(21 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
"އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ތައާރަފެއް އަރުވާނަން. އަޅުގަނޑުގެ ނަމަކީ ޠާރިޤް ޒުބައިރް. މިއީ ސީތާރާމް. ދެން މިހިރީ ބީމް ސިންގ." އޭނާ ބައިވެރިން ތައާރަފްކޮށް ދިނެވެ.
"ވަރަށް އުފާވެއްޖެ. އަޅުގަނޑުގެ ނަމަކީ ޢަދްނާން އަޙްމަދު."
"ޢަދްނާން ނުދަންނަ މީހަކު ހުންނާނެތޯ؟ ތިޔައީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް އެނގޭ." ޠާރިޤް މަކަރުވެރި ގޮތަކަށް ހިނިތުންވެލިއެވެ. "އަޅުގަނޑުމެން ތިން މީހުންނަކީވެސް ވިޔަފާރިވެރިން. ކޮންމެ މީހެއްގެވެސް އަމިއްލަ ވިޔަފާރިއެއް އެބައޮތް. އެކަމަކު ކުރާ މަސައްކަތަކީ އެއް މަސައްކަތެއް. ވިޔަފާރިއަކީ އެއް ދާއިރާއެއްގެ ވިޔަފާރި."
"ވަރަށް ރަނގަޅު." ޢަދްނާން ބުންޏެވެ. އޭނާ އިންތިޒާރު ކުރަމުން ދަނީ އޭނާޔާ ގުޅޭ ވާހަކައެއް ދައްކާނޭ ވަގުތަކަށެވެ.
"އަޅުގަނޑުމެންގެ ވިޔަފާރިއާއި ޢަދްނާންގެ ވިޔަފާރިއާ އެއްގޮތް ކަމެއް އެބައޮތް. ޢަދްނާންގެ ވިޔަފާރިއެކޭ އެއްފަދައިން އަޅުގަނޑުމެންގެ ވިޔަފާރިއަކީވެސް ގާނޫނީ ވިޔަފާރިއެއް ނޫން. ހުއްދަ ވިޔަފާރިއެއް ނޫން."
ޢަދްނާން ލޯއަޅައިލިއެވެ. "ތިޔަ ހީފުޅުކުރެއްވީއަކީ ރަނގަޅަކަށް ނޫން. އަޅުގަނޑުގެ ވިޔަފާރިއަކީ ސައްތައިން ސައްތަ ހުއްދަ ވިޔަފާރިއެއް. ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ވިޔަފާރިއެއް."
"އަޅުގަނޑުމެންގެ ވިޔަފާރިވެސް ބޭރުފުށަށް ފެންނާނީ ހުއްދަ ވިޔަފާރިއެއްގެ ގޮތުގައި."
ގިނަ ވަގުތު ހޭދަވަމުން ދިޔަވަރަކަށް ޢަދްނާންގެ ނުރުހުންތެރިކަން ދިޔައީ އިތުރުވަމުންނެވެ. "ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑު މި ކުރާ ވިޔަފާރިއަކީ ކޮބައިތޯ؟"
"ވާރެޔާއި އަވިދޭ ސާފު ދުވަސް ވިއްކުމުގެ ވިޔަފާރި."
ހިނިތުންވެނުލައެއް ޢަދްނާނަކަށް ނުހުރެވުނެވެ. "މާނައަކީ އަޅުގަނޑު ކުރާ ވިޔަފާރިއަކީ އެއްވެސް އިންސާނެއްގެ އިޚްތިޔާރުގައި ނެތް ކަމެއްގެ ވިޔަފާރިއެކޭތޯ؟"
"އެއީ އިޚްތިޔާރުގައި އޮތް ކަމެއްކަން ޢަދްނާން ދައްކަވައިފީމު. ވިޔަފާރި ފުޅާވަމުން ދަނީ އެހެން ވެގެން ނޫންތޯ؟"
"އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުން ވަޑައިގެންނެވި ބޭނުންފުޅުގެ ވާހަކަ ދައްކަވާން ވެއްޖެހެން." ޢަދްނާން ހަރުކަށި ރާގަކަށް ބުނެލިއެވެ. "ތިޔަބޭފުޅުން ކުރައްވާ ވިޔަފާރިއަކީ ކޮބައިކަމެއް އަދި ވިދާާޅެއް ނުވަމެއް ނޫންތޯ؟"
"އަޅުގަނޑުމެންގެ ވިޔަފާރިއަކީ ހަރާދުކިޔުން. ބާޖުމެރުން." ޠާރިޤް ބުންޏެވެ. "ކުރުކޮށް ދަންނަވާނަމަ އަޅުގަނޑުމެންނަކީ ހުރިހައި ވައްތަރެއްގެ ހަރާދެއް ކިޔާ ބައެއް. ކުޅިވަރާއި މޫސުމާއި ވިޔަފާރިއާއި ސިޔާސީ ކަންތައްތަކާއި ދީނާއި ގުދުރަތީ ހާދިސާތަކަށް ދާންދެން އަޅުގަނޑުމެންގެ ވިޔަފާރީގެ ދާއިރާގައި ހިމެނޭ. މިއިން ކޮންމެ ކަމަކާ ގުޅިގެންވެސް ހަރާދުކިޔާން އަޅުގަނޑުމެން ތިބެނީ ތައްޔާރަށް."
ޢަދްނާނަށް ބާރަށް ހީނނުގަނެވުނީ ކިރިޔާއެވެ. އޭނާގެ ޚިޔާލަށް ކުއްލިއަކަށް އައީ ސުލައިމާނެވެ. "އަޅުގަނޑަށް ކޮށް ދެވޭނީ ކޮން ކަމެއްތޯ؟"
"މިހާރު އެ ކުޅޭ ޓެސްޓް މެޗުގެ ކަންތައް ދާގޮތް ޢަދްނާނަށް އެނގިވަޑައިގަންނަވާނެ. މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވާރެއެއް ނުވެހޭނެ. މޫސުން ރަނގަޅު ވާނެ. އެހެންވީމާ އިނގިރޭސި ޓީމު މި މެޗުން ބަލިވާނެކަން ޔަގީން."
"އާދެ."
"އެހެންވީމާ އަޅުގަނޑުމެން މި ގެންދަނީ ދެ ކަމަކަށް ހަރާދުކިޔަމުން." ޠާރިޤް ފަތަހައިގެ ރާގަކަށް ބުންޏެވެ. "އެއް ކަމަކީ އިނގިރޭސިން ބަލިވާނޭކަމުގެ ހަރާދު. ދެވަނައީ ކުރިއަށް އޮތް ދެދުވަހު ބޯކޮށް ވާރޭ ވެހޭނޭ ކަމުގެ ހަރާދު."
"އެކަމަކު ތިޔައީ ވާނޭ ކަމެއް ނޫނެއް ނޫންތޯ؟"
"ވިޔަފާރި ހިނގަނީ ވުން އެކަށީގެންނުވާ ކަންތައްތަކުން ނޫންތޯ؟" ޠާރިޤް ބުއްދިވެރި ވާހަކައެއް ބުނެލީކަން އަންގައިދޭ ކަހަލަ ގޮތަކަށް ބުންޏެވެ. "މިއީ ވަރަށް ގިނަ ފައިސާ ލިބޭނޭ ކަމެއް."
"ތިޔައީ ވާނޭ ކަމެއް ނޫންކަން ޔަގީން. އެހެންވީމާ ވާނީ ގެއްލުން."
"އަޅުގަނޑުމެންނަކީ ނުވާނޭ ކަންތައްތައް ވާނޭ ކަންތައްތަކަކަށް ބަދަލު ކުރުމުގެ ކުޅަދާނަކަން ލިބިފައި ތިބި ބަޔަކީމު. އަޅުގަނޑުމެންގެ ވިޔަފާރި ނުހުއްޓި ކުރިއަށް ދަނީ އެހެން ވެގެން. އަޅުގަނޑުމެންގެ ދެ ހަރާދަށް ބައްލަވައިލައްވާ. ހަގީގަތުގައި އެއީ ދެ ކަމެއް ނޫން. އެއް ކަމެއް. ވާރޭ ވެހިގެންފިނަމަ އިނގިރޭސިން ބައްޔެއް ނުވާނެ. އެހެންވީމާ ކުޅިބަލާ މީހުން ވަރަށް ޝައުގުވެރިވާ ކަމަކަށް ވާނެ."
"ވާރެޔާ ގުޅޭ ކަމެއްގައި ހަރާދުކިޔުއްވީ ކީއްވެގެންތޯ؟ ވާރޭ ނުވެހޭނޭކަން ޔަގީނެއް ނޫންތޯ؟"
"ޢަދްނާނާ ހަމައަށް އަޅުގަނޑުމެން މި އައީއެހެން ވެގެން ނޫންތޯ؟ އެކަމާ ހަރާދު ކިޔާފައި އެ އޮތީ ޢަދްނާނަށް ބުރަވެ ތިބެގެން." ޠާރިޤް ސީދާ ޢަދްނާންގެ ލޮލަށް ބަަލަހައްޓައިގެން ހުރެ ބުނެލިއެވެ. "ޢަދްނާނަށް ވާރޭ ވެއްސުވިދާނެ."
"ނަޢޫޛްބިއްލާހި... ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟ އެއީ ﷲ ފިޔަވައި އެހެން ފަރާތެއްގެ ބާރެއް ހިނގާ ކަމެއް ނޫން."
"ވިޔަފާރީގެ ދުނިޔޭގައި ކޮން ﷲ އެއްތޯ؟" ޠާރިޤް ބޮޑާކަމާއެކު ބުންޏެވެ. "ޢަދްނާނާ ބެހޭ ހުރިހައި ކަމެއް އަޅުގަނޑުމެންނަށް އެނގޭ. ވިމްބްލްޑަންއާއި އޮސްޓްރޭލިއާއާއި އެމެރިކާގައި ހިންގެވި ކާރުނާމާތައް ދެނަހުރިން. އެއިން ކޮންމެ ތަނަކުވެސް ސާބިތުވެފައި ވަނީ މޫސުމުގެ ތަޅުދަނޑި އޮތީ ޢަދްނާންގެ އަތްޕުޅުގައިކަން."
"އަޅުގަނޑަކީ ޖާދޫގަރަކީމެއް ނޫން." ޢަދްނާން ފުން ނޭވައެއް ލިއެވެ. "ﷲ އަޅުގަނޑަށް ހަވަނަ ހިއްސެއް ނުވަތަ ބުއްދިއެއް ދެއްވާފައިވޭ. އެޔަކަށްވުރެ ބޮޑު ބާރެއް ދެއްވައިފައެއް ނެތް. ވާރޭ ވެހޭ ކަމަށް ވަންޏާ އަޅުގަނޑަށް އެނގެނީ އެ ހިއްސުގެ ސަބަބުން."
"އެކަމަކު ވިމްބްލްޑަންގައި ކަންތައް ވީއަކީ އެހެންނެއްނޫން. ވާރޭ ނުވެހޭނޭ ދުވަސްތަކެއްގައި ވާރޭ ވެހޭނޭ ގޮތް ހައްދަވައިގެން މުބާރާތުގެ އިންތިޒާމީން ކުޑަކަކޫމައްޗަށް ތިރިކުރެއްވީ ޢަދްނާނެއް ނޫންތޯ؟" ފުރަތަމަ ފަހަރަށް ސީތާރާމް ވާހަކަދެއްކިއެވެ.
ޢަދްނާން ހުރީ އެ ވާހަކައަށް ތައްޔާރު ވެގެންނެވެ. "ދެންމެ މި ދެންނެވިހެން އަޅުގަނޑު ހަވަނަ ހިއްސުގެ ބޭނުން ކުރީ. މޫސުމާ ބެހޭ އިދާރާއިން ބުނެފައި އޮތީ ވާރެއެއް ނުވެހޭނެއޭ. އެކަމަކު އޭރުވެސް އަޅުގަނޑުގެ ހަވަނަ ހިއްސު ބުނަމުން އައީ ވާރޭ ވެހޭނެއޭ. އެހެންވީމާ މޫސުުގެ ރައްކާތެރިކަން ދީފާނަމޭ އަޅުގަނޑު ބުނީ. އޭނާ ދެކޮޅު ހެދީ. އަޅުގަނޑު ހަވަނަ ހިއްސަށް އިތުބާރު ކޮށްގެން އޭނާއަށް ޝަރުތު ހުށަހެޅީ. ދެ ދުވަހު ބޯކޮށް ވާރޭ ވެހިއްޖެއްޔާ އޭނާ އަޅުގަނޑާ ހަމައަށް އަންނާނޭކަން އެނގޭ. ކަންތައްވީވެސް އެހެން."
"ޢަދްނާންގެ ހަވަނަ ހިއްސު މިހާރު ވީ ޗުއްޓީގައިތޯ؟ ކުރިއަށް އޮތް ދެ ދުވަހު ވާރޭ ވެހުމުގެ އެއްވެސް ފުރުސަތެއް ނެތްތޯ؟" ޠާރިޤް އަހައިލިއެވެ.
"އާދެ. ނުވެހޭނެ."
"ޢަދްނާނަކަށް ވާރޭ ނުވެއްސުވޭނެތޯ؟" ބީމް ސިންގ އަހައިލިއެވެ.
"ކުރިންވެސް އެހެން ދަންނަވައިފިން."
ތިން މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށް ފަހު ތެދުވެއްޖެއެވެ. "މާފު ކުރައްވާ. އަޅުގަނޑުމެންނަށް ޢަދްނާންގެ އަގުހުރި ވަގުތުތައް ނަގައިލެވުނީ."
ތިން މީހުން ޢަދްނާނާ ސަލާންކޮށްލުމަށްފަހު ނުކުންނާން ހިނގައިގެންފިއެވެ. އެވަގުތު ޢަދްނާން ގޮވައިލިއެވެ. "ބައްލަވާ..."
ތިން މީހުން އެކީގައި އެނބުރިލިއެވެ. "އަހާނ... އަޅުގަނޑުމެން އެއްވެސް އަގެއް ހުށައެއް ނާޅަމު ދޮގެއްތޯ؟ އަޅުގަނޑުމެން އެދޭ ކަންތަކުގެ ބަދަލުގައި ޢަދްނާން ވިދާޅުވާ އަގެއް އަރުވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
އެމީހުންނަށް އެހީވީ ޢަދްނާން ވިސްނި ގޮތަށެވެ. އެމީހުން ހީކުރީ ޢަދްނާން ގޮވައިލީ އަގުގެ ވާހަކަ ދައްކާން ކަމަށެވެ. "ނޫނޭ.... ތިޔަ ހީފުޅު ކުރެއްވީއަކީ ރަނގަޅަކަށް ނޫން. އަޅުގަނޑަކީ ވިޔަފާރިވެރިއަކީން. ތިޔަ ވިދާޅުވާ ކަމަކީ އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނަމަ އަގުގެ ވާހަކަ ދެއްކީމުސް."
"އެހެން ވެއްޖެއްޔާ..؟" ޠާރިޤް ސުވާލު ކޮށްލިއެވެ. އޭނާގެ ދެ ބައިވެރިންގެ މޫނުމަތީންވެސް ފެންނަނީ ހަމަ އެ ސުވާލެވެ.
"އަޅުގަނޑަކަށް މި ސުވާލުގެ ކުރުމުގެ ހައްގެއް ނެތް. އެކަމަކުވެސް ތިޔަ ބޭފުޅުން ދެން ހައްދަވާނީ ކިހިނެއްތޯ އަހައިލާ ހިތްވީ. ވާރޭ ނުވެހިއްޖެއްޔާ ވަރަށް ބޮޑު ގެއްލުމެއް ވާނެއެއް ނޫންތޯ؟"
"މާ ބޮޑު ގެއްލުމެއް ނުވާނެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ދުރަށް ވިސްނާފައި."
ޢަދްނާން ސުވާލުގެ ނަޒަރަކުން އެމީހުންނާ ދިމާއަށް ބަލައިލިއެވެ.
"ޢަދްނާނަށް ދެންނެވުމަކުން ވާނޭ ގެއްލުމެއް ނެތް. ވާރޭ ނުވެހުނީމާ ވާނޭ ގެއްލުން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން އެއަށްވުރެ މާ ބޮޑު ކަމަކަށް ހަރާދު ކިޔާނީ. އެކަން ފެންނާނީ ނާމުމްކިން ކަމެއްގެ ގޮތުގައި."
"މިސާލަކަށް؟"
ޠްރިޤް ހީނގަތެވެ. "އަޅުގަނޑުމެން ދެން ކިޔާނީ އިނގިރޭސިން މި މެޗުން މޮޅުވާނެއޭ. ނުވަދިހަނުވަ އިންސައްތަ މީހުން މި ވާހަކަޔާ ދެކޮޅު ހަދާނެ. އިނގިރޭސިން މޮޅުވީމާ އަޅުގަނޑުމެންނާ ދިމާއަށް ފައިސާ އޮހޭނެ."
ޢަދްނާން ހައިރާންވިއެވެ. "އެކަމަކު އެއީ ވާނޭ ކަމެއް ނޫން."
"ނުވާނޭ އެއްވެސް ކަމެއް ނޯންނާނެ. ބައްލަވާން ހުންނަވާ."
"އެއީ ކިހިނެއްތޯ؟"
"މާފު ކުރައްވާ. އެއީ ވިޔަފާރީގެ ސިއްރެއް."
އެ ތިން މީހުން މީހުން ދިޔައީމާ ޢަދްނާން ބޮލުގައި ދެ އަތުން ހިފަހައްޓައިގެން އިށީނދެއްޖެއެވެ.
މިއަދަކީ އާދަޔާ ޚިލާފު ދުވަހެކެވެ.
* * *
ޢަދްނާާނާ ވާހަކަ ދެއްކުމަށް ފަހު ސުލައިމާން ފަރްޒާނާގެ ނަންބަރަށް ގުޅޭތޯ މަސައްކަތެއް ނުކުރެއެވެ. ރުޅިއާއި ކަންބޮޑުވުމުގެ ސަބަބުން އޭނާއަކަށް ހަމަމަަގަށް ވިސްނޭ ގޮތެއްވެސް ނުވެއެވެ. މީގެ އިތުރަށް ސިކުނޑިއަށް ނާއުއްމީދުގެ އަސަރުތައްވެސް ވަނީ ވެރިވެފައެވެ. މީގެ ކުރީން ދުވަހަކުވެސް ވަކި މީހެއްގެ މުހިއްމުކަން މިހައި ބޮޑަށް ފާހަގަ ކުރެވިފައެއް ނެތެވެ. ވަކި މީހަކަށް މިހައި ބޮޑަށް އެދެވުނު ދުވަހެއްވެސް ނާދެއެވެ. އެކަމަކު މާ ބޮޑަށް ލަސް ކުރެވުނީއޭވެސް ހިތަށް އަރާން ފަށައިފިއެވެ.
ނިންޖެއް ނާދެއެވެ. ބާރަ ޖަހަނީއެވެ. އޭނާ އަނެއްކާވެސް ފަރުޒާނާގެ ނަންބަރަށް ގުޅައިލިއެވެ. މި ފަހަރު ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. އޭނާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ތިންވަނަ ރަނގަބީލާއެކު ފޯނު ނަގައިފިއެވެ. "އައްސަލާމް ޢަލައިކުމް ސުލައިމާން. ކިހިނެއް ހާލު؟" އަނެއްކޮޅުން އިވުނީ ފަރްޒާނާގެ އަޑެވެ.
(ނުނިމޭ)
Good luck Sulaimaan
ހާދަ ދެރައޭ ފަރުޒާނާއާ ގުޅުނު ތަނުން މި ނިމުނީ. ދެން އޮތް ބަޔަށް އިންތިޒާރު ކުރެވެނީ