ކޮވިޑް-19 އިން ސަލާމަތްވުމަށް އަޅުގަނޑުމެންނާއެކު މަސައްކަތް ކޮށްދެއްވާ: ޑރ. މުރާދު

ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ޑޮކްޓަރުންނާ ގުޅިގެން ރައްޔިތުން މަސައްކަތްކޮށްދެއްވުމަށް ޑރ. މޫސާ މުރާދު އެދިވަޑައިގެންފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތު އެންމެ މުހިންމުކަމަކަށްވާނީ ޑޮކްޓަރުންގެ އިރުޝާދު ދެއްވާގޮތަށް އެންމެހާ ފަރާތްތަކުން އަމަލު ކުރެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން މިހާތަނަށް ވަނީ 3 މީހުން ބަލީން ރަނގަޅުވެފައެވެ. އެހެންނަމަވެސް އެމީހުން އަދި ދޫނުކުރައްވާނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަނގަޅުވި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާމީ މަދުވެގެން ދެހަފްތާ ވަންދެން އައިސޮލޭޝަންގައި ބައިތިއްބާނެ ކަމަށެވެ. ބައެއް މީހުން އެއް މަހަށް މޮނިޓަރ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ވަރަށްގިނަ ފިޔަވަޅުތަކެއް އަޅަމުން އަޅުގަނޑުމެން މިގެންދަނީ ބަލި ކޮންޓްރޯލް ކުރުމަށް. ވަރަށްގިނަ ބޭފުޅުން އެފިޔަވަޅުތަކަށް އަޅުގަނޑުމެންނަށް އެއްބާރުލެއްވުން އެބަދެއްވާ،" ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ. މޫސާ މުރާދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން މިދޭ އިރުޝާދުތަކާ އެއްގޮތަށް ދިވެހިރައްޔިތުން އެއަށް އަމަލުކުރައްވަމުން ގެންދެވުން. އަދި ހުރީހާ މީހުން ގުޅިގެން މިކަމުން އަރައިގަތުމަށް ނުވަތަ ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެންނާއެކީގައި ހުރިހާ ބޭފުޅުން ކޮށްދެއްވުން އެއީ އަޅުގަނޑުގެ އެންމެބޮޑު އިލްތިމާސް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.