ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ތިންވަނަ މީހަކު ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު މީހާކު އެބަލިން ފަސޭހަވެއްޖެއެވެ.

އެކަން ހާމަކުރެއްވީ ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މޫސާ މުރާދެވެ. އޭނަ ވިދާޅުވީ މިފަހަރު ރަނަގަޅުވެފައިވަނީ އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން މީހެއް ކަމަށެވެ. މި މީހާއަކީ ކުރެއްދޫ ރިސޯޓުން އައިސޮލޭޝަން ފެސިލިޓީއަށް ގެނައި މީހެއް ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކުރެއްދޫ އިން އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނީ މިމަހުގެ ހަތްވަނަދުވަހު. އެހެންނަމަވެސް އޭނާގެ އަލާމާތްތައް އޭރު އެހާބޮޑަކަށްނެތް. އެހެންނަމަވެސް އޭނާގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވުމުން އޭނާ ބަލަހައްޓަމުން އައިސް މިމަހު އަށާރައިގައި ހެދު ޓެސްޓުގެ ނަތީޖާއައީ ނެގެޓިވްކޮށް. ދެވަނަ ސާމްޕަލް ހަދަން ފޮނުވީ މިމަހު ވިހިވަނަ ދުވަހު، އެސާމްޕަލްވެސް ވަނީ ނެގެޓިވްވެފައި، ދެ ސާމްޕަލް ނެގެޓިވްވުމުން އަޅުގަނޑުމެން ނިންމީ އޭނާ ފަސޭހަވީކަމަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

އޭނާގެ ނަތީޖާ ނެގެޓިވް ވިޔަސް ދޫކޮށްލާނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. އިތުރަށް ބެލުމަށް 3 ދުވަހު އެމީހުން ކަރަންޓީނު ކުރާނެއވެ. މީގެ ކުރިން ވަނީ ދަރުމަވަންތައިން ފަރުވާ ހޯދަމުންދިޔަ ދެމީހަކުވެސް ނެގެޓިވް ވެފައެވެ.

ޑރ. މުރާދު ވިދާޅުވީ އެބޭފުޅުން ފަރުވާދެމުން ގެންދަވާ ބަލި މީހުންގެ ތެރެއިން މީހަކު ރަނގަޅުވިޔަސް އެއީ ރާއްޖެއިން އެބަލި ދިޔައީކަމަށް އަދި ކޮންޓްރޯވީ ކަމަށް ބަލަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދިވެސް ނުރައްކާތެރިކަން އިންތިހާއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން އިތުރަށް ކާމިޔާބު ކުރުމަށް ރައްޔިތުންނަށް އަންގާއެންގުންތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހީންވެސް ކަރަންޓީންގެ މުއްދަތު ހަމަވަންދެން ގެއިން ނުނުކުމެ ތިބުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އަދި ސިއްހީ މުހުތާދެއްގައި ވެސް ބޭރަށްދާ ކަމަށްވާނަމަ އެޗުޕީއޭއަށް ގުޅައިގެން އެތަނުގެ އިރުޝާދުގެ މަތިން އަމަލު ކުރުމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކު ވިދާޅުވީ ރިސޯޓަކުން ވަގަށް ފައިބައިގެން އެހެން ރަށަކަށް އަރަން އުޅުނު ދެމީހަކު ފުލުހުންވަނީ ބަންދުކޮށްފައި ކަމަށެވެ. އެފަދަ ނޭދެވޭ އަމަލުތައް ނުކުރުމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ދަތުރު ކުރުމަކީ މަނާކޮށްފައިވާ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.