ކޮވިޑް-19: އައްޑޫ ސިޓީ ޑިސްއިންފެކްޓް ކުރަނީ

ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް އަޅާ ސާފުތާހިރު ކަމުގެ ފިޔަޅެއްގެ ގޮތުން އައްޑޫ ސިޓީ ޑިސްއިންފެންކްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ސިޓީ މޭޔަރު އަދި ކޮވިޑް-19 ގެ އައްޑޫ ޓާސްކްފޯހުގެ ޑެޕިޔުޓީޗެއަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެމަސައްކަތް ހަފްތާ ބަންދުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމަސައްކަތުގައި އަމަލީ ގޮތުން އުޅުއްވާނީ ފަޚުރުވެރި ދިވެހި ސިފައިންނެވެ. އެބޭކަލުންނަށް އެހީތެރިވާނީ ސިޓީކައުންސިލުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގެ ދަށުން ލިންކު ރޯޑާއި ހުރިހާ އަވަށްތަކުގެ ބަނދަރުތަކާއި، ލިންކްރޯޑާއި ގުޅިފައިވާ ބައެއް ތަންތަން ނުވަތަ ސަރަހައްދުތައް ވެސް ޑިސްއިންފެކްޓް ކުރާނެއެވެ.

އެ މަސައްކަތް ފެށުމުގެ ކުރިން ލިންކު ރޯޑުގައި ބަހައްޓާފައި ހުރި މީހުންގެ މުދާތައް ރައްކާ ތެރިކޮށް ސަލާމަތް ކުރުމަށް އެފަރާތްތަކަށް ކުރިން އަންގަވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މަސްކަނޑާ ގާޑިޔާތައް ވެސް އެތަނުން ނަގައި ރައްކާތެރި ތަނަކަށް ބަދަލު ކުރަންވާނެ ކަމަށް ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ އެތަންތަނުގައި މަސްކަޑައި ވިއްކުމުގެ ބަދަލުގައި މަސްކަނޑައިގެން ވިއްކަން ޖެހޭނީ ގޭގައެވެ. އެއީ މިދުވަސްވަރަށް ރައްކާތެރި ފިޔަވަޅެއް ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީގައި އޮޕަރޭޓްކުރާ ބަސްތަކާއި ފެރީތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރިއަށްދާ ކަމަށެވެ. "ކޮންމެ ބަހެއްވެސް ފެރީ އުޅަނދެއްވެސް ދަތުރު ނިންމާލާފައި ޑިސްއިންފެކްޓް ކުރާނެ،" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މާލެ ޑިސްއިންފެކްޓް ކުރުމުން އައްޑޫ ސިޓީ ޑިސްއިންފެކްޓް ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ސޯބެ ވިދާޅުވީ ޑިސްއިންފެކްޓް ކުރުމަށްވުރެ ވެސް އެންމެ މުހިންމީ ގޭގައި މަޑުކޮށްލުން ކަމަށެވެ.

"އެހެން ނޫނީ މިބަލި ބޮމެއްގޮވިހެން ގޮވާތަން ފެންނާނީ. ދުނިޔޭގެ ވަސީލަތްތައް ހުރި ގައުމުތަކުގައި ވެސް މިބަލި ފެތުރުމުން އެދަނީ ކޮންޓްރޯލް ނުކުރެވި ވަސީލަތްއް ހުސްކުރަމުން. ރާއްޖެ ފަދަ ސިއްހީ ވަސީލަތް މަދު ގައުމެއްގައި އެބަލި ފެތުރިއްޖެ ކަމަށްވާނަމަ އެކަންވެގެންދާނީ ބޮޑު ކާރިސާއަކަށް. އެހެންވީމާ ފަރުދީ ޒިންމާ އަދާ ކުރުމުގެ ގޮތުން އެންމެ އަމިއްލައަށް ކަރަންޓީނުވުން ވަރަށް މުހިންމު،" ސޯބެ ވިދާޅުވިއެވެ.

އައްޑުއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީއެވެ. އެހެންކަމުން މިބަލި އައްޑޫއިން ފެނިއްޖެ ކަމަށްވާނަމަ ފެތުރުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިވަގު އެންމެން ވެސް ގޭގައި ތިބުމަށްވުރެ މޮޅު އިތުރު ގޮތެއް ނެތްކަމަށް ސޯބެ ވިދާޅުވިއެވެ. އެންމެ މީހެއްގެ ފަރާތުން އެތައް ބަޔަކަށް ފެތުރިގެންދާ މިބައްޔަކީ އަދި ވެކްސިނެއް ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ބައްޔެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.