ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ދިން ހަަމަލާއަށް އެއް އަހަރު

މުސްލިމް އަންހެނަކު ލިންވުޑް މިސްކިތް ކައިރީގައި ހުރި ސެކިއުރިޓީ ގާޑަކާ ސަލާންކުރަނީ

2019 ވަނަ އަަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރު ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑިޖަހައި 51 މީހުން ޝަހީދުކޮށްލި ރަހުމް ކުޑަ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައިވާ ހަމަލާއެވެ. އިސްލާމްދީނަށާއި، މުސްލިމުންނަށް ނަފުރަތުކުރާ، ދޮން މީހުންނަކީ މަތިވެރި ބައެއް ކަމަށް ދެކޭ، ހައްދު ފަހަނައަޅާފައިވާ، އޮސްޓްރޭލިޔާ މީހަކު ދިން މި ހަމަލާއަށް އަހަރެއް ފުރުނު ދުވަހެވެ.

މިއަދު ފާހަގަކުރަން ބޮޑު ރަސްމިއްޔާތެއް ބާއްވަން ނިއުޒީލޭންޑު ސަރުކާރުން ނިންމި ނަމަވެސް ކޮވިޑް- 19 ފެތުރެމުންދާތީ ސަރުކާރުން ވަނީ އެ ރަސްމިއްޔާތު ނުބާއްވަން ނިންމާފައެވެ. އެހެންނަމަވެސް، އެތައް ހާސް ބަޔަކު ވަނީ އެދުވަހު ހަމަލާގެ އަމާޒަަކަށްވި ދެ މިސްކިތް، އައްނޫރު މިސްކިތާއި ލިންވުޑް މިސްކިތް ކައިރިއަށް އެއްވެ މާބޮނޑި ބަހައްޓައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކަޔައި އެކުގައި ތިބިކަން ހާމަކޮށްފައެވެ.

ރަހުމް ކުޑަ ނިރުބަވެރި ހަމަލާއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހަމަލާގެ އަމާޒަކަށްވި ދެ މިސްކިތުގެ އިމާމުން ވަނީ ބަދަލަކަށް އެދި "ކްރައިސްޓްޗާޗް އިންވިޓޭޝަން' ގެ ނަމުގައި ބަޔާނެއް ނެރެފައެވެ.

"އަހަރުމެން ހިިތުގެ އަޑިން ކުރާ އުއްމީދަކީ 15 މާރިޗުގައި އުތުރި އަރައި ބަންޑުންވި ތާއީދުގެ ޝުއޫރުތައް ދެމިހުންނަނިވި، އެންމެނަށް ފައިދާކުރާ ކަމަކަށް ބަދަލުވުމެވެ." ދެ އިމާމުން ގުޅިވަަޑައިގެން ނެރުއްވި ބަޔާނުގައި ވެއެެވެ. ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ވަނީ އެކަމަނާގެ ފޭސްބުކް ސަފުހާގައި މި ބަޔާން އާއްމުުކުރައްވާފައެވެ.

"ފާއިތުވި އަހަރު، ރަނގަޅު ނިޔަތާއި، ރިވެތި އަމަލުތަައް އަހަރުމެންނަށް ވަނީ ފެނިފައެވެ. އެދުވަހު މީސްތަކުން ވަނީ (އަނެކުންނަށް ދީފައިވާ) ލޭބަލްތައް ފަހަނައަޅައި އެއަށްވުރެ ދުރަށް ބަލާފައެވެ. އަދި އަނެކުންނަކީވެސް އިންސާނުން ކަމުގައި ދެކެފައެވެ. އަދި އެ ބިރުވެރި ބަޑިޖެހުމަށް ފަހު އެންމެން އެކަތިގަނޑަކަށް ވެފައެވެ. މިއީ އެދުވަހު އަހަރުމެންނަށް ފެނުނު ކަންތައް ދެކި، މިއީ ހަަމަ އަަހަރުމެންކަން ގަބޫލުކޮށް، އެ ދުވަހު އެދުނު ގޮތް ދެމެހެއްޓުމެވެ." އެ ބަޔާނުގައި ވެއެވެ.

15 މާރިޗު 2019 ވީ ހުކުރު ދުވަހު ކްރައިސްޓްޗާޗުގެ މުސްލިމުން ހުކުރު ނަމާދަށް ތިއްބާ އޮސްޓްރޭލިޔާގެ ނިރުބަވެރިޔާ ބްރެންޓަން ޓެރަންޓް ސެމީ އޮޓޮމެޓިކް ރައިފަލެއް ހިފައިގެން އައްނޫރު މިސްކިތަށް ވަދެ 42 މީހުން ޝަހީދުކޮށްލުމަށް ފަހު، 5 ވަރަކަށް ކިލޯމީޓަރު ދުރުގައި ހުރި ލިންވުޑް މިސްކިތަށް ގޮސް އެ މިސްކިތުގައި އަޅުކަންކުރަން ތިބި 7 މީހަކު ޝަހީދުކޮށްލިއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދެ މީހަކު ވަނީ ފަހުން ޝަހީދުވެފައެވެ.

މި އަނިޔާވެރި ޖަރީމާ ހިންގި ނިރުބަވެރިޔާގެ ޝަރީއަތް އަދިވެސް ކުރިއަށް ދާއިރު، ޝަހީދުވި މީހުންގެ އާއިލާތައް އަދިވެސް ތިބީ އިންސާފުލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.