ކޮވިޑް-19 ވެކްސިން ގަތުމަށް އީރާނުން ފައިސާ ދެއްކުމުގެ މަގު އެމެރިކާއިން ފަހިކޮށްދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުުރުމުގެ ވަރުގަަދަ ފިޔަަވަޅުތަކުން އީރާނުގެ ބޭންކުތަކުން ބޭރުގެ ބޭރުގެ ބޭންކުތަކާ މުއާމަލާތްކުރުންވެސް ވަނީ މަނާކޮށްފައެވެ. އެހެންކަމުން، ބޭރުން މުދާ ގަންނަން ބޭންކު މެދުވެރިކޮށް ފައިސާދެއްކުމަކީ އީރާނަށް މިހާރު ކުރެވެން އޮތް ކަމެއް ނޫނެެވެ.

އެހެންނަމަވެސް، ދުނިޔެއަށް މިހާރު ކުރިވަތިވެފައިވާ ކޮވިޑް-19 އާލަމީ ވަބާގައި އީރާނުންވެސް ގިނަ ބަޔަކު މަރުވަމުންދާ މިދަނޑިވަޅުގައި އީރާނަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ގަތުމަށް ބޭރުގެ ބޭންކުތަކާއި ފައިސާގެ މުއާމަލާތް ހިނގުމުގެ ފުރުސަތު އެމެރިކާއިން ވަނީ ދީފައެވެ.

އީރާނުގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިއްމަތީ ވިދާޅުވި ގޮތުގައި ވެކްސިނަށް ފައިސާ ދެއްކުމަށް ސްވިސް ބޭންކަކަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހުއްދަ އެމެރިކާގެ ޓްރެޜަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްއިން ވަނީ ދީފައެވެ.

"އެމީހުން (އެމެރިކާ މީހުން) ވަނީ އަހަރުމެން ހުރިހާ ބޭންކަކާ ޚިލާފަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި. މިކަމަށް އެމީހުން ހުއްެދަ އެދިނީ ދުނިޔޭގެ އާއްމު ޚިޔާލުގެ ފިއްތުން ބޮޑުކަމުން." އީރާނުގެ ގައުމީ ޓީވީއަށް މައުލޫމާތުދެއްވަމުން ހިއްމަތީ ވިދާޅުވިއެެވެ.

ހިއްމަތީ ހާމަކުރެއްވި ގޮތުގައި، ދެނިޔޭގެ މެދެ ފަންތީގެ އަދި ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ދުނިޔޭގެސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އަމިއްލަ ބައެއް ފަރާތްތައް ގުޅިގެން އުފައްދާފައިވާ 'ކޮވެކްްސް' ފެސިލިޓީ ގެ ދަށުން އީރާނަށް ފުރަތަމަ ގަންނަ ވެކްސިންގެ 16.8 މިލިއަން ޑޯޒަށް ގާތްގަނޑަަކަށް 244 މިލިއަން ޑޮަލަރު ދައްކާނެއެވެ.

އީރާނުން ބުނަމުން އައިސްފައިވަނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮވެކްސް ފެސިލިޓީގެ ދަށުން އީރާނަށް ގަންނަ ވެކްސިނަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ.

ބޭރުން ގެންނަ ވެކްސިން އީރާނު މީހުން ގަޔަށް ޖެހުމަށް ބައެެއް ފަރާތްތަކުން ދެކޮޅުހަދަމުން ދާއިރު، އީރާނުގެ ޝިފާ ފާމެޑުން ދަނީ އީރާނުގައި އުފެއްދުމުގެ މަސައްކަތްކުރަމުންދާ ވެކްސިން ތަޖުރިބާކުރުމަށް ތައްޔާރުވަމުންެނެވެ.

"އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ސިފައިންނާއި، ބާޖިސް މިލިޝިޔާގެ މެންބަރުންގެ ގަޔަށް ބޭރުންގެންނަ ވެކްސިން ޖެހުން އެއީ އަހަރުމެން އެދޭ ގޮތެއް ނޫން." އިސްލާމިކް ރިވޮލޮއުޝަނަރީ ގާޑް ކޯޕްސްގެ ވެރިޔާގެ ނާއިބު މުޙައްމަދު ރިޒާ ނަޤްވީ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު އީރާނުގައި މިހާތަނަށް 1.18 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 54 ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ދުނިޔޭގެ ނިއުކުލިޔާ ބާރުތަކުން 2015 ވަނަ އަހަރު އީރާނާއެކު އެކުލަވާލި އެއްބަސްވުން ރައީސު ޑޮނާލްްޑް ޓްރަމްޕް 2018 ވަނަ އަހަރު އެމެރިކާ ބޭރުކުރައްވައި، އީރާނާ ދެކޮަަޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަަކެއް އެޅުއްވިއެވެ. މުންތަޚަބު ރައީސު ޖޯ ބައިޑަން އަންނަ ޖަނަވަރީމަހު ރައީސުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާ އަލުން މި އެއްބަސްވުމާ ގުޅުމުގެ ފުރުސަތު ބޮޑެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.