(1 ޑިސެމްބަރ 2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)
ޚާއްސަ ދަރިވަރު އިސް ދަށަށް ޖަަހައިލިއެވެ. ޗާންސެލަރުގެ ވާހަކައަަކަށް ރައްދެއް ނުދިނެވެ.
ދެމީހުން ހަމަ އެ ލަސްމިނުގައި ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ޗާންސެލަރު ހުއްޓިއްޖެއެވެ. ޚާއްސަ ދަރިވަރުވެސް ދެތިން ފިޔަވަޅު ފަހަތުގައި ހުއްޓިއްޖެއެވެ. އޭނާ ޗާންސެލަރުގެ މޫނަށް ބަލައިލިއެވެ. އެ އޮފުދާރު މޫނުމަތީންފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. ބިރުވެރިކަމާއި ރުޅިވެރިކަމުގެ ކުލަވަރެވެ.
"ކިހިނެއްވީތޯ މާތް މަނިކުފާނު؟"
"ކޮންމެވެސް ނުބައެއް ވާން އެބަ އުޅޭ." ޗާންސެލަރު ވައިގެ ވަސް ބަލަމުން ބުނެލިއެވެ.
ޚާއްސަ ދަރިވަރު ނޭފަތުމުދީގައި އިނގިލި ޖައްސައިލަމުން ބުނެލިއެވެ. "އާދެ. އިސާހިތަކު ވާރޭ ވެހިގެންފާނެ."
"ކަލެއަކީ ހަމަ ފައްކާ ހިމާރެއް." ޗާންސެލަރު ރުޅި އައިސްފައި ބުނެލިއެވެ. "އަހަރެމެންގެ މީހަކު މަގުފުރެދޭން ގާތް ވެއްޖެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާ ހުއްޓުވާން އެބަ ޖެހޭ."
ޗާންސެލަރު ވަރަށް ބާރަށް ހިނގައިގެންފިއެވެ. އިރުކޮޅަކުން ދުއްވައިގެންފިއެވެ. ޚާއްސަ ދަރިވަރުވެސް ފައިހަމަ ކުރެވޭތޯ އުޅެގެންފިއެވެ. "އޭނާ ހުއްޓުވާނީ ކަލޭ." ޗާންސެލަރު ބުންޏެވެ. "މައްސަލައިގެ ތަފުސީލު އަހަރެން ކަލެއަށް ދޭނަން. އަތުން ދޫނުވަނީސް މައްސަލަ ހައްލު ކުރާނޭ ކަމަށް އަހަރެން އުއްމީދު ކުރަން."
ޚާއްސަ ދަރިވަރު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އޭނާގެ ހިތްވަރު އާލާ ވެއްޖެއެވެ.
ދެމީހުން ދުވުން ހުއްޓައެއް ނުލައެވެ.
* * *
އާދަޔާ ޚިލާފު ހާލަތެއްގައި ނަޢީމު މިސްކިތާ ދިމާއަށް ހިނގަމުން ދިޔައެވެ. އޭނާ ގޯޅި އެޅިތަނާ ގެއެއްގެ ދޮރު ހުޅުވައިލާފައި އެ ނުކުތީ ރީތި ޅަބާޅަ އަންހެން ކުއްޖެކެވެ. އެކަމަކު އެ ކުއްޖާ ހުރިކަމުގެ އިހުސާސެއް ނަޢީމަކަށް ނުކުރެވެއެވެ.
"ނަޢީމު... ނަޢީމު." އެ ކުއްޖާ އަސަރުގަދަ އަޑަކުން އޭނާއަށް ގޮވައިލިއެވެ.
ނަޢީމު އެ ދިމާއަށް ބަލައިލިއެވެ. އެއީ ފަރިވެ ފޮޅިފައި އިން ފިނިފެން މަލެކެވެ. ނަމަކީ ގުލާބެވެ. އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލައިފިއެވެ. ގުލާބު މަަޅީގައި ޖެއްސޭތޯ އޭނާ މީގެ ކުރީން ލައްކަ މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިހާރު އޭނާ އަމިއްލައަށް އެހެރީ ސަމުސަލަށް އަރައެވެ. ނަޢީމު ކުރި ކަމަކާ ނުލައެވެ.
"ބަލަހައްޓައިގެން ހުރީ ކީއްވެގެން؟ އަހަންނާ ވާހަަކަ ދައްކައިލާން އާދެބަލަ." ގުލާބު ދައުވަތު ދިނެވެ.
ނަޢީމު ހަތަރު ފަރާތަށް ނަޒަރު ހިންގައިލިއެވެ. މީހެއްގެ ލިސާންވެސް ނެތެވެ. ގުލާބާ ދިމާއަށް ހިނގައިގަތުމާއެކު އޭނާގެ ހިތް ނުތަނަވަސް ވާން ފެއްޓިއެވެ. "އެބަ އަންނަަން... ދިހަ ވަރަކަށް މިނިޓު ފަހުން އަންނާނަން." އޭނާ ބުނެލިއެވެ.
"ދިހަ މިނިޓު ފަހުން މަންމަޔާއި ބައްޕަޔާ ގެއަށް އަތުވެދާނެ. މިހާރު އާދޭ. ގެޔަކު އެކަކުވެސް ނެތް."
އޭނާގެ ލޮލުގައި ނަށަނަށައި ހުރި ފާހިޝް ކުލަވަރަށް ނަޢީމު ބަލައިލިއެވެ. އަދި ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެކަމަކު އަނެއްކާވެސް ގެއިން ނުކުތް އިރު ހުރި ހާލަތު އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވެގެންފިއެވެ. "އެހެން ދުވަހަކު އަންނާނަން. މިހާާރަކު ވަގުތެއް ނެތް." ނަޢީމު މިހެން ބުނެފައި ކުރިއަށް ހިނގައިގެންފިއެވެ.
"ފިނޑި... އަންހެންދުޅާ..." ފަހަތުން ގުލާބުގެ މަލާމާތުގެ ގޮވެލިފަތީގެ އަޑު އިވެއެވެ.
އެކަމަކު ނަޢީމު ހިނގުން ހުއްޓައެއް ނުލިއެވެ. އެ ގޯޅި ނިމިގެން އޮތް މަގަށް އޭނާ ނުކުމެވުމާއެކު އޭނާއަށް އަނެއްކާވެސް ހުއްޓެވިއްޖެއެވެ. ކުރިމަތީގައި ހުރި އަންހެންމީހާގެ ހެދުންގަނޑު އޮތީ އޮރިޔާން ފެންނަވަރަށް ވީދި ބައު ހެދިފައެވެ. އޭނާގެ އުރުގައި ތުއްތު ކުއްޖަކު އޮތެވެ. ބަލާބެލުމަށް ދޭއް ނުވަތަ ދޭއްބައި އަހަރުގެ ކުއްޖެކެވެ. އަންހެންމީހާ ރޮނީއެވެ. ނަޢީމު ފެނުމާއެކު ބުންޏެވެ. "އަހަންނަށް އެހީތެރިވެދީ. އަހަރެންގެ ދަރިފުޅު ވަރަށް ބަލި. ހަސްފަތާލަށް ގެންގޮސްދީ."
ނަޢީމު އެ އަންމީހާއާ ދިމާއަށް ބާރަށް ހިނގައިގެންފިއެވެ. އަންހެންމީހާ އޭނާގެ ދަރިފުޅު ތިރިކޮށްލިއެވެ. އެޔާއެކު އޭނާގެ މޭމަތި ހާސާވެއްޖެއެވެ.
ނަޢީމަކީ ފާފަވެރިއެއް ކަމުގައި ވިޔަސް ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާ ބޭނުންވީ ތުއްތު ކުއްޖާ ހަސްފަތާލަށް ގެންގޮސްދޭށެވެ. އެކަމަކު އަނެއްކާވެސް އޭނާގެ ހިތުގައި އޮތް އަޒުމު ވަރުގަދަ ވެއްޖެއެވެ. އެއީ ކޮންމެ ގޮތެއް ވިޔަސް މިއަދު ނަމާދު ކުރުމުގެ އަޒުމެވެ. "ފަސް މިނިޓު މަޑުކޮށްލާ. އަހަރެން ކަލޭ ހަސްފަތާލަށް ގެންގޮސްދޭނަން."
"އަހަރެންގެ ދަރިފުޅު ފަސް މިނިޓް ވާންދެން ދިރިއެއް ނޯންނާނެ." އަންހެންމީހާ ގިހެއް ލިއެވެ.
"އެހެން ވެއްޖެއްޔާ ތިޔަ ކުއްޖާ މަރުވާނެ." ނަޢީމު ބުންޏެވެ. "ހަސްފަތާލާ ހަމައަށް ފޯރާނީ ވިއްސަކަށް މިނިޓުން."
އަންހެންމީހާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "އަހަރެންގެ ހުރިހައި އެއްޗެއް ގެންދޭ." އޭނާ ހަށިގަނޑު ހާސާކުރަމުން އާދޭހާއެކު ބުންޏެވެ. "އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދީ."
"ދިރިހުރުމާއި މަރަކީ ﷲ ތަޢާލާގެ އިރާދަފުޅުގައިވާ ކަންތައްތަކެއް. ސަލާމަތް ކުރައްވާނީވެސް އެކަލާނގެ." ނަޢީމު އެމީހާގެ އަތް ފޮޅުވައިލާފައި ކުރިއަށް ހިނގައިގެންފިއެވެ. އަންހެންމީހާ އޭނާޔާ ދިމާއަށް އަވަގުރާނަ ގޮވަމުން ދިޔައެވެ. އޭނާއަކަށް އެއިން އެއްވެސް އެއްޗެއްގެ އަޑެއް ނީވެއެވެ.
މިސްކިތް ހުރީ މަގުގެ އަނެއް ފަޅީގައެވެ. ނަޢީމު ދެ ފަރާތް ރަނގަޅަށް ބަލައިފައި މަގު ހުރަސް ކުރާން ހިނގައިގެންފިއެވެ. އެ ވަގުތު އައިނައި ތަނެއް ނޭނގި އައި ކާރެއްގައި އޭނާ ޖެހިއްޖެއެވެ. ބިން މައްޗަށް ވެއްްޓުނުކަން އޭނާއަށް އެނގުނެވެ. އޭގެ ފަހުން ވީ ގޮތެއް ނޭނގެއެވެ.
ކާރު މަޑުނުކޮށް އެ ދިޔަ ދިމާއަށް ގޮސް އޮބައިލައިފިއެވެ. ތުއްތު ކުއްޖާ ގޮވައިގެން ހުރި އަންހެންމީހާ ކަަކަކަކަ އަޅައިފައި ހީނގެންފިއެވެ.
* * *
ޚާއްސަ ދަރިވަރު މޭ ފުއްޕައި، ކަނދުރާ ކޮޅަށް ޖަހައިގެން ފަޚުރުވެރިކަމާއެކު ޗާންސެލަރު ގާތަށް އައި އިރު ކަމަކު ދާކަށް ނެތެވެ. ޗާންސެލަރު އަމިއްލަ ބޮލުގައި ވަކި އަޅައި ވީދައި އިސްތަށިތައް އުފުރަނީއެވެ.
"ކިހިނެއްވީތޯ މާތް މަނިކުފާނު؟ މަނިކުފާނު ކޯފާވެވަޑައިގެން ހުންނެވި ވައްތަރު އެބަޖަހާ."
ޗާންސެލަރުގެ އަނގައިން އަލިފާނުގެ ރޯޅިތައް ނުކުންނަނީއެވެ. ވާހަކަ ދެއްކޭ ވަރަށްވުރެ ރުޅި ގަދައެވެ.
"އަޅުގަނޑުގެ މަސައްކަތް ދެކެވަޑައިގަތިންތޯ؟" ޚާއްސަ ދަރިވަރު ފަޚުރުވެރިކަމާއެކު ސުވާލު ކޮށްލިއެވެ. "އެކަލޭގެ ހުއްޓުވުމަކީ އެހައި ފަސޭހަ ކަމެއް ނޫން."
"އާނ... އަހަރެން ހުރީ ބަލާން. ކަލެޔަކީ މޮޔަކަމުގައިވެސް ހައްދުން ނައްޓައިފައި ހުރި މީހެއް. ތިޔަ ކަހަލަ މޮޔަ ކަމެއް ކަލޭ ކުރާނޭ ކަމަކަށް އަހަރެން ހިޔެއް ނުކުރަން. ހީވާ ގޮތުގައި ކަލޭގެ މައްޗަށް ކުޅަ ހުރިހައި މަސައްކަތަކީ ވަގުތު ބޭކާރު ކުރުން." ޗާންސެލަރު ނޯށުން އަލިފާން ނެރެމުން ވާހަކަ ދެއްކިއެވެ.
ޚާއްސަ ދަރިރަވަކަށް ބުނާނޭ އެއްޗެއް، ހަދާނޭ ގޮތެއް ނުވިސްނުނެވެ. އޭނާ އައީ ސާބަސް ދޭނޭ ކަމަށް އުއްމީދު ކޮށްގެންނެވެ. އެކަމަކު ކަންތައް މިވީ އެހެންނެއް ނޫނެވެ. "މާތް މަނިކުފާނު ތިޔަ ވިދާޅުވީ އެއްޗެއް އަޅުގަނޑަކަށް ދޭހައެއް ނުވި."
ރުޅީގެ މައްޗަށް ބާރު ފޯރުވޭތޯ ޗާންސެލަރު މަސައްކަތް ކުރިއެވެ. އޭނާގެ އެންމެ ބަލިފަޔަކީ ރުޅިއެވެ. ކުއްލިކުއްލިއަށް އަންނަ އަޖައިބެއްފަދަ ގަދަ ރުޅިއެވެ. ރޯވެގެން އަނދަމުން ފޯރި އަރަމުން އައި އަލިފާންގަނޑެއް ފަދައިން ގަދަވަމުން އައި ރުޅީގެ މައްޗަށް ބާރު ފޯރުވުނީ ވަރަށް އުނދަގުލުންނެވެ. "ކަލޭ ކުރި ހުރިހައި މަސައްކަތެއް ބޭކާރު ކޮށްލައިފީމު." މި ފަހަރުގެ އަޑު ތަންކޮޅެއް މަޑުމައިތިރިއެވެ.
"އަދިވެސް އަޅުގަނޑަކަށް ދޭހައެއް ނުވޭ. މާތް މަނިކުފާނު. އަޅުގަނޑު ކަންތައް ކުރީ އެއްވެސް ގެއްލުމެއް ނުވާނޭ ގޮތް ބަލައިގެން." ޚާއްސަ ދަރިވަރު ބުންޏެވެ. "އަޅުގަނޑަށް ހީވަނީ މަނިކުފާނަށް ކުށް ހީފުޅެއް ކުރެއްވިއްޖެހެން. އޭނާ މަރެއް ނުވޭ. ދިރި އެބައޮތް. ހަމައެކަނި ފައި ބިނދުނީ. ތިން މަހެއްހައި ދުވަސް ވާންދެން ހިނގައި ނޫޅެވޭނެ. އޭގެ ފަހުން ރަނގަޅު ވެދާނެ."
"އިތުރަށް ވަގުތު ނަގައި ނުލައި ހިނގާ. ޖަލްސާއަށް ދާން އެބަ ޖެހެއެއްނު؟ ދާ މަގުމަތީގައި އަހަރެން ކަލެއަށް ވިސްނައި ދޭނަން." ޗާންސެލަރު ބުންޏެވެ. "އެއް ކަމެއް އަބަދުވެސް ހަނދާން ކުރާތި. ދިރިހުރުމާއި މަރަކީ އަހަރެމެންގެ ބާރު ފޯރާނޭ ކަންތައްތަކެއް ނޫން."
ދެ މީހުން އަނެއްކާވެސް ދަތުރަށް ފަށައިފިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ފެނުނީ މަތި ނަގައިފައި ހުރި ނަރުދަމާ ވަޅެކެވެ. ދެމީހުން އެ ވަޅަށް ފައިބައިފިއެވެ. ޚާއްސަ ދަތުރު ފެށުނީ ނަރުދަމާ ހޮޅީގެ ތެރެއިންނެވެ.
ޗާންސެލަރު އަނގަޔަކުން ނުބުނެއެވެ. ޚާއްސަ ދަރިވަރުގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ބުނެފިއެވެ. "މާތް މަނިކުފާނު. އަދިވެސް ވިދާޅެއް ނުވަމެއް ނޫންތޯ؟"
"ކަލޭ ހީކުރީ ކަލެއަށް އޭނާ ހުއްޓުވުނު ކަމަށްތަ؟" މި ފަަހަރު ޗާންސެލަރުވެސް ކުރީ ސުވާލެކެވެ.
"މަނިކުފާނުވެސް ދެކެވަޑައިގަތީމެއް ނޫންތޯ؟ އަޅުގަނޑު އޭނާ ހުއްޓުވިން."
"ނޫން. އޭނާއަށް އެ ނަމާދުގެ ސަވާބުވެސް މިހާރު އޮންނާނީ ލިބިފައި. އަދި އޭނާ ބަލިއެނދުގައި އޮންނަހައި ދުވަހަކު ހުރިހައި ނަމާދެއްގެ ސަވާބު އޭނާއަށް ލިބޭނެ. އެނގިއްޖެތަ؟"
"އެއީ ކީއްވެގެންތޯ؟"
"އެއީ ހައްތަހާވެސް ނިޔަތުގެ ކުޅިވަރު. ކަލާނގެ ހުރިހައި ކަމެއް ދެނެވޮޑިގެންވޭ. އެމީހާގެ ގަސްތު ރަނގަޅު. އެއްވެސް ހިންތާއަކުން އޭނާ ހުއްޓުވޭ ގޮތެއް ނުވި. ބަލި ފަސޭހަ ވާންދެން އޭނާ ގުނެނީ ފަސް ވަގުތު ނާޅައި ނަމާާދު ކުރާ މީހުންގެ ތެރޭގައި."
"ތިޔައީ ވަރަށް ދެރަ ކަމެއް."
"ކަންތައް ވީ ދެރަކޮށް. އެކަމަކު އެކަހަލަ ކަންތައްވެސް ވާނެ. ކުރެވޭނޭ އެހެން ކަމެއް އޮތްތޯ ބަލާނީ. ކަލެއަކީ އަދި ވަނދު ގޮބޮޅިއެއް." ޗާންސެލަރު ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
މިހާރު ދެމީހުން އެ ދަތުރު ކުރަމުން ދަނީ ކަނުއަނދިރީގައެވެ. އެހެންވީމާ އަވި އައިނު ނަގައިފިއެވެ. "ޝުކުރިއްޔާ މާތް މަނިކުފާނު. އަލިކަމުން މިންޖު ވެއްޖެ. މަތީގައި އުޅުނު އިރު އަޅުގަނޑުގެ ލޮލުގައި ވަރަށް ބޮޑަށް ރިއްސި." ޚާއްސަ ދަރިވަރު ޝުކުރުވެރިކަން ފައުޅު ކުރިއެވެ.
"އާނ. އަލިކަމަކީ އަހަރެންގެ ދުޝްމިނެއް. އަހަރެން އައްޔަށް ނަފުރަތު ކުރަން." ޗާންސެލަރު ތުން ފިއްތައިލިއެވެ. "އެކަމަކު އަހަންނަށް މަސައްކަތް ކުރާން މި ޖެހެނީ އަލިކަމުގެ ތެރޭގައި."
"އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނަމަ އިރު ނިއްވައިލީމުސް." ޚާއްސަ ދަރިވަރު ބުންޏެވެ.
"ތިޔައީ އަހަންނަކަށްވެސް ކުރެވޭނޭ ކަމެއް ނޫން. ކަލޭ ކަހަލަ ސޮރަކަށް އަމުދުން ތިޔަކަން ކުރެވޭނީ ކިހިނެއް؟" ޗާންސެލަރު ފުން ނޭވައެއް ލިއެވެ.
"އާދެ... އާދެ."
"ކަލޭ ވަރަށް ކުރިއަށް ދާނެ. ވައި އެޅުވުމަކީ ކަލޭ ވަރަށް މޮޅަށް ކުރާ ކަމެއް. އެކަމުގެ ހުނަރު ކަލޭގެ ކިބައިގައި އެބަހުރި."
"ޝުކުރިއްޔާ މާތް މަނިކުފާނު."
ކުޑަ އިރުކޮޅަކު ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ޚާއްސަ ދަރިވަރު އަހައިލިއިވެ. "މިހާރު މި ތިބެވެނީ އަނދިރިކަމުން އަމާން ހޯދައިގެން ނޫންތޯ؟ އެހެންވީމާ އަޅުގަނޑު ސުވާލެއް ދަންނަވައިލަންތޯ؟"
"ކަލެއަށް އަމާންކަން ހުރި." ޗާންސެލަރު ބުންޏެވެ. "ކަލެއަކީ ވަރަށް އަމާނާތްތެރި، ވާހަކަ ރަނގަޅު، ހެއު ވިސްނުން އިސްކުރާ ގޮލައެއް. ބޭނުން ސުވާލެއް ކުރޭ."
"އަޅުގަނޑު މަސައްކަތް ކުރީ މަނިކުފާނު ވިދާޅުވެފައިވާ ގޮތަށް އެކަލޭގެ މިސްކިތާ ހަމައަށް ދިޔަ ނުދޭން. އެކަމަކު އޭނާ އަޅުގަނޑު ޖެހި މަޅީގައި ނުޖެހި ރެކިގަތީ. އެންމެ ފަހުގެ އުކުޅުގެ ބޭނުން ކުރާން ޖެހުނީ އެހެން ވެގެން. އެކަމަކު މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑު ކަންތައް ކުރި ގޮތް ރަނގަޅެއް ނޫނޭ. އޭނާއަށް އެތައް ނަމާދެއްގެ ސަވާބާއި އިތުރު އެތައް..."
"ކަލޭގެ އުކުޅުން ރެކިގަތުމުގެ ސަވާބުވެސް އޭނާއަށް ލިބޭނެ."
"އާދެ. އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ނަމަ އެ ދަނޑިވަޅުގައި ކަންތައް ކުރެއްވީހީ ކިހިނެއްތޯއޭ؟"
"އަހަރެން އޭނާގެ ބޮލަށް އެހެން ވަހުމެއް ވައްދާނީ. މަގު ހުރަސް ކުރުމުގެ ކުރީން ކުޑަކަމު ނުދިޔައިއްޔާ މިސްކިތުގައި ހުއްޓާ ދެފައިދަނޑިއަށް ދެވިދާނޭ ކަމުގެ ބިރު ދައްކާނީ."
"އެހެން ހެއްދެވީމާ ވަކިން ވާނީ ކިހިނެއްތޯ؟ ޖަމާއަތުގައި ނުކުރެވުނަސް އޭނާއަށް ނަމާދު ކުރެވޭނެއެއް ނޫންތޯ؟"
"ކަލޭގެ ބޮލަކަށް ހުންނަނީ މީދާކޭއުނބެއްތަ؟" ޗާންސެލަރު މަލާާމާތުގެ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އެއީ ރަނގަޅު ހަތަރު ނަތީޖާއެއް ނެރެވިދާނޭ ކަމެއް. ފުރަތަމަ ކަމަކަށް އޭނާ ނަޖިސް ހާލަތަށް ދާނެ. ދެވަނަ ކަމަކަށް އޭނާ ކުޑަކަަމުދާ ތަން ނަޖިސް ވާނެ. ތިން ވަނަ ކަމަކަށް އޭނާއަކަށް ޖަމާއަތެއް ނުލިބޭނެ. ހަތަރު ވަނަ ކަަމަކަށް އިތުރު މޮޅު އުކުޅަކާ މެދު ވިސްނާނެ ފުރުސަތު އަހަންނަށް ލިބޭނެ. މަގުމަތީގައި ނަޖިސް ހާލަތަށް ދިޔައީމާ ފެން ނުވަރައި ނަމާދު ކުރާކަށް އޭނާގެ ހިތެއް ހަމައެއް ނުޖެހޭނެ. އެ ޚިޔާލުވެސް އޭނާގެ ބޮލުގައި އިންދާނީ އަހަރެން."
"ސާބަހޭ މާތް މަނިކުފާނު. މަނިކުފާނުގެ ވިސްނުންފުޅާ ހަމައަށް ވާސިލު ވެވޭނޭ އެހެން މަޚުލޫގެއް ނުހުންނާނެ." ޚާއްސަ ދަރިވަރު ވައިއަޅުވައިލިއެވެ.
"ނަޖިސް ކަމަކީ ނުވަތަ ނުތާހިރުކަމަކީ ވަރަށް މުހިއްމު ކަމެއް. އެއީ އަހަރެން ވަރަށް ގަޔާވާ ކަމެއް. ތާހިރުކަމާ ދެކޮޅަށް އަހަރެން އަބަދުވެސް ހަނގުރާމަ ކުރަން. އެހެންވީމާ އެ މައިދާނުގައި އަހަރެން ވަރަށް ބުރަކޮށް މަސައްކަތްވެސް ކުރަން." ޗާންސެލަރު ފަޚުރުވެރި ވެލިއެވެ. "މި ނުކުތާ ސިކުނޑީގައި ބާއްވައިގެން ރަށުތެރެއަށް ނިކަން ބަލައިލަބަލަ. ރަށުތެރޭގައި ފާޚާނާ ވަރަށް ގިނަ. ފާރުފާރު، ގަސްގަހުގެ ބުޑު، ފެންގަނޑުގަނޑު... މިހިރީ ހައްތަހާވެސް ފާޚާނާ. މީހުން މަދު ދިމަދިމާއަށް ނިކަން ޖެހިލަބަލަ. ދުވާ ގޮރުވަހުން ނޯއް ދަމައިލާން ނުކެރޭނެ. ދެން އޮތީ ކުނީގެ ވާހަކަ. ކުނިވެފައި ހުންނަ ކާާނާ އެމީހަކު ހިތަށް އެރި ތަނަކަށް ދޫކޮށްލާފައި އެތިބަގެން ދަނީ. މަގުމަތީގައްޔާއި ގޯޅިގޯޅީގައި ހުންނަ ކުނިން އެ އަރާ ވަހަކީވެސް ފައްކާ ވަހެއް. ހިނގާފައި އުޅޭ މީހުންނަށް އެކަހަލަ ތަންތަން ގިރާ ނުކޮށެއްވެސް ފަރަކު ނުޖެއްސޭނެ. މިހާރު ގިނަ މީހުން ތިބެނީ ނަޖިހަށް އާދަ ވެފައި. އެއީ އާއްމު ކަމަކަށް ވެއްޖެ. އޭގެ ނަތީޖާއަކީ ކޮބައިކަން އެނގޭތަ؟ މީސްމީހުން ނަޖިސްވުން. ތަންތަން ނަޖިސްވުން."
"ވަރަށް މޮޅު." ޚާއްސަ ދަރިވަރު ހިނިތުންވެލިއެވެ.
"ހަނދާން ކުރާތި. ސާފުތާހިރުކަމަކީ ވަރަށް މުހިއްމު ކަމެއް. ނުތާހިރު ވެއްޖެ ނަމަ ހެޔޮ ކަންތައް ފިލައި ރައްކާ ވެދާނެ. ތާހިރުކަމާއި ހެޔޮ ކަމަކީ އެއްބަނޑު އެއްބަފާ ދެބައިން." ޗާންސެލަރު ކުރިއަށް ބަލައިލިއެވެ. "އާދެވިއްޖެ ދޯ؟"
އަލި ތަނެއް ނަމަ ލޯ ހުޅުވައި ބަލައިލާން އުނދަގޫ ވީހެވެ. އެކަމަކު އެތަނަށް ވެރިވެފައި އޮތީ ފާފައިގެ އަނދިރިކަމެވެ. އެހެންވީމާ ހުރިހައި ތަނެއް ސާފުކޮށް ފެނެއެވެ. ތަންކޮޅެއް ދުރުން ފެންނާން އެހެރީ ޔުނިވަރުސިޓީގެ އިމާރާތެވެ. ޔުނިވަރުސިޓީ އިމާރާތް ކޮށްފައި ހުރީ ނޭނގޭ ވައްތަރެއްގެ ކަޅު މާއްދާއެއް ބޭނުންކޮށްގެންނެވެ. މައި ދޮރާށީގެ ދެ ފަރާތުގައި ބޮޑުސިންގާ ދެ ބުދު ބަހައްޓައިފައި ހުއްޓެވެ.
"މާތް މަނިކުފާނު. އެންމެން އެ ތިބީ މަނިކުފާނުގެ އިންތިޒާރުގައި." ޚާއްސަ ދަރިވަރު ބުނެލިއެވެ.
އެއީ ތެދެކެވެ. ދޮރާށި ދޮށުގައި ޔުނިވަރުސިޓީގެ ވައިސް ޗާންސެލަރާއި ހިނގުމުގައި ހަރަކާތްތެރިވާ އެހެން ވެރިން ތިއްބެވެ. ވައިސް ޗާންސެލަރުގެ އަތުގައި އޮތީ ޗާންސެލަރުގެ ޚާއްސަ ކޯޓެވެ. އެހެން މިސްމީހުންގެ އަތުގައި ހުރީ ހަރުފައާއި، ބިޗުލާއި، ނަގުލަންދާށީގެ ހާރެވެ.
* * *
ޖަލްސާ ފެށުނީ ކަނޑައެޅިފައި އޮތް ވަގުތަށް ވުރެ އެއްގަޑި އިރު ލަހުންނެވެ.
ޗާންސެލަރު އިސްޓޭޖަށް އެރުމާއެކު ދަރިވަރުން އެކޮޅުކޮޅުން ތިބެގެން ދެފައިތިލައިން ފައިތިލަބަޑި ތަޅައިގަތެވެ. އެއް ގަޑިއިރު ވާންދެން ފައިތިލަބަޑި ޖެހުން ކުރިއަށް ދިޔައެވެ. ޗާންސެލަރު އެކޮޅުކޮޅުން ހުރެ އެމީހުންނަށް ޝުކުރު އަދާކުރުމުގެ އިޝާރާތް ކުރަމުން ދިޔައެވެ.
އެއް ގަޑިއިރަށް ފަހު ޖަލްސާ ފެށިއްޖެއެވެ. ސަނަދާއި ވަނަތައް ހާާސިލު ކުރި ޚާއްސަ ދަރިވަރުންގެ ނަންތައް އިއުލާނު ކުރާން ފަށައިފިއެވެ. ކޮންމެ ދަރިވަރަކު އައިސް ޗާންސެލަރުގެ އަތުން ސަނަދު ލިބިގަންނަމުން ދިޔައެވެ. ދަރިވަރުންނާއި ވެރިން ފައިތިލަބަޑި ޖަހަމުން ދިޔައެވެ. އާއްމު ދަރިވަރުންނަށް ސަނަދު ދޭން ހަަމަޖެހިފައި އޮތީ އަނެއް ދުވަހު އޮފީގައި ބާއްވާ ކުޑަ ރަސްމިއްޔާތެއްގައެވެ.
އެންމެ ފަހުން ވައިސް ޗާންސެލަރު އިސްޓޭޖަށް އަރައި ވާހަކަ ދައްކާން ފަށައިފިއެވެ. "ދެން އޮތީ އަޅުގަނޑުމެން އެންމެން ލޯބިވާ، އެންމެންގެ އެދުރު، ގަދަރު އުފުލިގެންވާ ޗާންސެލަރު އިބިލީސް ޖަހަންނަމީގެ ވާހަކަފުޅު ދެއްކެވުން. ހުރިހައި ބޭފުޅުން އިހުތިރާމާއި އަދަބުވެރިކަމާއެކު އަޑު އެއްސެވުން އެދެން."
(ނުނިމޭ)
ސަޅި ވާހަކައެއް
Miadhuge part kobaithoa
ޢެކޮޅުކޮޅުން އެލިގެން އެއްގަޑިއިރު ވަންދެން ފައިތލަބަޑިތެޅީއޭ???
Salhi vaahakaye iblees jahannami hehe
Naeem varah gadha..
ibleehuge dharivaruge malheega nujehi ibleehah vure gadhavegenfithaa.vaahaka liyunu Naeem vaahaka eh nooney midhennevee anekkaa.vaahakaiga ulhey Naeem?
Haadha ehen kahala ey adhi?.reethi vaane kamah ummeedhu kuran
In'bileehaa eytheege auvaanun.vaahakaige main character akee ibulees baa.
އިބުލީހާއި އޭނާގެ ލާހިދަރި ދޯ މިވާހަކައިގަ މިއުޅެނީ.ތަފާތު ވާހަކައެއްތާ މިއީ