އައްޑޫގައި އެއްވެ އުޅޭ މީހުން ޖޫރިމަނާ ކުރަން ނިންމަވައިފި

އައްޑޫ ސިޓީގެ ޢާއްމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް ސިޓީކައުންސިލުން ކަޑައަޅުއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ މިއީ ކޮވިޑް-19 އިން ސަލާމަތްވުމަށް މާލެ ސަރަހައްދު ފިޔަވައި އެހެންހުރިހާ ސަރަހައްދެއްގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އަންގަވައިފައިވާ އެންގެވުމުގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

މި ނިންމެވުމުގެ ދަށުން ޕާކުތަކާއި ފިނިމައިޒާންތަކާއި، ޖޯލިފަތިތަކުގައި ތިބޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. އެފަދަ ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެ އެންގެވުމަށް އިހުމާލު ނުވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

އެ އެންގެވުމާ ޚިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރައްވާނެ ކަމަށް ވެސް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި ހަވީރު ގަޑިއާއި އެހެނިހެން ގަޑތަކުގައި ވެސް ޒަރޫރީ ބޭނުމެއްނެތި ދުއްވަން ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އެ އެންގެވުމާ ޚިލާފުވާ މީހުންވެސް 500 ރުފިޔާއާއި، 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރައްވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދިއުން ވެސް ސިޓީކައުންސިލުން ވަނީ މަނާ ކުރައްވައިފައެވެ. އެހެންނަމަވެސް މަހަށްފުރުމާއި، ދަނޑުގޮވާމަށްދިއުމާއި، މުދަލާއި ގޮވާމުގެ ބާވަތްތައް އެއްރަށުން އަނެއް ރަށަށް ފޮނުވުމާއި ސިއްހީ ފަރުވާއަށް އެއްރަށުން އަނެއްރަށަށް ހުއްދަ ހޯދައިގެން ދެވޭނެ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.