ހޯމް މިނިސްޓަރަށް ރައީސް ނަޝީދުގެ ޝުކުރު، ޑރ.ޝަޙީމްގެ ހިތްހަމަނުޖެހުން

ރައީސްޔާމީނާ ބެހޭގޮތުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފައިވާއިރު، އެންމެފަހުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު، ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ޝުކުރު އަދާ ކުރެއްވީ އަނިޔާވެރިކަމާއި ބަދަލު ހިފުން އިސްނުރައްވާތީއާއި، ޖަލުގައި ޙުކުމްތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީނަށް ޖަލުގައި ހަމަޖައްސަވައިފައިވާ އިންތިޒާމްތައްބަޔާންކޮށް، ހޯމްމިނިސްޓަރ މިއަދު ކުރައްވާފައިވާ ޓުވީޓަރ ގުޅިގެންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެފައި މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަމުންދާ މއ. ކާމިނީ ހުޅަނގުގޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙުކުމް ތަންފީޒުކުރަމުންދަނީ، ކުރީގެ ސަރުކާރުގައި ރައީސް ނަޝީދާއި ރައީސް މައުމޫނު ނުޙައްޤުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

ޑރ. ޝަހީމްގެ ހިތްހަމަނުޖެހުން ހޯމް މިނިސްޓަރާމެދު ފާޅުކުރެއްވީ ފާޅުކުރެއްވީ ހޯމްނިސްޓަރ ޢިމްރާންގެ ޓްވީޓްގައި ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސް އިތުރު ކުރައްވައިފައި ނުވާތީއެވެ.

ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫންގެ ނަންފުޅުގެ ކުރިއަށް ރައީސް އައިފަދައިން، ރައީސް ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސްގެ ލަޤަބު ނައީ ކީއްވެތޯ ޑރ. ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުންކަމަށާއި، ރައީސް ޔާމީން މިނިވަން ވާންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.