މުގާބިލާ - 36

(10 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އެއީ ކޮން ކަމެއް؟"

"ދެންމެ އަހަރެމެންނަށް މި އެނގުނު ކަމުގެ ފައިދާ ވަރަށް ބޮޑަށް ނެގިދާނޭހެން އަހަންނަށް ހީވާން ފަށައިފި."

"ކޮން ކަހަލަ ފައިދާއެއް؟" ޢަދްނާން އަހައިލިއެވެ.

"ކިތަންމެ ކިތަންމެ ފައިދާއެއް." ސުލައިމާން ބުންޏެވެ. "އެކަމަކު މިހާރަކު ނުބުނާނަން. އަހަރެންގެ ސިކުނޑިއަށް މުޅި މައްސަލަ އަދި ނުއެއް ވަދޭ."

ހަގީގަތަކީވެސް އެއީއެވެ. ރަނގަޅަށް ފަހުމުވާ ވަރަށް އޭނާގެ ސިކުނޑިއަށް އަދި މައްސަލަ ނުއެއް ވަދެއެވެ.

* * *

ސުލައިމާނަށް ހޭލެވުނީ ހޫނުކަމުގެ އިހުސާސް ކުރެވިގެންނެވެ. އޭރު އިބިލީސް އޭނާގެ ކުރިމަތީގައި ހުއްޓެވެ. "ހާދަ އަރާމު ނިންޖެކޭ؟" އިބިލީސް ވިހަ ރާގަކަށް ބުނެލިއެވެ.

"ﷲ އަށް ޙަމްދު ހުރި." ސުލައިމާން ބުންޏެވެ.

"މީގެ ފަހުން ކަލެއަކަށް ހަމަޖެހިލައިގެން ނުއެއް ނިދޭނެ."

"އެއީ ކަލޭގެ އިޚްތިޔާރަކު އޮންނަ ކަމެއް ނޫން."

"މަގޭ އިޚްތިޔާރު އޮންނަ މިންވަރެއް ކަލެއަކަށް އަދި ލަފާކޮށްލާންވެސް ނޭނގޭ." އިބިލީސް ބުންޏެވެ. "އަހަރެން މި އައީ އެހެން ވާހަކައެއް ބުނެލާން ވެގެން. އަހަރެން މުޅި ޝައިޠާނިއްޔަތު ގަންދީ ހުވާ ކޮށްފައި މި ބުނަނީ... މީގެ ފަހުން ބާޖު މަރައިގެން ކަލޭ މޮޅުވިޔަކަ ނުދޭނަން."

"ކަލޭގެ ތިޔަ ތަހައްދީ (ޗެލެންޖް) ވެސް އަހަރެން ގަބޫލު ކޮށްފިން."

އިބިލީސް ގެއްލިއްޖެއެވެ.

* * *

ވިދިގެން އައި ތިންމަސް ދުވަހު ސުލައިމާން އުޅުނީ ސިކުނޑީގެ ހައިޖާނެއްގެ ތެރޭގައެވެ. އޭނާގެ ފުރަތަމަ ސުވާލަކީ ޚުދު އޭނާ ބޭނުންވަނީ ކޮން ކަމެއް ބާވައޭ ހިތަށް އަރައި އުފެދޭ ސުވާލެވެ. އެންމެ ފަސޭހަ ގޮތަކަށް އޮތީ ޢަދްނާން ބުނި ގޮތަށް ހެދުމެވެ. ހަރާދުކިޔުން ހުއްޓައިލުމެވެ. އެއީ އެއް ގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ.

ފުރަތަމަ ސުވާލުގެ ކުރީން އުފެދޭ އެހެން ސުވާލެއްވެސް އެބަ އޮތެވެ. ފުރަތަމަ ހޯދާން ޖެހެނީ އެ ސުވާލުގެ ޖަވާބެވެ. ސުވާލަކީ ހަރާދުކިޔުން ހުއްޓައިލާން އޭނާ ޖެހިލުންވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވަގުތުން އެނގިއްޖެއެވެ. އޭނާ ހަމަ މިހާރުވެސް ހަރާދުކިޔުން ހުއްޓައިލަފާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އިބިލީހުގެ ކުރިމަތީގައި ބަލިވެގަތުމެވެ. އެއީ އޭނާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ.

އިބިލީހަކީ އާދަމުގެދަރީންގެ އަޒަލީ ދުޝްމިނެއްކަން އެންމެންވެސް ދަނެއެވެ. އެއީ ކަށަވަރު ކަމެކެވެ. އަހަރެމެންނާ ދެކޮޅަށް އޭނާ ކުރާ ހަނގުރާމައަކީ ގިޔާމަތާ ހަމައަށް ދެމިގެންދާ ނިމުމެއް ނެތް ހަނގުރާާމައެކެވެ. އެކަމަކު އެކަލޭގެ ހަނގުރާމަ ކުރަނީ ފާޅުގައި ފެނިގެންނެއް ނޫނެވެ. އޭނާގެ މައްކާރު ބުއްދީގެ ބޭނުން ކޮށްގެން ވަސްވާހުގެ އެހީގައެވެ. ހެޔޮއެދޭ އެކުވެރިއެއް ކަމަށް ހެދިގެން ވަސްވާސްދީ މަގުފުރެއްދުމަކީ ނުވަތަ ހެޔޮ މަގުން އެއްކިބާ ކުރުމަކީ އެސޮރުގެ އާދައެވެ. އެ އިބިލީސް... މިހާރު އޭނާޔާ ދިމާކޮށްލައިގެން އެ އުޅެނީ ޒާތީ މައްސަލައެއްގައެވެ. ފަރުދީ ސަތަހުގައެވެ. އެކަމަކުވެސް އެ ކުރަނީ ހަނގުރާމައެކެވެ. ހަނގުރާމައިގައި ފަހަތަށް ޖެހުމަކީ ސުލައިމާންގެ އާދައެއް ނޫނެވެ. ބަލިވެގަތުމަކީވެސް އޭނާގެ އާދައެއް ނޫނެވެ. މިހާރު މިއީ އާދަމުގެދަރީންގެ އިއްޒަތާ ގުޅިފައިވާ މައްސަލައެއް ކަމަށް އޭނާ ގަބޫލު ކުރާން ފަށައިފިއެވެ. އޭނާ ހަރާދުކިޔުން ހުއްޓާލައިފިއްޔާ ޝައިޠާނާާ ބަލާނީ ލިބުނު ފަތަހައެއް ކަމުގައެވެ. އެއީ އެކަލޭގެ ހިތްވަރު އާލާވާނޭ ކަމެކެވެ. މިއީ ޝައިޠާނާއަށް ވަރަށް މުހިއްމު ކަމަަކަށް ވާނެއެވެ. އޭނާގެ އަތުން ވަރަށް ބޮޑު ބައްޔަކުން ބަލިވެފައި ވާތީ މިހާރު ހުންނާނީ ހިތްވަރު އެލި ޔަގީންކަން ކުޑަވާ ގޮތް ވެފައެވެ. އެހެންވީމާ އެ މަލްޢޫނުގެ ހިތްވަރާއި ޔަގީންކަން ފުނޑުފުނޑު ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސުލައިމާން އިނީ ކަރުދާހާއި ގަލަމާ ހިފައިގެން ސޯފާގައި އިށީނދެގެންނެވެ. ވަރަށް ބޮޑަށް ވިސްނައި ފިކުރު ހިންގުމަށް ފަހު ކަރުދާސްގަނޑުގައި ލިޔެލިއެވެ. "އަހަރެން ހަރާދުކިޔުން ހުއްޓައެއް ނުލާނަމެވެ. އެއީ އިބިލީހާ ޖެހި ބަލިވެ އިނދަޖެހޭން ބޭނުން ނުވާތީއެވެ."

އިބިލީސް ބަލި ކުރުމަކީ މިހާރު އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލައެވެ. ދެކެވުނު ވާހަކަތަކުން އެއް ކަމެއް ޔަގީންވެއެވެ. މި ފަހަރު އެކަލޭގެ ބަލި ކުރާން ވާނީ ހަރާދުކިޔުމުންނެވެ. އެ ކަލޭގެ ދިޔައީ ހަރާދު ކިޔައިގެން މޮޅުވިޔަ ނުދޭނަމޭ ބުނެފައި ކަމަށް ވާތީއެވެ.

ހަރާާދުކިޔުމުގައި އިބިލީސް ބަލި ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާާލުގެ ޖަވާބުވެސް އުނދަގުލެއް ނުވިއެވެ. އިބިލީސް ބަލި ކުރެވޭނީ އޭނާ ކުރި ހުވައި އުވައިލާން މަޖުބޫރު ކޮށްގެންނެވެ. އެފަދަ ހާލަތެއް މެދުވެރިކޮށްގެންނެވެ. މާނައަކީ ހަރާދުކިޔައިގެން އޭނާ މޮޅުވާނޭ ގޮތް ހަދާން އިބިލީހަށް މަޖުބޫރު ކުރާނީއެވެ.

އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބެއް ހޯދާކަށް ފަސޭހައެއް ނުވިއެވެ.

އޭނާގެ ހިތަށް އެރިއެވެ. އިބިލީހާއި ޝައިޠާނުންނަށް ފައިދާވާ ކަހަލަ ކަމެއްގައި ހަރާދުކިޔާނީއެވެ. އިބިލީސް މަސައްކަތް ކުރާނީ އޭނާ ބަލި ކުރާށެވެ. އޭނާ ބަލިވުން ވެގެން ދާނީ އިބިލީހާއި އޭނާގެ ބައިވެރިންގެ ބަރުބާދީއަށެވެ. ނަތީޖާއަކަށް ވާނީ އޭނާގެ ބައިވެރިން އޭނާ ދެކެ ރުޅި އައިސް ބަޣާވާތަކާ ދިމާއަށް އެނބުރިގަތުމެވެ.

މިއީ ވިސްނާށާއި ޚިޔާލު ކުރާން ފަސޭހަ ކަމެކެވެ. އެކަމަކު އަމަލީ ގޮތުން ކުރާކަށް ފަސޭހަ ކަމެއް ނޫނެވެ. އޭނާ މިފަަހަރު ވިސްނާން ޖެހިފައި މިވަނީ ޝައިޠާނުންގެ ފައިދާއަށެވެ. އެއީ އަމިއްލައަށް ބަލިވެގަތުން ކަހަލަ ކަމަކަށްވެސް އެބަވެއެވެ. އިބިލީސް އޭނާގެ ހުވައި އުވައިލިޔަސް ފައިދާ ވާނީ އިބިލީހަށެވެ.

ނޫނެކެވެ... އެހެން ވެގެން ނުވާނެއެވެ. އޭނާއަށް ޖެހޭނީ ތަންކޮޅެއް ފުންކޮށް ވިސްނައިގެން ވިޔަސް އިބިލީސް އިނދަޖައްސައިލެވޭ ކަހަލަ ތަދުބީރެއް ކުރާށެވެ.

އޭނާ ވިސްނުމުގެ މިސްރާބު ބަދަލުކޮށް އިހަށް ވިސްނި ވިސްނުމާ ދިމާ އިދިކޮޅަށް ވިސްނާން ފަށައިފިއެވެ.

ހަރާދުކިޔައިގެން އޭނާ މޮޅު ވެއްޖެއްޔާ އިބިލީސް ބަލިވީއެވެ. އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އިބިލީސް އޮތީ އޭނާ މޮޅުވިޔަ ނުދޭން ހުވައި ކޮށްފައެވެ.

ވަރަށް ގިނަ އިރު ވިސްނިފަހުން އޭނާގެ ސިކުނޑިއަށް ހަނގުރާމައިގެ އޮނިގަނޑެއް ވެރިވެއްޖެއެވެ. އެއީ އޮޅުވައިލުމުގެ ވިސްނުމެކެވެ. ވާނުވާ އިބިލީހަށް ނޭނގޭ ކަހަލަ ގޮތަކަށް ކަމެއް ރޭވުމުގެ ވިސްނުމެވެ. މިސާލަކަށް ހަނގުރާމައިގެ ތެރޭގައި ސިފައިން މުޅި ގައިގައި ފަތް ބަނދެގެން ތިބެއެއް ނޫން ހެއްޔެވެ؟ ދުޝްމަނުންނަށް އެމީހުން ފެންނާނީ ގަހެއްގެ ނުވަތަ ވިނަގަނޑެއްގެ ސިފައިގައެވެ. އަސްލު މީހާއެއް ނުފެންނާނެއެވެ.

އޭނާގެ ސުވާލުގެ ޖަވާބު ކުއްލިއަކަށް ސިކުނޑިއަށް ވަދެއްޖެއެވެ. އޭނާ ހަރާދުކިޔާނީ ކުރަން އުޅޭ ކަމަކާ ދިމާ އިދިކޮޅަށެވެ. އޭރުން އޮންނާނީ ހަގީގީ މަންޒަރު ފޮރުވިފައެވެ. އޭނާ ބޭނުން ވެގެން އުޅެނީ ކޮން ކަމެއް ކަމެއް އިބިލީހަކަށް ރޭކައެއް ނުލާނެއެވެ. އޭނާ ބަލި ކުރާން ކުރާ މަސައްކަތުން އެންމެ ފަހުން ބަލި ވާނީ އިބިލީހެވެ.

އޭނާގެ ހިތަށް އެރިއެވެ. މިފަދަ ގޮތަކަށް ހެދޭނީ ހަރާދުކިޔާ ގޮތްވެސް ބަދަލު ކޮށްގެންނެވެ. ސީދާ އޭނާ ހަރާދުކިޔުމުގެ ބަދަލުގައި އޭނާގެ ފަރާތުން އެހެން މީހަކު ހަރާދުކިޔާ ގޮތް ހަދައިގެންނެވެ. އެއީ އޭނާ ކޮށްފައިވެސް އޮތް ކަމެކެވެ. އޭނާގެ ބޭނުމަށް ޢަދްނާން ލައްވައި ހަރާދު ކިޔުއްވައިފިއެވެ. އެއީ ދެ މިނިޓުގެ ތެރޭގައި ވާރޭ ވެހޭނެއޭ ކިޔައިގެން ކިޔުނު ހަރާދެވެ.

މާނައަކީ އޭނާގެ ފަރާތުން ހަރާދުކިޔާ މީހާ މޮޅު ވާނެއެވެ. އެމީހަކު ވާން ޖެހޭނީ ޢަދްނާން ފަދައިން އޭނާގެ ގާތް މީހަކަށެވެ. އެމީހަކު މޮޅުވީމާ މޮޅުވާނީ ސުލައިމާނެވެ. އެކަމަކު ޝައިޠާނާ ހީކުރާނީ އޭނާ ބަލިވީ ކަމުގައެވެ. ޚުދު ތިމާ އަމިއްލައަށް ބަލިވީއޭ ހިތަކަށްވެސް ނާރާނެއެވެ.

މާ ގިނަ އިރު އެކަމާ ވިސްނުމަކުން ކުރާނޭ ފައިދާއެއް ނެތްކަން ސުލައިމާނަށް އެނގެއެވެ. ސިކުނޑިއަށް ބުރަ ބޮޑު ވާނީއެވެ. އެހެންވީމާ މި ވަގުތަކަށް އެ ފިކުރު ކުރުން ހުއްޓާއިފިއެވެ. އޭނާގެ މަޝްރޫޢަށް ބައެއް ކަހަލަ ބަދަލުތައް ގެނައުމަކީވެސް ކުރާން ޖެހިދާނޭ ކަމެކެވެ.

އޭނާގެ ސިކުނޑީގައި މިހާރު ވަރަށް ފުރިހަމަ އޮނިގަނޑެއް އެބައޮތެވެ.

* * *

ދަރުމަ ކާގޭގެ ކަންތަކާ ހަވާލުވީ ކޮމިޓީގެ އިސް ޝައިޠާނާ ފުރަތަމަ ބައްދަލު ކުރީ މެނޭޖަރު މީރް ކަރާމަތުﷲ އާއެވެ. އޭނާގެ ބޮލަށް ވަދެގެން ނުބައެއް ހެދޭތޯއެވެ. އެކަލޭގެ ދިޔައީ ކާޑާއި ހަވާދުގެ ބާވަތްތައް ވިއްކާ މީހަކަށް ހެދިގެންނެވެ.

"މީގެ ފަހުން އަޅުގަނޑުގެ ފިހާރައިން ކާޑާއި ހަވާދުގެ ބާވަތްތައް ބައްލަވައިގަންނާންވީ ނޫންތޯ؟" ޝައިޠާނާ ބުންޏެވެ.

"މާފު ކުރައްވާ. މިހާރު އަޅުގަނޑުމެންނަށް ކާޑާއި ހަވާދު ފޮނުވާ ފިހާރައިން ބަރާބަރަށް ގަޑިއަށް މުދާ ފޮނުވައިދޭ. އެއްވެސް މައްސަލައެއް ނުޖެހޭ." ކަރާމަތުﷲ ބުނެލިއެވެ.

"އަޅުގަނޑުމެންގެ އަގުތައް މާ ހެޔޮ ވާނެ."

"އަގަކީ އަޅުގަނޑަކާާ ގުޅުމެއް އޮންނަ ނޫން. އެއީ އަޅުގަނޑުގެ ވެރިމީހާ ސުލައިމާނުގެ ކަމެއް."

"ގުޅުމެއް އުފައްދަވާންވީ ނޫންތޯ؟" ޝައިޠާނާ ބުންޏެވެ. "އަޅުގަނޑު ތިޔަބޭފުޅާގެ ކަންތައް ހަމަޖައްސާނަން."

"ތިޔަ ވިދާޅުވީ އެއްޗެއް އަޅުގަނޑަކަށް ނޭނގުނު."

"މިއީ ހަމައެކަނި މުސާރައިން ފުއްދާލައިގެން އުޅެވޭ ކަހަލަ ޒަމާނެއް ނޫނެއް ނޫންތޯ؟"

(ނުނިމޭ)

4 ޚިޔާލު

  1. ކިޔާ ހިތުން ހުއްޓާ ކޮންމެ ބައެއް ވެސް ނިމެނީ. މިއީ ވަރަށް ތަފާތު އިބުރަތްތެރި ވާހަކައެއް. ވާހަކައިގެ ބަސްކޮށާރާއި ލިޔުމުގެ ހުނަރު ފުރިހަމަ. ސާބަސް ނަޢީމް!

  2. ވާހަކަ ވަރަށް ކަމުދޭ.ރީތިވެފަ ޢިބްރަތްތެރި ވެސް މެ.އެކަމަކު އެއް ހާދިސާ އިން އަނެއް ހާދިސާ އަށް ބަދަލުވުން މާ ލަހީ.މި ވާހަކައިގެ މުސައްނިފު ވާ ކެތްތެރި.މިވަރު ކޮށްފަ (ބައެއް ދިވެހި ލިޔުންތެރިން ހަދާހެން) ނިމުން ކުރުގަޅުވާނުލާ ފާހަގަވާފަދަ ރީތިގޮތަކަށް އޮންނާނެ ކަމަށް އުއްމީދުކުރަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.