މުގާބިލާ - 38

(12 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އެރޭ ސުލައިމާނާއި ޢަދްނާނާ ދެމީހުން ހޭދަކުރީ ކާގޭގައެވެ.

އަނެއް ދުވަހު ޗީފް މިނިސްޓަރު ކާގެއަށް ވަޑައިގެންފިއެވެ. ކާގޭގެ ކަންތައް ހިނގާނުހިނގާ ގޮތް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އެ ދުވަހު ރަށުގެ ހުރިހައި ނޫސްތަކުން ނޫސްވެރިން އެތަނަށް ޖަމާވެފައި އޮތެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކާގޭގެ ކަންތައްތައް އިންތިޒާމު ކޮށް ބެލެހެއްޓުމުގައި ސުލައިމާން އަޙްމަދާއި ޢަދްނާން އަޙްމަދު ކުރާ ބުރަ މަސައްކަތަށް ޗީފް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ. އަދި ސަރުކާރުން އެއްވެސް މަދަދުވެރިކަމެއް ބޭނުން ވެއްޖެ ނަމަ ދެއްވާނޭ ކަމަށް ސުލައިމާން ގާތު ވިދާޅުވިއެވެ.

"މި ރަށުގެ އެހެން ދެ ތަނެއްގައި ކާގެ ހުޅުވާން އަޅުގަނޑު ބޭނުން. އެހެންވީމާ ބިން ލިބޭނޭ ގޮތް ހައްދަވައި ދެއްވާ." ސުލައިމާން ދެންނެވިއެވެ.

ސުލައިމާން އެދުނު ބިން ދެއްވާނޭ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވީ ނޫސްވެރިންގެ ކުރިމަތީގައެވެ. އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސުލައިމާނާއި ޢަދްނާން މިހާރު މަޝްހޫރު ވެފައި ވަނީ އަމިއްލަ އެދުމެއް ނެތް އިޖުތިމާއީ ޚިދުމަތްތެރިންގެ ގޮތުގައެވެ.

ހަތަރު ދުވަސް ފަހުން ފެނުނީ ޢަދްނާން އެސޯސިއޭޓްސް ނަމަކަށް ކިޔާ ތަނަކުން ޖަހާފައި އޮތް އިޝްތިހާރެކެވެ. އެ އިޝްތިހާރުގައި ބުނެފައި ވަނީ މޫސުމުގެ ހާލަތްތަކުން ރައްކާތެރި ވެވޭނޭ ގޮތް ހަދައިދޭނޭ ކަމުގައެވެ. އަދި އެއީ ވަކި ފަރުދުންނަށާއި ޖަމްއިއްޔާ ޖަމާއަތާއި އޮފީސްތަކަށްވެސް ލިބިގަނެވޭނޭ ޚިދުމަތެއް ކަމަށް އިޝްތިހާރުގައި ލިޔެފައި އޮތެވެ. އިޝްތިހާރުގައި ބުނެފައިވާ ގޮތުގައި މޫސުމުގެ ނުރައްކަލަކާ ކުރިމަތިލާން ނުޖެހި ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދާނޭ މަގު އެ ކުންފުނިން ފަހިކޮށް ދޭނެއެވެ.

ދެ އެކުވެރިންގެ މެދުގައި އޮތް އެއްބަސްވުމަކީ އެ ވިޔަފާރީގެ ހުރިހައި ކަމެއްގައި މީހުންނަށް ފެންނާން ޢަދްނާން ހުރުމެވެ.

"ގައުމުން ބޭރުން އަހަރެމެންނަށް މަޝްހޫރުކަން ނުލިބެނީހެއް މި ގައުމުގެ މީހަކު ޚަބަރުވެސް ބަލައެއް ނުލާނެ." ސުލައިމާން ބުންޏެވެ.

"ތިޔައީ ތެދެއް." ޢަދްނާން ބުންޏެވެ. "ފަށަންވީ ބައިނަލްއަގުވާމީ ކުޅިވަރުގެ ދާއިރާއިން. އަހަރެމެންގެ ޚަބަރުތައް މި ގައުމަށް ފަތުރާނޭ ނޫސްވެރިއަކު ހަމަޖައްސާނީ."

"ވަރަށް ރަނގަޅު ވާހަކައެއް. މިހާރުވެސް ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް. ވިމްބްލްޑަން ޓެނިސް މުބާރާތް އެ އުޅެނީ ފަށްޓާން. އަވަހަށް އިނގިރޭސިވިލާތަށް ދޭ. އެތާނގައި އޮފީހެއް ހުޅުވައި މުވައްޒަފުން ލާ. ވިމްބްލްޑަންގެ އިންތިޒާމީންނާ ގުޅާން ވާނީ ކަލޭ އަމިއްލައަށް."

"މައްސަލައެއް ނެތް. ކަންތައްތައް ހަަމަޖެއްސުނީމާ އަހަރެން އަންގާނަން."

* * *

މި ފަހަރު ޝައިޠާނުން ކާގެއަށް ހަމަލާ ދިނީ މަތީ ދަރަޖައެއްގައެވެ.

ޗީފް މިނިސްޓަރުގެ އޮފީހަށް އަންނާން ސުލައިމާނަށް އަންގައިފިއެވެ. އެއީ ކީއްކުރަން ކަމެއް، ވެގެން އުޅެނީ ކިހިނެއް ކަމެއް އޭނާއަކަށް ކުޑަކޮށްވެސް ނޭނގެއެވެ. އޭނާގެ މަސައްކަތަށް ތައުރީފު ކުރައްވައި ޗީފް މިނިސްޓަރު ވާހަކަފުޅު ދެއްކެވިތާ އަދި ވާނީ ހައެއްކަ ދުވަހެވެ. ކާގޭގެ ގޮފިތަކެއް ހަދާން ބިން ދެއްވާނޭ ކަމަށްވެސް އޮތީ ވިދާޅުވެފައެވެ. އެހެންވީމާ ކަންތައްތައް މުޅީން އެކޮޅުކޮޅުން ޖެހިދާނޭ ކަމަށް ހީ ކުރާނީވެސް ކިހިނެއް ހެއްޔެވެ؟

އޮފީހަށް ދިޔައިރު އޭނާ ހީކޮށްގެން ހުރީ ހޫނު މަރުހަބާއެއް ކިޔާނޭ ކަމަށެވެ. އެކަމަކު ޗީފް މިނިސްޓަރުގެ ސެކްރެޓަރީގެ ކުނިމޫނު ފެނިފައި އޭނާގެ ހަވަނަ ހިއްސު އިންޒާރުގެ ރަނގަބީލު ޖަހާން ފަށައިފިއެވެ. އޭނާ އަމިއްލައަށް ހިތްހަމަ ޖައްސައިލުމުގެ ގޮތުން ހިތާހިތާ ކިޔައިލިއެވެ. މިއީ އާދައިގެ ކަމެކެވެ. ޚާދިމުން އަބަދުވެސް ސާހިބުމީހާއަށްވުރެ މޮޅު ކަމަށް ހެދިގެން އުޅެއެވެ. އަޅާލާނޭ ކަމެއް ނެތެވެ.

އޭނާ އޮފީހަށް ގޮސް އިންނަތާ ދެގަޑި އިރު ވެއްޖެއެވެ. ޗީފް މިނިސްޓަރުގެ ފައިންޕުޅު ފެންނަ ގޮތެއް ނުވެއެވެ. އެނބުރި އާދެވޭކަށްވެސް ނެތެވެ. ސަލާމަތީ ކަންތައް ބަލަހައްޓާ މީހުން އޭނާޔާމެދު ކަންތައް ކުރީވެސް އިހާނެތި ގޮތަކަށެވެ.

ދެގަޑިއިރާ ބައި ވީ ފަހުން ޗީފް މިނިސްޓަރުގެ ފައިންޕުޅު ފެންނަ ގޮތް ވެއްޖެއެވެ. އެމަނިކުފާނުގެ ރަވައްޔާ ހުރީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. ވަރަށް ހަރުކަށި ރާގަކަށް ވިދާޅުވިއެވެ. "ތިޔަ ބޭފުޅުން ހިންގަވާ ދަރުމަ ކާގެ މީގެ ފަހުން ހިންގާނީ ސަރުކާރުން ކަމަށް އަޅުގަނޑުމެންގެ ސަރަހައްދީ މަޖިލީހުން ނިންމަވައިފި."

ސުލައިމާންގެ އަނގަ ހުޅުވުނެވެ. "ތިޔަ ވިދާޅުވީ އެއްޗެއް އަޅުގަނޑަކަށް ސާފެއް ނުވި."

"ސާފު ނުވާ ވަރުގެ ކޮން ކަމެއްތޯ އޮތީ؟" ޗީފް މިނިސްޓަރު މަލާމާތުގެ ރާގަކަށް ވިދާޅުވިއެވެ. "އަޅުގަނޑު މި ދަންނަވަނީ ކާގެ ސަރުކާރާ ހަވާލު ކުރައްވާށޭ."

"ތިޔައީ ކިހިނެއް ކުރެވޭނޭ ކަމެއްތޯ؟ ތިޔައީ ޖަމްއިއްޔާތަކުގެ ގާނޫނާ ޚިލާފު ކަމެއް."

"ޖަމްއިއްޔާއަކާ އަޅުގަނޑުމެންނެއް ނުބެހޭނަން." ޗީފް މިނިސްޓަރު ހިނިތުންވެލިއެވެ. "އަޅުގަނޑު މި ދައްކަނީ ހަމައެކަނި ކާގޭގެ ވާހަކަ."

"ކާގެއަކީ ޖަމްއިއްޔާގެ ބައެއް. ކާގެ ހިންގަނީ ޖަމްއިއްޔާގެ ފަރާތުން. މާފު ކުރައްވާ. ތިޔައީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫން." ސުލައިމާން ބުނެލިއެވެ. "އަޅުގަނޑު ކާގެ ސަރުކާރާ ހަވާލެއް ނުކުރާނަން."

"ތިޔަ ބޭފުޅުން ދެކޮޅު ހައްދަވައިފިއްޔާ އަޅުގަނޑަށް ޖެހޭނީ ބާރުގެ ބޭނުން ކުރަން." ޗީފް މިނިސްޓަރު އިންޒާރު ކުރިއެވެ.

"އަތްޕުޅުގައި ހުރިއްޔާ ހުރިހައި ބާރެއް މަނިކުފާނު ބޭނުންފުޅު ކުރައްވާ. އަޅުގަނޑާއި ނިކަމެތި ފަގީރުންގެ ހައްގު ހިމާޔަތް ކުރާން އަޅުގަނޑު ދަންނަން. ގާނޫނީ އިމުގެ ތެރޭގައި މަނިކުފާނާ ހަނގުރާމަ ކުރާނަން."

ޗީފް މިނިސްޓަރުގެ މޫނުފުޅު ރަތް ވެގެން ދިޔައެވެ. "ތިޔައީ ތިޔަ ބޭފުޅުން ކުރައްވާން ރަނގަޅު ކަމަކަށް ނުވާނެ."

"ސަރުކާރަށް ފަގީރުންގެ ހާލު ފެންނަ ކަމަށް ވަންޏާ އަދި އެމީހުންގެ ހާލަތު ރަނގަޅު ކުރުމުގެ ޚިޔާލު މަނިކުފާނު ގެންގުޅުއްވާ ކަމަށް ވަންޏާ ހަމަ މި ކަހަލަ ކާގެއެއް ހައްދަވައިގެން ޚިދުމަތް ދެއްވާ."

"ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅަކީ ހިލޭ ސާބަހަށް ނުވަތަ ﷲ އަށްޓަކައި ކުރައްވާ މަސައްކަތެއް ނޫންތޯ؟ ތިޔަ މަސައްކަތަކުން އެއްވެސް ފައިދާއެއް ނުހޯއްދަވަމެއް ނޫންތޯ؟"

"އާދެ."

"އެހެން ވެއްޖެއްޔާ ކާގެ ހިންގަވަނީ ތިޔަބޭފުޅުން ކަމަށް ކޮންމެހެން ވުން ލާޒިމެއް ނޫނެއް ނޫންތޯ؟ ސަރުކާރުން އެތަން ހިންގިއްޔާ ވާނީ ވަކި ކީއްތޯ؟"

"އަޅުގަނޑަކަށް ވަކި ތަފާތެއް ނެތް. ތަފާތު ފެންނާނީ އެތަނުން ކާ މީހުންނަށް. ސަރުކާރާ ހަވާލު ވުމާއެކު އެތާނގައި ލޫޓުމާރު ފެށިދާނެ. ސަރުކާރުން ޒަކާތްވެސް ތެދުވެރިކަމާއެކު ބަހައެއް ނުދޭ."

ޗީފް މިނިސްޓަރު ރުޅި އައިސް ރަތް ވެއްޖެއެވެ. "އަޅުގަނޑުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުއްވަނީތޯ؟"

"މި ވާހަކަ ހަމަ މި ގޮތަށް އަޅުގަނޑު ނޫސްވެރިންގެ ކުރިމަތީގައިވެސް އަދި ކޯޓުގައިވެސް ދައްކާނަން." ސުލައިމާން ތެދުވެއްޖެއެވެ.

"އަޅުގަނޑުގެ މަޝްވަރާއަކީ ޖަޒުބާތީވެ ވަޑައިނުގެން ހިތްޕުޅު ތިރި ކުރައްވައިގެން ވިސްނެވުން."

"އަޅުގަނޑު ދަނީ." ސުލައިމާން މިހެން ބުނެފައި ޗީފް މިނިސްޓަރުގެ ކޮޓަރިކޮޅުން ނުކުމެއްޖެއެވެ.

އޭނާގެ ސިކުނޑީގައި މި ވަގުތު ވަނީ ރުޅީގެ ވަރުގަދަ ޠޫފާނެއް އުފެދިފައެވެ.

* * *

ލަންޑަނުގައި ޢަދްނާން އެސޯސިއޭޓްސް އިންޓަރނޭޝަނަލްގެ އޮފީހެއް ހުޅުވައިފިއެވެ. މުވައްޒަފުން ލައިގެން މަސައްކަތްވެސް ފަށައިފިއެވެ. ވިމްބްލްޑަންގެ އިންތިޒާމީންނާ ވާހަކަ ދެއްކުމާ ޢަދްނާން ހަވާލު ކުރީ އޮފީހުގެ މެނޭޖަރު ރޮބަރޓް ޑެލަސްއާއެވެ. އެއީ ވަރަށް ބޮޑަށް ބަލައިފައި މެނޭޖަރަކަށް ލީ މީހެކެވެ. ކުޅަދާނަ، ހުސިޔާރު މީހެކެވެ.

މުބާރާތް ފެށެން ތިން ދުވަހަށްވެފައި ވަނިކޮށް އިންތިޒާމީންގެ ތެރެއިން މީހަކާއި ޢަދްނާނާ ބައްދަލު ވާގޮތް ރޮބަރޓް ހަދައިފިއެވެ. އެމީހާގެ ނަމަކީ ހެރީ ގޯލްޑްސްމިތެވެ. ޢަދްނާން އޭނާޔާ ބައްދަލު ކުރާން ހިނގައްޖެއެވެ.

"ތިޔަ ކުރައްވާން އުޅުއްވާ ކަމެއް އަޅުގަނޑަކަށް މާ ރަނގަޅަކަށް ނޭނގޭ." ގޯލްޑްސްމިތު ބުންޏެވެ.

"އަޅުގަނޑު މި ދަންނަވަނީ ތިޔަ ބޭފުޅުން ހިންގަވާ މުބާރާތަށް މޫސުމުގެ އަސަރު ނުކުރާގޮތް ހަދައިދޭނަމޭ." ޢަދްނާން ފުރިހަމަ އިތުބާރާއެކު ބުންޏެވެ.

"އެއީ ކިހިނެއްތޯ؟"

"އެޔެއް ދެންނެވޭކަށް ނެތް."

"ތިޔަ ވިދާޅުވާ ރައްކާތެރިކަމެއް އަޅުގަނޑުމެންނަކަށް ބޭނުމެއް ނުވޭ." ގޯލްޑްސްމިތު ބުންޏެވެ. "އެކަމަކުވެސް ތިޔަ ހުށަހަޅުއްވާ ކަމެއް ހުށަހަޅުއްވާ. އަޅުގަނޑު މިހިރީ އަޑު އަހަން."

ޢަދްނާން ތަފުސީލުކޮށް ކިޔައިދީފިއެވެ.

"އަޅުގަނޑުމެންގެ ޚިދުމަތުގެ ބަދަލުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައި ދެއްވާން ވާނެ." ޢަދްނާން ބުނެލިއެވެ. "މެޗެއް ކުޅޭ ދުވަހަކު ވާރޭ ވެހިއްޖެއްޔާ ޓިކެޓް ފައިސާގެ ދެގުނަ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނަން."

ގޯލްޑްސްމިތު މަލާމާތުގެ ރާގަކަށް ހީނގަތެވެ. "ތިޔައީ ވަރަށް ދިލްޗަސްޕު ވާހަކައެއް. އެކަމަކު މި ވަގުތަކު ތިޔަ ކަހަލަ ރައްކާތެރިކަމެއްގެ ބޭނުމެއް ނެތް. ފުރަތަމަ ދެ ދުވަހު ވާރޭ ނުވެހޭނެކަން އަޅުގަނޑަށް އެނގޭ. އޭގެ ފަހުން އޮންނަ މެޗުތައް ކުޅޭނޭ ދުވަސް އަޅުގަނޑުމެން ކަނޑައަޅާނީ މޫސުމާ ބެހޭ އިދާރާގެ ރިޕޯޓުތަކަށް ބަލާފައި."

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތުގެ ފުރަތަމަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ. ފުރަތަމަ މެޗު ނުވެސް ކުޅެވޭނެ."

"އަޅުގަނޑުމެންގެ މޫސުމާ ބެހޭ އިދާރާއަކީ ތިޔަ ބޭފުޅުންގެ ގައުމުގެ މޫސުމާ ބެހޭ އިދާރާހައި ގާބިލުކަމެއް ނެތް ދެވަރަވަރު އިދާރާއެއް ނޫން." ގޯލްޑްސްމިތު ބުންޏެވެ. "ވާރޭ ވެހުމާއި ނުވެހުން ތިޔަ ބޭފުޅުން ކޮންޓްރޯލު ކުރައްވާނޭ ގޮތެއްވެސް އަޅުގަނޑަކަށް ނުވިސްނޭ."

"އަޅުގަނޑުމެންގެ އަމިއްލަ ވަސީލާތާއި ގާބިލުކަން އެބަހުރި. އެއްވެސް ގައުމެއްގެ މޫސުމާ ބެހޭ އިދާރާއަކަށް އަޅުގަނޑުމެން އިތުބާރެއް ނުކުރަން."

"މާފުކުރައްވާ މިސްޓަރ އަޙްމަދު. އަޅުގަނޑުމެންނަކަށް ތިޔަ ބޭފުޅުންގެ ޚިދުމަތުގެ ބޭނުމެއް ނެތޭ މިހާރު ދަންނަވައިފީމެއް ނޫންތޯ؟" ގޯލްޑްސްމިތު ހަަރުކަށި ރާގަކަށް ބުންޏެވެ.

"މައްސަލައެއް ނެތް." ޢަދްނާން އޭނާގެ އެޑްރެސް ކާޑު ގޯލްޑްސްމިތަށް ފޯރުކޮށްލިއެވެ. "ޚިޔާލުފުޅު ބަދަލު ކުރައްވައިފިއްޔާ އަޅުގަނޑަށް ގުޅުއްވައިލައްވާ."

(ނުނިމޭ)

7 ޚިޔާލު

  1. ސުލައިމާނަށް މަގޭ ހިތް ދެވުނީ ސަބަބަކާއި ނުލައެއް ނޫން..ގަދަ އިނގޭ! ޙުރިހާ ހުރަހެއް ގިރާކޮށްފައި ކުޅިފަސް އަތުލާތަން ދެކެން ހުންނާނަން

  2. އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް ޝައިޠާނާ ހަމަލާއެއް ދެވޭތޯ ބަލާ ދޯ؟ އެކަމަކު ސުލައިމާނުގެ ބުއްދި ވެސް ވަކި ދެރައެއް ނުވާނެ ކަމަށް ފެންނަނީ.

    • އަނެއްހެން ބުނާނަމަ ސުލައިމާނު ތިޔަ އައީ ޗީފު
      މޫނުމަތީ ތަފާލެއް ޖަހާފަ.މިހާރު ހުންނާނީ ރުޅިއައިސްގެން ފަޅައިގެން ދާވަރު ވެފަ.ކިހާވަރަކުން ދާނެބާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.