(10 މާޗް 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
ދިރިއުޅުމަށްޓަކައި މަސައްކަތްކުރަން އިރުޝާދު ދެއްވުން
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއެކަލޭގެފާނުގެ އުންމަތަށް ސަލާންޖެހުން މަނާކުރެއްވިއެވެ. ތިރީގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުކަމުގައި އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު އުންމަތަށް ނަސޭހަތްދެއްވީ ދިރިއުޅުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށެވެ. އުނދަގޫތަކާ ދެކޮޅަށް ކެރިތިބެގެން ހަނގުރާމަ ކުރުމަށެވެ. އަތްމަތި ތިޔާގިވެ ދިރިއުޅުން ތަނަވަސްވާނީ އޭރުން ކަމުގައެވެ. ކީރިތި ޤުރްއާނުގައިވެސް މުސްލިމުންނަށް އަމުރުކުރައްވައިފައިވަނީ ދިރިއުޅުމަށްޓަކައި އަތްފައިން މަސައްކަތް ކުރުމަށެވެ. އަރަހުށި މާތްاللّه ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.
[فَإِذَا قُضِيَتِ الصَّلاَةُ فَانتَشِرُوا فِي الأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ](الجمعة: 10)
[ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުންاللّهގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!]
އިސްލާމްދީނުގެނަބިއްޔާ صلّى اللّه عليه وسلّمޙަދީޘް ކުރައްވައިފައިވެއެވެ.
[مَاأَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ]
[އެއްވެސް މީހަކު، އެމީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ކާކަމުގައެއް ނުވެއެވެ.] (ރަވާހު: އަލްބުޚާރީ)
އިތުރުސާހިބާ صلّى اللّه عليه وسلّمގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ.
[އޭ މާތްاللّهގެ ރަސޫލާއެވެ. އަޅުގަނޑަކީ ނުހަނު ފަޤީރަކީމެވެ. އަޅުގަނޑުގެ އަނބިދަރީން ތިބީ ބަނޑުހައިހޫނުކަމުގައެވެ. އަޅުގަނޑަށް ކޮންމެވެސް އެހީފުޅެއް ވެދެއްވާށެވެ.]
އިތުރުސާހިބާ އޭނާގެ ވާހަކަ އަޑުއެއްސެވުމަށްފަހު އޭނާއާ ސުވާލުކުރެއްވިއެވެ. [ކަލޭގެ ގޭގައިހުރީ ކޮން އެއްޗެއްސެއް ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. [އަޅުގަނޑުމެން ތަންމައްޗެއްގެ ގޮތުންނާއި ގައިގައިލުމަށް ބޭނުންކުރާ ބާ ރަޖަޔަކާއި ފެންބޯން ގެންގުޅޭ ޖޯޑެއް ފިޔަވައި ގޭގައި އެހެން އެއްވެސް އެއްޗެއް ނެތެވެ.] އިތުރުސާހިބާ ޙަދީޘްކުރެއްވިއެވެ. [ގެއަށްގޮސް ތިޔަބުނާ ރަޖައާއި ޖޯޑާ ހިފައިގެން އަންނާށެވެ.]
رسول اللّه صلّى اللّه عليه وسلّمއޭނާ އެތަކެތި ގެނައުމުން ޞަޙާބީންނާ ސުވާލުކުރެއްވިއެވެ. ދެދިރުހަމަށް މިރަޖަޔާއި ޖޯޑާ ގަންނާނީ ކާކު ހެއްޔެވެ. [ޞަޙާބީންގެ ތެރެއިން ބޭކަލަކު ކުރިޔަށްޖެހިވަޑައިގެން އެ ވީދިފައިވާ ރަޖަޔާއި ޖޯޑާ ބައްލަވައިގެންނެވިއެވެ.] ކައުސާހިބާ صلّى اللّه عليه وسلّمވިއްކަވާ އެއްޗަކަށްވާތީއެވެ. އިތުރުސާހިބާ އެ ސަލާންޖެހި މީހާއާ ދެ ދިރުހަމު ޙަވާލުކުރެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [އެއް ދިރުހަމަށް ކާބޯތަކެތި ގަނެގެންގެންގޮސް އަނބިދަރީންނަށް ދޭށެވެ. ބާކީ އޮތް ދިރުހަމަށް ކޯރާޑިއެއް ގަނެގެން އަހުރެންގެ ގާތަށް އަންނާށެވެ.]ސަލާންޖަހާމީހާ، އިތުރުސާހިބާގެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރިއެވެ. އެއް ދިރުހަމަށް ކާބޯތަކެތި ގަނެފައި އަނބިދަރީންނާ ޙަވާލުކުރިއެވެ. ބާކީ އޮތް ދިރުހަމަށް ކޯރާޑިއެއް ގަނެގެން އިތުރުސާހިބާގެ އަރިހަށް ހިނގައްޖެއެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެކޯރާޑީގައި މުށެއް ލައްވައި ދެއްވިއެވެ. ސަލާންޖަހާމީހާއާ ކޯރާޑި ޙަވާލުކުރައްވައިފައި ޙަދީޘް ކުރެއްވިއެވެ. [ކޯރާޑި ހިފައިގެން ވަލަށްގޮސް ދަރުކޮށައިގެން ގެނެސް ވިއްކާށެވެ. ފަނަރަ ދުވަސްފަހުން އަހުރެންގެ ގާތަށް އަންނާށެވެ.]
ސަލާންޖަހާމީހާ ކޯރާޑި ހިފައިގެން ހިނގައްޖެއެވެ. އޭނާގެ އާދަޔަކީ ކޮންމެ ދުވަހަކު ހެނދުނު ވަލުތެރެއަށްގޮސް ދަރުކޮށުމެވެ. ހަވީރު ރަށުތެރެއަށް އައިސް ދަރުވިއްކުމެވެ. ފަނަރަ ދުވަސްވުމުން އޭނާ އިތުރުސާހިބާގެ އަރިހަށް އައިއިރު ހުރީ ވަރަށް އުފާވެފައެވެ. އޭނާ ދެންނެވިއެވެ. [އަޅުގަނޑުގެ އަތުގައި ފަނަރަ ދިރުހަމު ޖަމާވެފައި އެބައޮތެވެ.] އިތުރުސާހިބާ ޙަދީޘްކުރެއްވިއެވެ. [މަސައްކަތް ކޮށްގެން އާމްދަނީ ހޯދުން ސަލާން ޖެހުމަށްވުރެ ހެޔޮކަންބޮޑެވެ.] (ތިރުމިޒީ)
ޚުދު އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمވެސް އެކަލޭގެފާނުގެ ދިރިއުޅުއްވުން އާރާސްތުކުރެއްވީ އަމިއްލަފުޅު މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކުރީކޮޅުގައި އުޖޫރަޔަށް ބަކަރި ހުއިހެއްޕެވިއެވެ. ޒުވާން ޢުމުރުފުޅުގައި ވިޔަފާރި ކުރެއްވިއެވެ. އެންމެ ފުރަތަމަ امّ المؤمنين السّيدة خديجة رضى اللّه عنهاގެ މުދަލުންނެވެ. އެކަލޭގެފާނުގެ މުދާ ޞަޙާބީންގެ ބައެއް ބޭކަލުންނާ ޙަވާލު ކުރައްވައިގެންވެސް ވިޔަފާރި ކުރެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ދުސްތޫރަކަށް ހައްދަވައިފައިވަނީ އިސްރާފުން އެއްކިބާވެވަޑައިގަތުމާއި ލިބިވަޑައިގަންނަވާ މިންވަރަކުން ދެކޮޅުޖެއްސެވުމާއި ފުއްދުންތެރިކަމެވެ.
މަދީނާގައި އާ ބާޒާރެއް އުފެއްދެވުން
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމަދީނާއަށް ހިޖްރަކުރެއްވިއިރު މަދީނާގެ ބާޒާރަށް ވެރިވެގެން ތިބީ މުޝްރިކުންނާއި ޔަހޫދީންނެވެ. ޔަހޫދީން ޤަބޫލުކުރާ ގޮތުގައި އެބައިމީހުން ނޫން އެހެން އެންމެންނަކީވެސް މަގުފުރެދިފައި ތިބި ބަޔެކެވެ. އެހެންކަމުން އެހެންމީހުންގެ ކިބައިން ހުއްދަނޫން ފައިދާ ލިބިގަތުން ހަމައެކަނި ޖާއިޒީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އެދެވިގެންވާ ރަނގަޅު ކަމެކެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޤަބޫލުކުރެއްވި ގޮތުގައި އިސްލާމީދައުލަތުގެ ސިޔާސީ އަމިއްލަވަންތަ ކަމާއި ދައުލަތުގެ ބާރުވެރިކަމާއި، އިސްތިޤްލާލަށްޓަކައި އިޤްތިޞާދީ ދުޅަހެއިކަމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އިންތިހާ ދަރަޖައިގެ މުހިންމު ކަމެކެވެ. އެހެންކަމުން މަދީނާގެ މުސްލިމުންނަށް އެބައިމީހުންގެ އަމިއްލަ އުޞޫލުތަކާ އެއްގޮތަށް އަމިއްލަޔަށް ވިޔަފާރި ކުރެވޭނެ މިނިވަން މުސްތަޤިއްލު ބާޒާރެއްގެ މުހިންމުކަން އެކަލޭގެފާނަށް އެންމެ ފުރަތަމަވެސް ވިސްނިވަޑައިގެންނެވިއެވެ. އެހެންކަމުން، މަދީނާގައި އޭރުއޮތް ބާޒާރާ މާދުރުނޫން ހިސާބެއްގައި ބާޒާރެއް އުފެއްދެވިއެވެ. މުސްލިމުންގެ މެދުގައި ފުރިހަމަ އިތުބާރު އުފެދި ވިޔަފާރީގެ އިސްލާމީ ނަޒަރިއްޔާތަކާއި ޙުކުމްތައް ފެތުރުއްވޭނެ ގޮތުންނެވެ.
އިތުރުސާހިބާ އަލަށް އުފެއްދެވި ބާޒާރުގެ ޙާލަތު ދިރާސާ ކުރެއްވުމަށްފަހު އެ ބާޒާރު އެހެން ދިމާޔަކަށް ބަދަލުކުރެއްވިއެވެ. މަދީނާގެ މެދުތެރެއިން ވާދީ ބަޠުޙާނުގެ މަރުކަޒީ ސަރަޙައްދުގެ މުހިންމު ތަނަކަށެވެ. އެތަނަކީ އަލްމަސްޖިދުއްނަބަވީއާ ވަރަށްކައިރި ތަނެކެވެ. ޔަހޫދީންގެ ބާޒާރާ ތަންކޮޅެއް ދުރު ތަނެކެވެ. ހަމައެއާއެކު ވިޔަފާރިވެރީންނާއި، ވިޔަފާރިކުރަންދާ މީހުން އެބާޒާރާމެދު ޝައުޤުވެރިވާފަދަ ފިޔަވަޅުފުޅުތަކެއް އެޅުއްވިއެވެ. މަދީނާގެ އާބާދީ، ކުރީގެ ބާޒާރު ދޫކޮށްލައި ނަބަވީ އާ ބާޒާރާ ދިމާޔަށް އެނބުރޭނެ ގޮތުންނެވެ. އެގޮތުން އެޅުއްވި ފިޔަވަޅުފުޅުތަކުގެ ތެރޭގައި އެ ބާޒާރުގައި ކުރެވޭ ވިޔަފާރީން އެއްވެސް ޓެކްހެއް ނުނެންގެވުމާއި ބޭނުން ކޮންމެ މީހަކަށް އެ ބާޒާރުގައި ވިޔަފާރި ކުރެވޭގޮތަށް ހުޅުއްވައިލެއްވުން ހިމެނެއެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއަކީ ތަޖުރިބާކާރު ވިޔަފާރިވެރިޔެކެވެ. އެކަލޭގެފާނުވަނީ ޢުކާޒުގެ ބާޒާރާއި ޛުލްމަޖާޒު ބާޒާރުގެ ހުރިހާ އަޑި އުސްކަމެއް ފިސާރި ރަނގަޅަށް ތަޖުރިބާ ކުރައްވައިފައެވެ. އުކާޒުގެ ބާޒާރަކީ، [ޑިއުޓީފްރީ] ބާޒާރެކެވެ. އެހެންކަމުން ޑިއުޓީއާނުލައި ވިޔަފާރިކުރުމަކީ ވިޔަފާރިވެރިންނަށާއި މުދާ ގަންނަ މީހުންނަށް މަންފާ އިތުރުވެފައި ފަސޭހަވާނެ ކަމެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ޔަހޫދީން އެބައިމީހުންގެ ބާޒާރުން ޓެކްސް ނަގައެވެ. ނަބަވީބާޒާރަކީ ޑިއުޓީފްރީ ބާޒާރަކަށް ހެއްދެވުމުން އެ ބާޒާރުގައި މުދަލުގެ އަގުހެޔޮވެ މަދީނާގެ ވިޔަފާރީގެ ސައިލު ނަބަވީބާޒާރާ ދިމާޔަށް ދެމިގަތެވެ.
ނަބަވީބާޒާރަށް ވިޔަފާރިވެރީންގެ އަތްގަދަކުރުން ހުއްޓުވުމަށްޓަކައި އެ ބާޒާރުގައި ވަކި މީހަކު ވަކިތަނެއް އެމީހަކަށް ޚާއްޞަކޮށްގަތުން މަނާކުރެއްވިއެވެ. ކޮންމެ ދުވަހަކުވެސް އެންމެކުރީން ބާޒާރަށް އަންނަ މީހަކު އެމީހަކު ބޭނުން ތަނެއްގައި ވިޔަފާރި އެޅުމުގެ ހުއްދަ ދެއްވިއެވެ. އިތުރުސާހިބާ صلّى اللّه عليه وسلّمގެ މި ފިޔަވަޅުފުޅުގެ ސަބަބުން އެކަލޭގެފާނުގެ ބާޒާރުގައި ހެނދުނު ފަތިހާ ވިޔަފާރި ހިނގައިގަންނަގޮތްވިއެވެ. އިތުރުސާހިބާ ހަމަޖައްސަވަމުން ގެންދެވީ ކޮންމެ ވިޔަފާރިވެރިޔަކަށްވެސް އެއްވެސް އިމްތިޔާޒެއްނެތި ވިޔަފާރީގެ ހުޅުވިފައިވާ އުޞޫލުން އެމީހެއްގެ ކުރިއެރުމާއި މަންފާ އިތުރުކުރެވޭ ގޮތަށެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއެކަލޭގެފާނުގެ ބާޒާރުގެ ކަންތައް ބެލެހެއްޓެވުމަށް އިނިސްޕެކްޓަރުން ޢައްޔަން ކުރެއްވިއެވެ. ބާޒާރުގައި ވިކެވޭ ތަކެތީގެ ބާވަތްތައް ބެއްލެވުމުގެ އިތުރަށް މިނެކިރާގޮތްވެސް އެ އިނިސްޕެކްޓަރުން ފުރިހަމަޔަށް ބެލެހެއްޓެވިއެވެ. ބާޒާރުގެ ކަންތައް ހިނގާނުހިނގާގޮތް ބެއްލެވުމަށްޓަކައި އަމިއްލަފުޅަށް ބާޒާރަށް ފައިންޕުޅުބީއްސެވުމަކީވެސް ކައުސާހިބާގެ އާދަފުޅެކެވެ. އެއްފަހަރަކު ގޮވާން ވިއްކާ މީހެއްގެ ގާތުން ލައްވައިފައި ވަޑައިގަންނަވަމުން އޭނާގެ ގޮވާން ބަސްތާތަކުގެ ތެރެއިން ބަސްތާއެއްގެ ތެރެއަށް އަތްޕުޅު ބޭނުއްވިއެވެ. އިތުރުސާހިބާއަށް އެނގިވަޑައިގަތީ އަޑީގައި ހުރި ގޮވާން ހުރީ ތެމިފައިކަމެވެ. އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. [މިއީ ކޮންކަމެއް ހެއްޔެވެ؟] ވިޔަފާރިވެރިޔާ ޖަވާބުއެރުވިއެވެ. [ވާރޭވެހިގެން ތެމުނީއެވެ.] އިތުރުސާހިބާ ޙަދީޘްކުރެއްވިއެވެ. [ތެމިފައިހުރި ގޮވާން މަތީގައި ނުބެހެއްޓީ ކީއްވެގެން ހެއްޔެވެ. އަހުރެމެންނަށް މަކަރުހަދާ މީހާއަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.]
ބާޒާރުގެ ކަންތައް ބެލެހެއްޓެވުމަށް އިތުރުސާހިބާ ހަމަޖެއްސެވި އިނިސްޕެކްޓަރުންގެ ތެރޭގައި ޞަޙާބީންގެ އިތުރަށް ޞަޙާބިއްޔާތުންވެސް ތިއްބެވިއެވެ. ބާޒާރުގެ ކަންތައް ބެލެހެއްޓެވުމަށް އިތުރުސާހިބާ ޢައްޔަން ކުރެއްވި ބޭކަލުންގެ ތެރޭގައި سعيد بن العاصއާއިعبد اللّه بن سعيدއާއިعمر بن الخطّاب (رضى اللّه عنهم)ހިމެނިވަޑައިގަންނަވައެވެ. ޞަޙާބިއްޔާތުންގެ ތެރޭގައި سمرة بنت محاربة رضى اللّه عنهاއާއި شفّاء بنت عبداللّه رضى اللّه عنهاހިމެނިވަޑައިގަންނަވައެވެ. ވިޔަފާރިވެރީންގެ ތެރޭގައިވެސް އަޞްޙާބު ބޭކަނބަލުން ތިއްބެވިއެވެ. އެބޭކަނބަލުންގެ ތެރޭގައި خولة بنت صويبއާއި مليكة أم سائبއާއި قيله النّمّاريّةހިމެނިވަޑައިގަންނަވައެވެ.
ނަބަވީމާކެޓުގެ ހިތްދަމައިގަތުމުގެ ބާރު އިތުރުކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ ފިޔަވަޅުފުޅުތައްވެސް އެޅުއްވިއެވެ.
· އެކި ބާވަތުގެ މުދާ ވިއްކުމަށް ބާޒާރުގެ އެކި ހިސާބުހިސާބު ޚާއްޞަކުރެއްވިއެވެ. މިސާލަކަށް ގޮވާން ވިއްކާ ބަޔާއި ފޮތި ވިއްކާ ބަޔާއި ނަޢަމުސޫފި ވިއްކާ ސަރަޙައްދުތައް ވަކިކުރެއްވިއެވެ.
· ބާޒާރުގެ ވިޔަފާރި އޮމާންކަމާއެކު ހިނގާނެގޮތް ރާއްވަވައި ސާފުތާހިރުކަމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ.
· ބާޒާރުގައި ވިޔަފާރިކުރާ ވިޔަފާރިވެރީންނާއި ބާޒާރުކުރަންދާ މީހުންވެސް ޤަވާޢިދުތަކަކަށް ތަބާވުން ލާޒިމުކުރެއްވިއެވެ. މިސާލަކަށް ބާޒާރަށް ވަނުމަށްފަހު އެމީހެއްގެ ހަތިޔާރު އެހެން މީހުނަށް ނުރައްކަލަކަށް ނުވަތަ އުނދަގުލަކަށް ނުވާގޮތަށް ތަނެއްގައި ބަހައްޓަން ހަމަޖެއްސެވިއެވެ. ބާޒާރުގައި މަގުމަގުމަތީގައި އިށީނދެތިބުން މަނާކުރެއްވިއެވެ.
· ވިޔަފާރި ގާފިލާތައް އައިސްގޮސްވާން ފަސޭހަކުރެއްވުމަށްޓަކައި ބާޒާރުގެ މަގުތަކުގައި އެކަށީގެންވާ ފުޅާމިނެއް ބަހައްޓަވާގޮތަށް ހަމަޖެއްސެވިއެވެ. މަގުތަކުގެ ޢާއްމު ފުޅާމިނެއް ކަމުގައި ހަމަޖެއްސެވީ މުދާއަރުވައި ބަރުކޮށްފައިވާ ދެ ޖަމަލަށް އެއްފަހަރާ ދެކޮޅުން ދެކޮޅަށް ދެވޭ ވަރެވެ. މިޒަމާނުގެ ހަތަރުލޭނުގެ މަގުތަކުގެ ޚިޔާލު ހޯދައިފައިވަނީ ކައުސާހިބާ صلّى اللّه عليه وسلّمގެ މި އިންތިޒާމުން ކަމުގައި ބެލެވެއެވެ.
އިތުރުސާހިބާގެ ބާޒާރާ ގުޅޭގޮތުން އިސްވެ ދެންނެވި އިންތިޒާމުތަކުގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދުގެ ހަމަތަކާއި ޤަވާޢިދުތައްވެސް އެކަށައެޅުއްވިއެވެ. (މި މަޒުމޫނަކީ ސީރަތުގެ މަޒުމޫނަކަށްވުރެ ބޮޑަށް ފިޤްހީ މުޢާމަލާތުތަކާބެހޭ މަޒުމޫނަކަށް ވެދާނެތީ އެބައި ދޫކޮށްލީއެވެ.)
ތިޔާގިކަން ދެއްވުން އެދިވަޑައިގެން ދުޢާކުރެއްވުން
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمކުރައްވާ ކޮންމެ ޢަމަލުފުޅެއްގައިވެސް އެކަލޭގެފާނު އެންމެބޮޑު އިތުބާރެއް ބަހައްޓަވަނީ އެކަލޭގެފާނަށް ނަޞްރުދެއްވާ ގަދަކީރިތިވަންތަ، ރަސްވަންތަ اللّه سبحانه وتعالىގެ ޙަޟްރަތުން ލިބިވަޑައިގަންނަވާ ހެޔޮ ތައުފީޤަށެވެ. އެކަލޭގެފާނު ނުހަނު ޙިކްމަތްތެރިކަމާއި، ދުރުވިސްނުންފުޅާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު އަރަހުށި މާތް اللّه ގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން އެކަލާނގެ ތައުފީޤަށް އެދި ދުޢާކުރައްވައެވެ. އެގޮތުން އުންމަތަށް ތިޔާގިކަމާއި ތަނަވަސްކަން ދެއްވުން އެދިވަޑައިގެންވެސް އެމާތް ސާހިބާ ދުޢާކުރެއްވިއެވެ. އިތުރުސާހިބާ صلّى اللّه عليه وسلّمމިގޮތުން ކުރެއްވި ދުޢާތަކުގެ ތެރޭގައި އަންނަނިވި ދުޢާތައް ހިމެނެއެވެ.
[اللّهُمَّ اكْفِنِى بِحَلاَلِكَ عَنْ حَرَامِكَ وَاغْنِنِى بِفَضْلِكَ عَمَّنْ سِوَاكَ]
[އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަރާމްކުރެއްވި ތަކެތީން މިއަޅާ ދުރުކުރައްވައި އިބަރަސްކަލާނގެ ޙަލާލުކުރެއްވި ތަކެތީން މިއަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން އިބަރަސްކަލާނގެ ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކުން މިއަޅާ އެއްކިބާ ކުރައްވައި މިއަޅާއަށް ފުދުންތެރިކަމާއި ތަނަވަސްކަން ދެއްވާނދޭވެ!]
އިތުރުސާހިބާ އުންމަތަށް ދަސްކޮށްދެއްވި އެހެން ދުޢާއެއްގައިވެއެވެ.
[اللّهُمَّ اَصْلِحْ لِى دُنْيَاىَ الَّتِى فِيْهَا مَعَاشِى وَاَصْلِحْ لِى آخِرَتِى الَّتِى فِيْهَا مَعَادِى]
[އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ދުނިޔޭގެ ކަންތައް ރަނގަޅު ކުރައްވާނދޭވެ. މިއަޅާގެ މަޢީޝަތުގެ ކަންތައްތައް ވަނީ އެދުނިޔޭގައެވެ. މިއަޅާގެ އާޚިރަތުގެ ކަންތައް ރަނގަޅު ކުރައްވާނދޭވެ. މިއަޅާ އެނބުރި ދިޔުން ވަނީ އާޚިރަތުގައެވެ.]
އިސްލާމްދީނުގައި އެންމެ ފުރަތަމަ ކުރެއްވުނު ހަނގުރާމަ ކަމުގައިވާ ބަދުރު ހަނގުރާމަޔަށް އިސްލާމީ ލަޝްކަރު ނިކުތުމުން އެލަޝްކަރުގެ ސަހަލުކަމާއި ހަނގުރާމައިގެ ހަތިޔާރު މަދުކަމާއެކުވެސް އެ ލަޝްކަރުގެ އަބްޠާލުންގެ ހިތްޕުޅުތަކުގައިވާ ދީނަށްޓަކައި ޤުރްބާންވެވަޑައިގަތުމުގެ ރޫޙު ފެނިވަޑައިގެންފައި އިތުރުސާހިބުގެ ހިތްޕުޅު ފުރިގެންއައެވެ. އެހިނދު އެކަލޭގެފާނު ދުޢާކުރެއްވިއެވެ.
[اللَّهُمَّ إِنَّهُمْ حُفَاةٌ فَاحْمِلْهُمْ، اللَّهُمَّ إِنَّهُمْ عُرَاةٌ فَاكْسُهُمْ اللَّهُمَّ إِنَّهُمْ جِيَاعٌ فَأَشْبِعْهُمْ]
(ޠަބަޤާތު އިބްނު ސަޢުދު: ޣަޒުވަތު ބަދުރު)
[އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުން ތިބީ ހުސްފަޔާއެވެ.(ފައިމަގުގައެވެ.) އެބައިމީހުންނަށް ސަވާރީ ދެއްވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުންގެ ހަށިތައް ވަނީ ނިވާނުކުރެވިއެވެ. އެބައިމީހުންނަށް އެކަށޭނަ ފޭރާން ދެއްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުން ވަނީ ބަނޑުހައިހޫނުކަމުގައެވެ. އެބައިމީހުންގެ ހައިހޫނުކަން ފިއްލަވާނދޭވެ!]
އަރަހުށި މާތްاللّه،މުއުމިނުން ދުޢާކުރަން އަންގަވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.
[رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ](سورة البقرة: 201)
[އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!]
ޝައްކެއްނެތެވެ. ކޮންމެ ކަމެއްގައިވެސް މުސްލިމުންގެ އެންމެ ޔަޤީންކަންބޮޑު ވަސީލަތަކީ މާތްاللّه އަށް ކުރެވޭ ދުޢާއެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. މުސްލިމުންގެ ކާމިޔާބީގެ ސިއްރަކީ ވަސީލަތްތަކުގައި ހިފެހެއްޓުމާއެކު ހިތުގެ ފުންމިނުން ކުރާ ދުޢާއެވެ. އެހެންކަމުން މުސްލިމުންގެ މަޢީޝަތުގެ ވަސީލަތްތައް ތަނަވަސް ކުރެއްވުމަށްޓަކައި އިސްލާމްދީނުގެނަބިއްޔާ ކުރެއްވި މަސައްކަތްޕުޅުގައިވެސް އެކަލޭގެފާނުގެ އެންމެބޮޑު ވަސީލަތަކީ ދުޢާކުރެއްވުމެވެ.
(ނުމިމޭ)