ކޮވިޑް-19 އަށް ޕޮސިޓިވް މީހުންގެ ތެރެއިން ދެމީހަކު ރަނގަޅު ވެއްޖެ

ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ޕޮސިޓިވްވި 13 މީހުންގެ ތެރެއިން ދެމީހަކު މިހާރުވަނީ ރަނގަޅުވެފައި ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އެ ދެމީހުންނަށް ފަސޭހަވުމުން އެމީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެމީހުން ދޫކުރުމަށްފަހު ވެސް ދުވަސްކޮޅަކު އައިސޯލޭޝަންގައި ބައިތިއްބަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިތުރުބަޔަކު ވެސް ކޮވިޑް-19 އަށް މިހާރު ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުން އަދި އިތުރަށް ޓެސްޓްކުރަންޖެހޭތީ އެމީހުންގެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެންދަނީ އުންމީދު ކުރިވަރަށްވުރެ ނިސްބަތުން މަޑުން ކަމަށެވެ. "ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނިސްބަތް ކުރިން އަޅުގަނޑުމެން އަންދާޒާކުރިވަރަށްވުރެ މަޑުންދާ ކަމަށް އަޅުގަނޑު ގަބޫލް ކުރަން. އަދި މިހާރުގެ އަންދާޒާތައް އަޅުގަނޑުމެން ދުވަހުންދުވަހަށް ކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ވެސް މައްޗަށް. އޭގެ ސަބަބުން އަޅުގަނޑުމެން މިއިން ރައްކާތެރިވުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާގެ ބަލި މީހުންނަށް އައިޖީއެމްއެޗުން ދެވުނުފަރުވާގެ ނަތީޖާއަކީ ފާހަގަކޮށްލަންޖެހޭނެ ނަތީޖާއެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މިކަމުގައި ސަރުކާރުގެ އިދާރާތަކުންނާއި ކަމާބެހޭ ހުރިހާ އިދާރާތަކުން ވަރުބަލިކަމެއްނެތި މުޅިގައުމު މިކަމުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތަކާއިގެން ކުރިއަދާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.