ކޮވިޑް 19، ރާއްޖެއިން ފެނުމުން ދިވެހީންނަށް އެހީވާން އިންޑިއާގެ މެޑިކަލް ޓީމެއް އަތުވެއްޖެ

އިންޑިއާއިން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމް/ފޮޓޯ ފޮރިންމިނިސްޓްރީ

ކޮވިޑް 19 ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ދާއިރާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިޓީމުގައި ޖުމްލަ 14 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން ވެސް ހިނެއެވެ. މިއީ ރާއްޖޭގެ ހާލަތަށް ބަލާފައި ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި ޓީމެކެވެ.

މި ޓީމު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތްކުރަމުން ގެންދާނެއެވެ.

ކޮވިޑް 19 ގެ ސަބަބުން އިންޑިއާއިން ވަނީ ބޭސް ބޭރުކުރުން ހުއްޓާލައިފައެވެ. އެހެންނަމަވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތައް ލިބޭނެ ޚާއްސަ ހުއްދައެއް ދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހިސަރުކާރުން ވަނީ އެދިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނު އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އެގައުމުން އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ތިން މަސް ދުވަހަށް ރާއްޖެއަށް ބޭނުންވާ ބޭސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ އިންތިޒާމް އިންޑިއާއިން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ މި އެހީތަކަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާ ކުރައްވައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.