މުގާބިލާ - 27

(29 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އެރޭ އިސްތިގުބާލަށް ދޮރާށި ދޮށަށް ނުކުތީ ޚުދު ރިޟްވާނެވެ. މެޑަމް ޒޫބީ ގަޑިއަކަށް ނާދެއެވެ. އޭނާ އިންތިޒާރުގައި ދޮރާށި ދޮށުގައި ހުރީއެވެ. މެޑަމް ދައްކައިލީ ބާރަ ޖަހައި ފަސް މިނިޓު ހިނގިތަނާއެވެ. ރިޟްވާނަށް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

މެޑަމް ޒޫބީއަކީ ވަރަށް ރީތި އަންހެނެއްކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ރަތް ދޮންކުލައެވެ. ލަކެއް ނެތް ސާފު ހަމެވެ. ވަނާތައް ފުރިހަމައެވެ. އޭނާ ފެނުނީމާ ރިޟްވާންގެ ހަނދާނަށް އައީ ކުރީ ރޭ ދެކެވުނު ވާހަކައެވެ. ރިޟްވާނާ ނުގުޅޭނެއޭ ބުނި ވާހަކައެވެ. އެއީ ސައްތައިން ސައްތަ ތެދެކެވެ.

މެޑަމް ޒޫބީގެ އިސްކޮޅުގައި ހަމަ ގައިމުވެސް ހަ ފޫޓު ހުންނާނެއެވެ. ރިޟްވާންގެ އިސްކޮޅަކީ ފަސް ފޫޓު ތިން އިންޗިއެވެ. އިސްކޮޅު އެކަންޏެއް ނޫނެވެ. މެޑަމްގެ ހަށިގަނޑުވެސް އެހައި ވަރުގަދައެވެ. އެކަމަކު ލޮކިމަސް ޖަހައިފައެއް ނެތެވެ. އިސްކޮޅާއި ހަށިގަނޑުގެ ބޮޑުމިނާއި ވަޒަން ގުޅެއެވެ.

"އަހަރެން ފެނުނީމާ މާޔޫސް ވެއްޖެހެން އެބަ ހީވޭ." މެޑަމް ޒޫބީގެ ބަހުރުވަވެސް އާދައިގެ ބަހުރުވައަށް ބަދަލު ވެއްޖެއެވެ. "އެކަމަކު އެކަމާ ފިކުރު ކުރާކަށް ނުޖެހޭނެ. އަހަރެން މި އައީ މުތަބާދިލެއްވެސް ގޮވައިގެން..."

"ނޫނޭ... ތިޔަ ހީކުރީއަކީ ރަނގަޅަކަށް ނޫން." ރިޟްވާން އަވަސް އަވަހަށް ބުނެލިއެވެ. "ރީތި ކަމުން ބުނާނޭ އެއްޗެއް ނޭނގިފައި ހުރެވުނީ. ރީތިކަމާއި ޝަޚުސިއްޔަތު ތިޔަހައި ރީތިކޮށް ގުޅިފައިވާާ މީހަކު އަހަރެން މީގެ ކުރިއަކުން ދުވަހަކުވެސް ނުދެކެން. ޝުކުރިއްޔާ... އަވަހަށް އާދޭ..."

އޭނާ މެޑަމް ޒޫބީ ގޮވައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

* * *

އަނެއް ދުވަހު ހެނދުނު ހޭލެވުނު އިރު ރިޟްވާންގެ މުޅި ގައިގައި ރިއްސަނީއެވެ. މެޑަމް ޒޫބީއާއެކު ހޭދަ ކުރެވުނު ވަގުތުތަކުގެ އިހުސާސް ކުރެވުނީމާ ލަދުން އޭނާގެ މޫނު ރަތް ވިއެވެ. އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. ކޮޓަރީގައި ހުރީ އޭނާ އެކަންޏެވެ.

މުޅި ދުވަސް އޭނާ ހޭދަ ކުރީ މެޑަމް ޒޫބީއާމެދު ވިސްނުމުގައެވެ. އެއީ ނުލާހިކު ރީތި، އެހައިމެ މިޒާޖު ރަނގަޅު، ގުޅުން ހެއު މީހެއްކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކުވެސް ރިޟްވާންގެ ހިތުގައި ބާވަތެއްގެ ނުތަނަވަސްކަމެއް އެބަ ހިނގައެވެ. މެޑަމް ޒޫބީ އޭނާޔާއެކު ހޭދަކުރި ވަގުތުތައްވެސް ހޭދަކުރީ މުޅިއަކުން ހިތްހަމަ ޖެހިގެންނެއް ނޫނެވެ. ތިމާގެ ބަލިކަށިކަމާއި ދެރަކަން އިހުސާސް ކުރެވުނީވެސް މާ ބޮޑަށެވެ.

މިހާރު ދުވާލުގެ އަލިކަމުގެ ތެރޭގައި އޭނާ ވިސްނަމުން ގެންދަނީއެވެ. ރޭގަނޑު އޭނާއަށް ވަރަށް މުހިއްމު ކަމެއް ވިސްނިއްޖެ ކަމުގައި ހީކުރެވޭން ފަށައިފިއެވެ. އެކަމަކު އެއީ ކޮން ކަމެއްކަން ކަނޑައެޅިގެން ބަޔާން ކުރާކަށް ނޭނގެއެވެ. ސިކުނޑިއަށް އެއްޗެއް ވަންނާން އުޅެފައި ނުވަދެ ދާހެން ހީވެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. ހަނދާނަށް ރަނގަޅަށް ނައިސްގެން އެ އުޅޭ ކަަމަކީ ވަރަށް މުހިއްމު ކަމެއްކަން ޔަގީނެވެ. އޭނާ ރޭގަނޑުގެ ހުރިހައި ކަމެއް ތަރުތީބުން އަލުން ހިތަށް ގެނެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.

ރީތިކަމަކީ ހުރިހައި އެންމެންނަށް އެއްވަރަކަށް ހަމަޖެހުން ގެނެސްދޭ ކަމެއް ނޫނެވެ. ރީތިކަމުގެ ސަބަބުން ބައެއް މީހުންނަށް ތުރާވާގޮތް ވެއެވެ. އޭނާއަށް މިކަން ތަޖުރިބާ ކުރެވުނީ ރޭ މެޑަމް ޒޫބީއާއެކު ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައެވެ.

ރީތިކަމަކީ ޖޯޑު ހަމަވާ ކަމަކަށް ވާން ޖެހެއެވެ. އެކަކު މާ ބޮޑަށް ރީތި ވެފައި އަނެއް މީހާ މާ ބޮޑަށް ހުތުރު ވުމަކީވެސް ވޭން ދެނިވި ކަމެކެވެ.

މިހައިތަނަށް ވިސްނުނުތަނާ އޭނާގެ ސިކުނޑިއަށް ބާވަތެއްގެ ލޮޅުމެއް އެރި ކަހަލައެވެ. ރޭ އޭނާގެ ހިތަށް އެރި ވާހަކަތައް ތަކުރާރުވާން ފަށަފިއެވެ. ކުރެވުނު ބުއްދި ތާޒާކޮށް ފެންނާން ފަށައިފިއެވެ.

ތިން ވަނަ އެދުމުގެ ޒަރީއާއިން މިހާރު އޭނާއަށް ސުލައިމާންގެ ކިބައިން ބަދަލު ހިފިދާނެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. ރާވަމުން ދިޔައެވެ. އެޔަށްފަހު ކަރުދާހާއި ގަލަން ހިފައިގެން އިށީނދެ ނޯޓު ކުރާން ފަށައިފިއެވެ. އެންމެ މުހިއްމު ވަގުތު ކަމެއް ހަނދާން ނެތޭގޮތް ވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. ނޯޓު ކުރަމުން ދިޔަ ވަރަކަށް އޭނާގެ ހިތަށް ލިބެމުން ދިޔަ ހަމަޖެހުން ދިޔައީ ބޮޑުވަމުން އިތުރުވަމުންނެވެ.

އޭނާާ ސިއްސައިގެން ދިޔައީ ފޯނުގެ ރަނގަބީލުގެ އަޑަށެވެ. އެ ވަގުތު ރަނގަބީލުގެ އަޑުވެސް އޭނާއަށް ކަމުދާ ގޮތެއް ނުވިއެވެ. ފާރުގައި އޮތް ގަޑިއަށް ބަލައިލީއިރު އެގާރަ ޖެހީއެވެ. ވަގުތު ފާއިތު ވެގެން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އޭނާ ފޯނު ނެގިއެވެ.

"މިއަދުގެ މެނިއު..."

"ޝުކުރިއްޔާ މެޑަމް. މިރޭ ބޭނުންވަނީ އަރާމު ކޮށްލަން." ރިޟްވާން ބުންޏެވެ.

"އަހަރެން ދިޔައީމާ މާޔޫސް ވާނެއޭ ކުރީންވެސް ބުނީމެއްނު؟"

"ނޫނޭ... އަނގައިގައި ހުރި މީރު ރަހަ ނުބައި ކުރާން ބޭނުން ނުވަނީ މިހައި އަވަހަށް." ރިޟްވާން ހީނގަތެވެ. "މެޑަމްއަށް ފަހު އެހެން މީހަކަށް ހިތް ޖެހުމަކީ ވާނެ ކަމެއް ނޫން."

"އަހަރެން ހައްދަނީ ދޯ؟"

"ނޫނޭ. ސީދާ ތެދަށް މި ބުނީ."

"އެންމެ ރަނގަޅު. އެހެން ވެއްޖެއްޔާ މާދަމާ ގުޅައިލާނަން."

"ޝުކުރިއްޔާ."

ފޯނު ބާއްވައިފައި ރިޟްވާން އޭނާގެ ނޯޓުތަކަށް ބަލައިލިއެވެ. އަދި ހިތްހަމަޖެހުމާއެކު ބޯ ޖަހައިލިއެވެ. ތަފުސީލުތައް ހުރީ ފުރިހަމަ ވެފައެވެ. އެކަމަކުވެސް އަވަސް އަރުވައިގަނެގެން އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ އަނެއްކާވެސް ވިސްނާން ފަށައިފިއެވެ. ފަހަރެއްގައި މުހިއްމު ނުކުތާއެއް ވެއްޓިފައިވެސް އޮވެދާނެތީއެވެ.

އެކަމަކު ސިކުނޑިއަށް ލިބުނު ލުއިކަމެއްގެ ސަބަބުން އިތުރަށް ވިސްނޭ ގޮތެއް ނުވިއެވެ. ވަކި ގޮތެއް ކަނޑައެޅުމަށް ފަހު އޭނާ ގަޑިއަށް ބަލައިލިއެވެ. ބާރަ ޖަހައި ފަނަރަ މިނިޓު ހިނގައިފިއެވެ. ޝައިޠާނާ ދީފައި އޮތް މުހުލަތުގެ އެންމެ ފަހު ދުވަހަށް ފެށުނީއެވެ. އެއީ އޭނާގެ ކާމިޔާބީގެ ދުވަހެވެ. އުފާވެރިކަމުގެ ދުވަހެވެ.

އޭނާ ޝައިޠާނާގެ ތަސްބީހަ ކިޔާން ފަށައިފިއެވެ. ސަތޭކަ ފަަހަރު ހަމަވުމާއެކު އެމަރުދޫދު އަތުވެއްޖެއެވެ. "ތިންވަނަ އެދުމަކީ ކޮބާ؟"

"ރިޟްވާން ކަރުދާސްގަނޑަށް ބަލަހައްޓައިގެން ހުރެ ކިޔާން ފެށިއެވެ. "އަހަރެން ބޭނުން ވަނީ އުމުރުން ވިހި އަހަރުގެ ރީތި އަންހެން ކުއްޖެއް. އެ ކުއްޖާގެ ސިފައާއި ބައްޓަން ހުންނާން ވާނީ އަހަރެން މިކިޔާ ގޮތަށް. އެ ކުއްޖާއަކީ އަހަރެންގެ ފުރިހަމަ ކިޔަމަނުގައި ހުންނަ ކުއްޖަކަށް ވާންވާނެ. އަހަރެން ބުނާ ކޮންމެ ކަމެއް ސުވާލެއް ނެތި ކުރާ ކުއްޖަކަށް ވާންވާނެ. ރީތި ކަމުގައި ލާމަސީލު ވާންވާނެ. ގައިގެ ކުލަ ދޮން... ބޮލުގެ އިސްތަށިގަނޑު ކަކުލަށްވުރެ ތިރިއަށް... ބޮޑު ދެލޯ... ރީތި ބޯ ތުންތަފެއް... އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި... ދެން ވަނާތަކުގެ ސައިޒު ނޯޓު ކުރޭ..." ރިޟްވާން އޭނާ ބޭނުންވާ ކުއްޖާގެ ސިފައާއި ސައިޒު ތަފުސީލުކޮށް ކިޔައިދޭން ފަށައިފިއެވެ.

"ވަރަށް މޮޅު." ޝައިޠާނާ ހިނިތުންވެލިއެވެ. "މި ފަހަރު ކަލޭގެ ދުޝްމިނުގެ ކަންތައް ނިމޭނެ. ދުވަސް ދާނެ. ކަލޭގެ އެދުން ފުރިހަމަކޮށް ދޭނަން. ފަނަރަ މިނިޓު ފަހުން ކަލޭ ބޭނުންވާ އަންހެން ކުއްޖާ އަންނާނެ."

ރިޟްވާން މޭ ފުއްޕައިލިއެވެ. ފަޚުރުވެރިކަމާއެކުގައެވެ. އެވަގުތު އޭނާއަށް އިހުސާސް ކުރެވުނު ގޮތުގައި ޝައިޠާނާ އޭނާއާ ދިމާއަށް އަޖައިބެއް ކަހަލަ ގޮތަކަށް އެބަ ބަލައެވެ.

"ކިހިނެއްވީ؟"

"އަހަރެން ހުރީ ކަލޭ އަހަރެން ގެނެސްދޭށޭ ބުނެފާނެތީ ބިރުން."

މި ފަހަރު ޝައިޠާނާ ވާހަކަ ދެއްކީ އަންހެން އަޑަކުންނެވެ. އެއީ ރިޟްވާން ދަންނަ އަޑެކެވެ. "ކީކޭ ތިޔަ ބުނީ؟"

"އަހަރެންގެ އަސްލު ސޫރަ ދައްކައިލާނަން. އެހެންނޫނީ ކަލެއަކަށް ނުވިސްނޭނެ."

ހައިރާންވީ ވަރުން ރިޟްވާންގެ އަނގަ ހުޅުވުނެވެ. ޝައިޠާނާގެ ސިފަ ކުއްލިއަކަށް ބަދަލު ވެއްޖެއެވެ. އޭނާގެ ކުރިމަތީގައި މިހާރު އެހެރީ ސަގީލާއެވެ.

"ކަލޭ؟"

"އާނ... އަހަރެން. އަހަރެން ހުރީ ކަލޭ އަހަރެން ގެނެސްދޭށޭ ބުނެފާނެތީ ބިރުން. ހީކޮށްގެން މި ހުންނަނީ ކަލޭ އަހަރެންގެ މަތީން ހަނދާން ނުނެތޭނޭ ކަމަށް."

"ކަލޭ ދިޔައީ އަހަރެން ހަނދާން ކުރާ ވަރުގެ މޮޅު ކަމެއް ކޮށްފައެއް ނޫނެއްނު؟" ރިޟްވާން ސީދާ ތެދަށް ބުނެލިއެވެ.

"އެއީވެސް ރަނގަޅަކަށް ވީ ކަމެއް. އެހެން ނޫން ނަމަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެއްޖައީސް." ސަގީލާ ހިނިތުންވެލިއެވެ. "ބޭނުމިއްޔާ އަހަރެން ކަލެއަށް އެއްރޭ ހަދިޔާއަކަށް ދީފާނަން."

"ފަނަރަ މިނިޓު ފަހުން އަންނަ ކުއްޖާއަށް ހަދާނީ ކިހިނެއް؟"

"އޭނާ ކަލެއަށް ކިޔަަމަން ވާނެ. ނިދާށޭ ބުނީމާ ވަގުތުން ނިދައިފާނެ... ކަލެއަކީ ވަރަށް ބުއްދިވެރި މީހެއް ކަމަށް މިހާރު އަހަރެން ގަބޫލު ކޮށްފިން." ސަގީލާާ އޭނާޔާ ދިމާއަށް އާދަޔާ ޚިލާފު ވަހުޝީ ނަޒަރަކުން ބަލައިލިއެވެ.

"އެންމެ ރަނގަޅު. މިރެއަކީ ވަދާޢީ ރެއަކަށް ހަދަމާ ހިނގާ..." މިހެން ބުނެފައި ދޮރުފާރަވެރިޔާއަށް ފޯނުކޮށްފައި މީހަކު އަންނާނެއޭ އެތެރެއަށް ފޮނުވާށޭ ބުނެލިއެވެ.

ގާތްގަނޑަކަށް ތޭރަ ވަރަކަށް މިނިޓު ފަހުން އައިސް އެހެރަ ވަން އަންހެން ކުއްޖާ ފެނިފައި ރިޟްވާންގެ ތަލިން ކުޅު ހިކިއްޖެއެވެ. އެއީ ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެ ކުއްޖާޔާ ދިމާއަށް ބަލައިފައި ސަގީލާއާ ދިމާއަށް ބަލައިލީމާ އޭނާ ފެންނަނީ ހާމުންޑިއެއްހެންނެވެ. "ކަލެއަށް ޝުކުރިއްޔާ... ދެން ދޭ..."

"ކީކޭ؟" ސަގީލާ ހައިރާންވިއެވެ.

"މި ކުއްޖާގެ ކުރިމަތީގައި ކަލޭ ފެންނަނީ ހާމުންޑިއެއްހެން. މިހާރަކު ކަލޭގެ ބޭނުމެއް ނެތް."

ސަގީލާ ރުޅި އައިސް ފުފިގަތެވެ. "ކަލެއަކީ ވަރަށް ގޮތް ކުޑަ މީހެއް. ތިޔަ ކުރީ ވަރަށް ބޮޑު ތައުހީނެއް. އޭގެ އަދަބު ކަލެއަށް ދޭނަން... ހަމަ މިހާރު އަދަބު ދޭނަން..."

(ނުނިމޭ)

7 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.