ޑީޖީގެ މެސެޖު: އެކަހެރި ކުރުމުން ދަތިވާނެ، އެކަމަކު ކެތްތެރި ކަމާއެކު މަޑުކޮށްލަ ދެއްވާ!

ޑިރެކްޓަރ ޖެނެރަލް (ޑީޖީ) އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ވަރަށް ޚާއްސަ މެސެޖެއް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް މިރޭ ރައްޔިތުންނަށް ރައްދު ކޮށްދެއްވައިފިއެވެ.

ޑީޖީގެ ފަރާތުން މަބުރޫކު މިރޭ ދެއްވި މެސެޖުގައި ވިދާޅުވެފައިވަނީ އައިސޮލޭޝަންގައި ނުވަތަ ކަރަންޓީން ފެސިލިޓީގައި ހުންނަ ޖެހުމަކީ ދަތިކަމެއް ކަމަށް ޑީޖީއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު އެ ދަތިކަންކަމަށް ކެތްކޮށްގެން އައިސޮލޭޝަންގައި ވިޔަސް ކަރަންޓީނުގައި ވިޔަސް ކެތްތެރިކަމާއެކު މަޑުކޮށްދެއްވުމަށް ޑީޖީ އިލްތިމާސް ކުރެއްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ އަމިއްލައަށް އައިސޮލޭޝަންގައި ހުންނަން ޖެހުނީމާ ނުވަތަ ކަރަންޓީން ފެސިލީޓިއަކަށް ދާންޖެހުނީމާ އެކަމުންވާނެ ދަތިކަން އެނގިވަޑައިގަންނަވާކަމަށް. އަދި އެދިމާވާ ދަތިތަކަށް ކެތްތެރި ވުމަށް އިލްތިމާސްކުރެއްވި،" މަބްރުކް ވިދާޅުވިއެވެ.

މިހާރުވެސް ބައެއް މީހުން ކަރަންޓިން ނުވަތަ އައިސޮލޭޝަން ފެސިލިޓީގައި ނުތިބޭން ވެގެން އެތަންތަނުން ނުކުމެގެން އުޅެމުންދެއެވެ. އެގޮތުން ފުލުހުން ވަނީ ބައެއް މީހުން އަތުލައި ބަންދުކޮށްފައެވެ.

ކަރަޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީގައި ތިބެން ޖެހުމަކީ މިވަގުތަށް ދަތިކަމަކަށް ވިޔަސް އެއީ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ޑީޖީއާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވިއެވެ. "މިކަމުގެ ސަބަބުން މިވަގުތު ދިމާވާ ދަތި އެއީ އަޅުގަނޑުމެންގެ މުސްތަގުބަލަށް ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަށާއި މިކަމުގައި ކެތްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް،" ޑީޖީ އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އެޗުޕީއޭގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ވެސް ޑީޖީ އެދިވަޑައިގެންނެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކިކަންކަމުގައި އެކިމީހުންނަށް އެޗުޕީއޭގެ ފަރާތުން އެކި އިރުޝާދު އަރުވަމުންގެންދަވާ ކަމަށާއި އެކަންކަމުގައި މިހާރުވެސް ލިބެމުންދާ އެއްބާރުލުމަށް ޑީޖީ ޝުކުރު އަދާކުރައްވާ ކަމަށް ވެސް މަބްރޫކް މިރޭ ވިދާޅުވިއެވެ.

"އެއާއެކީގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކުގައި އެބޭފުޅުންނާއެކު މަސައްކަތް ކޮށްދެއްވުމުގައި ކޮންމެ ބޭފުޅަކު ވެސް ހުންނަވައި ދެއްވުމަށް އެދިވަޑައިގެންނެވި. މާނައަކީ ކަންކަންވީމާ ރިޕޯޓު ކޮށްދިނުން، އެބޭފުޅުން އެދޭކަންކަން އެދޭގޮތަށް ކޮށްދެއްވުން. މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދަނެގެން މަސަކަތްކުރުން،" ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.