ކޮވިޑް- 19 ފަދަ މުޅި އިންސާނިއްޔަތަށް ނުރައްކާތެރިވާފަދަ ބަލިމަޑުކަމެއް ފެތުރުމަށް މަގުފަހިވާ ގޮތަށް ކުރާޢަމަލަކީ ވެސް ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. ބައެއް މެމްބަރުން މިމޭރުމުން ވާހަކަ ދައްކަވައިފައި ވަނީ ކޮވިޑް- 19 ރާއްޖޭގައި ފެތުރުމަށް މެދުވެރިވީ ބައެއްގެ އިހުމާލުންކަމަށް ތުޙުމަތު ކުރެވި އެމައްސަލަ ފުލުހުން ތަޙްޤީޤް ކުރަން ފަށައިފައި ވަނިކޮށެވެ.
ބައެއް މެމްބަރުން މިމޭރުމުން ވާހަކަ ދައްކަވައިފައި ވަނީ ޖިނާޢީ އިޖްރާތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަތިވެރީ ދާއިރާގެ އެމްޑީޕީ މެމްބަރ ޙަޞަން ޒަރީރު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރ ޙަސަން ލަޠީފް ވިދާޅުވީ އިންސާނިއްޔަތާމެދު ކުރެވޭ ކުށްތަކަކީ ބޮޑެތި ކުށްތަކުގެ ގޮތުގައި ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. ކޮމެޓީ މަރުޙަލާގައި އެކަމަށް ރިޢާޔަތް ކުރެއްވުމަށް އޭނާ އެދި ވަޑައިގެންނެވިއެވެ. އިންސާނިއްޔަތާމެދު ކުރެވޭ ކުށްތަކަކީ ބޮޑެތި ކުށްތަކުގެ ގޮތުގައި ދުނިގޭޔެ އެހެން ޤައުތަކުގައިވެސް ކަނޑައަޅައިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު އެބަލި ރާއްޖެއަށް ފެތުރެން މެދުވެރިވި ސަބަބަކީ ޖިނާއީ ކުށެއް އެކަމުގައި ހިމެނޭ ކެމެއްތޯ ތަޙްޤީޤް ކުރެވެން ޖެހޭ ކަމެއްކަމަށް މެމްބަރ ޙަސަންލަޠީފް ވިދާޅުވިއެވެ. އެކަމުގައި ޖިނާއީ ކުށެއް ހިމެނޭނަމަ އެއީ ވަރަށް ބޮޑު ކުށެއްކަމަށް ޙަޞަން ލަތީފް ވިދާޅުވިއެވެ. ޕޮރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް ފުލުހުން އެމައްސަލަ ތަޙްޤީޤް ކުރަމުންދާކަން ފާހަގަ ކުރައްވާ މެމްބަރ ޙަސަން ލަތީފް ވިދާޅުވީ އެމައްސަލަ ތަޙްޤީޤް ކުރެއްވުމުގައި ވެސް، އިންސާނިއްޔަތާމެދު ކުރެވޭ ކުށްތަކަކީ ބޮޑެތި ކުށްތަކުގުގެ ގޮތުގައި ރިޢާޔަތް ކުރައްވައިގެން މައްސަލަ ތަޙްޤީޤް ކުރެއްވުން މުހިންމު ކަމަށެވެ.
"ގަސްތުގައި އެބަލި ފެތުރޭ ގޮތަށް ބަޔަކު ކަމެއް ކޮށްފައިވާނަމަ އެއީ ޖިނާއި ބޮޑުކުށެއްގެ ގޮތުގައި ބެލެވޭނެ" މެމްބަރ ޙަސަން ލަތީފް ވިދާޅުވިއެވެ.
ކުރިންވެސް އެފަދަ ކަންކަމުގައި ރާއްޖޭގައި ދައުވާކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ފެންތާންގީއަކަށް މީހަކު ގަސްތުގައި އެއްޗެއްލައިގެން ކުޑަރަށެއްގައި ވިއަސް ރޯގާއެއް ފެތުރުނަސް އެއި ޖިނާޢީ ބޮޑު ކުށެއްގެ ގޮތުގައި ދައުވާ ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.
"ދުނިޔޭގެ އެހެންޤައުމުތަކެއްގައި އުޅުނު ވައިރަހެއް މިޤައުމަށް އައިމާ، އެބަލިޖެހުނު މީހަކާމެދު ޢަމަލު ކުރިގޮތް އެއީ ތަޙްޤީޤް ކުރެވެންޖެހޭނެކަމެއް. ކުރެއްދޫ ރިސޯރޓްގައި ހިނގާ ދިޔަ ކަންކަމަކީ ތަޙްޤީޤް ކުރެވެން ޖެހޭނެކަމެއް." މެމްބަރ ޙަސަން ލަޠީފް ވިދާޅުވިއެވެ.
ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރ މިކާއީލް އަހުމަދު ނަސީމް ވިދާޅުވީ ދުނިޔޭގައި ބާރު ސްޕީޑްގައި ފެތުރެމުން ދިޔަ ބައްޔެއް ރާއްޖޭގައި ފެތުރުމަށް ދޫކޮށްލުމުގައި އިހުމާލުވި މައްސަލަ ތަހްޤީޤް ކުރެވެންޖެހޭ ކަމަށެވެ.
ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމު އޮންނަނީ ވަރަށް ބޭ އިންސާފުކޮށް ކަމަށް ފާހަގަ ކުރައްވައި މެމްބަރ މީކާޢީލް ވިދާޅުވީ ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ކުޑަގޮޅީގައި އޮންނަން ޖެހޭއިރު އެންމެން އެބައްޔަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން ދިޔަ ބައްޔެއް، އެނގިހުރެ ރާއްޖޭގައި ފަތުރަން ދޫކޮށްލި ރިސޯރޓް އޯނަރުގެ ތަޙްޤީޤެއް ހިނގަމުންދާއިރު އޭނާ ހުންނަނީ ދޫކޮށްލެވިފައިކަމަށެވެ. މިއީ ކޮން ކަހަލަ އިނަސާފެއްތޯ ވިދާޅުވެ ސުވާލު އުފެއްދެވިއެވެ. ހެއްކަށް ނުފޫޒު ފޮރުވުމުގެ ބާރު ވަނީ އެމަހުޖަނުގެ މީހާގެ ނޫންތޯ ވެސް މީކާއީލް ސުވާލު އުފެއްދެވި އެވެ.
މެމްބަރ މީކާއީލް ވިދާޅުވީ އެތަޙްޤީޤް ހިނގަމުންދާއިރު ރިސޯރޓް އޯނަރު ހުންނަން ޖެހޭނީ ކުޑަގޮޅީގައި ބަންދުކުރެވިފައިކަމަށް އޭނާ ޤަބޫލ ކުރައްވާކަމަށެވެ. އަދި އެއްވެސް ގޮތަށް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޭނާއަށް ދެވިގެން ނުވާނެކަމަށެވެ. ރާއްޖޭގެ ނުފޫޒުގަދަ ވިޔަފާރި ވެރިންނާއި ރިސޯޓް އޯނަރުންނާމެދު ތުޙުމަތު ކުރެވޭ މައްސަލަތައް ތަޙްޤީޤް ކުރުމުގައި ޚާއްޞަ އުޞޫލެއްގެ ދަށުން މައްސަލަތައް ތަޙްޤީޤްކުރެވޭކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖިނާޢީ ޢަދުލުގެ ނިޒާމަކީ އެންމެންނަށް ހަމަހަމަކަމާއެކު ޢަމަލު ކުރެވެން ޖެހޭނެ ނިޒާމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.