ކޮވިޑް-19: ދައްކާ ވާހަކައާއި އަމަލު ދިމާ ކުރަންޖެހޭ: ޑރ. ނަޒުލާ

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން މުޅިި ގައުމު ލޮކްޑައުން ކުރަން ވަރަށްގިނަ މީހުން ގޮވި ކަމަށާއި، އެހެންމަވެސް އަދިވެސް މަގުތަކުން މީހުން މަދުނުވާކަމަށް އެޗުޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދަންވަރުގެ ވަގުތުތަކުގައި މާލޭގެ މަގުމަތިން ވެސް މީހުން މަދުނުވާކަން ރޭގައި ވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އަދާއިގެ ކަމެއްގެ ގޮތުގައި އަދިވެސް ބެލެންނެތް ކަމަށެވެ. އެއްކޭސް ދެ ކޭސް ފެނިފައި އެއްމަސް ދެ މަސް ފަހުން ކުއްލިއަކަށް ކޭސްތައް އިތުރުވެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިއަދުވެސް ރޭގައި ވެސް މާލޭގައި، ދުއްވާއެއްޗެހި ވަރަށް ވެސް ގިނަ ވަރަށް ކާރޫބާރު ވެސް ބޮޑު އިނގޭތޯ. އަޅުގަނޑުކަށް ނެގޭ ކިހިނެއްކަމެއް މިވަނީއެއް. ވަރަށްގިނަ ބޭފުޅުން ލޮކްޑައުންއަކަށް ނުގޮސްގެން ވަރަށްވާހަކަ ދައްކަވައި އަޑު އުފުއްލަވާނެ. އެކަމަކު ހުރިހާ ބޭފުޅުން މަގުމަތީގައި މިއުޅުއްވަނީ. ވިދާޅުވާ އެއްޗަކާ އަމަލަކާ ދިމައެއްނުވޭ،" ޑރ. ނަޒުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން އެވަނީ ބަލިޖެހުނު ތިން މީހަކު ބަލިން ރަނަގަޅުވުމަށްފަހު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވެ ދުވަސްކޮޅެއް ވުމުން ކަމަށް ވެދާނެ ކަމަށެވެ. "ފަހަރެއްގައި ވެދާނެ ތިން ކޭސް މިހާރު ރިކަވަރވެފައި ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ދުވަސްކޮޅެއްވީމާ ކުޑަކޮށް ހަމަޖެހި މިއީ ދެން މިކަމުން އަރައިގަނެވުނީމަށް އިހްސާސް ކުރެވެނީ ކަމަށް ބައެއް ބޭފުޅުންނަށް. އެކަމަކު މަބްރޫކު ވިދާޅުވިހެން އަދި އަޅުގަނޑުމެން މިއޮތީ އެހެންކަހަލަ ހާލަތެއްގައި. ކޮންމެ އިރަކު ވެސް އިތުރު މީހަކު ފެނުމުގެ ފުރުސަތު އޮންނާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.