މުގާބިލާ - 11

(20 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ކަލޭ މުސްލިމުންނާ ތިޔަހައި ދެކޮޅުވެރި ވެގެން އުޅެނީ ކީއްވެގެން؟" ޝާހިދު ރުޅި އައިސްފައި އަހައިލިއެވެ.

"އަހަރެން ދައްކަނީއަކީ ދޮގު ވާހަކައެއް ނޫން. މިދިޔަ ދެތިން އަހަރެއްގެ ނޫސްތައް ބަލައިލަބަލަ. އެތައް ގަރުނެއްވީ ތާރީޚަށް ބަލައިލަބަލަ." ސުލައިމާން ބުނެލިއެވެ.

"މައްސަލައަކީ މުސްލިމުން، މުސްލިމުންގެ ގަޔަށް ބަޑި ޖެހުން އެކަންޏެއް ނޫން." އާފާޤް ބުންޏެވެ. "އެމީހުން ބަޑި ޖެހީ ޖަމާއަތުގައި ނަމާދު ކުރާން ތިބި ބައެއްގެ ގަޔަށް... ލޭ އޮހޮރުވައިލީ މިސްކިތެއްގެ ތެރެއަށް... އެއީ މުސްލިމުން ކުރާނޭ ކަމެއް ނޫން."

"އެހެން ވެއްޖެއްޔާ އެއީ ކޮން ބަޔަކު ކުރި ކަމެއް؟" ސުލައިމާން އަހައިލިއެވެ.

"އިންޑިއާގެ އެޖެންޓުން ނޫން ބައެއްގެ ކަމަކަށް ނުވާނެ."

"އެއީ ތެދެއް. އެއީ ސަރަހައްދީ ރޮނގާވެސް ވަރަށް ކައިރި ހިސާބެއް." ޢަދްނާން ބުންޏެވެ.

"އިންޑިއާގެ އެޖެންޓުން ހުރަހެއް ނެތި ސަރަހައްދީ ރޮނގު ހުރަސްކޮށް ވަދެގެން އައިސް ހަމަލާ ދިނީ ދޯ؟" ސުލައިމާން މަލާމާތް ކޮށްލިއެވެ.

"އެއީ ނުކުރެވޭނޭ ކަމަކީތަ؟"

"ބަލަގަ ސަރަހައްދީ ރޮނގުމަތީގައި ތިބި އަހަރެމެންގެ ސިފައިން ތިބީ ނިދާފައިތަ؟ އަހަރެމެންގެ މުއައްސަސާތަކާއި އެޖެންޓުން ތިބީ ހޭބަލިވެފައިތަ؟"

"އެޖެންޓުންނަކީ އެކަހަލަ ކަންތައްތަކަށް ވަރަށް ރަނގަޅަށް ތަމްރީނުކޮށްފައި ތިބޭ ބައެއް."

"އާނ... ވަރަށް ފައްކާ ވާހަކައެއް. އަހަރެމެންގެ އެޖެންޓުންނަކީ ތަމްރީނެއް ލިބިފައި ނެތް ބައެއް ދޯ؟ ސިފައިންނަކީ ތަމްރީނު ނުކޮށް ތިބޭ ބައެއް ދޯ؟" ސުލައިމާނުގެ ރާގުގައި މި ފަހަރުވެސް ހުރީ މަލާމާތުގެ އަސަރެވެ.

"ކަލޭގެ ނުކުތާއަކީ ކޮބާ؟" އާފާޤް ސުވާލު ކޮށްލިއެވެ.

"އަޅުގަނޑު މި ދައްކަނީ ސާފުކޮށް ފެންނާން އޮތް ކަމެއްގެ ވާހަކަ. އެކި މީސްމީހުންގެ ބޮލުގައި އިލްޒާމު އެޅުވުމަކުން ޒިންމާ އުފުލުނު ކަމަކަށް ނުވާނެ. މިސްކިތްތައް ރަނގަޅަށް ބެލެހެއްޓުމަކީ ސަރުކާރުގެ ކަމެއް. އުސޫލެއްގެ ގޮތުން ބަލާއިރު މުޖުރިމުން ހައްޔަރު ނުކުރެވޭހައި ހިނދަކު ކުށްވެރިވާނީ ސަރުކާރު. ކަންތައް ހިނގި ގޮތަކާއި ކުރި ބަޔަކު ސާފުކޮށް އެނގޭނީ އެކަމެއް ކުރި ބަޔަކު ހައްޔަރު ކުރެވުނީމާ. އެ ބަޔަކީ އިންޑިއާގެ އެޖެންޓުން ކަމަށް ވިޔަސް ކުށްވެރި ވާނީ ސަރުކާރު. ގައުމުގައި ހިނގާ ކޮންމެ ނުބައި ކަމެއްގެ ޒިންމާ އިންޑިއާގެ އެޖެންޓުންގެ ބޮލުގައި އަޅުވާފައި ސަރުކާރަކަށް ރެކިއެއް ނުގަނެވޭނެ. އެކަހަލަ ހަމަލާތައް ހުއްޓުވުމާއި ބޭރުގެ ބާރުތަކުން އަހަރެމެންގެ ސަރަހައްދަށް ނުވަދެވޭނޭ ގޮތް ހެދުމަކީ އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާއެއްތޯ؟ ސަރުކާރަށް ހުރިހައި ވަސީލަތެއް ދީފައި ޒިންމާ ހަވާލު ކުރީމާވެސް ކުށްކުރުމާއި ނިރުބަވެރި ހަމަލާތައް ހުއްޓުވޭ ގޮތެއް ނުވޭ."

"ތިޔައީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން. ސުލައިމާން، ކަލޭ އެހައި ސީރިއަސް ވެގަތީ ކީއްވެގެން؟"

"ނޭނގޭ. މިއަދު ހިތަށް ބާވަތެއްގެ އުނދަގުލެއް އެބަވޭ."

އެއީ ތެދެކެވެ. މިއަދަކީ އޭނާގެ ހިތަށާއި ސިކުނޑިއަށް ތުރާތަކެއް ވާ ދުވަހެކެވެ. އެތެރެ ހަށީގައި ދަތުރު ކުރަނީ ރުޅީގެ ރާޅެވެ. އެކަމަކު ރުޅި އައިސްގެން އުޅެނީ ކޮން ކަމަކާ ކަމެއް ނޭނގެއެވެ. އޭނާއަކީ ދީން ދެކެ ލޯބިވާ މީހެއް ނޫނެވެ. ނަމާދަކަށް ޝައުގުވެރިވާ މީހެއްވެސް ނޫނެވެ. އެކަމަކު އާއްމު މުސްލިމުންނެކޭ އެއްފަދައިން މިސްކިތަށް އިހްތިރާމް ކުރާ މީހެކެވެ. މިސްކިތަށް އެފަދަ ހަމަލާއެއް ދިނުމަކީ އޭނާގެ ހިތަށްވެސް އުނދަގޫވީ ކަމެކެވެ. އޭނާ ދެކޭ ގޮތުގައި އެއީ ސަރުކާރުގެ ދޯހަޅިކަމުގެ ނަތީޖާއެވެ.

އެ ދުވަހު ބަސްހުއްޓާ ތަނަަށް ގޮސް އޭނާ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ. ކަންބޮޑުވަނީ ކޮންކަމަކާ ކަމެއް އޭނާއަކަށް ނޭނގެއެވެ. ހޯދެނީ ކާކު ކަމެއްވެސް ނޭނގެއެވެ. އެކަމަކު ބަސްހުއްޓާ ތަނާ ދިމާއަށް ފަރްޒާނާ ހިނގާފައި އަންނަތަން ފެނުމާއެކު ވެގެން އުޅޭ ގޮތް އޭނާއަށް ވިސްނިއްޖެއެވެ. އޭނާ ހޯދަމުން އެ ދަނީ ފަރްޒާނާއެވެ. އެޔާއެކު އޭނާ ސިހުނުވެސްމެއެވެ. އޭނާއަކީ މީގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކަށް މާ ބޮޑު ސަމާލުކަމެއް ދިން މީހެއް ނޫނެވެ. އެކަމަކު ބޭނުން ނުވީ ނަމަވެސް ފަރްޒާނާއާ މެދު އޭނާއަށް ވިސްނެނީއެވެ. އެއީ އާދަޔާ ޚިލާފު ކަމެކެވެ. މީގެ ކުރީން އެހެން އަންހެން ކުއްޖަކާ ހެދި އޭނާއަކަށް މި ކަހަލަ އަސަރެއް ނުކުރެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. ފަރްޒާނާއާ ބައްދަލުވީ ގޮތަށް ބަލާނަމަ އެއީ ރަނގަޅު ކުއްޖެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އެކަމަކު އެއީ ރަނގަޅު ކުއްޖެއްކަން ސުލައިމާނަށް އެނގެއެވެ. ފަރްޒާނާ ބޭނުން ވަނީ އޭނާޔާ އިންނާށެވެ. ކާވެންޏަކީ ސުލައިމާން ދުވަހަކުވެސް ހިތަށްވެސް އެރި ލަފުޒެއް ނޫނެވެ. އެއީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ކުރާން ބޭނުންވާ ކަމެއްވެސް ނޫނެވެ.

އޭނާ އަނެއްކާވެސް ސިހިގެން ދިޔައެވެ. ފަރްޒާނާގެ ގާތަށް ދިއުމުގެ އެދުން އޭނާގެ ހިތުގައި އުތުރި އަރައިގަތީ މާ ވަރަކަށެވެ. ބައްދަލު ކުރާން ހިތަށް އެރިއެވެ. އެޔާއެކު ރުޅިވެސް އަތުވެއްޖެއެވެ. އެއީ އޭނާ ބޭނުންވާ ކަހަލަ ބަލިކަށިކަމެއް ނޫނެވެ. ސިކުނޑީގެ ނިންމުމާއި ހިތުގެ ނިންމުމާ އަރައިރުންވެއެވެ. ބޯ ހަލާކުވާން ފަށައިފިއެވެ.

އޭނާ ދެކޭ ގޮތުގައި އަންހެން ކުދިންނަކީ ދަތުރު ކުރާން އޮންނަ ރީތި މަގެކެވެ. އެ މަގުން ކުރާ ދަތުރު މަގުކޮޅާ ހަމައިން ނިމޭނެއެވެ. އެޔަށް ފަހު އެނބުރި ބެލުމުގެ ބޭނުމެއް ނެތެވެ. ބޭނުމެއް ޖެހިއްޖެ ނަމަ ބައެއް ފަހަރު ދެތިން ފަހަރަކު އެ މަގުން ހިނގިދާނެއެވެ. އެކަމަކު އެ މަގުގެ އެއްވެސް ހިސާބެއްގައި ހުއްޓި ހުރުމަކީ ކުރާން ޖެހޭ ކަމެއް ނޫނެވެ. އެ މަގަކީ ގެ އަޅާން އޮންނަ މަގެއްވެސް ނޫނެވެ.

ސުލައިމާން ފުން ނޭވައެއް ލުމަށް ފަހު ފައިސަލާކޮށް ނިންމައިލިއެވެ. އެތެރެ ހަށީގައި ހިނގަމުން އެދާ ހަނގުރާމަޔާ ފުރިހަމަ ބާރާއެކު އޭނާ ކުރިމަތިލާނެއެވެ. އޭނާ ބައްޔެއް ނުވާނެއެވެ. އިނދައެއް ނުޖެހޭނެއެވެ. އެކަހަލަ އާދައިގެ އަންހެން ކުއްޖެއެްގެ މޮޔަ އެދުމެއްގެ ކުރިމަތީގައި އޭނާ ހަތިޔާރެއް ނުބަހައްޓާނެއެވެ.

އެކަމަކު އެރޭ އޭނާއަކަށް ރަނގަޅަކަށް ނުނިދުނެވެ.

* * *

"އީމާންކަމަށް ހަމަލާ ދިނުމަކީ ވަރަށް ފަސޭހަ ކަމެއް." އިބިލީސް އޭނާގެ ދަރިވަރުންނަށް ވިސްނައި ދިނުމުގެ ގޮތުން ބުނެލިއެވެ. އެއީ އޭނާގެ ހަތްވަނަ ތަގުރީރެވެ. "ކިހިނެއްކަން އެނގޭ ގޮލަޔަކު އެބަހުރިތަ؟"

އެތައް ދަރިވަރަކު އަތް މައްޗަށް ނެގިއެވެ. އާދައިގެ މަތީން އެ ދަރިވަރުންގެ ތެރޭގައި ބާތިލާއި ސަގީލާވެސް ހިމެނެއެވެ. އެކަމަކު މި ފަހަރު އިބިލީސް ގަސްތުކުރީ އެހެން ދަރިވަރުންނަށް ފުރުސަތު ދޭށެވެ. އޭނާ ދަރިވަރަކާ ދިމާއަށް އޭނާގެ ޝައިތާނީ ނަޒަރު ހުއްޓައިލިއެވެ. "ކަލޭ ބުނެބަލަ."

"ޝިރްކުގެ ޒަރީއާއިން..."

"ތިޔަ ވާހަކަ އަހަރެން ކުރިން ބުނެފިން. އަހަރެން މި ދައްކަނީ އެޔަށްވުރެ ފަސޭހަ ގޮތެއްގެ ވާހަކަ." އިބިލީސް މިހެން ބުނެފައި އެހެން ދަރިވަރަކާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ބުނެބަލަ."

"ކިބުރުވެރިކަމާއި ފޮނިކަން ދަސްކޮށް ދީގެން..."

"މި ކަހަލަ މަތީ ފެންވަރުގެ ކޯސްތަކުގައި ލަފާ ކުރުންތަކަށް ޖާގަ ދީގެން ނުވާނެ. ވިސްނައި ފިކުރު ހިންގާން ދަސްކުރޭ. ބުއްދީގެ ބޭނުން ކުރާން އާދަކުރޭ."

"ސާފުތާހިރުކަމަށް ހަމަލާ ދީގެން..." ބާތިލް ބުނެލިއެވެ.

"ސާބަހޭ." އިބިލީސް އުފަލުން ފޮޅުނެވެ. އަދި ސަގީލާއާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. "އެއީ ކީއްވެގެންކަން އެނގޭތަ؟"

"އެއީ ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމަށް އަންގަވައިފައި ވާތީ."

"ވަރަށް ރަނގަޅު." އިބިލީހުގެ ކޮލު ދަތަށް ދާންދެން ފެނުނެވެ. "ނިކަން ވިސްނައިލަބަލަ. ނަޖިސްކަމުގެ ތެރެއަށް ވައްދައިގެން އަހަރެމެންނަށް އާދަމުގެ ދަރީންގެ އީމާންކަމުގެ ދެބައިކުޅަ އެއްބައި ނަގައިލެވިދާނެ. ސާފުތާހިރުކަމަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ދޭ ސަބަބު މިއަދު ކިޔައިދޭނަން. ސާފުތާހިރުކަމާއި ނަޖިސްކަމުގެ ތެރެއިން ލާފައި ގޮސް އިންސާނާ ވަންނާނީ ހަލާލާއި ހަރާމުގެ ތެރެއަށް..."

"ތާހިރުކަމަކީ އަހަރެން... އަލިފާނަކީ ތާހިރު އެއްޗެއް. ނަޖިސް އެއްޗަކީ މަށި... މަށީގެ ހަށިގަނޑަކީ ނަޖިސް އެއްޗެއް. އެކަމަކު ﷲ ވަނީ މަށްޓައް މަތިވެރިކަން ދެއްވައިފައި ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އަހަރެން ނަޖިސް ކުރައްވައިފައި. އެހެންވީމާ ﷲ ރުހިވޮޑިގެންވަނީ ތާހިރުކަމާ. އަހަރެން ރުހެނީ ނަޖިސްކަމާ. ﷲ ރުހިވޮޑިގެން ވަނީ ހަލާލުކަމާ. އަހަރެން ރުހެނީ ހަރާންކަމާ. މަށީގެ ހަށިތައް އޭގެ އަސްލާ ދިމާއަށް، އެބަހީ ނަޖިސްކަމާ ދިމާއަށް ގެންދިއުމަކީ ފަސޭހަ ކަމެއް. އަހަރެން ކުރާ ކަމަކީ އެއީ. ހާޖަތެއް ޖެހޭ މީހަކު މަގުމައްޗަށް ނުވަތަ މީހުން ނޫޅޭ ހިސާބަކަށް ގެންދިއުމާއެކު އަހަރެންގެ މަސައްކަތް ފެށޭނެ. އޭނާ އެކަހަލަ ތަނަކަށް ބޮޑުކަމު ދިއުމާއެކު ޚުދު ތިމާގެ އަމިއްލަ ހަށިގަނޑާއި އެތަން ނަޖިސް ކޮށްލާ. މުޅި ސަރަހައްދަށް ނުބައި ވަސް ފަތުރައިލާ. އުނުއަނދެގެން ހުންނަ އެއްޗަކަށް ބުރާ ތިކީގެ މަތީން ހަނދާން ނައްތައިލުމަކީ އާދަމުގެ ދަރިޔާއަކަށް އެއްވެސް ކަމެއް ނޫން. ގޭގެ ކުންޏާއި ނަޖިސް މަގުމައްޗަށް އުކައިލުމަކީވެސް ހަމަ އެހައި ފަސޭހަ ކަމެއް."

"ތާހިރުކަމާ ދުރަށް ދާ މީހާ މަޑުމަޑުން ކައިރި ވަމުންދާނީ ނުބައި ކަންތައްތަކާ." އިބިލީސް ދަތް ނެރެލިއެވެ. "ނަޖިސްކަމުގެ ސަބަބުން އޭނާ ނަމާދާ ދުރުވޭ. ނަމާދަކީ ﷲއަށް ކިޔަމަންގަންނަ އަޅުންނާއި ކިޔަމަން ނުގަންނަ އަޅުން ތަފާތު ކުރާ މިންގަނޑު. ހަމައެކަނި މިޔެއް ނޫން. ނަޖިސް މީހެއްގެ ބޮލަކަށް ރަނގަޅު ޚިޔާލެއްވެސް ނުވަންނާނެ. ރަނގަޅު ކަމެއް ކުރެވޭނީ ރަނގަޅު ޚިޔާލެއްވެސް ކުރެވިގެން. ވިސްނިއްޖެތަ؟"

ހުރިހައި ދަރިވަރުން އެއް އަޑަކުން ކިޔާން ފެށިއެވެ. "މާތް މަނިކުފާނު... މަނިކުފާނަށްވުރެ މަތިވެރި އެހެން ފަރާތެއް ނެތް."

ދަރިވަރުން ޝައިތާނީ ލަވަ ކިޔަނީއެވެ. ސަގީލާ އިބިލީހުގެ ގައިގައި އޮޅުލައިގެންފިއެވެ. އިބިލީހުގެ ދެ މިޔަކަނުން ހޯސް ލާފައި ސޮނި ފައިބާން ފަށައިފިއެވެ.

ކުޑަ އިރުކޮޅަކަށް ފަހު ޚުރާފާތުގެ މުޑުދާރު އަމަލުތައް ހުއްޓިއްޖެއެވެ.

"އަޑު އަހާ. ހަރާންކަމަކީ ނަޖިސްކަމާ ވިދިގެން އަންނަ އެއް މަރުހަލާ. ހަރާންކަމުގެ ކުރިމަތީގައި އީމާންކަމަކަށް ގާއިމުވެއެއް ނުހުރެވޭނެ. މަޑުމަޑުން ގޮސް ފަހު ނޭވާ ދޫކޮށްލާނެ. ނަޖިސްކަމުގެ ތެރެއަށް ވަނުމަށް ފަހު ހަރާންކަމަކީ ނުބައި ކަމެއް ކަމަކަށް އިންސާނާ ނުބަލާނެ."

"ހަރާންކަމަކީ އިންސާނާގެ ލެޔާ ގުޅިފައިވާ ކަމެއް. ހަރާންތަކެތި ވަންނަނީ ލޭގެ ތެރެއަށް. ލެޔަކީ އިންސާނާގެ މުޅި ހަށިގަނޑުގައި ދައުރުވާ އެއްޗެއްކަން ކަލޭމެން ދަންނާނެ. ހިތާއި ސިކުނޑީގައިވެސް ލޭ ދައުރުވޭ. އެހެންވީމާ ޒައްރެއްގެ މިންވަރުގެ ހަރާން އެއްޗަކީވެސް މުހިއްމު އެއްޗެއް. އެ އެއްޗެއްގެ ސަބަބުން އިންސާނާގެ މުޅި ވުޖޫދާއި ރޫހު ގަޑުބަޑު ކޮށްލާނެ. ގަޑުބަޑުވެފައިވާ މީހަކަށް ހެޔޮ މަގަކާމެދު ނުވިސްނޭނެ. ހެޔޮ ކަމެއްވެސް ނުކުރެވޭނެ. އެހެންވީމާ އެކަމުގެ މުހިއްމުކަމާ މެދު ވިސްނައިލާ. ހަރާން... ހަރާން ކަންތައް... ހަރާން ތަކެތި..." އިބިލީސް ހީނގަތެވެ. "ދެން ރިޒުގާމެދު ވިސްނައިލާ. ރިޒުގުގެ މުހިއްމުކަން އެނގޭ ހިސާބަކީ މިއީ."

"އިންސާނާ ހަރާމީއަކަށް ވަނީ ދެ ގޮތަކުން. އެއް ގޮތަކީ ނުތުފާގެ ޒަރީއާއިން ހަރާމީއަކަށް ވުން. އެއީ ލެޔާ ގުޅިފައި އޮންނަ ކަމެއް. އެ ވާހަކަ މާދަމާގެ ކުލާހުގައި ކިޔައިދޭނަން. ދެވަނަ ގޮތަކީ ރިޒުގުގެ ޒަރީއާއިން ހަރާމީއަކަށް ވުން. އާދަމުގެ ދަރިޔާ ހަރާން އެއްޗެއް ކެއުމާއެކު އޭނާގެ ލޭގައި ހަރާން ފޮދުވަރުތައް އެކުލެވިގެން ދާނެ. އެޔާއެކު އޭނާގެ ރޫހާނީ ނިޒާމު މުޅީން ގަޑުބަޑު ވެގެން ހިނގައިދާނެ. ވަރަށް ގިނަ މުސްލިމުން ރާ ބޮއިހަދާ. ރާއާ ދިމާއަށް އެމީހުން ގެންދިއުމަކީ ނާމުމްކިން ކަމެއް ނޫން. އެކަމަކު އެއީ އުނދަގޫ ކަމެއް. މުސްލިމުންނަކީ ތަބީއީ ގޮތުން ނުތާހިރު ޖަނަވާރު ދެކެ ރުޅި އަރާ ބައެއް. އެހެންވީމާ އެމީހުންނަށް އޫރުމަސް ކާން ދިނުމަކީ ނާމުމްކިން ކަމެއް. ދަތިކަމުގެ ތެރެއިންވެސް އަރައިހުރި ދަތިކަމެއް. އެކަމަކު އަހަރެންގެ މޮޅުކަމާއި މަތިވެރިކަން ނިކަން ދެކިބަލަ. އޭގެ ހައްލުވެސް އަހަރެން އޮތީ ހޯދާފައި. އަހަރެން ހަލާލު ތަކެތި ހަރާން ކޮށްފިން. ހަރާން ތަކެތި ހަލާލު ކޮށްފިން. އާދަމުގެ ދަރިޔާ އެއްވެސް އެނގުމެއް ނެތި ހަރާންތަކެތި ކަމުން އެހެރަގެން ދަނީ."

"އެކަން ކުރުވުމަށްޓަކައި ކުރާން ޖެހޭ އެންމެ މުހިއްމު ކަމަކީ އިންސާނާގެ ކިބައިގައި މުދަލާއި ފައިސާގެ ދަހިވެތިކަން ހަރުލެއްވުން. މި މާއްދީ ދުނިޔޭގައި ދޭދޭ ގުޅުމަކީ މަދު އެއްޗެއް ނޫން. ފިރިހެނުންގެ މައްޗަށް ކުރާ މަސައްކަތުން ނުކުންނަނީ ފަންސާސް އިންސައްތަ ނަތީޖާ. އަންހެނުންގެ އެހީތެރިކަން އަހަންނަށް ލިބެނީ އެހައިތަނުން. އެކަން އަހަންނަށް ވިސްނައި ގަނެވުނީ އާދަމުގެފާނާއި ޙައްވާގެފާނާ ހަމައިން."

"ފިރިހެނުންނަކީ އުފެދުމުގައިވެސް ވެރިކަމާއި މަތިވެރިކަމަށް އެދޭ ބައެއް. އެކަމަކު އަންހެނުން އެމީހުންގެ ނާޒުކު އަދާގެ ބޭނުންކޮށްގެން ފިރިހެނުންގެ މައްޗަށް ވެރިކަމާއި ބާރު ހިންގާ. ފިރިހެނުން ބުމަރެއްހެން އަނބުރާ. ފިރިހެނުންގެ ބޮޑާކަމާއި ފިރިހެންވަންތަކަމާވެސް ކުޅެލާ."

"އަހަރެން ޖަހާ މުދަލާއި ފައިސާގެ މަޅީން ސަލާމަތް ވެގަންނަ ފިރިހެނުން ވައްދަނީ އަންހެނުންގެ ބޮލުގެ ހުޅީގެ ތެރެއަށް. އިނދެގެން އުޅޭ މީހާ ނޫން އެހެން އަންހެނުންގެ އުނގަށް އެމީހުން ވައްޓައިލުމަކީ އަހަރެން ކުޅޭ ކުޅިއެއް. އެއީ ދަތިކަމެއް ނޫން. އެހެން ހަދައިލެވުމާއެކު ލޯބިވެރިޔާގެ އެދުންތައް ފުރިހަމަ ކޮށް ދޭން ފިރިހެނުން އަޅައި އިތިކޮށް ދުއްވައިގަންނާނެ. އަތުގައި ހުންނަ ފައިސާކޮޅުން ނުފުދޭތަން އިސާހިތަކު އަތުވެދާނެ. އެޔާއެކު ނާޖާއިޒު ގޮތްގޮތުން ފައިސާ ހޯދާން ފަށައިފާނެ. ނާޖާއިޒު ފައިދާ ޚުދު އޭނާގެ ހަލާލު އަނބިމީހާއާއި ދަރިންނާ ހަމައަށް ފޯރާން ފަށައިފާނެ. އެވަރަކުން ނުހުއްޓޭ. ދަރިންގެ ދަރިންނާ ހަމައަށްވެސް ދާނެ. އެ ސިލްސިލާއަކަށް ނިމުމެއް ނެތް. އެ ނުބައިކަން އެތައް ނަސްލަކަށް ދެމިގެން ދާނެ."

"އެހެން އަންހެނުންގެ އުނގަށް ފިރިހެނުން ވައްޓާއިލާ އިރު އަހަރެން ބަލަނީ އެމީހުން ނާޖާއިޒު ގުޅުމުގެ އަވައިގައި ޖެއްސޭތޯ. ހަރާން ގުޅުމުގެ ސިލްސިލާ ކުރިއަށް ދާނީ އޭރުން. ހަރާން އަމަލާއި ހަރާން ފައިސާގެ ސިލްސިލާ ކުރިއަށް ދާނެ. އެކަމަކު ބައެއް މީހުންގެ ޒަމީރު މުޅިއަކުން މަރައެއް ނުލެވޭ. ކާވެންޏާ ނުލައި އަންހެނަކާ ގުޅުމެއް ބާއްވާކަށް އެކަހަލަ މީހަކު ބޭނުމެއް ނުވާނެ. އެމީހުން ދެތިން މީހުންނާ އިންނާނީ. ކާވެނީގެ ސަބަބުންވެސް ނުކުންނާނީ ހަމަ އެއް ކަހަލަ މައްސަލަތަކެއް. އާމްދަނީ މަދުވުމާއި ޚަރަދުތައް ބޮޑުވުމުގެ މައްސަލަ. މައްސަލަތަކާއެކު ހުޅުވެނީ ހަމަ ނާޖާއިޒު އާމްދަނީ ހޯދުމުގެ ދޮރު. ޚަރާބު ވެގެން ދަނީ އަމިއްލަ ގެ. އަނބިދަރިން ތިބެނީ ހަރާން ތަކެތީގެ ތެރޭގައި."

"ދަރީންނޭ. ބައެއް މީހުން ﷲ އަށް ބިރުވެތިވޭ. އެފަދަ މީސްމީހުންނަކީ ކާވެނީގެ ޒަރީއާއިންވެސް އިތުރު އަންހެނުންގެ ކުޅިގަނޑުގެ ތެރެއަށް ވަންނާން ބޭނުން ނުވާ މީހުން. އަހަރެން އެންމެ ބޮޑަށް ނަފުރަތުކުރާ ބަޔަކީ އެއީ. ﷲ ދެކެ ގަންނަ ބިރަކީ ވަރަށް ބޮޑު ފަސާދައެއް." އިބިލީސް ޖަޒުބާތީ ވެއްޖެއެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހިގެންފިއެވެ. "އަހަރެން އެކަހަލަ މީހުން ސީދާ ކުރަނީވެސް އަންހެނުންގެ ބޭނުން ކޮށްގެން."

"އެއީ ކިހިނެއްތޯ؟" ދަރިވަރަކު އަހައިލިއެވެ.

"އެދުމަކީ ހުސްވާ އެއްޗެއް ނޫން. ނިމޭ ކަމެއް ނޫން. ޤާރޫނަކަށްވެސް އޭނާގެ ބޮޑު ޚަޒާނާއަކުން ނުފުދުނު. އެދުމަކީ މަހުރޫމީ އިހުސާސާއެކު އުފެދޭ އެއްޗެއް. ކިތަންމެ ފުދިގެން އުޅޭ އާއިލާއެއްގެ ތެރެއަށްވެސް މަހުރޫމީގެ ޚިޔާލު ވެއްދިދާނެ. އަހަރެން އެކަހަލަ ގޭގެއަށް ވަދެ އެ ގޭގޭގައި އުޅޭ އަންހެންނުންގެ ބޮލަށް ސަވާރު ވަނީ. އެވެނި މީހަކު އުޅެނީ ވަރަށް އަރާމުގައޭ... ލަނީ މޮޅު، އަގު ބޮޑު ފޮތީގެ ހެދުމޭ... އުޅެނީ ކާރުގައޭ... ކަލޭ ތިޔަ އުޅެނީއަކީ ހައްގު މިންވަރުގައެއް ނޫނޭ... މި ކަހަލަ ޚިޔާލުތައް ބޮލަށް ވައްދަނީ. ދެނަކާ ދެނެއް ނެތި ގޭތެރެ ފަސާދަ ވެގެން ހިނގައިދާނެ. ﷲ ދެކެ ބިރުގަންނަ ފިރިމީހާއަށް ގޭތެރޭގައި ނުޅެވޭ ވަރު ވެގެން ހިނގައިދާނެ. ދެން ޖެހެނީ ޚަރަދު ކުރާން ފަށަން. ޚަރަދު ކުރެވޭނީ ފައިސާ ހުރެގެން. ހަލާލު އާމްދަނީއަކުން އެކަމެއް ނުކުރެވޭ. ހަރާން ފައިސާގެ ދޮރު ހުންނަނީ ކުރިމަތީގައި ތަންމިނަށް ހުޅުވިފައި. އެހެންވީމާ ކުސް ތަޅަތަޅާފައިވެސް ޖެހެނީ އެ ދޮރުން ވަދެގެން ދާން."

"ހުރިހައި ކަމެއް ފުރިހަމަ ވެފައި ހުންނަ ގެއެއްގެ ތެރެއަށް ތިޔަ ވިދާޅުވާ ކަހަލަ ވަސްވާސް ވައްދަވަނީ ކިހިނެއްތޯ؟" ސަގީލާ އަހައިލިއެވެ.

"އަހަރެން ކަންތައް ކުރާ ގޮތަށް."

"ކޮބައިތޯ އެ ގޮތަކީ؟"

"އެއީ މާ ބޮޑު ކަމެއް ނޫން. އަޅައިބެލުމުގެ ވަބާ ފަތުރައިލީމާ އެ އޮތީ ނިމިފައި. ނަޖްމާ އިހަށް ދުވަހު ފަންސާސް ހަ އިންޗީގެ ޓީވީއެއް ގެނެސްފި... ކަލޭ އަދިވެސް ޑްރާމާ ބަލަނީ ބައްތިރީސް އިންޗީގެ ކުޑަ ޓީވީއަކުން... ފަރީދާ ސޯފާ ސެޓު ބަދަލުކޮށްފި... ކަލޭ އަދިވެސް ތިޔަ އުޅެނީ އަހަރުވީ ސޯފާއަކުން ސަލާމަތް ނުވެވިގެން... ކަލޭގެ ގަހަނާ މިހާރު ބާ ވެއްޖެ... މި ޒަމާނަކަށް ނުފެތޭ... މިގެއަކީ މާ ކުޑަ ގެއެއް... ސަލްމާގެ ގެ ކަލޭ ދުށީމުތަ..؟ ކިހައި ބޮޑު ގެއެއް... މި ކަހަލަ ޚިޔާލުތައް ގޭތެރެއަށް ވައްދަނީ." އިބިލީސް އަންހެން އަޑުން ވާހަކަ ދެއްކިއެވެ. "ބޮޑުގެއާއި ތަނަވަސްކަމަކީ އެދުންތައް އިތުރުވާ ކަމެއް. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި ހުންނަނީ އަންހެނެކޭ މީހުން ބުނެ އުޅެއެއްނު؟ އަހަރެން އެ ވާހަކަ ބުނަނީ ތަފާތު ގޮތަކަށް. ކާމިޔާބު މީހަކަށް ވިޔަސް... ނާކާމިޔާބު މީހަކަށް ވިޔަސް. ރަނގަޅު މީހަކަށް ވިޔަސް... ނުބައި މީހަކަށް ވިޔަސް. ސުވަރުގެވަންތަ މީހަކަށް ވިޔަސް... ނަރަކަވެރިއަކަށް ވިޔަސް... ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު... އަދި މިހާރަކަށް އައިސް އެތައް އަންހެނުންނެއް ތިބޭނެ." މިހެން ބުނެފައި އިބިލީސް މަކުރޫހަ ގޮތަކަށް ހޭން ފަށައިފިއެވެ.

"މާތް މަނިކުފާނު. އަޅުގަނޑު ސުވާލެއް ދަންނަވައިލާން ބޭނުން." ސަގީލާ ބުނެލިއެވެ.

"ކުރޭ."

"ހުރިހައި އަންހެނުންނެއް ނުބައެއް ނުވާނެއެއް ނޫންތޯ؟"

"ތިޔައީތާ ދެރަ ކަމަކީ. ހުރިހައި އަންހެނުން ނުބައެއް ނޫން." އިބިލީސް ދަތްކުނޑި ވިކައިލިއެވެ. "އެންމެން ނުބައި ނަމަ ދުނިޔެ މިހާރު އޮތީހީ ހަލާކު ވެފައި. ސުވަރުގެ އޮންނާނީ ފަޅަށް. ނަރަކަ އޮންނާނީ އާބާދު ވެފައި. އެހެންވީމާތާ ބުނަނީ ކޮންމެ ސުވަރުގެވަންތަ ފިރިހެނެއްގެ ފަހަތުގައިވެސް ހުންނަނީ އަންހެނެކޭ."

"މާތް މަނިކުފާނު. އަންހެނުންގެ މައްޗަށް މަނިކުފާނު ހައްދަވާ ހިންތާ ކާމިޔާބު ނުވެއްޖެ ނަމަ ހައްދަވަނީ ކިހިނެއްތޯ؟"

"އަމިއްލަ ބޮލުގެ އިސްތަށިތައް އުފުރައި އަންހެނުންނަށް ލައުނަތް ދެނީ. އެ ނޫން ކޮން ކަމެއް ކުރެވޭނީ؟ އެކަހަލަ އަންހެނެއްގެ ގެއަކަށް އަހަރެންގެ އެއްވެސް ބާރެއް ނުހިނގާނެ. އަންހެނުންނަކީ ހެޔޮ މަގަށް އެނބުރިއްޖެއްޔާ ގުޑުވައި ނުލެވޭ ބައެއް." އިބިލީސް ރުޅި އައިސް ފުފިއްޖެއެވެ. "ދަރިޔާ... ތިޔަ ސުވާލުގެ ސަބަބުން އަހަރެންގެ މޫޑު މުޅީން ޚަރާބު ވެއްޖެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް ޔުނިވަރުސިޓީ ގޯތި ތެރެއަށް އެންމެން ނުކުމޭ. އެތާނގައި އެންމެންގެ ކުރިމަތީގައި އަހަރެން ޝައިތާނީ ކުޅިވަރު ނުވަތަ ފާފަވެރި މުޖުރާ ބާއްވާނަން. މި ވަގުތަށް ކުލާސް ނިމުނީ."

ސަގީލާ ހީނގަތެވެ. "މާތް މަނިކުފާނު. ތިޔައީ އަޅުގަނޑުމެންނަށް ދެއްވާ ޚާއްސަ އިއްޒަތެއް. މުޅި ޔުނިވަރުސިޓީއަށް އިއުލާނު ކުރައްވާންވީ ނޫންތޯ؟"

* * *

ރޯދަމަސް ވެގެން ދަނީ މުސީބާތާއި ހަމަނުޖެހުމުގެ މައްސަރަކަށެވެ.

މީސްތަކުންގެ މޫނުމަތީން ފެންނަނީ އުދާސްކަމުގެ އަސަރެވެ. ހިތްތައް ވަނީ މަރުވާން ފަށައިފައެވެ. މުޅި ރަށަށް ވެރިވެފައި ވަނީ ބިރުވެރިކަމެވެ. ކޮންމެ މީހަކުމެ އަނެކާއާ މެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. ނޫސްތަކުގެ ސުރުޚީތައް ފެވިފައިވަނީ ލެއިން ކަހަލައެވެ. ޚަބަރުތައް ކިޔައިފައި ލަދުން އިސް ދަށަށް ޖަހައިލެވެއެވެ. ރޯދަމަސް އަދިކިރިޔާ ދެބައިވީއެވެ. މިހާރު ދެ ފަރާތުން ހަމަލާދީ ތިން މިސްކިތެއްގެ ހުރުމަތް ކަނޑައިލައިފިއެވެ. އެއް މިސްކިތަކަށް ހަމަލާ ދިނީ ތަރާވީހަށް ދިޔަ މީހުން ވަދެ މިސްކިތް ފުރި ބާރުވެފައި އޮތް ވަގުތެއްގައެވެ. ޝަހީދުވީ މީހުންގެ އަދަދު ސަރުކާރުން އިއުލާނު ކުރީމާ އެއީ ޚިޔާލީ ވާހަކައެއް ކަމުގައި ހީވެއެވެ. މިސްކިތުން ހޯސް ލައިފައި ލޭ ފައިބާ ގޮތް ފެނިފައި ސިފަ ވެގެން ދަނީ ކޯރުގެ ފެންގަނޑު ސައިލު ހެދިގެން ފަރުބަދަ މަތީން ފައިބާ މަންޒަރެވެ.

އަނެއް ކޮޅުގެ މިސްކިތަކަށް ބަޑިން ހަމަލާ ދިނީ މީހުން ޤުރްއާން ކިޔަވާން ތިއްބައެވެ. މަންޒަރު ދުށް މީހެއްގެ ލަގޮނޑި ފުންމައިގެން ބޭރަށް އަންނަހައި ވެއެވެ. ޤުރްއާނުގެ ސަފުހާތައް ތެމިފައި ވަނީ އިންސާނުންގެ ލެއިންނެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން މުޅި ރަށް ވެފައި ވަނީ ދިރޭ ގަބުރު އުޅޭ ތަނަކަށެވެ. މީސްތަކުން ވަނީ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައެވެ.

ސުލައިމާން ނޫސް ކިޔާން އިނދެފައި މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "ދެން ކަލޭމެން ބުނާނީ މިއީ ހައްތަހާވެސް އިންޑިއާގެ އެޖެންޓުންގެ ކަންތަކޭ ދޯ؟"

"އެއީ ނުވާނޭ ކަމެއް ނޫނެއްނު؟" އިޤްބާލް ބުނެލިއެވެ. އެކަމަކު އޭނާގެ ވާހަކަޔަކު އެއްވެސް ބާރެއް ނެތެވެ.

"އަހަރެމެންގެ ގާނޫނުން އިންޑިއާގެ އެޖެންޓުންނަށް ވަކި ކަހަލަ ހިމާޔަތެއް ދީފައި އޮތީތަ؟" ސުލައިމާން އަނެއްކާވެސް މަލާމާތް ކޮށްލިއެވެ. "މިއަދާ ހަމައަށް ކުރި ކޮންމެ ނުބައި ކަމެއް ކުރީ އެމީހުންނޯ. އެކަމަކު އެންމެ ނިރުބަވެރިއަކުވެސް ހައްޔަރެއް ނުކުރޭ. ސަރުކާރު ވައުވީތަ؟ އެހެން ނޫނީ އިންޑިއާގެ އެޖެންޓުން ފެނިފައި ބިރުން ވިރެނީތަ؟ ހައްޔަރެއް ނުކުރެވޭ... ސަރުކާރަށް ލިބިފައި އެ އޮތީ ވަރަށް ފައްކާ ބަހަނާއެއް."

"ތިޔައީވެސް މުޅިއަކުން ދޮގެއް ނޫން." އާފާޤް ބުންޏެވެ.

"މިއީ އިންޑިއާގެ އެޖެންޓުންގެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ސުލައިމާން އާފާޤާ ދިމާއަށް ބަލައިލިއެވެ.

"އެންމެ ފުރަތަމަ ބުނެބަލަ... ކަލޭ ތިޔައީ ކޮން ކަހަލަ މުސްލިމެއް؟"

(ނުނިމޭ)

6 ޚިޔާލު

  1. ލިޔުންތެރިޔާ އިބިލީހުގެ ބައި ގެނެސްދީފައިވާ ގޮތް ވަރަށް ބަރާބަރު. ވަރަށް ކަމުދޭ މިވާހަކަ. މުޖުތަމަޢުގެ ޢަދުގެ ހާލަތާ ވަރަށް ގުޅޭ.ޢިބްރަތް ލިބިގަތުން ރަނގަޅު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.