މިއީ ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު: ހޯމް މިނިސްޓަރ

މިވަގުތަކީ އަޅުގަނޑުމެންކުރެ މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ ފުރިހަމަކުރަންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ޝަހީދުންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ނޮވެލް ކޮރޯނާ ނުވަތަ ކޮވިޑް 19 ގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްޙަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ވަގުތެއް ކަމަށެވެ. މިހާލަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންގެންދާ ސިއްހީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުންއަންނަ ޤުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއް ކަމަށެވެ.

ކޮވިޑް-19 އަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާނުރައްކާތެރި ބަލިމަޑުކަމެއް ކަމަށާއި އެއާދެކޮޅަށް ރާއްޖެއިން ވެސް ވަނީ އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު އާންމު ސިއްހަތަށް ނުރައްކާވާ މިންވަރު ކުޑަކުރުމަށްޓަކައި އަޅާފިޔަވަޅުތަކާ ގުޅިގެން އިގްތިސާދު ހީނަރުވެ އާންމު ދިރިއުޅުން މަޑުޖެހެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީދު އަލިރަސްގެފާނު ދިވެހިންގެ ސަލާމަތަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ ޛިކުރާ މިއަދު އަޅުގަނޑުމެން އާކުރަމުންދާ ހިނދު، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޢާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށްލައިގެން ނިކުމެ ޤައުމީ ޚިދުމަތުގައި ސިއްހީ އެތައް ޚިދުމަތްތެރިންނެއް ގައުމުގެ އެކިކަންކޮޅުތަކުގައި ތިބިކަން މިއަދު ހަނދާން ކުރަންޖެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހުގެ ފުރަތަމަ ދުވަހެވެ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި، އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއްކަ ކައްތިރި ބަވަނަ މަހާރަދުންގެ އަގުހުރި ޤުރުބާނީ ގެ ހަނދާންތައް އާކުރާދުވަހެވެ. ނުވަތަ އެ ރަދުން ޝަހީދުވެ ވަޑައިގެނެވި ދުވަހެވެ.

މިނިސްޓަރގެ ޚިތާބުގައި ވިދާޅުވީ ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއްކަމުގައިވިޔަސް، ޤައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، ރާއްޖޭގައި ޤަރާރުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބާވެގެން މިތިބި އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ.  "މިދެނެންވި  އަސާސްތަކަށް ފަރުވާކުޑަކޮށް ދޫކޮށްލުމުން އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ނިކަމެތިކަމާއި ހިތްދަތިކަމަކީ އެދުވަހާ ވިދިގެން އެތައް ޒަމާނެއްވާންދެން ހިނގަމުންދިޔަ ހާދިސާތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ޢިބުރަތްތައް،" މިނިސްޓަރ ވިދާޅުވިއެވެ.

ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން ދަސްކޮށްދިން އަނެއް ފިލާވަޅަކީ ކިތަންމެ ބައިމަދު ކަމުގައިވިޔަސް ނުވަތަ ތިމާއެކަނި ހުންނަން ޖެހުނު ކަމުގައިވިޔަސް ޙައްޤުގޮތުގައި ސާބިތުވެހުރެ ތިމާގެ ވަޠަނާށް ޚިދުމަތްކުރުން މަތީ ދެމިހުންނަންޖެހޭކަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭ ކަން ވެސް އެދުވަހުން އެންގިގެންދާ ކަމަށް ވިދާޅުވިއެވެ.

"ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެނާ ކުރިމަތި ވެފައިމިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަން، ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަން. އަދި  ބައިބައިވުމާއި ފިތުނަފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން،" ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.