އެމްޑަބްލިޔުއެސްސީގައި ވަޒީފާ އަދާކުރަމުންދާ މީހުންގެ ތެރެއިން ކޮވިޑް-19 ޖެހިދާނެ ކަމަށް ބެލެވޭ ނުވަތަ އެ ރިސްކު އޮތް މީހުން ފާހަގަކޮށްފައިވާ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ އެފަދަ މީހުން ފާހަގަކޮށް އޭގެ ތެރެއިން ކަސްޓަމަރުންނާ ބައްދަލުރަންދާންޖެހޭ މީހުންނާއި،ފޮރޮންޓް ޑެސްކުގައި މަސައްކަތްކުރާ މީހުންނަށް މިހާރުވަނީ ކުންފުނީގެ އެހެންދިމަދިމާއިން ވަޒީފާ ހަމަޖައްސާފައި ކަމަށް ޝާހު ވިދާޅުވިއެވެ.
އެގޮތަށް ހަމަޖެއްސެވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އޭގެ އިތުރުން ކޮވިޑް-19 ގެ ބިރިބޮޑުވެ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހޭ ފަރާތްތަކަށް އެފުރުސަތާއި އިންތިޒާމް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކުންފުނިން ވަނީ މިމަހު 12 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހަކަށް ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށް އެއް ޓަނު ފެން ލިބޭނެކަން ވެސް އަނގައިފައެވެ.
އެގޮތުން އެކުންފުނީގެ، ސާޅީސް ހަތަރުހާސް ތިރީސްތިން ޑޮމެސްޓީކް ކަސްޓަމަރުންނަށް ފެންފޯރުކޮށްދޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތަށް ހަމަޖެއްސެވީ ގިނަގިނައިން އަތްދޮވުމަށް ކަމާބެހޭ ފަރާތްތަކުން އަންގަމުންދާތީ އެކަމަށް ވަރަށްގިނަ ފެން ބޭނުންވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މިދުވަސްވަރަކީ ގިނައިން ފެން ބޭނުންވާނެ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ފެންއިސްރާފު ނުކޮށް އިގްތިސާދު ކުރުމަށް އޭނާ ގޮވައިލެއްވިއެވެ. ޝާހު ވިދާޅުވީ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށް ފެންޓަނެއް ހިލޭ ދިމުމުން އެކުންފުނިން ގާތްގަނޑަކަށް ތިންމިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ޝާހު ވިދާޅުވީ ކުރިއަށްއޮތްނުގައި ވެސް އެކުންފުނިން ރައްޔިތުންނަށް ދެވެންއޮތް ލުއިތައް ބަލައި އެލުއިތައްދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އެކަން ކުރައްވާނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ދެން ވެސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ބެއްލެވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.