ކޮވިޑް-19: ހަމަނޭވާލައިގެން މަޑުން ތިބެވޭކަށެއްނެތް: ޑރ. ނަޒްލާ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހަކު އެބަލިން ފަސޭހަވުމަކީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު ހަމަޖެހިގެން ތިބެވޭ ވަރުގެ ކަމެއް ނޫންކަމަށް އެޗުޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ކޮވިޑް-19 އާ ބޭހޭ ގޮތުން ރާއްޖޭގޭ ހާލަތު ބަޔާން ކޮށްދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިކަން ހަމަޖެހުނީ ކަމަށް އަދި ބެލެވެންނެތް ކަމަށެވެ.

"މިކަމުގެ ނުރައްކާތެރިކަން ހުރި މިންވަރާއި މިބަލި ދުނިޔޭގައި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު އަދި އަޅުގަނޑުމެން ހަމަނޭވާ ލައިގެން މިކަން ހަމަޖެހުނީ ކަމަށްހީކޮށް މަޑުމަޑުން ތިބެވޭކަށެއްނެތް،" އޭނާ ވިދާޅުވިއެވެ. މިހާރުގެ ސްޓަޑީޒް ތަކާއި ތަޖުރިބާއަށް ބަލާއިރު އެބަލި ކޮންޓްރޯލް ކުރުމަށް ދެކަމެއް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހެދިފައިހުރި ސްޓަޑީޒް ތަކުން ވެސް ދައްކާ ގޮތުގައި އަދި އެހެން ގައުމަތަކުގެ ތަޖުރިބާއަށް ބަލާއިރު މިބަލި ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ދެކަމެއް އެބައޮވޭ. އެއް ކަމަކީ ބަލިޖެހިފައިތިބީ ކޮންބައެއްތޯ ބަލާ އެމީހުން ހޯދައި ޓެސްޓްކޮށް އެމީހުންގެ ކޮންޓެކްސްޓް ހޯދައި ކޮންޓެކްޓްސްތައް އައިސޮލޭޓް ކުރުން. އެކަމަކު ހަމައެކަނި މިކަމަކުން ބަލި ކޮންޓްރޯލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ބަލިޖެހިފައި ހުންނަ މީހާގެގައިން އެހެން މީހުންނަށް ބަލިޖެހުމުގެ ފުރަތު އޮންނަކަން މިހާރުވަނީ ލަފާކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މީހަކަށް ބަލިޖެހިފައިހުރިކަން އެނގޭއިރު އޭނާ ބައިވަރު ތަންތަނަށް ގޮސް އޭނާ އެހެން މީހުންނާއެކުގައި އުޅެފައި ހުރިކަމަށްވާނަމަ އިތުރު ބައިވަރު މީހުންނަށް އޯލްރެޑީ ފެތުރިފައި އޮންނާނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންވީމާ ސޯޝަލް ޑިސްޓެންސްގެ ކަންތައްތައް ކުރިން ފެށިގެން ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.