ކޮވިޑް- 19: އިރާނުން "މިލިއަނުން" މީހުން މަރުވެދާނެ ކަމުގެ އިންޒާރުދީފި

އީރާނުގެ ޤުމްގައި ހުންނަ ޝީޢާއިންގެ މުޤައްދަސް ތަނެއް ކަމުގައިވާ ޙަރަމޭ ފާޠިމާއެ މަޢުޞޫމާ

އީރާނުގެ އާއްމު ރައްޔިތުން ސަރުކާރުން އަންގާ އެންގުންތަކަށް ތަބާނުވެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދާނަމަ، ކޯވިޑް- 19 ކޮންޓުރޯލުނުވެ ފެތުރި، އެ ވަބާގެ ސަބަބުން އެ ގައުމުގައި "މިލިއަނުން މީހުން މަރުވެދާނެ ކަމުގެ އެގައުމުގެ ރަސްމީ ޓީވީން ދީފިއެވެ.

ސަރުކާރުގެ ރަސްމީ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑޮކްޓަރެއްގެ ފަރާތުން މިއިންޒާރު އައީ ކޮވިޑް- 19 ފެތުރޭތީ ބަންދުކޮށްފައިހުރި ޝީއާއިންގެ މުޤައްދަސް ދެ ތަނަކަށް ހަރުކަށި ޝީޢާއިންގެ ބަޔަކު ގަދަކަމުން ވަދެގެންފައި ވަނިކޮށެވެ. އަނެއްކޮޅުން، އީރާނުގެ ދީނީ އާޔަތުﷲ ޢަލީ ޚާމަނައީ ވަނީ "ކޮންމެހެން ކުރަން ނުޖެހޭ" ދަތުރުތަައް ނުކުރުމަށް ފަތުވާ ނެރުއްވާފައެވެ.

މެދުއިރުމަތީގައި މިހާރު 18 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު، އޭގެ ކޮންމެ ދިހަބައިކުޅަ އެއްބައި މީހުންނަކީ އީރާނު މީހުންނެވެ. މި ބަލި ފުރަތަމަ ފެނުނު އިރު، އީރާނުގެ ދީނީ ލީޑަރުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވެއެވެ. އަދިވެސް އީރާނު ސަރުކާރުން ރަށްތައް އެއްކޮށް ބަންދުކުރުން ފަދަ ފިޔަވަަޅު އަޅާފައި ނުވެއެެވެ. ފާރިސީ އާ އަހަރު ފެށޭ ދުވަސް، ނައުރޯޒް ހުކުރު ދުވަހު ފާހަގަކުރާއިރު، ބޮޑެތި ރަށްތައް ކަރަންޓީންކުރުމުގެ ބަދަލުގައި އީރާނު ސަަރުކާރުން ފިޔަވަޅު އެޅީ ދަތުރުފަތުރު މަދުކުރުމަށެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުގައި ކޮވިޑް- 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ %13 އިތުރުވެފައެވެ. 24 ގަޑިއިރުގެ ތެރޭގައި 135 މީހުން މަރުވުމުން، އީރާނުގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 988 އަށް އަރާފައެވެ.

ސަރުކާރު ޓީވީގެ ނޫސްވެރިޔާ ޑރ. އަފްރޫޒް އިސްލާމީގެ މި އިންޒާރު ބިނާކޮށްފައި ވަނީ އީރާނުގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމުގައިވާ ޝަރީފް ޔުނިވަސިޓީން އަންދަޒާކޮށްފައިވާ ތިން ހާލަތުގެ ތެރެއިން އެންމެ ގޯސް ހާލަތަށް ބަލާފައެވެ. ޔުނިވަސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް އާއްމުން ބޯނުލަނބައިފިނަމަ،  މި ބަލީގައި 3.5 މިލިއަން މީހުން މަރުވާނެއެވެ. އެ ޔުނިވަސިޓީއިން އަންދާޒާކުރި އެންމެ ރަނގަޅު ހާލަތުގައި ވެސް، މި ބަލި ކޮންޓުރޯލުވުމުގެ ކުރިން އީރާނުގައި 1 ލައްކަ 20 ހާސް މީހުންނަށް މި ބަލި ޖެހި، 12 ހާސް މީހުން މަރުވާނެއެވެ.

ކޮވިޑް- 19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް މި ބަލި 141 ގައުމެއްގެ 1 ލައްކަ 89 ހާސް މީހުންނަށް ޖެހި، 7 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.