ކޮވިޑް 19 ގެ ސަބަބުން އިގްތިސާދަށް އެންމެބޮޑު ލޮޅުން އަރާނެ ގައުމަކަށް ރާއްޖެވާނެ: ރައީސް

ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ ކަމަށާ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބައަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން،  ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދީ ގޮތުން ލޮޅުންއަރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް މިދާ މާރިޗުމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައި ކަމަށެވެ. މިއަހަރުގެ ޖަނަވަރީމަހުގެ ސައްބީސް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް އެއްހާސް ހަތްސަތޭކާ ސާޅީސް ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، ބާރަ އިންސައްތައާއި ތިރީސް ފަސް އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، އަށެއް އިންސައްތަ ކުރިއަރާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ސަރުކާރުން އަންދާޒާ ކޮށްގެން ތިބީ މިއަހަރުގެ ތެރޭގައި ހަތެއް ޕޮއިންޓް ފަހެއް އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށެވެ. "ނަމަވެސް ކޮވިޑް 19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނޯ ސުމެއް ޕޮއންޓް ފަހެއް އިންސައްތައާއި، ފަހެއް ޕޮއިންޓް ހައެއް އިންސައްތައާ ދެމެދުގެ މިންވަރެއްގައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ ދޭއް ޕޮއިންޓް އެކެއް ބިލިއަން ރުފިޔާއާއި، ހައެއް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.