އިޓަލީގެ ފަތުރުވެރިޔާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިން: ޕޮލިސް

ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އޭގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން "އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ 2020 މާރޗް 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރަން ފަށާފައިވާކަން ދަންނަވަން،" ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެމީހާ ރާއްޖެ އައިސްފައިވަނީ ހުސްވި ފެބުރުއަރީ 23 ގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ދުނިޔޭގައި ހަލުއިކަމާއެކު ކޮވިޑް 19 ފެތުރެމުންދަނިކޮށް ކަމަށް ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ.

މިމައްސަލަ ތަހުގީގުކުރަން ފުލުހުން ފެށީ ޕީޖީގެ އެންގެވުމަކަށް ޖިނާއީ ތަހުގީގެއްގެ ގޮތުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.