މެދުނުކެނޑި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެގޮތް ރާއްޖޭގައި އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައެވެ. އެމަނިކުފާނު ވިދާޅުވީ ޑަބްލިޔުއެޗުއޯއިން ރާއްޖެއަށް ހަދިޔާ ކުރެއްވި ޓެސްޓް ކިޓުތަކުގެ އިތުރުން އެހެން ކިޓުތަކެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން ވެސް އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ މި ކިޓްތައް ބޭނުން ކޮށްގެން ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރުމަށް އެކަށީގެންވާ ވަގުތު ނަގައެވެ. އެގޮތުން ނަތީޖާ ލިބޭނީ ޓެސްޓުކުރަން މެޝިނަށްލާތާ 6 ގަޑިއިރު ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ވަނީ އެތައްބަޔަކު ސްކްރީން ކޮށްފައެވެ. އެހެންނަމަވެސް ﷲގެ ރަޙުމަތްފުޅުން އެއްވެސް މީހަކު އަދި ޕޮޒިޓިވް ވެފައެއް ނުވެއެވެ. ސަރުކާރުން އަބަދުވެސް ބައްލަވާނީ އެންމެ ރަނގަޅު ފިޔަވަޅު އެންމެ އެކަށީގެންވާ ވަގުތުތަކުގައި އަޅުއްވައިގެން މިބަލި ރާއްޖެއާ ހަމައަށް ނާންނަ ގޮތެއް ހޯދޭތޯ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެބަލި ރާއްޖެއިން ފެނުނަސް މިހާރުވަނީ އެކަމަށް ވަރަށްބޮޑަށް ތައްޔާރުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.