އަތް ދޮންނަން ސައިބޯނި ވަރެއް ނެތް!

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ވެސް ކަމާބެހޭ ފަރާތްތަކުން ގެންދިއައީ ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވަމުންނެވެ. މާނައަކީ އަބަދުވެސް ސާފުތާހިރު ކަންމަތީ ތިބުމަކީ މިބަލިން ރައްކާތެރިވުމަށް އެޅެންއޮތް  އެންމެ މުހިންމުފިޔަވަޅުކަން ކަމާބެހޭ ފަރާތްތަކުން އަންގަމުން ދިޔަކަމެވެ. މިހާރު އެބަލި ރާއްޖެއިން ފެނިއްޖެއެވެ. އެންމެން ދުއްވައިގަތީ މާސްކާ، ހޭންޑް ސެނިޓައިޒަރ ފަދަ ތަކެތި އެއްކުރުމަށެވެ.ފިހާރަތަކުން ސެނިޓައިޒަރ ވިއްކުން ލިމިޓް ކުރަންޖެހޭ ވަރު ކޮށްލިއެވެ.

ސިއްހީ ތަޖުރިބާކާރުން ލަފާދޭ ގޮތަށް ސާފުތާހިރު ވުމަކީ މުހިއްމު ކަމެކެވެ. މިގޮތަށް އަމަލުކޮށްފިނަމަ މިއީ ވަރަށް ފަސޭހައިން ރައްކާތެރި ވެވޭނެ ބައްޔެކެވެ. މޫނުގައި އަތް ކޭއްތުން ފަދަ ވަރަށް ކުދިކުދި ކަންތައްތަކުން ދުރުހެލިވެގެން މި ބަލިން ސަލާމަތް ވެވޭނެއެވެ. ހަމަ މިއާއި އެކު އަތްސާފުކުރުން އިތުރުކުރަން ޖެހެއެވެ.

ދެން އުފެދިގެން އައި ސުވާލަކީ އަތް ސާފުކުރަން އެންމެ ރަނގަޅީ ހޭންޑް ސެނިޓައިޒަރތޯ އެވެ. ނުވަތަ ސައިބޯނިތޯ އެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި އަތް ސާފުކުރުމަށާއި ޖަރާސީމު ނައްތާލުމަށް ހޭންޑް ސެނިޓައިޒަރ އަށް ވުރެ ސައިބޯނި މާ ރަނގަޅެވެ.

ސެނިޓައިޒަރ އިން ހަމައެކަނި ޖަރާސީމުތައް މަރާލަނީއެވެ. ނަމަވެސް ސައިބޯނި ބޭނުންކުރާ އިރު ފެނުން އަތް ދޮންނަން ޖެހެއެވެ. މިހެން ވުމުގެ ސަބަބުން އަތުގައި ހުންނަ ޖަރާސީމުތައް މަރާލެވި ޖަރާސީމުތައް ފިލުވާލެވެއެވެ.

ގިނައިން އަތް ދޮވުމަކީވެސް އަދި ހައްލެއް ނޫނެވެ. އަތްދޮންނަން ވާނީ އަތް ދޮންނަން ޖެހޭ ގޮތަށް ރަނގަޅަށެވެ. ސައިބޯނި ނުވަތަ ސެނިޓައިޒަރއެއް ލައިގެން މަދުވެގެން ވިއްސަކަށް ސިކުންތު އަތް ދޮންނަން ޖެހެއެވެ. މިކަން ކުރާއިރު އަތުގެ ދެ ފުށާއި އިނގިލިތަކުގެ ދޭތެރެ ރަނގަޅަށް އުނގުޅަން ވާނެއެވެ.

 އަތް ގިނަގިނައިން ދޮވުމަކީ މުހިންމު ކަމެކެވެ. ނަމަވެސް  ހާއްސަކޮށް އަތް ދޮންނަން ޖެހޭ ވަގުތުތަކެއް ވެއެވެ. މިގޮތުން ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން ، ކާން ފެށުމުގެ ކުރިން އަދި ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި ފަހުން އަތް ދޮންނަން ވާނެއެވެ. އަދި މިގެ އިތުރުން ފާހާނާ ބޭނުން ކުރުމުގެ ފަހުންނާއި ކިނބިހި އެޅުމުގެ ފަހުންނާއި ކުނީގައި އަތްލުމުގެ ފަހުން ވެސް އަތް ސާފުކުރަން ޖެހޭނެއެވެ.

ބަލި ތަކުން ރައްކާތެރި ވުމަށް އަތް ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހޭންޑް ސެނިޓައިޒަރ ލިޔަސް ސައިބޯނި ބޭނުން ކުރިޔަސް މައްސަލައެއް ނެތެވެ. މުހިންމީ އަތްދޮންނަން ޖެހޭ ގޮތަށް ރަނގަޅަށް އަތް ދޮވުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.