ކޮވިޑް- 19 ގެ ފަރުވާއަކަށް މެތަނޯލް ބޮއެގެން އީރާނުގައި 27 މީހުން މަރުވެއްޖެ

އީރާނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) އިން ސަލާމަތްވުމަށް ސިނާއީ ބަނގުއާވި (އެލްކޮހޯލް) ގެ ބާވަތެއް ކަމަށްވާ މެތަނޯލް ބޮއެގެން 27 މީހުން އީރާނުގައި މަރުވެއްޖެއެވެ. ބަނގުއާވި ބޮއެގެން މަރުވި މީހުން މިކަން ކުރީ މެތަނޯލް ބުއިމުން ކޮވިޑް-19 ރަނގަޅުވެ، ފަރުވާ ލިބޭކަަމަށް ފެތުރުނު ވާހަކަތަކަކާ ގުޅިގެންނެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ، އިރްނާ އިން ބުނެފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރެއިން 20 މީހަކު މަރުވީ ހުޅަނގު ދެކުނުގެ ޚުޒެސްތާން ޕްރޮވިންސުގައެވެ. އަދި 7 މީހުން މަރުވެފައި ވަނީ އުތުރުގެ ޕްރޮވިންސެއް ކަމުގައިވާ އަލްބޮރްޒްގައެވެ. ޚުޒެސްތާން ޕްރޮވިންސުގެ ވެރިރަށް އަހްވާޒުގައި ހުންނަ އަހްވާޒް ޔުނިވަސިޓީ އޮފް މެޑިކަލް ސައިންސަސްއިން ބުނި ގޮތުގައި، މެތަނޯލް ބުއިމުގެ ސަބަބުން ހާލުދެރަވެގެން ޚުޒެސްތާނުގައި 218 މީހަކަށް ފަރުވާދީފައި ވެއެވެ. މަރުވި 20 މީހުންނަކީ މީގެ ތެރެއިން ބައެކެވެ.

"ބަނގުއާވި ބުއިމުން ކޮރޯނާވައިރަސްއާ ހަނގުރާމަކުރުމަށް އެއިން އެމީހުންނަށް އެހީތެރިކަން ލިބޭ ވާހަކަ އިވިގެން އަހްވާޒުގެ ބައެއް ރައްޔިތުން އިވިގެން، އެ މީހުން އެ ބުއީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައި ބަލައިގެން." އެ ޔުނިވަސިޓީގެ ތަރުޖަމާނު ޢަލީ އިޣްސާންޕޫރް ވިދާޅުވިއެވެ.

އެލްކޮހޯލް ހިމެނޭ ބުއިންތަކަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއްކަމުން، އީރާނުގެ މުސްލިމުންނަށް އެއީ ހުއްދަ އެއްޗެއް ނޫނެވެ. ހުއްދައީ އެގައުމުގައި ދިރިއުޅޭ މުސްލިމުން ނޫން މީހުންނަށެވެ.

ސިނާއީ ބަނގުއާވީގެ ބާތެއްކަމުގައިވާ މެތަނޯލް ގިނައިން ބޮއެފިނަމަ، ފުރަމޭ ހަލާކުވެ، ލޮލުގެ ފެނުން ގެއްލެއެވެ. އަދި ބައެއް ފަހަރު އެ ބޭނުންކުރާ މީހާގެ ފުރާނައަށް ނުރައްކާ ވެއެވެ.

އީރާނަކީ ޗައިނާ ފިޔަވައި ކޮވިޑް- 19 ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެ ގަައުމުގައި 7000 އަށްވުރެ ގިނަ މީހުންނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 237 މީހަކު ވަނީ މަރުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.