އަލްމާވަރްދީ – 3

(ތިންވަނަ އަދި އެންމެ ފަހުގެ ބައި)

ނިޔާ ކަނޑައެޅުން

އިމާމުކަމާއި، ވަޒީރުކަން ފިޔަވައި އަލްމާވަރްދީ އެންމެ ތަފްޞީލުކޮށް ވާހަކަ ދައްކަވައިފައިވަނީ ދައުލަތު ނިޔާ ކަނޑައެޅުމުގެ ބަޔާ ބެހޭ ގޮތުންނެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ޒަރީޢާއިން ނިޔާ ކަނޑައެޅުމުގެ އަހައްމިއްޔަތާއި، އަދްލުވެރިވުމުގެ މުހިންމުކަން ސާބިތުކުރެއްވިއެވެ. އަލްމާވަރްދީ ވިދާޅުވާގޮތުގައި ނިޔާ ކަނޑައެޅުމުގެ މާޤާމަކީ ކޮންމެކޮންމެ މީހަކު ޢައްޔަން ކޮށްގެންވާނެ މަޤާމެއް ނޫނެވެ. އިމާމު ނުވަތަ ވަޒީރުއްތަފްވީޟު އަމިއްލަފުޅަށް އެމަޤާމަށް އައްޔަން ކުރައްވާ ބޭފުޅުން އިމްތިޙާނު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހު އަމަލު ކުރައްވަމުން ގެންދެވިފަދައިންނެވެ. އަލްމާވަރްދީ ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުންގެ މަޤާމަކީ ވަރަށްވެސް މުޤައްދަސް މަޤާމެކެވެ. މީހަކު އެމަޤާމަށް އިސްކުރުމަށްފަހު މީހަކު ވަކިކުރުމަކީ ރަނގަޅުކަމެއް ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ. ހަމައެފަދައިން އެމަޤާމުގައި ހުރި މީހަކު އަމިއްލަޔަށް އިސްތިޢުފާ ދިނުމަކީވެސް އޭނާ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ފަނޑިޔާރުންގެ ކިބައިގައި ހަތް ސިފައެއް ހުރުން ބޭނުން ކަމުގައި އޭނާ ވިދާޅުވިއެވެ.

  1. ފިރިހެނަކު ކަމުގައިވުން (އަލްމާވަރްދީ ވިދާޅުވާގޮތުގައި އަންހެނަކަށް ފަނޑިޔާރުކަމެއް ނުކުރެވޭނެއެވެ. އަލްމާވަރްދީއަކީ ހަމައެކަނި ޢާއްމު ޝާފިޢީއެއް ނޫނެވެ. އެމަޒްހަބުގެ އެންމެން ޤަބޫލުކުރާ އިސް ފިޤުހުވެރިންކުރެ އެއްބޭފުޅެކެވެ. އެހެންކަމުން އަލްއިމާމު ޝާފިޢީގެ މަޒްހަބާ އެއްގޮތަށް އޭނާވަނީ އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.)
  2. ވިސްނުންތެރި، ހުސިޔާރު މީހަކަށްވުމާއި، މަސްއަލަތަކުގެ އަޑިޔަށް އަވަހަށް ފީނައި ގަތުމުގެ އެކަށޭނަކަން ހުރި މީހަކު ކަމުގައިވުން.
  3. މިނިވަނަކު ކަމުގައި ވުން.
  4. އަލްމާވަރްދީގެ އަރިހުގައި ފަނޑިޔާރަކީ މުސްލިމަކު ކަމުގައިވުން ލާޒިމެވެ.
  5. ދީންވެރި، އަމާނާތްތެރި، ތަޤްވާވެރިޔަކަށްވުމާއި، އެމީހަކާމެދު ތުހުމަތުތަކާއި، ޝައްކުތައް އުފެދޭ ވަރަށްވުރެ މަތިވެރި، މާތް މީހެއް ކަމުގައި ވުން.
  6. ކީރިތި ޤުރުއާނާއި، ޙަދީޘުގެ އަލީގައި، ހުރިހާ މަސްއަލަތަކެއްގެ ނިޔާ ކަނޑައެޅޭ ވަރުގެ ފިގުހުގެ މާހިރަކަށްވުން.
  7. އަޑުއިވުމާއި، ފެނުމުގެ ޙިއްސުގައި އެއްވެސް އުނިކަމެއް ނެތް މީހަކު ކަމުގައިވުން.

ފަނޑިޔާރުންގެ ވާޖިބުތަކެއް ކަމުގައި އަލްމާވަރްދީ ބަޔާންކުރައްވަނީ އަންނަނިވި ކަންތައްތަކެވެ.

  1. ޤަޟިއްޔާތަކުގެ ނިޔާ ކަނޑައެޅުން.
  2. ޣާޞިބުންގެ ކިބައިން ޙައްޤުވެރީންގެ ޙައްޤުތައް ހޯދައިދިނުން.
  3. ދުނިޔެއިން މޮޔަވުމުގެ ސަބަބުންނާއި، ޢުމުރު ހަނގުވުމުގެ ސަބަބުންނާއި، އެނޫންވެސް ސަބަބުތަކާހުރެ ތިމާގެ މުދަލާމެދު ތަޞައްރުފު ކުރުން މަނާވާ މީހުންގެ މުދަލުގެ ކަންތައް ބަލަހައްޓައި ދިނުން.
  4. ވަޤުފުތައް ބެލެހެއްޓުން.
  5. ވަޞިއްޔަތްތައް ތަންފީޒުކުރުން.
  6. ހުވަފަތްވެފައިތިބޭ އަންހެނުންނަށް ކާވެނި ކުރުމަށް ހިތްވަރު ދިނުމާއި، އެކަމުގެ އިންތިޒާމު ހަމަޖައްސައިދިނުން.
  7. ޝަރުޢީ ޙައްދުތައް ޤާއިމުކުރުން.
  8. ތިމާގެ ދަށުގައިވާ މުވައްޒަފުން ކަންތައްކުރާގޮތް ރަނގަޅަށް ބެލެހެއްޓުމާއި، އެބައިމީހުންގެ ސުލޫކާ މެދު ޚާއްޞަ ނަޒަރެއް ބެހެއްޓުން.
  9. ގަދަފަދަ މީހުންނާއި، ބަލިކަށި މީހުން، މޮޅު މީހުންނާއި ދެރަމީހުންގެ މެދުގައި ހަމަހަމަޔަށް ކަންތައް ކުރުމާއި، އެންމެންނާ މެދު އެއްގޮތަކަށް އަދުލު އިންސާފު ޤާއިމުކުރުން.
  10. ހެކިންނާއި،ވަކީލުން ޤަބޫލުކުރުމާއި ނާއިބުން ޢައްޔަން ކުރުން.

އިޚްތިޔާރުގެ ގޮތުން އަލްމާވަރްދީ ޤާޟީން ބައްސަވައިފައިވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ފުރިހަމަ އިޚްތިޔާރު ލިބިވަޑައިގެންފައިވާ ޤާޟީންނެވެ. އަނެއްބަޔަކީ އިޚްތިޔާރުތަކާއި، ވާޖިބުތައް ވަކިމިނަކަށް ހަނިކުރެވިފައިވާ ޤާޟީންނެވެ.

ސަރުކާރުގެ މަޙްކަމާތައް

އަލްމާވަރްދީ ސަރުކާރުގެ މަޙްކަމާތަކަށް ނަންދެއްވަނީ ދީވާނުގެ ނަމުންނެވެ. އެނަން ކިޔުނު ސަބަބާ ބެހޭ ގޮތުން އޭނާ ބަޔާންކުރައްވައިފައިވަނީ އެދުވަސްވަރު ޢާއްމުވެފައި އޮތް ދެ ނަޒަރިއްޔާ އެކެވެ. އިތުރު ތަންޤީދު ކުރެއްވުމެއް ނެތިއެވެ. ސަރުކާރުގެ މަޙްކަމާތަކުގެ ތެރެއިން އެންމެ މުހިންމު ކަމުގައި އަލްމާވަރްދީ ވިދާޅުވަނީ ހަތަރު މަޙްކަމާ އެކެވެ. އެހަތަރު މަޙްކަމާ އަކީ:

  1. ދިފާޢާ ބެހޭ މަޙްކަމާ.
  2. ޕްރޮވިންސުތަކާއި ސަރަޙައްދުތަކާ ބެހޭ މަޙްކަމާ.
  3. މަޤާމުތަކަށް މީހުން ލެއްވުމާއި، ވަކިކުރުމާ ބެހޭ މަޙްކަމާ.
  4. ޚަޒާނާއާ ބެހޭ މަޙްކަމާ.

އަލްމާވަރްދީ ބޯހިމެނުމުގެ މަސައްކަތް ޙަވާލުކުރައްވައިފައިވަނީ ދިފާޢީ މަޙްކަމާއާއެވެ. އެހެނީ އެދުވަސްވަރު ހަނގުރާމަޔަށް އެކަށޭނެ މީހުންގެ ލިސްޓުތައް ތައްޔާރުކޮށް ބެލެހެއްޓުމަކީ ދިފާޢީ މަޙްކަމާގެ އެއް ވާޖިބެކެވެ. ޒިންމީންގެ ނަންތަކާއި އެބައިމީހުންގެ އަތުންނެގޭ ޖިޒީގެ ހިސާބު ކިތާބު ބެލެހެއްޓުމަކީ ޕްރޮވިންސުތަކާ ބެހޭ މަޙްކަމާގެ މަސްއޫލިއްޔަތެކެވެ. ތަފާތު ވަޒީފާތަކަށް ބޭނުންވާ މީހުންގެ ކިބައިގައި ހުންނާން ޖެހޭ ޤާބިލިއްޔަތާއި، އެބައިމީހުންގެ ޝަރްޠުތަކާއި، މުސާރަތަކާއި، ވަޒީފާގެ މުއްދަތު ކަނޑައެޅުމަކީ މުވައްޒަފުންނާ ބެހޭ މަޙްކަމާއިން ކުރަންޖެހޭ ކަމެކެވެ. ހުރިހާ އޮފީސްތަކަށާއި، ފަތަހަކުރެވިފައިވާ ސަރަޙައްދުތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވައިދުތައް ހަދާނީ ޚަޒާނާއާ ބެހޭ މަޙްކަމާއިންނެވެ.

މިރޮނގުން އަލްމާވަރްދީ ފާހަގަކުރައްވައިފައިވާ ޚިޔާލުފުޅުތައް ދިރާސާކޮށްލުމުން މީގެ ނުވަސަތޭކަ އަހަރު ކުރީން އޭނާގެ ވިސްނުންފުޅުގައި މިޒަމާނުގެ މަރްކަޒީ ސަރުކާރެއްގެ ފުރިހަމަ އޮނިގަނޑެއްވާކަން އެނގެއެވެ. މަތީގައި ބަޔާންކުރެވިފައިވާ ހަތަރު މަޙްކަމާއަކީ މިޒަމާނުގައިވެސް ވަރަށް މުހިންމުކަމުގައި ބެލެވޭ ހަތަރު މަޙްކަމާއެވެ.

ސިފައިންގެ ވެރިކަން

އަލްމާވަރްދީ އޭނާގެ އަލްއަހްކާމުއްސުލްޠާނިއްޔާގައި އަސްކަރީ އިންތިޒާމުތަކަށްވެސް ވަކި ބާބެއްވަނީ ޚާއްޞަ ކުރައްވައިފައެވެ. ސިފައިންގެ ވެރިޔާ އަމަލު ކުރައްވަންޖެހޭ ގޮތްތަކާއި، ހަނގުރާމަތަކުގައި ހިފައި ހައްޔަރުކުރެވޭ މީހުންނާމެދު ކަންތައް ކުރައްވަންޖެހޭ ގޮތާއި، ދުޝްމިނުންނާމެދު މުޢާމަލާކުރައްވަންޖެހޭގޮތާ މިހުރިހާ ކަމަކަށްވަނީ އަލިއަޅުއްވައިލައްވައިފައެވެ. މީގެ އިތުރަށްވެސް ސިފައިންގެ ވެރިޔާގެ ވާޖިބުތަކުގެ ވަރަށް ތަނަވަސް ފުރިހަމަ ލިސްޓެއްވަނީ ލިޔުއްވައިފައެވެ. އަލްމާވަރްދީ ލިޔުއްވާގޮތުގައި ސިފައިންގެ ވެރިޔާގެ ވާޖިބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ލަޝްކަރު ރައްކާތެރިކުރުން. (އޭގެ ތެރޭގައި ދުޝްމިނުންގެ ކުއްލި ހަމަލައިން ރައްކާތެރި ކުރުމާއި، ރޭގަނޑު ނިދައިފައި ތިއްބައި ދުޝްމިނުން ދީފާނެ ޙަމަލާތަކުން ސަލާމަތްވުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ލަޝްކަރު ދަތުރުކޮށްފައި ދާއިރު ދުޝްމިނުން ޙަމަލަދޭން ފިލައިތިބެދާނެ ހުރިހާ ތަނެއް ދުރާލައި ހޯދައި އެތަންތަން ބާރުގެ ދަށަށް ގެނައުން ހިމެނެއެވެ.)
  2. ދުޝްމިނުންނާ ބައްދަލުކުރުމަށްޓަކައި އަސްކަރީގޮތުން ފަހިވާފަދަ މައިދާންތައް އިންތިޚާބުކުރުން. (މިސާލެއްގެ ގޮތުން ވީހައިވެސް އަޑިގުޑަން ކަމެއް ނެތް ބިމަކަށްވުމާއި، ކާނާއާއި ބޯފެން ފަސޭހައިން ލިބޭކަހަލަ ތަނަކަށްވުމާއި، ކިރިޔާވެސް އެކަށީގެންވާ ކަމަކަށްވާނަމަ ލަޝްކަރުގެ ފަހަތް ޙިމާޔަތްކުރާނެ ފަރުބަދައެއް ހުރި ނުވަތަ ކޯރެއް އޮތް ބިމަކަށްވުމާއި، ރިޒާވް ލަޝަކަރެއް ބޭއްވުމާއި، ލަޝްކަރުގެ ކަނާތްފަރާތާއި، ވާތްފަރާތް ދިފާޢު ކުރާނެ ޚާއްޞަ ޔުނިޓްތައް ޢައްޔަންކުރުން ހިމެނެއެވެ.)
  3. ސިފައިންގެ ކެއިންބުއިމުގެ ކަންތައް ފުރިހަމަޔަށް އިންތިޒާމު ކުރުމާއި، ޖަނަވާރުތަކަށް ބޭނުންވާ ވިނައާއި ހުއި ލިބޭނެގޮތްތައް ރާވައި ހަމަޖެއްސުން.
  4. ސިފައިންގެ ވިޔަފާރިކުރުމާއި ދަނޑުވެރިކަމުގައި މަޝްޣޫލުވިޔަ ނުދިނުން.

އިޙްތިސާބު

އިސްލާމްދީންވަނީ މީހުން ކުށަށް އަރައިގަތުމުގެ ކުރިން ރައްކާތެރިކުރުމުގެ ތަދްބީރުތައް ޚިޔާރުކުރުމަށް ބާރުއަޅައިފައެވެ. މިގޮތުން ބަލާއިރު އިޙްތިސާބު ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. އާލަމްތަކަށް ރަހުމަތެއް ކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އަމިއްލަފުޅަށް ބާޒާރަށް ފައިންޕުޅު ބީއްސަވައެވެ. ބަޒާރުގެ ފިހާރަތަކުގައި ވިއްކަން ހުންނަ މުދާ ބައްލަވައި ޗެކުކުރައްވައެވެ. ފާރޫޤީ ދައުރުގައި އިޙްތިސާބުގެ މަސައްކަތް ޙަވާލުކުރައްވައިފައިވަނީ ފުލުހުންގެ މަހްކަމާއާއެވެ. ނަމަވެސް ޢައްބާސީ ޚަލީފާ އަލްމަހްދީގެ ޒަމާނުގައި އިހްތިސާބުގެ މަސައްކަތަށް ޚާއްޞަ މަޙްކަމާއެއް އުފެއްދެވިއެވެ.

އަލްމާވަރްދީ ވަނީ މުޙްތަސިބުންގެ އިޚްތިޔާރުތަކާއި، ވާޖިބުތަކާއި، މުހްތަސިބުންގެ ތަފާތު ބާވަތްތަކާ މެދުވެސް ބަޙްޘު ކުރައްވައިފައެވެ. އޭނާގެ ޚިޔާލުފުޅުގައި މުޙްތަސިބުންގެ ދެބާވަތެއްވެއެވެ. އެއްބަޔަކީ ސަރުކާރުގެ މުސާރަވެރީންގެ ހައިޘިއްޔަތުން އެމަސައްކަތް ކުރާ މީހުންނެވެ. އަނެއްބަޔަކީ ހިލޭސާބަހަށް އެވާޖިބު އަދާކުރާ މީހުންނެވެ. މުޙްތަސިބުންގެ އެންމެ އިސްވާޖިބަކީ މީސްތަކުންނަށް ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއް އުޅެން ނަސޭޙަތްތެރިވުމެވެ. ނުބައިކަންތައްތައް ހުއްޓުވުމެވެ. އެބައިމީހުންނަށް ބާޒާރަށް ދާންޖެހެއެވެ. ފިހާރަތަކުގައި ހުންނަ ކާބޯތަކެތި ގަޑުބަޑުކޮށްފައި ހުރޭތޯ ބަލަންޖެހެއެވެ. މިންއެޅުމާއި މިނެކިރުމަށް ބޭނުންކުރާ ތަކެތި ހަމަތޯއާއި އެތަކެއްޗަކީ ސަރުކާރުން ސިއްކަޖައްސަވައިފައިވާ މިންގަނޑުތަކާ އެއްވަރުގެ އެއްޗެހިތޯ ބަލަންޖެހެއެވެ. މިކަންކަމުގެ އިތުރަށްވެސް އަންނަނިވި ކަންތައް ބެލުމަކީ މުޙްތަސިބުންގެ ވާޖިބެކެވެ.

  1. އާއްމުމަގެއްގައި މީހަކު އިމާރާތެއް ކުރޭތޯ ބެލުމާއި، އައިސްގޮސްވުމަށް ހުރަސްއެޅޭގޮތަށް މަގުމަތީގައި އެއްޗެހި ބަހައްޓާތޯ ބެލުން.
  2. މީހުންގެ އަމިއްލަ ބިންތަކުގައި އެހެންމީހުން ކަށްވަޅުލާތޯ ބެލުން.
  3. އަޅުންނާއި، ޚާދިމުންނާއި، ޖަނަވާރާ މެދު ރަޙްމު ކުޑަކޮށް ކަންތައް ކުރޭތޯ ބެލުން.
  4. ދަރަނިވެރީން ދަރަނި އަދާކުރޭތޯ ބެލުން.
  5. ޖަމާޢަތުގައި ނަމާދު ޤާއިމުކުރަން ބާރުއެޅުން.
  6. ރަމަޟާންމަހު އެއްވެސް މީހަކު ފާޅުގައި ކައިބޮއި ހަދާތޯ ބެލުން.
  7. ވަރިވެފައިތިބޭ އަންހެނުންނާއި، ހުވަފަތްވެފައިތިބޭ އަންހެނުން ޝަރްޢީ ޢިއްދަ ހަމަކުރޭތޯ ބެލުން.
  8. މީހުނާ ނުއިނދެ ތިބޭ އަންހެނުންނާއި ކާވެނިކުރުމަށް ބާރުއެޅުން.
  9. އަންހެނުންނާއި، ފިރިހެނުން ޢާއްމުތަންތާނގައި މަސްހުނިވެ އުޅުނަ ނުދިނުން.
  10. މަސްތުވެގެންތިބެ މަގުމަތީގައި އުޅުން ހުއްޓުވުމާއި އެގޮތަށް އުޅޭ މީހުންނަށް އަދަބުދިނުން.
  11. ކަސްރަތުލިބޭ ފަދަ ކުޅިވަރުތަކަށް މީހުން ޝައުޤުވެރިކުރުވުން.

މުޙްތަސިބުންގެ އިޚްތިޔާރުތަކާމެދު އަލްމާވަރްދީ ވިދާޅުވާގޮތުގައި އެބައިމީހުންނަށް އަދަބުދެވޭނީ އެބައިމީހުންގެ ކުރިމަތީގައި ފާޅުގައި ކުރެވޭ ކުށްކުށަށެވެ. އެހެންމީހުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހޯދަން ފާރަލުމުގެ އެއްވެސް އިޚްތިޔާރެއް އެބައިމީހުންނަކަށް ނޯންނާނެއެވެ. މުޙްތަސިބުންނަށް ވަގުތުން ނިންމޭނީ ވަރަށް ހާމަކަން ބޮޑު މައްސަލަތަކެވެ. ހެކި ހޯދަންޖެހޭ ކަންކަމާއި، ހުވާކުރުވަންޖެހޭ މައްސަލަތައް ހުށަހަޅަންވާނީ ފަނޑިޔާރުންގެ ކުރިމައްޗަށެވެ. އަލްމާވަރްދީގެ ޚިޔާލުފުޅުގައި މުޙްތަސިބުންނަކީ ފަނޑިޔާރުންނާއި، ނާޡިރުލް މަޡާލިމުން (ކޮމްޕްލެއިންޓް ޑިރެކްޓަރުން) ނާދެމެދު މަޤާމެއްގެ ބައެކެވެ. އެކަމަކު އިޚްތިޔާރުގެ ގޮތުން ބަލާއިރު މުޙްތަސިބުންގެ އިޚްތިޔާރު ކުޑައެވެ.

އާދެ، އަލްމާވަރްދީގެ މަސައްކަތްޕުޅަށް ވިސްނައިލާއިރު އޭނާއަކީ ސިޔާސަތުގެ އުޞޫލުތައް ޢައްޔަން ކުރެއްވި އެންމެ ފުރަތަމަ މުސްލިމު މުފައްކިރެވެ. އޭނާ މަސައްކަތް ކުރައްވައިފައިވަނީ އިސްލާމްދީނުގެ ޙުކުމްތަކާއި، ޒަމާނުގެ ބޭނުންތަކާ ވީހައިވެސް އެއްގޮތްކުރެއްވޭތޯއެވެ.

އަރަހުށި މުސްލިމުންގެ އެންމެފުރަތަމަ ސިޔާސީ މުފައްކިރަށް ރަޙްމަތް ލައްވާށިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.