުގެ ދަށުން މަދީނާގެ އިސްލާމީ ލަޝްކަރު ވަނީ އެބައިމީހުންނާ ހަނގުރާމަކުރި ފަރާތްތަކުގައި ގަނޑުކޮށްފައި ހުރި އިޤްތިޞާދީ ވަސީލަތްތައް މިނިވަންކޮށް ޢަރަބިކަރައިގެ އިޤްތިޞާދުގައި އެތަކެތި ދައުރުވާނެގޮތް ހަދައިފައެވެ. އެގޮތުން ޔަހޫދީން ޢާއްމުންގެ ލޭބޮއިގެން ޖަމާކޮށްފައިހުރި މުދާގަނޑު ޣަނީމާ މުދަލާއި ފައިއު މުދަލުގެ ޤާނޫނުގެ ދަށުން ދައުރުވާން ފެށިއެވެ. ހަމައެފަދައިން ޘަޤީފުވަންހައިގެ މުދާވެރިކަންވެސް ޢަރަބިކަރަޔަށް ބެހިގެން ދިޔައެވެ. މަދީނާގެ ވަށައިގެންހުރި ނުކިޔަމަންތެރި ޤަބީލާތަކުގެ ޝައިޚުންގެ މުދާތަކުގެ ވަރަށްބޮޑު ބައެއްވެސް އެބައިމީހުންގެ ވަކިތަކުގެ ދަށުން މިންޖުވެ ދައުރުވާން ފެށިއެވެ.

އިސްލާމީދައުލަތުގެ ވެރިކަމުގެ ދަށަށް އަންނަ ހުރިހާ ސަރަޙައްދުތަކެއްގައިވެސް ބިމާއި، ގެރިބަކަރި ޖަމަލާއި، ވިޔަފާރިމުދާ ހުރި ފަރާތްތަކުގެ މުދަލުގެ ބައެއް ކޮންމެ އަހަރަކު ފަޤީރުންނަށް ލިބޭން ފެށިއެވެ. މުސްލިމުންގެ އަތުން ޒަކާތާއި ޢުޝްރުގެ ސިފައިގައެވެ. އިސްލާމީ ހެޔޮ ޢަމަލުގެ ތެރޭގައި ހިމެނޭ ޞަދަޤާތުގެ ގޮތުގައެވެ. ޣައިރުމުސްލިމުންގެ އަތުން ޚަރާޖާއި ޖިޒީގެ ގޮތުގައެވެ. އިސްލާމީ ދައުލަތަށް އަހަރަކު ލިބޭ އާމްދަނީގެ ވަރަށްބޮޑު ބައެއް (ޚާއްޞަކޮށް ޒަކާތުގެ ވަރަށްބޮޑު ބައެއް) ޚާއްޞަވެފައިވަނީ ފަޤީރުންނަށްޓަކައެވެ. ނަތީޖާއަކީ މަދީނާގައި އިޤްތިޞާދީ ފޯރުންތެރިކަން ޢާއްމުވުމެވެ. އޭގެ ހެޔޮ އަސަރު މުޅި ޢަރަބިކަރަޔަށް ފެތުރޭން ފެށުމެވެ.

ޝައްކެއްނެތެވެ. އިސްލާމީ އުންމަތުގެ މަޢީޝީ މައްސަލަ ޙައްލުކުރުމަށްޓަކައި ބޭނުންވަނީ އުންމަތުގެ ހުރިހާ ފަންތިތަކަކުންވެސް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمގެ ރީތި އުސްވަތަށް ޢަމަލުކޮށް ޙަޔާތުގެ މައިދާނުގައި މުރާލިކަމާއި، ހީވާގިކަމާއި، ކަމަށްކަމޭހިތުމާއެކު މަސައްކަތްކުރާން ފެށުމެވެ. މުށްފަތުން ދިރިއުޅުމުގެ ޚިޔާލު ހަނދާންނައްތައިލުމެވެ. ޙަރާމް އާމްދަނީގެ ވަސީލަތްތަކުން ތައުބާވުމެވެ. އުންމަތުގައި ތިބި މުއްސަނދީންނާއި، ފޯރުންތެރީން އެބައިމީހުންގެ މައްޗަށް ދީން ލާޒިމްކޮށްފައިވާ ޒަކާތާއި، އެހީތެރިކަމާއި، އިޖުތިމާޢީ ކަފާލަތުގެ ވާޖިބު އަދާކުރުމެވެ. އޭރުން މާތްاللّه ގެ ވާގިފުޅާއެކު އުންމަތުގެ ޙާލަތު ބަދަލުވާނެކަމީ ކަށަވަރު ކަމެކެވެ. އުންމަތުގެ ޝަރަފުވެރި، ތިޔާގި މާޒީ އެނބުރި އަންނާނެކަމީ ޔަޤީންކަމެކެވެ.

_______________________________

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.