މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައް ކުރާމުންދާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުތަކުގެ ދަށުން ސަމާލުކަމެއް ނުދެއްވާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިގްތިސާދީ ދަތިތަކާހެދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރުމަށް ސަރުކާރުން ބާރު އަޅުއްވާ ކަމަށެވެ. ސްޓިމިއުލަސް ޕެކޭޖުގެ މައިގަނޑު ބޭނުމަކީވެސް މުވައްޒަފުންގެ ވަޒީފާ ކަށަވަރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވއެވެ. އެޕޭކަޖަކީ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެކެވެ.
ސަރުކާރުން ވަނީ ކޮރޯނާއާ ގުޅިގެން އެއްވެސް މީހެއްގެ ވަޒީފާއަށް ނުވަތަ މުސާރައަށް ބަދަލު ގެނެސްފި ކަމަށްވާނަމަ އެކަން ޖޮބްސެންޓަރަށް ހުށަހެޅުމަށް އަންގައިފައެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް 104 ޝަކުވާ ލިބިފައިވާ ކަމަށެވެ. ޝަކުވާތަކުގެ ތެރޭގައި ވަޒީފާއިން ވަކި ކުރުމާއި، ނޯޕޭ ލީވް ދިނުމާއި، މުސާރައިގެ އިނާޔަތްތައް ކުޑަކުރުމާއި އެލަވަން ނުދިނުމާއި، ސަސްޕެންޑު ކުރުން ފަދަ ޝަކުވާތައް ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ޝަކުވާތައް ވަކިވަކިން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮވިޑާހެދި އެއްވެސް މީހެއްގެ ވަޒީފާ ގެއްލިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.