(7 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
ސުލައިމާން ލަފާކުރި ގޮތަށް ކަންތައް ވާކަށް ލަހެއް ނުވިއެވެ.
ރިޟްވާން އޮފީހަށް ނުކުންނާން ފަށައިފިއެވެ. އެކަމަކު އޭނާއަށް އައިސްފައި ހުރި ބަދަލުގެ ސަބަބުން ހައިރާންވީ އޭނާގެ އެކުވެރިން އެކަންޏެއް ނޫނެވެ. އޮފީހުގެ އެންމެން ތިބީ ހައިރާން ވެފައެވެ. އެހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްވެސް މީހަކަށް އެފަދަ ބޮޑު ބަދަލެއް އަތުވެދާނޭ ކަމަކަށް އެކަކުވެސް ހިއެއް ނުކުރެއެވެ. އޭނާގެ ކިބައިން އިހަށް ފެނުނު ރަނގަޅު ސިފަތައް އޭގެ އިދިކޮޅަށް ބަދަލުވާން ފަށައިފިއެވެ. ނަމާދެއް އެއް ގޮތަކަށްވެސް ނުކުރެއެވެ. އެއްވެސް ޖެހިލުމެއް ނެތި ރިޝްވަތު ހިފާން ފަށައިފިއެވެ. މިޒާޖަށްވެސް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އޭނާގެ ކިބައިން މިހާރު ފެންނަނީ ބޮޑާކަމެވެ. ރިޝްވަތުގެ ކަންތައް ކުރިއަށް ގެންދިޔަ ވަރު ނިކަން ބައްލަވާށެވެ. މީސްމީހުންގެ ފަހަތުން ރިޝްވަތަށް އެދި އޭނާގެ އެޖެންޓުން ފޮނުވާން ފަށައިފިއެވެ.
އޮފީހުގައި މިހާރު ގިނައިން ދެކެވެނީ ރިޟްވާންގެ ވާހަކައެވެ. ރިޟްވާނަށް އައި ބަދަލުގެ ސަބަބުން ހައިރާންވުމުގެ އިތުރަށް ސުލައިމާންގެ ހިތަށް ވަރަށް ހިތި އަސަރެއްވެސް ކޮށްފިއެވެ. ރިޟްވާނާ ގުޅުވައިގެން އޮފީހުގައި އެކި ކަހަލަ ވާހަކަ ދެކެވުނީމާ އޭނާ ނުރުހުންވެއެވެ. ރިޟްވާންގެ ދިފާއުގައި ކުރެވޭނޭ ކަމެއް ނެތް ހާލު މީހުން ދައްކާ ތެދު ވާހަކަޔާ ދެކޮޅު ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އެހެންވީމާ ހިތި ކޯވަރެއް ބޮއިލައިގެން ހިމޭނުން ހުންނަނީއެވެ. އެކަމަކު ރިޟްވާން ދެކެ ވަރަށް ބޮޑަށް ރުޅިވެސް އަންނާން ފަށައިފިއެވެ.
އެއް ދުވަހަކު ކެތް ނުކުރެވިގެން އޭނާ ރިޟްވާނާ ސުވާލު ކުރިއެވެ. "ކަލެއަށް ވެގެން ތިޔަ އުޅެނީ ކީއްތަ؟"
"ކިހިނެއްވީ؟" ރިޟްވާން ސީދާ އޭނާގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ.
"އަހަރެން މި އަހަނީ ކީކޭކަން ކަލެއަށް އެނގޭނެ."
"ސީދަލަށް ވާހަކަ ދައްކާ. އަރަތް ކިޔަކަސް އަހަންނަކަށް ނޭނގޭނެ."
ރިޟްވާންގެ ވާހަކައިގެ ރާގާއި އަޑުގައި ހުރި ހަރުކަށިކަމާއި ނަޒަރުގައި ހުރި ކިބުރުވެރިކަން އެއީ ސުލައިމާން މީގެ ކުރިން ތަޖުރިބާ ކޮށްފައި ނެތް ކަންތައްތަކެކެވެ. މީގެ ކުރިން ރިޟްވާން އޭނާ ދެކެ ބިރުގަނެއެވެ. މިހާރު ހީވަނީ ހިކަންޖެއްގެ ކުރިމަތީގައި މިނިކާވަގެއް އޮވެގެން ކަޅިއަޅަނީ ހެންނެވެ. "ކަލޭ މިހާރު ރިޝްވަތު ހިފަންވެސް ފެށީތަ؟" ރިޟްވާންގެ ރަވައްޔާއާ މެދު ފަރުވާލެއް ނުބަހައްޓައި އޭނާ އަހައިލިއެވެ.
"މަޖުބޫރުވީ. ކާވެނީގެ ފަހުން ލިބޭ މުސާރައަކުން ނުފުދޭ." ރިޟްވާން ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.
"މީހުނާ އިނދެގެން ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ މީހުން ވަރަށް ގިނަ."
"ރިޝްވަތު ހިފާ މީހުން ތިޔަ ބުނާ މީހުންނަށްވުރެ ސަތޭކަ ގުނަ ގިނަ."
ސުލައިމާން ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެއީ މީގެ ކުރީން އެކަހަލަ ވާހަކަ ދައްކައި އުޅުނު މީހެއް ނޫނެވެ. "އެކުވެރިޔާ. އަހަރެންގެ ބަސް އަހާ. ތިޔަކަން ހުއްޓައިލާ. އެއީ ހަރާން ކަމެއްކަން އަހަންނަށްވުރެ މާ ބޮޑަށް ކަލެއަށް އެނގޭނެ."
"އަހަރެންގެ ސުވާލަކަށް ޖަވާބު ދީބަލަ." ރިޟްވާން އަނެއްކާވެސް ސީދާ ސުލައިމާނުގެ ލޮލަށް ކަޅި ހުއްޓައިލިއެވެ. "ކަލޭ ދުވާލަކު އެތައް ސަތޭކަ ހަރާން ކަމެއް ކުރަމުން އައި އިރު އަހަރެން ދުވަހަކުވެސް ކަލޭ ހުއްޓުވާން އުޅުނިންތަ؟"
"އެކުވެރިއަކަށްވެ ހުރެ ހުއްޓުވާން ނޫޅުނުކަން އެއީ ނުބައިކޮށް ކަލޭ ކުރިކަމެއް. އަހަރެން ކަލޭ ހުއްޓުވާން މި އުޅެނީ އެކުވެރިއެއްގެ ގޮތުގައި ކަލޭ ދެކެ ލޯބިވާތީ. އަހަރެން ކަހަލަ ވިޔާނުދާ މީހަކަށް ކަލޭ ކަހަލަ ހެޔޮލަފާ އެކުވެރިއަކު ލިބުނީތީ އަހަރެން ފަޚުރުވެރިވިން. ކަލޭ ނުބައި މަގުން ހިނގާތަން ފެނުނީމާ އަހަންނަށް އުނދަގޫވޭ. ދެރަވޭ. ކަލޭ އަހަރެން ދެކެ އެކަހަލަ ލޯތްބެއް ނުވީތީވެސް ދެރަވޭ."
"އަހަރެން ތިޔަ ކަހަލަ ލޯތްބެއް ބޭނުމެއް ނޫން. އަހަންނަކީ ހެޔޮ ނުބައި ނުދަންނަ ޅަ ކުއްޖަކީމެއް ނޫން. އަހަރެން ކަންތައް ކުރާން ޖެހޭ ރަނގަޅު ގޮތަކީ ކޮބައިކަމާއި ކޮށްގެން ނުވާނެ ނުބައި ގޮތަކީ ކޮބައިކަން އަހަންނަށް ރަނގަޅަށް އެނގޭ. ކަލޭގެ ނަސޭހަތެއް ބޭނުމެއް ނޫން." ރިޟްވާން ކިބުރުވެރިކަމާއެކު ބުނެލިއެވެ.
"ކަލޭ މިހާރަކު ނަމާދެއްވެސް ނުކުރަމެއްނު؟"
"އަހަރެން ނަމާދު ކުރޭތޯ ނުކުރޭތޯ ބެލުމަކީ ކަލޭގެ ކަމެއް ނޫން. އެއީ އަހަރެންގެ ޒާތީ ކަމެއް. ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީ ވާނީ އަހަރެން."
ސުލައިމާން އަނގަޔަކުން ނުބުންޏެވެ.
އާދައިގެ މަތީން ޢަދްނާން ހިމޭނުން އަޑު އަހާން އިނީއެވެ. ރިޟްވާން ދުރަށް ދިޔައީމާ އޭނާ ބުންޏެވެ. "އަޅާނުލާާ. އޭނާ އުޅޭނޭ ގޮތަކަށް އުޅޭން ދޫކޮށްލާ. މިހާރު އެ ހުންނަނީއަކީ ހަމަޔަކު ނޫން."
"އެހެންވީމައޭ އަހަންނަށް އޭނާ ދޫކޮށް ނުލެވިގެން މި އުޅެނީ." ސުލައިމާން ހިތާމަޔާއެކު ބުނެލިއެވެ. "އަހަރެން ބުނީމެއްނު އެ..."
"އަހަރެން ހަނދާން އެބަހުރި. ކަލޭ ދެއްކި ހުރިހައި ވާހަކައެއް ތެދު. ބުނި ގޮތަށް ވަމުން މި ދަނީ."
ދުވަސްތައް ފާއިތުވަމުން އޮވެގެން ދެއެވެ. ރިޟްވާންގެ ޚަސީލަތާއި އުޅުން ދިޔައީ ނުބައިން ނުބަޔަށް ބަދަލު ވަމުންނެވެ. ސުލައިމާނާ ހެދި ނޫން ނަމަ ޢަދްނާން މިހާރަކު އޭނާޔާ ވާހަކައެއްވެސް ނުދެއްކީހެވެ. ހުރިހައި ގުޅުމެއް ކަނޑައިލީހެވެ. ސުލައިމާން ބުނާ ގޮތުގައި މިއީ ރިޟްވާނަށް ކުރިމަތިވެފައިވާ ނުބައި، ސުންޕާ ދުވަސްކޮޅެކެވެ. ދެރަ ހާލަތެއްގައި އެކުވެރިޔަކު ކަނޑުވާން ދޫކޮށްލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.
ސުލައިމާން އެންމެ ކަންބޮޑުވާ އެއް ކަމަކީ ރިޟްވާން ރިޝްވަތުގައި ހިފާ މިންވަރެވެ. ރިޝްވަތުގެ ސަބަބުން އެހެން ކަމެއްވެސް ދަނީ ކުރަމުންނެވެ. އެއީ ދަރަންޏަށް ތަކެއްޗާއި ފައިސާ ނެގުމެވެ. މިހާރުވެސް އޭނާ އެހެރީ ނޭފަތު ކުރިއަށް އަރައިފައެވެ. ފަހުން ވާނޭ ގޮތަކާ މެދު ވިސްނާ ވަރަކަށް ސުލައިމާނުގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ.
އެ ދެމީހުން ހަފުތާއަކު ދެތިން ފަހަރު ރިޟްވާންގެ ގެއަށް ދެއެވެ. އެކަމަކު މާ ގިނަ އިރަކު މަޑެއް ނުކުރެއެވެ. ހަފުތާ ބަންދު ނުވަތަ ޗުއްޓީ ދުވަހަކާ ދިމާވެއްޖެ ނަމަ އެމީހުން ނައިސްގެން ސަގީލާ ވަރަށް ޝަކުވާ ކުރެއެވެ. އެކަމަކު ރިޟްވާންގެ ކަންތައް ހުންނަ ގޮތުން އެމީހުން އައުމަކީ އޭނާ އެހައި ރުހޭ ކަމެއް ނޫންކަން އެނގެއެވެ.
"އޭތް... ސަގީލާ ފަހަރި ކަލެއަށް ހާދަހާ ހެވޭ ދޯ؟" އެއް ދުވަހަކު ޢަދްނާން ސުލައިމާނާ ދިމާއަށް ބުނެލިއެވެ. "ނުރައްކާތެރި..."
"އެންމެ ކުޑަ މިހުން އަހަރެންގެ ކުރިމަތީގައި އޭނާއަށް ފަހަރިއޭ ނުކިޔާ." ސުލައިމާން ތުން އަނބުރައިލިއެވެ. "އޭނާގެ އުޅުމާ ބެހޭ ގޮތުން މީގެ ކުރީން އަހަރެން އޮންނާނީ ވާހަކަ ދައްކާފައި."
"އަހަރެން ހަނދާން އެބަހުރި. މިހާރު ގަބޫލުވެސް އެބަ ކުރެވޭ."
"ހަރާދު ކިޔަން އަހަރެން މިހާރުވެސް ތައްޔާރު."
"އަހަރެން ބިރު ގަންނަ ކަމަކީ ތިޔައީ." ޢަދްނާން ހިނިތުންވެލިއެވެ.
* * *
ރިޟްވާން މިހާރަކަށް އައިސް އަބަދުވެސް ހުންނަނީ ކަންބޮޑުވެ ބިރުގެންފައެވެ. ފާއިތު ވެގެން ދިޔަ ތިން މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ ވަނީ ހިތް ފުރޭ ވަރަށް ރިޝްވަތު ހިފައިފައެވެ. އެޔާއެކު ދަރަނީގެ ކަނޑަކަށް ޣަރަގުވެސް ވެފައެވެ. ލިބޭހައި ފައިސާއަކަށް ކުރާ ކަމަކީ ސަގީލާއަށް އަގުބޮޑު ގަހަނާއާއި ހަދިޔާ ގަނެދިނުމެވެ. އެކަމަކު އެ ތަކެތީގެ ބަދަލުގައި އިނާމަކަށް ލިބެނީ އޭނާގެ މާލީ ނުކުޅެދުންތެރިކަމުގެ އިހުސާސެވެ. މީގެ ކުރީން އެއަށްވުރެ މާ އަގުބޮޑު ގަހަނާގެ ބޭނުން ކޮށްފައިވާ ކަމަށް ސަގީލާ ނުބުނާ އެންމެ ފަހަރެއްވެސް ނުދެއެވެ.
އެ ދުވަސްވަރު އެއް ދުވަހަކު ވަގުތު ހޯދައިގެން ރިޟްވާން އަނެއްކާވެސް ކާވެނީގެ ވާހަކަ ދައްކައިފިއެވެ. "މިހާރު އަހަރެންގެ އާމްދަނީވެސް އެތައް ގުނައެއް އިތުރު ވެއްޖެ." އޭނާ ކާވެންޏަށް އެދެމުން ބުނެލިއެވެ.
"އިތުރުވީ ކިހައި ވަރެކޯ؟" ސަގީލާ ފަރުވާ ކުޑަ ގޮތަކަށް އަހައިލިއެވެ.
"މިހާރު ތިރީހަކަށް ހާސް ލިބޭ." ރިޟްވާން ލިބޭ ވަރަށްވުރެވެސް ބޮޑު އަދަދެއް ބުނެލިއެވެ. އޭނާ ބޭނުން ވަނީ ސަގީލާ ކާވެންޏަށް އެއްބަސް ވާނޭ ގޮތް ހަދާށެވެ.
"އެއީ މާ ބޮޑު އެއްޗެއްތަ؟" ސަގީލާ މަލާމާތް ކޮށްލިއެވެ.
"އާނ. އެއީ ވަރަށް ބޮޑު އެއްޗެއް. އެ ފައިސާއިން އެތައް ކަމެއް ކުރެވޭނެ."
"އެއްވެސް ކަމެއް ނުކުރެވޭނެ. ތިޔަވަރަކުން ގެއެއް ނުގަނެވޭނެ. ކާރެއް ނުގަނެވޭނެ. މިގެޔަކު އެންމެ ކުޑަމިނުން ކުލަ ޓީވީގަނޑެއްހައި ހިސާބުވެސް ނެތް."
"ހުރިހައި އެއްޗެއް ގަނެވޭނެ."
"ގަނެވުނީމާ ކާވެނީގެ ވާހަކަ ދައްކާނީ."
"އެކަމަކު އަހަރެން ބޭނުންވަނީ..."
"އަދި އަހަރެން ކާވެންޏެއް ނުކުރާނަން." ސަގީލާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އެކަމަކު ރިޟްވާން ބޭނުމިއްޔާ މިގެއިން ނުކުމެގެން ދެވިދާނެ."
"ނޫނޭ... ނޫނޭ އެހެން ނުހަދާތި." ރިޟްވާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. "ސަގީލާއާ ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެ."
"އެހެން ވެއްޖެއްޔާ މީގެ ފަހުން ކާވެނީގެ ވާހަކަ ނުދައްކާތި."
ސަގީލާ އެހެން ބުނި ނަމަވެސް ކާވެނީގެ އެދުން ރިޟްވާންގެ ހިތަކުން ފިލައިގެންނެއް ނުދެއެވެ. ސަގީލާގެ ރަވައްޔާވެސް މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. ސުލައިމާނުގެ މައްޗަށް ސަގީލާގެ ސަމާލުކަން ހުންނަކަންވެސް ރިޟްވާނަށް ފާހަގަ ކުރެވޭން ފަށައިފިއެވެ. ކާވެންޏަށް އިންކާރު ކުރަނީ ސުލައިމާނާ ހެދި ކަމަށްވެސް ގަބޫލު ކުރެވޭން ފަށައިފިއެވެ. ސަގީލާގެ މިޒާޖު ކޮންމެ ގޮތަކަށް ހުރި ނަމަވެސް އޭނާއަކަށް ކުރެވޭނޭ ކަމެއް ނެތެވެ. އެކަމަކު ސުލައިމާން ދެކެ ރުޅި އައުމަކީ ކުރެވޭނެ ކަމެކެވެ. އޭނާ ކަންތައް ކުރީވެސް އެހެންނެވެ.
ދެން އޭނާއަށް ފާހަގަ ކުރެވުނީ އަވަށްޓެރިންގެ ރަަވައްޔާވެސް ބަދަލު ވަމުންދާ ކަމުގައެވެ. އެއީވެސް ކަން ބޮޑުވާން ޖެހޭ ކަމެކެވެ. ވެގެން އުޅެނީ ކީއްކަން އޭނާއަށް އެނގުނީ ޝަމްސާ ވާހަކަ ދެއްކުނީމައެވެ. ގެއަށް އައި މަގުމަތީގައި ޝަމްސާ ދިމާވީއެވެ. "ރިޟްވާން. ވަރަށް މުހިއްމު ވާހަކައެއް ދައްކައިލާން ބޭނުން. ހިތް ބަރު ނުކުރާތި."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ ޝަމްސުގެ ވާހަކަޔަކުން އަހަރެން ހިތް ބަރު ކުރާނެތަ؟"
"ވެގެން އުޅޭ ގޮތަކީ..." ޝަމްސު ފުން ނޭވައެއް ލިއެވެ. "އަހަރެން މިއުޅެނީ ރިޟްވާންގެ އަނބިމީހާޔާ ބެހޭ ވާހަކައެއް ދައްކަން. މި ހިސާބުގަނޑުގައި އެކަހަލަ ކަންތައްތައް ކޮށްގެން ނުވާނެ."
އަނބިމީހާގެ ވާހަކައޭ ބުނުމާއެކު ރިޟްވާންގެ ބޮލުގައި ރިއްސައިލިއެވެ. އެކަމަކު އޭނާގެ އަނބިމީހާޔާ އަވަށްޓެރިންނާ އޮތީ ކޮން ގުޅުމެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. "ކިހިނެއްވީ؟"
"ރިޟްވާން އޮފީހަށް ދިއުމާއެކު ތިޔަ ގެއަށް ފިރިހެނުން އައިސް ގޮސް ވުމުގެ ސިލްސިލާ ފެށިގެންދޭ."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟" ރިޟްވާނަށް ރުޅިގަނޑު މައިތިރި ކުރެވުނީ ލައްކަ އުނދަގުލުންނެވެ.
"މިއީ އަހަރެން އެކަނި ދައްކާ ވާހަކައެއް ނޫން. އަވަށު އެންމެން ދައްކާ ވާހަކަ." ޝަމްސު ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. "މިކަން ނޭނގޭ މީހަކަށް ހުރީ ހަމައެކަނި ރިޟްވާން."
"ފިރިހެން ކުދިން އައިސް ގޮސް ވުމުގެ މާނައަކީ އަހަރެންގެ..."
"މާނައަކީ އެއީ ކޮއިފުޅާ." ޝަމްސު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަވަށުގެ ހުރިހައި ފިރިހެން ކުދިން ހަލާކު ވެއްޖެ. ވިޔާނުދާ މަގުން ހިނގާން ފަށައިފި. އިހަށް ދުވަހު ރިޟްވާންގެ އަނބިމީހާޔާ ހެދި ދެ ކުއްޖަކު އަރައިރުންވެސްވި. އަރައިރުން ބޮޑު ވެގެން ގޮސް ގަޔަށް އަތްލާ ހިސާބަށް ދިޔަ. އެކަކު އަނެއް ކުއްޖާގެ ބަނޑަށް ވަޅިއެއް ހަރައިފި. އެކަކު އޮތީ ހަސްފަތާލުގައި. އަނެކަކު ފުލުސް އޮފީހުގައި. ފުލުސް އޮފީހުގައި އޮތް ސޮރު ރިޟްވާންގެ އަނބިމީހާގެ ވާހަކަ ދައްކާނެ."
ރިޟްވާންގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.
"އެވަރުން ނިމުނީއަކީއެއް ނޫން. އަބުރުވެރި ގޭގެވެސް މުޅީން ޚަރާބު ވާން ފަށައިފި. މީހުންގެ ފިރިންވެސް ތިޔަގެއަށް ވަދެ ނުކުމެވާތަން ފެނޭ. ރިޟްވާން އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޔާ މި އަވަށުގައި އުޅުން ދަތި ވެދާނެ."
"އަހަރެން އެބަ ބަލަން." އޭނާގެ އަޑު ނުކުތް ގޮތުން ހީވަނީ ބަލިއެނދުގައި އެތައް ޒަމާނެއް ވެފައިވާ މީހަކު ވާހަކަ ދެއްކި ހެންނެވެ.
ރިޟްވާން ގެއަށް ވަދެ ސަގީލާއަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ހުރީ ވަރުބަލިވެސް ވެފައެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ އޭނާ ސަގީލާއަށްޓަކައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ދަރަންޏަށް ސާޅީސް ހާސް ރުފިޔާ ދިން މީހަކު އޭނާގެ ފަހަތުން އެނބުރޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. މިހާރު އޮތީ އޭނާއަށް ހަފުތާއެއްގެ މުހުލަތު ދީފައެވެ. އެ މުހުލަތުގެ ތެރޭގައި ފައިސާ އަނބުރައި ނުދިނިއްޔާ ހޭއަރުވައިލާނަމޭވެސް އެމީހާ ބުންޏެވެ. އެއީ ނުލާހިކު ނުލަފާ މީހެކެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާާނެއެވެ.
ހަފުތާއެއްގެ ތެރޭގައި އެހައި ގިނަ އަދަދެއްގެ ފައިސާ އަދާކޮށް ނިންމުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
އަނެއް ދުވަހު އޮފީހަށް ގޮސް މަސައްކަތުގައި އުޅުނު އިރުވެސް އޭނާ ހުރީ ފިކުރު ބޮޑުވެފައެވެ. ފައިސާކޮޅެއް ލިބޭނޭ ގޮތެއް ވޭތޯ ސުލައިމާނާ ވާހަކަ ދައްކާންވެސް ހިތަށް އެރިއެވެ. އެކަމަކު ވާހަކަ ދައްކާކަށް ނުކެރުނެވެ. ސުލައިމާނާ މެދު އޭނާ ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫނެވެ. އަނެއްކޮޅުން އެހައި ގިނަ އަދަދެއްގެ ފައިސާ ހޯދުމަކީ ސުލައިމާނަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
އޮފީހުގައި ދެތިން ގަޑިއިރު އުޅުމަށް ފަހު ހުއްދަ ހޯދައިގެން އޭނާ ގެއަށް އަތުވެއްޖެއެވެ. ގޭގެ ރަނގަބީލު ޖަހާން ހިތަށް އެރި ވަގުތު އޭނާގެ ހިތް ބާރަށް ތެޅެއެވެ. ޝަމްސު ދެއްކި ވާހަކަ ތެދަކަށް ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
އޭނާ ރަނގަބީލަށް ފިތައިލިއެވެ. އެތެރެއިން ރަނގަބީލުގެ އަޑު އިވެއެވެ. އޭނާ ހަރަކާތެއް ނެތި ހުއްޓެވެ. ދޮރެއް ނުހުޅުވެއެވެ. އެކަމަކު އެތެރެއިން ބޭރުބަލާ ލޯވަޅުން މީހަކު ބަލާ ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. އޭނާ އަނެއްކާވެސް ރަނގަބީލަށް ފިތައިލިއެވެ. ތިން ހަތަރު ފަހަރު ފިތައިލިއެވެ. ދޮރު ހުޅުވުނީ ތިން މިނިޓެއްހައިއިރު ފަހުންނެވެ. ކުރިމަތީގައި ހުރީ ސަގީލާއެވެ. އޭނާގެ މޫނުމަތީން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހުރީ ވަރަށް ބޮޑަށް ހަމަޖެހިލައިގެންނެވެ. ރިޟްވާން ހަމަ ޖެހުމުގެ ނޭވައެއް ލިއެވެ. އެކަމަކު ގޭތެރެއަށް ވަނުމާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަށުގެ ޒުވާން ފިރިހެން ކުއްޖަކު ގޭގައި ހުއްޓެވެ. އެއީ ވިއްސަކަށް އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ މޫނުމަތީން ހާސްކަމުގެ އަސަރު ފެންނާން ހުއްޓެވެ.
"ކަލޭ ތިޔައީ ކާކު؟" ރިޟްވާން ރުޅި އައިސް ރަތްވެފައި އަހައިލިއެވެ.
"ބޭބޭ... އަ... އަހަ... އަޅުގަނޑުގެ ނަމަކީ ޝާހިދު." އެ ކުއްޖާ ވަރަށް އުނދަގުލުން ބުނެލިއެވެ. އެވަގުތު އެ ކުއްޖާ ހޭނެތިގެން ވެއްޓިދާނެއޭވެސް ހީވިއެވެ.
"ކަލޭ މި ގޭގައި ކީއް ކުރަނީ؟"
"އެ... މި... އަޅުގަނޑު..."
"އޭނާ އައީ އަހަރެން ބުނެގެން ސައިބޯންޏެއް ހިފައިގެން." ސަގީލާ އަވަސްއަވަހަށް ބުނެލިއެވެ.
"އެ... އެއީ... ތެ... ތެދެއް." އެ ކުއްޖާގެ އާގަތުމެއް ނުހުއްޓުނެވެ.
"ގޭގައި ސައިބޯނި ހުންނާނެ." ރިޟްވާން ހަރުކަށިކަމާއެކު ބުނެލިއެވެ.
ސަގީލާ ލޮލުން އިޝާރާތް ކޮށްލީމާ ފިރިހެން ކުއްޖާ ހުސިޔާރު ކަމާއެކު ދެމިގަނެގެން، ނުކުމެގެން ހިނގައްޖެއެވެ.
"ނެތް. ގޭގެ ކަންތައް ރިޟްވާނަށް ވުރެ ބޮޑަށް އަހަންނަށް އެނގޭނެ."
"ދެރަ ކަމަކީ ތިޔައީ. ގޭގެ އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭ." ރިޟްވާންގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ.
"އެކުއްޖާޔާ ބެހޭ ގޮތުން ރިޟްވާން ތިޔަ ހީކުރަނީ ކީކޭ؟"
"އަހަރެން މި ހީކުރަނީ ހީކުރާން ޖެހޭ ގޮތަށް."
"ރިޟްވާން ތިޔައީ ވަރަށް ވިޔާނުދާ މީހެއް."
"އެއީ ހަމައެކަނި އަހަރެން ހީކުރާ ގޮތެއް ނޫން. މުޅި އަވަށުގައި އޮތީ މި ވާހަކަ."
"ކަލޭމެން އެންމެންނަކީ ވިޔާނުދާ މީހުން. ވިސްނުމާއި ފިކުރަށް ވަހުޝީ ޚިޔާލު ވެރިވެފައި ތިބި ގޮތް ކުޑަ ބައެއް."
"އެހެން މީހުންގެ ވިސްނުމާއި ފިކުރުގެ ވާހަކަ ނުދައްކައި ޚުދު ތިމާގެ އަމަލުތައް ހުރި ގޮތް ބަލަންވީނު؟"
އެ ދުވަހުު ދެމީހުން އެތައް އިރެއް ވާންދެން ޒުވާބު ކުރިއެވެ. ޒުވާބަށް ފަހު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ރޭގަނޑު ނުކައެވެ. ހެނދުނުވެސް ވާހަކައެއް ނުދައްކައެވެ. ރިޟްވާން އޮފީހަށް ދިޔައީވެސް ނާސްތާ ނުކޮށެވެ. އޮފީހުން އެނބުރި ގެއަށް އައި އިރު ގޭގެ ދޮރު ހުރީ ބޭރުން ތަޅުލައިފައެވެ. އޭނާއަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ. ތަޅާ ދިމާއަށް ބަލަހައްޓައިގެން ހުރެވިއްޖެއެވެ. ސިކުނޑީގައި ވަރުގަދަ ޠޫފާނެއް ހިނގައިގެންފިއެވެ. ސަގީލާ އޭނާ ދޫކޮށްލައިފައި ދިޔައީކަން އޭނާއަށް ޔަގީނެވެ.
(ނުނިމޭ)
ވަރަށް ކިޔާހިތްވާހިސާބަކުން ދެން އަންނަބަޔަށް އިންތިޒާރު ކުރަން
މިޖެހުނީ
ރަނގަޅީވެސް ރިޟްވާން ދޫކޮށްލާފަ ސަގީލާ ދިޔައްޔާ
ދުވާލަކު ބައެއް ކިޔާލަން ލިބޭނަމަ ކިހާ ރަނގަޅު
Rilvaan varugadha bon'di eh boifi dhoa