މުސްލިމުންގެ މަޢީޝީ ތަރައްޤީއާއި، ނަބަވީ ސީރަތު - 1

އިސްލާމީ އުންމަތުގެ ވަރަށް ގިނަބަޔަކު ދިރިއުޅެމުން ގެންދަނީ، ފަޤީރުކަމާއި އަތްމަތި ދަތިކަމުގެ ނިހާޔަތުގައެވެ. ޒުވާނުންކުރެ އެތައްބަޔަކު ވަނީ ފޯރުންތެރިކަންކުޑަވުމާއި، ވަޒީފާ ނުލިބުމުގެ ސަބަބުން ގޮތްހުސްވެފައެވެ. އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފަޤީރުކަމުގައި އެންމެކަންބޮޑުވާންޖެހޭ އެއްމައްސަލައަކީ ދުޅަހެއިކަމާއި ޒުވާންކަމުގެ ނިޢުމަތް ދެއްވައިފައިވާ އެތައްބަޔަކުވެސް އާމްދަނީ ހޯދުމުގެ ވަސީލަތަކަށް ސަލާންޖެހުން ޚިޔާރުކޮށްފައިވާ ކަމެވެ.

ފަޤީރުކަމާއި ނުފޯރުންތެރިކަމުގެ ޠޫފާނެއް އުންމަތާ ކުރިމަތިވެފައިވާއިރު އުންމަތުގައި ތިބި މުއްސަނދީންނާއި ފޯރުންތެރީން އެބައިމީހުންގެ ޞަދަޤާތާއި ޒަކާތާމެދު ޢަމަލުކުރާގޮތަކީވެސް އުންމަތުގެ ޒަޚަމް އިތުރަށް ފުންވުމުގެ ސަބަބަކަށް ވަނީ ވެފައެވެ. ކަން މިހެން ހުރުމާއެކު މުސްލިމުންގެ މަޢީޝަތު ކުރިއެރުވުމާ ބެހޭގޮތުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمގެ ސީރަތުން ލިބޭ އިރުޝާދުތަކާއި ނަމޫނާތައް އަލުންބަލައި ވިސްނައިލުމުގެ މުހިންމުކަން ވަރަށްބޮޑެވެ.

އިސްލާމްދީން އައުމުގެ ކުރިން ޢަރަބީންގެ މަޢީޝީ ޙާލަތު އޮތްގޮތް

އިސްލާމްދީން އައުމުގެ ކުރިން ޢަރަބިކަރައިގެ އާބާދީގެ ބޮޑުބަޔަކީ ބަދަވީންނެވެ. ބަދަވީންނަކީ އެއްތަނެއްގައި ޤާއިމުވެތިބެ އިޤްތިޞާދީ ތަރައްޤީއާއި ރަށްވެހިކަން ހޯދަން އުޅުނު ބަޔެއްނޫނެވެ. އެބައިމީހުންގެ ގެރިބަކަރިޔަށް ބޭނުންވާ ފެނާއި ވިނަ އޭރަކު ލިބެންހުރި ތަނަކަށް ނަޤުލުވަމުން ދިޔަ ބަޔެކެވެ. ގެރިބަކަރީން ލިބޭ ކުޑަކުޑަ އާމްދަނީގެ އިތުރަށް އެބައިމީހުންގެ މަޢީޝަތުގެ ވަސީލަތަކީ ދަތުރުވެރީން ލޫޓުވުމެވެ. އަޢުރާބީންގެ ތެރެއިން ވަކިތަނެއް ޤަޞްދުވެ ވަޒަންވެރިވެގެން އުޅުނު ޤަބީލާތަކުގެ ޙާލަތުވެސް ވަކި ސަހަލެއް ނޫނެވެ. އެބައިމީހުންގެ އިޤްތިޞާދީ މަސައްކަތްތަކުގެ ފޮނިކޮޅު ބޮއިލަނީ ޤަބީލާތަކުގެ ޝައިޚުންނާއި ސަރުދާރުންނެވެ.

އެދުވަސްވަރު ޢަރަބިކަރައިގައި ރަށްވެހިކަމުގެ ސިފަލިބިފައިހުރި ސަހަރުތައް ވަރަށްމަދެވެ. މައްކާއާއި މަދީނާއާއި، ޠާއިފާއި، ޞަންޢާއާއި، ޙަޟްރަމައުތު ފަދަ މަދު ރަށެއް ފިޔަވައި އާބާދުވެފައިވާ ސަހަރުތަކެއް ނެތެވެ. ސަހަރުތަކެއްކަމުގައި ބެލެވުނު ރަށްރަށަކީވެސް މާބޮޑެތި އާބާދީތަކެއް އޮތް ރަށްރަށެއް ނޫނެވެ. ކަން މިހެން ހުރުމާއެކުވެސް، އެރަށްރަށަކީ ޖުމުލަ ގޮތެއްގައި ތިޔާގި ރަށްރަށޭ ދެންނެވިދާނެއެވެ. އެ ރަށްރަށުގައިވެސް މީސްތަކުން ތިބީ ތަފާތު ފަންތިތަކަށް ބެހިފައެވެ. ދަށުފަންތީގެ މީހުންނާއި [މެދުކެނބީން] ނާއި، މަތީފަންތީގެ މީހުންނެވެ. ކޮންމެ ބަޔަކުވެސް ގެންދިޔައީ ތިމާމެންނަށްވުރެ ދަށުދަރަޖައިގެ މީހުންގެ ޙައްޤުތައް ފޭރެމުންނެވެ. މަދީނާގެ ޔަހޫދީން ތިބީ ވިޔަފާރިއާއި ދަނޑުވެރިކަމަށް ވެރިވެގެންނެވެ. ރިބާގެ ދާތައް މުޅި ކަރަޔަށް ފަތުރައިލައިގެންނެވެ. މައްކާއާއި ޠާއިފުގެ ބޮޑެތި މުއްސަނދީންވެސް އާމްދަނީގެ އެއް ވަސީލަތަކަށް ހަދައިފައި އޮތީ ސޫދުކެއުމެވެ. މަތީ ފަންތީގެ ބައެއް ބޮޑުންގެ އިސްރާފުކުރުން ހުރީ އޭގެ އިންތިހާގައެވެ. ރާބޮއި ޢަމަލުވެގެން އެއްފަހަރާ ފަންސާހަކަށް ޖަމަލު ކަތިލައިލި ކަމުގައިވިޔަސް ބެލެވެނީ އެބައިމީހުންގެ ދީލަތިކަން ކަމުގައެވެ.

އަނެއްކޮޅުން ޢަރަބިކަރައިގެ ޢާންމުންގެ މާލީ ޙާލަތު ވަރަށްދަށެވެ. ބަނޑުހައިހޫނުކަމުގެ އަލިފާން ނިއްވުމުގައި ނަޖިސްތަކެތިވެސް ދުލެއް ނުކުރެއެވެ. ގޮށްފުޅަނގި އަރައިފިނަމަ ހެޔޮ ނަސީބެއް ކަމުގައި ބަލައިގެން އެތަކެތިވެސް ހަފައި ކައިލައެވެ. ހޯނުވެސް ކައިއުޅުނެވެ. މުޅަތަކެތީގެ މަހާއި، ގަނޑުކޮށް ހިއްކައިފައިހުންނަ ލެޔާއި ހިކި ހަންވެސް ކައިއުޅުނެވެ. ދިރޭ ޖަނަވާރުތަކުން މަސްކޮށައިގެން ކައިއުޅުނެވެ. އެއްގޮތަކަށްވެސް ޙަރާމެއް ޙަލާލެއް ވަތްކެއް ނުކުރެއެވެ.

އުނުފޭރާމާއި، ކެއިންބުއިމާއި، ބޯހިޔާކުރުމުގެ މައްސަލަ ޙައްލުނުވާއިރު ތަޢުލީމާއި ޞިއްޙަތާމެދުނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކަންތައްތަކާމެދު ޚިޔާލު ހިންގާނެ ޖާގައެއް ނޯންނާނެކަން ކަށަވަރެވެ. ބޭސްފަރުވާގެ ގޮތުގައި ކޮށްއުޅުނު ދާދިމަދު ކަންތައްތަކެއްގެ ވާހަކަ ފޮތްތަކުގައި ލިޔެވިފައި ހުރިކަމުގައި ވިޔަސް ބައްޔެއް ވެއްޖެނަމަ ޢާއްމުކޮށް ގޮސް އުޅުނީ ބުދުތަކުގެ ކައިރިއަށެވެ. މާއެޅުމަށާއި، ވެދުންބަރުތީލަ ކުރުމަށެވެ. ނުވަތަ ކާހިނުންނާއި، ނުޖޫމީ ޢިލްމުވެރީންގެ ގާތަށެވެ. އެބައިމީހުންގެ ޖީބުތައް ރަންރިހީން ފުރެމުން ދިޔައިރު ބަލިމީހުންތައް ދިޔައީ ޝިފާއެއް ނުލިބި މަރާ ކުރިމަތިލަމުންނެވެ.

ތަޢުލީމު ދިނުމުގެ ޙަރަކާތްތައް އޮތީ ވަރަށް ހަނި ދާއިރާއެއްގައެވެ. ހަމައެކަނި އާބާދު ރަށްރަށުގެ މަތީފަންތީގެ މަދު ޢާއިލާތަކެއްގެ މެދުގައެވެ. ޢަރަބީންގެ ދެންތިބި އެންމެންގެވެސް ތަޢުލީމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ މަދަރުސާއިން ޙާޞިލުވާ ފިލާވަޅުތަކެވެ.

އެޒަމާނުގެ ޢަރަބި މުޖުތަމަޢުގެ އެންމެ އަސާސީ މައްސަލައަކީ ބަނޑުފުރާނަ މުއްތިކުރުމެވެ. ޝައްކެއްނެތެވެ. އެޤައުމެއްގެ ތަނަވަސް އަޣުލަބިއްޔަތެއްގެ ތާއަބަދުގެ ފިކުރަކީ [މިއަދު ކައިލާނީ ކޮން އެއްޗެއް ބާވައެވެ؟] މިސުވާލު ކަމުގައިވާ ޤައުމެއްގައި މަތިވެރި ޙަޤީޤަތްތަކެއް ހޯދައިގަތުމުގެ ޝައުޤުވެރިކަމެއް ނުއުފެއްދޭނެއެވެ. މާތް މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ފަށައެއް ނުގަނެވޭނެއެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދައެއްނެތް ބަޔަކަށް އެކަމުގެ މަގުފަހިކޮށްދެވި އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު ހިސާބަކަށް ނަމަވެސް މައްޗަށް ޖައްސައި ދިނުމުގެ ބަދަލުގައި އެބައިމީހުންނަށް ދެވޭ ހަމައެކަނި ކާނާއަކީ ވަޢުޡާއި ނަސޭހަތް ކަމުގައި ވެއްޖެނަމަ އެބައިމީހުންގެ ތެރޭގައި މާބޮޑު ޙަރަކާތްތެރިކަމެއް ނުއުފެއްދޭނެއެވެ. ކަނޑީގެ ބާރުގައި ޤަބީލާތައް ބޯލަންބައި ރަށްތައް ފަތަޙަކުރި ކަމުގައިވިޔަސް އެތަނެއްގެ އާބާދީގެ އެންމެ އަސާސީ މައްސަލަތައް ޙައްލުކޮށް ނުދެވޭނަމަ މަތީ ދަރަޖައިގެ އަޚްލާޤީ މަފްހޫމުތައް ވިސްނައިގަނެ ބިނާކުރުމަށާއި އިޞްލާޙުކުރުމަކަށް ޢާއްމުން ތައްޔާރެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. ބިނާކުރުމާއި އިޞްލާޙު ކުރުމާމެދު އެބައިމީހުން ދެކޭނީ ކުރިމަތިވާ އައު މުޞީބާތެއް ކަމުގައެވެ. އިތުރަށް ދެވޭ އަދަބެއް ކަމުގައެވެ.

އަނެއްކޮޅުން އިންސާނުންގެ ޢާޤިބަތާއެކު އެބައިމީހުންގެ ދުނިޔެވެސް އާބާދުކޮށްދެވެމުން ދާނަމަ އެބައިމީހުން ތިބޭނީ އިޞްލާޙަށް ގޮވާލާ ފަރާތުގެ ވާހަކަ ކަނުލައި އަޑުއަހާގޮތަށެވެ. އިންސާނުންގެ ޚުލުޤު ރިވެތިކުރަމުން ގެންދާއިރު އެބައިމީހުންގެ ހައިހޫނުކަންވެސް ފިލުވައިދެމުން ގެންދާނަމަ އެބައިމީހުން ތިބޭނީ ވެރިކަމުގެ ފަރާތުގެ ދުއްރަވެސް އުފުލާއެކު ޤަބޫލުކުރަން ތައްޔާރަށެވެ.

އިސްލާމްދީނަކީ އިންސާނާގެ މިދެންނެވި ދެ ބޭނުމަށްވެސް މަގުފަހިކޮށްދޭ ދީނެކެވެ. އިސްލާމްދީނަކީ އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރަމުން ގެންދާއިރު ދުނިޔެއިން ލިބެންވާ ނަސީބުވެސް ހަނދާން ނައްތައި ނުލުމަށް އިރުޝާދުދޭ ދީނެކެވެ. އެހެންކަމުން އިންސާނިއްޔަތުގެ މުޙްސިނު ހިންގެވި ތަޙްރީކުގައި އީމާންކަމުގެ ނޫރުން ހިތްތައް އަލިކުރައްވައި އަޚްލާޤީ އަގުތަކުން ފުރާނަތައް ފާންކޮށްދެއްވަމުން ގެންދެވިއިރު ބަނޑުހައިހޫނުކަން ނައްތައިލެއްވުމަށްވެސް އެންމެ އެކަށޭނަ ތަދުބީރުތައް ކުރައްވަމުން ގެންދެވިއެވެ. އިސްލާމީ ދަޢުވަތުގެ އެންމެ ޅަފަތުގެ އަޚްލާޤީ ކަންތައްތަކުގެ ކުރުކުރު ލިސްޓުގައިވެސް މިސްކީނުންނަށް ކާންދިނުން ވަނީ ވަރަށްބޮޑު އަހައްމިއްޔަތަކާއެކު ހިމަނުއްވައިފައެވެ. ޔަތީމުންނާއި ހުވަފަތުންނާއި، ދަތުރުވެރީންގެ ޙާލުދެކި އެހީތެރިވުން ކޮންމެ މުސްލިމެއްގެ މައްޗަށް ވަނީ ލާޒިމު ކުރައްވައިފައެވެ.

އެޒަމާނުގެ އުފެއްދުންތެރިކަމުގެ ވަސީލަތްތައްމަދު ޢަރަބީންގެ ތެރޭގައި މުދާވެރިކަމުގެ އަޞްލުތަކަކަށް ހުރީ ރަންރިއްސާއި ފެހާމާނު މުދަލާއި، ދަނޑުބިމާއި، ނަޢަމުސޫތްޕެވެ. އެތަކެތި ހުރީ ނުހަމު މަދު އަތްތަކަކަށް ޖަމާވެފައެވެ. އެއްގޮތަކަށްވެސް ދައުރުވުމެއްނެތި ހިފެހެއްޓިފައެވެ. މުދާވެރިކަމުގެ ކޯރުތަކުގެ ޑޭމްތައް ހުޅުވައިލައި އެތަންތާނގެ ފެންގަނޑު ޢާއްމުންނާ ދިމާޔަށް ހިނގައިގަންނާނެގޮތް ހެދުމަކީ އިންތިހާ ދަރަޖައިގެ އުނދަގޫ ކަމެކެވެ. ނަމަވެސް އެމައްސަލަ ޙައްލުނުކޮށެއް އިންސާނީ އަޚްލާޤިއްޔާތުގެ ބޮޑެތި ބޮޑެތި ގޮށްތައް މޮހައިލެވޭކަށެއްވެސް ނެތެވެ. އިސްލާމްދީނުގެ މަޢީޝީ ޤާނޫނުތައް (ޒަކާތާއި، އެނޫންވެސް ކަންކަމުގެ ޤާނޫނުތައް) ބާވައިލައްވަމުން ގެންދެވީ ތަދުރީޖީ ގޮތެއްގައެވެ.

މުހާޖިރުންނާއި އަންޞާރުންގެ އަޚުކުރެއްވުން

ޝައްކެއްނެތެވެ. ރަސޫލުން ފޮނުއްވަނީ ޚާއްޞަގޮތެއްގައި އިންސާނުންގެ އުޚުރަވީ ފަލާޙަށްޓަކައެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާއަކީ އިންސާނުންގެ ދީނާއި ދުނިޔެ އާބާދު ކުރެއްވުމަށްޓަކައި ޢާލަމުތަކަށް ފޮނުއްވި ރަޙްމަތެކެވެ. އިންސާނިއްޔަތުގެ ކުރިމައްޗަށް ހުށަހެޅުއްވި ރީތި އުސްވަތެކެވެ. އެހެންކަމުން އެކަލޭގެފާނު ގެންދެވީ އުންމަތުގެ ރޫޙާނީ އަގުތައް މަތިވެރި ކުރެއްވުމަށާއި މާއްދީ ބޭނުންތައް ފުއްދޭނެ މަގު ތަނަވަސްކޮށްދެއްވުމަށް އެކުއެކުގައި މަސައްކަތްޕުޅު ކުރައްވަމުންނެވެ. އިތުރުސާހިބާގެ މަދަނީ ޙަޔާތްޕުޅުގައި މިގޮތުން ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި އެންމެ ފުރަތަމަ ގޮންޖެހުމަކީ މުހާޖިރިއްޔަ ބޭކަލުން މަދީނާގައި އާބާދުކުރެއްވުމުގެ މައްސަލައެވެ. އިސްވެދެންނެވިފަދަ އިޤްތިޞާދީ ވެއްޓެއްގައި މައްކާއިންނާއި ޢަރަބިކަރައިގެ އެހެނިހެން ކަންކޮޅުތަކުން މަދީނާއަށް ވަޑައިގަންނަވަމުން ގެންދެވި މުހާޖިރުން ވަޑައިގަންނަވަމުން ގެންދެވީ ހުސްއަތްޕުޅާއެވެ. ހަށިކޮޅުގައި ހުންނަ ހެދުންކޮޅު ފިޔަވައި ގިނަ މުހާޖިރުންގެ އަތްޕުޅަކު އެއްވެސް އެއްޗެއް ނުހުރެއެވެ. މައްކާގެ މުޝްރިކުންގެ އަތުޖެހޭ ކޮންމެ މުހާޖިރަކު ދޫކޮށްލަނީ އެބޭކަލުންގެ އަތްޕުޅުގައި ހުންނަ ހުރިހާ އެއްޗެހިކޮޅުތަކެއް ފޭރިގެންފައެވެ.

މުހާޖިރުންގެ އެހާގިނަ ޢަދަދެއް މަދީނާއަށް އޮހެމުން ދިޔުމަކީ މަދީނާގެ ކުޑަކުޑަ އިޤްތިޞާދަށް ވަރަށްބޮޑު ބަރަކަށް ވެދާނެ ކަމެކެވެ. މަދީނާގެ އަހުލުވެރީންގެ އިޤްތިޞާދަކީ ދަނޑުވެރިކަމާއި، ބަގީޗާ ހެއްދުމުގެ މައްޗަށް ބިނާވެފައިއޮތް ކުޑަކުޑަ އިޤްތިޞާދެކެވެ. އެހާގިނަ ޢަދަދެއްގެ ބަޔަކަށް ފުދޭވަރަކަށް މަދީނާގެ އަންޞާރުންގެ އަތްޕުޅަކު ދަނޑުބިމެއްވެސް ނެތެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއަށް މުހާޖިރުން މަދީނާގައި އާބާދުކުރައްވަން ކުއްލި ފިޔަވަޅުފުޅުތަކެއް އަޅުއްވާން ޖެހިވަޑައިގެންނެވިއެވެ. އިތުރުސާހިބާ އެކަމަށް އެކަށައެޅުއްވި އެއް ޙައްލަކީ މުހާޖިރުންނާއި އަންޞާރުން އަޚުކުރެއްވުމެވެ. މުސްލިމުންގެ މެދުގައި އިޤްތިޞާދީ އެއްބަނޑުއެއްބަފާކަމުގެ ބިންގަލެއް އެޅުއްވުމެވެ. މުސްލިމުންގެ މެދުގައި އިންސާނީ އެހީތެރިކަމުގެ އުޞޫލެއް ޤާއިމުކުރެއްވުމެވެ. ގިނަ ދުވަސްތަކެއް ވަންދެން މުހާޖިރުންގެ މައްސަލަ ޙައްލުނުކުރައްވައި މަޑުޖައްސައި ލައްވައިފިނަމަ އެމައްސަލައިގެ ނުރައްކާތެރިކަން އިތުރުވެ ޙައްލު ނުކުރެއްވޭފަދަ މައްސަލައަކަށް ވެދާނެތީއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމުސްލިމުންނާ ކުރިމަތިވެފައި އޮތް އިޤްތިޞާދީ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެޅުއްވި ދުނިޔެ އަންތަރީސްކޮށްލި ކާމިޔާބު ހަރުދަނާ ފިޔަވަޅުފުޅުތަކަށް އަލިއަޅުވައިލުމުގެ ކުރީން އަޅުގަނޑު ހާމަކޮށްލަން ބޭނުންވަނީ ހުޅަނގުގެ އޮރިއެންޓަލިސްޓުން އިތުރުސާހިބާގެ މަސައްކަތްޕުޅު ސިފަކުރާގޮތުގެ މައްޗަށެވެ.

އާދެ، މަޝްހޫރު އޮރިއެންޓަލިސްޓް މޮންޓްގޮމަރީވޮޓް (Montgemery Watt) ލިޔެފައިވެއެވެ.

It is not clear how Mohammed expected the emigrants to earn their living in Medina, though he had presumably considered the question. They could not remain indefinitely as guests of Muslims of Medina and it is unlikely they were planning to take up agriculture. That left trading and raiding and either alternative was liable to bring them into conflict with pagans of Mecca. (Montgemery Watt, The Majesty that was Islam, p.9)

(މަދީނާގައި މުހާޖިރުންގެ ދިރިއުޅުން ހަމަޖައްސަވާނެ ގޮތަކާމެދު محمد (صلّى اللّه عليه وسلّم)ގެ ރޭއްވެވުން އޮތީ ކޮންގޮތަކަށްކަން ޞަރީޙުކޮށް އެނގޭކަށެއް ނެތެވެ. އެކަމާ ބެހޭގޮތުން އެކަލޭގެފާނު ވިސްނާވަޑައިގެންފައިވާނެކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. މުހާޖިރުންނަށް މަދީނާގެ މުސްލިމުންގެ މެހުމާނުންގެ ގޮތުގައި އަބަދަކު ނުތިބެވޭނެއެވެ. މުހާޖިރުން ދަނޑުވެރިކަން އިޚްތިޔާރު ކުރާކަށެއް ބޭނުމެއް ނޫނެވެ. ދެން އޮތީ ޢަމަލުކުރެވިދާނެ ދެގޮތެކެވެ. އެއީ ވިޔަފާރިކުރުމާއި (ޤާފިލާތައް) ލޫޓުވުމެވެ. މިދެގޮތުންކުރެ ކޮންމެ ގޮތެއް ޚިޔާރުކުރި ކަމުގައިވިޔަސް މައްކާގެ މުޝްރިކުންނާ ކުރިމަތިލާން ޖެހޭނެކަމީ ކަށަވަރު ކަމެކެވެ.)

އާދެ، މިއީ ޢާއްމުގޮތެއްގައި އޮރިއެންޓަލިސްޓުން އިތުރުސާހިބާގެ ސީރަތު ދުނިޔެއަށް ސިފަކޮށްދޭ ޙަޤީޤަތާ ދުރުގޮތުގެ މިސާލެކެވެ.

ކުރީންވެސް ދެންނެވި ފަދައިން މުހާޖިރުން މަދީނާގައި އާބާދު ކުރެއްވުމަށްޓަކައި އަންޞާރުންނާއި މުހާޖިރުން އަޚުކުރެއްވި ކުރެއްވުމަކީ ދިމާވި ކުއްލި ޙާލަތުގައި އެޅުއްވި އިމަޖެންސީ ފިޔަވަޅެކެވެ. ހިޖްރައިގެ ކުރީކޮޅުގައި މުހާޖިރުންނާއި އަންޞާރުން އަޚުކުރެއްވި ކަމުގައިވިޔަސް ފަހުގެ ތާރީޚުތަކުގައި އެކަން އެގޮތަށް ކުރެއްވިކަމެއް އެނގޭކަށެއް ނެތެވެ. އަދި އަންޞާރުން މުހާޖިރުންނަށް އެހީވެވަޑައިގަންނަވަމުން ގެންދެވީ ކިހާދުވަހަކަށް ކަމެއްވެސް އެނގޭކަށެއް ނެތެވެ. އެނގެންއޮތީ އިތުރުސާހިބާ މި އެޅުއްވި ފިޔަވަޅުފުޅު އިންތިހާ ދަރަޖައަށް ކާމިޔާބުވިކަމެވެ. މުސްލިމުންނަށް ލިބުނު ވަރަށްގިނަ ކާމިޔާބީތަކެއްގެ އަޞްލަކަށް އެ ފިޔަވަޅުފުޅު ވެގެން ދިޔަކަމެވެ. އަންޞާރުން ނުހަނު ދީލަތިފުޅުކަމާއެކު މުހާޖިރުންނަށް އެހީވެދެއްވިކަމެވެ. މުހާޖިރުން އަންޞާރުންގެ އެހީފުޅު ޤަބޫލުކުރެއްވީ ނުހަނު ޣީރަތްތެރިކަމާއެކު ކޮންމެހެންވެސް ޤަބޫލުނުކުރައްވައި ފަރުނުޖެއްސެވޭ މިންވަރަށްކަމެވެ. ދާއިމީގޮތެއްގައި އަންޞާރުންގެ [މުށްފަތުން] ދިރިއުޅުއްވުމަކީ މުހާޖިރުންގެ ޢިއްޒަތުއްނަފްސު ހުއްދަދިންކަމެއް ނޫންކަމެވެ.

އަންޞާރުންގެ ދީލަތިފުޅުކަމާއި މުހާޖިރުންގެ ޣީރަތްތެރިކަން ހުރިވަރު ތިރީގައި މިދަންނަވާ ޙާދިޘާއިން ފުރިހަމައަށް ސާބިތުވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމުހާޖިރިއްޔަ ބޭކަލެއްކަމުގައިވާ عبدالرّحمن بن عوف رضى اللّه عنهއާއި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ سعد بن الرّبيع رضى اللّه عنهއާ ދެބޭކަލުން އަޚުކޮށްދެއްވިއެވެ. سعد بن الرّبيعއެކަލޭގެފާނުގެ އިސްލާމީ އަޚާ ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގެން ދީލަތިފުޅުކަމުގެ ވަރަށް އާދަޔާ ޚިލާފު ދެ ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. سعد ވިދާޅުވިއެވެ. އޭ އަޚާއެވެ! އަޅުގަނޑަކީ އަންޞާރުންގެ ތެރެއިން މުއްސަނދި މީހަކީމެވެ. އަޅުގަނޑުގެ މުދާ ހަމަޔަށް ދެބައިކޮށްލާނަމެވެ. ކަލޭގެފާނު އޭގެ ތެރެއިން ބޭނުންފުޅު ބައެއް ނަންގަވާށެވެ. އަޅުގަނޑުގެ ދެއަނބީންވެސް ތިބެއެވެ. ކަލޭގެފާނު އެދެމީހުން ދެކެވަޑައިގަންނަވާށެވެ. އޭގެ ތެރެއިން ކަލޭގެފާނު ޤަބޫލުފުޅު މީހަކު އަޅުގަނޑު ވަރިކޮށްދޭނަމެވެ. އެމީހެއްގެ ޢިއްދަ ހަމަވުމުން ކަލޭގެފާނު ކާވެނިބައްލަވާށެވެ! عبدالرّحمن އެމާތް އިންސާނާގެ އަގުބޮޑު ދެ ހުށަހެޅުއްވުމުގެ އަޑު އިވިވަޑައިގަތުމުން ޝުކުރު އަދާކުރެއްވިއެވެ. سعدގެފާނަށް އެކަލޭގެފާނުގެ މުދަލާއި އަނބިދަރީންގެ ފަރާތުން ބަރަކާތަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު ތިޔައިން އެއްވެސްކަމެއް ބޭނުމެއްނޫނެވެ. މިރަށުގައި ބާޒާރެއް އޮންނަކަމުގައިވާނަމަ އަޅުގަނޑަށް ބާޒާރަށް ދާނެ މަގު ދައްކަވާށެވެ. سعد، عبدالرّحمن ގޮވައިގެން ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވަޑައިގެން ބާޒާރު ދެއްކެވިއެވެ. ޢަބްދުއްރަޙްމާނު އެބާޒާރުން ގިތެލާއި ޕަނީރު ބައްލަވައިގެން ވިޔަފާރި ފެއްޓެވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަދީނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.

عبدالرّحمن بن عوف އެކަލޭގެފާނަށް ހުށަހެޅުނު އަނބިކަނބަލަކާއި ގިނަގުނަ މުދާތަކެއްގެ ހުށަހެޅުއްވުން ޤަބޫލުނުކުރައްވައި ދޫކޮށްލެއްވީ ކީއްވެގެންތޯއެވެ. އާދެ، އެއީ އިތުރުސާހިބާ صلّى اللّه عليه وسلّمމުސްލިމުންނަށް ދެއްވަމުން ގެންދެވި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ އިރުޝާދުގެ ސަބަބުންނެވެ. މީހުންގެ މުށްފަތުން ދިރިއުޅުއްވަން އާދަކުރައްވަން ބޭނުންފުޅު ނުވާތީއެވެ. عبدالرّحمن بن عوف رضى اللّه عنهއަކީ މާތްاللّهގެ މަގުގައި ނުހަނު ހުޅުއްވާލެއްވިފައިވާ އަތްޕުޅަކުން ހޭދަކުރެއްވި މަހުޖަނެކެވެ. قاضى رشيد بن زبير އެކަލޭގެފާނުގެكتاب الذّخائروالتّحفގައި ލިޔުއްވައިފައިވާ ގޮތުގައި عبدالرّحمنبن عوف رضى اللّه عنهއެކަލޭގެފާނުގެ ތަރިކައިގެ ތެރެއިން އެކަލޭގެފާނު އަވަހާރަވީއިރު ދުނިޔޭގައި ހުންނެވި ކޮންމެ ބަދްރީ ޞަޙާބީއަކަށް ހަތަރުސަތޭކަ ދީނާރު އެރުވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް ބަދުރީ ޞަޙާބީންނަށް ސާޅީސްހާސް ދީނާރު އެރުވުމަށްފަހު އެކަލޭގެފާނުގެ ކޮންމެ ވާރިޘަކަށް އަށްޑިހަހާސް ދީނާރު ލިބިވަޑައިގެންނެވިއެވެ.

މަދީނާގައި ދިރިއުޅުނު ޔަހޫދީ ޤަބީލާތައް މަދީނާއިން ބޭރުކުރެއްވޭގޮތްވުމުން އަންޞާރުން މުހާޖިރުންނަށް ހަދިޔާކުރައްވައިފައިވާ ބައެއް ދަނޑުފަނގުތައް އަނބުރާ އަންޞާރުންނަށް ހޯއްދަވައި ދެއްވިއެވެ. އޭގެ ވަރަށްގިނަ މިސާލުތައް ތާރީޚުން ފެންނާން އެބަހުއްޓެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.