ކޯވިޑް-19 އާ ގުޅޭގޮތުން އުފެދޭ ބައެއް ސުވާލާއި އޭގެ ޖަވާބު

މިއީ 9 މާޗު 2020 ވީ ހޯމަ ދުވަހު ކޮރޯނާވައިރަހާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސުވާލާއި ޖަަވާބުގެ ދިވެހި ތަރުޖަމާއެވެ. ޑަބްލިޔު. އެޗް.އޯ ވެސބްސައިޓުން މި މައުލޫމާތު ނަގާފައިވަނީ މާޗް ދިހައެއްވީ އަންގާރަ ދުވަހުގެ ހެނދުނު ދިހަގަޑި ފަނަރަ މިނެޓުގައެވެ.


 

ކޮރޯނާ-ވައިރަސް އަކީ ކޯޗެއް؟

ކޮރޯނާ ވައިރަހަކީ އިންސާނުންނާއި ޖަނަވާރުންނަށް ބަލިޖައްސާ ވައިރަހުގެ އާއިލާއެކެވެ. ކޮރޯނާ ވައިރަހުގެ ގިނަ ބާވަތްތަކަކީ އިންސާނުންގެ ނޭވާލާ ނިޒާމަށް ތަފާތު ބަލިބަލި ޖައްސާ ވައިރަހެވެ. އޭގެތެރޭގައި އެންމެ އާއްމުކޮށް ފެތުރޭ އަރިދަފުސް ރޯގާއިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާރސް) އާއި ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާރސް) ހިމެނެއެވެ. ދާދި ފަހުން ދުނިޔޭގައި ފެތުރެންފެށި ކޮރޯނާ ވައިރަހުގެ ސަބަބުން ޖެހޭ  ކޮރޯނާ ވައިރަހުގެ ބައްޔަކީ ކޯވިޑް-19 އެވެ.

ކޯވިޑް-19 އަކީ ކޮން އެއްޗެއް؟

ކޯވިޑް-19 އަކީ ދާދި ފަހުން ދުނިޔޭގައި ފެތުރެން ފެށި ކޮރޯނާ ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި އާ ވައިރަހާއި އެ ވައިރަހުން ޖެހޭ ބައްޔަކީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނާގެ ވޫހާންގައި މި ބަލި ފެތުރެން ފެށުމުގެ ކުރިން ހޯދިފައިވާ ނުވަތަ އެނގޭ ވައިރަހެއް ނޫނެވެ.

ކޯވިޑް-19އިގެ އަލާމާތްތަކަކީ ކޮބާ؟

ކޯވިޑް-19އިގެ އެންމެ އާއްމު އަލާމާތަކީ ހުން އައުމާއި، ގައިގެ ވަރުދެރަވުމާއި ހިކި ކެއްސުމެވެ. ބަލިޖެހިފައިވާ ބައެއް މީހުންނަށް ގައިގައި ރިއްސުމާއި ތަދު އިހުސާސް ކުރެވޭނެއެވެ. އަދި ނޭވާ ލާން އުނދަގޫވުމާއި ނޭފަތުން ފޭބުމާއި ކަރުގައި ރިއްސުމާއި ބޭރަށް ހިންގުންފަދަ އަލާމާތްތައް ވެސް ފެންނާނެއެވެ. ބަލިގެ ކުރީކޮޅު މި އަލާމާތްތައް ކުޑަކޮށް ފެނުނުނަމަވެސް ފަހުން ބޮޑަށް ފެންނާން ފަށައެވެ. ބަލިޖެހޭ ބައެއް މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނި ނުވަތަ އެއްވެސް ވަރަަކަށް ބަލި ނުވެ ހުރެއެވެ. ބަލިޖެހޭ މީހުންގެ ތެރެއިން އަށްޑިހަ އިންސައްތަ މީހުން ވަކި ޚާއްސަ ފަރުވާއަކާ ނުލައި ބަލީން ރަނގަޅުއެވެ. ބަލިޖެހޭ ކޮންމެ ހަ މީހެއްގެ ތެރެއިން އެކަކަށް ބޮޑުވަރުވެ ނޭވާލާން އުނދަގޫވެއެވެ. ހަމައެހެންމެ އުމުރުން ދުވަސްވީ މީހުންނާއި ލެގެ ޕްރެޝަރު މަތި މީހުންނާއި ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި ހަކުރު ބަލީގެ މީހުންނަށް މި ބަލި ޖެހިއްޖެނަމަ ހާލަތު މާބޮޑަށް ގޯސްވެއެވެ. ހުން އައިސް، ކެއްސާ، ނޭވާލާން ދަތިވާ މީހުން ފަރުވާ ހޯދަންވާނެއެވެ.

ކޯވިޑް-19 ފެތުރެނީ ކިހިނެއް؟

ވައިރަސް ހުރި މީހެއްގެ ފަރާތުން މީހަކަށް ކޯވިޑް-19 ޖެހިދާނެއެވެ. ބަލިޖެހިފައި ހުރި މީހަކު ކެއްސައި ނޭވާލާއިރު އޭނާގެ އަނގަޔާއި ނޭފަތުން ބުރައިގެންދާ ކުޅާއި އަރިދަފުހުގެ ސަބަބުން އެހެން މީހަކަށް ބަލިޖެހިދާނެއެވެ. ހަމައެހެންމެ ވަށައިގެންވާ ތަކެތީގައި އެ ކުޅާއި އަރިދަފުސް ހަރުލުމުގެ ސަބަބުން އެތަންތަނުގައި އަތްލެވޭ މީހަކު އޭނާގެ ލޮލާއި، ނޭފަތާއި، އަދި އަނގައިގައި އަތް ޖައްސައިފިނަމަ އެމީހަކަށް ވެސް ބަލިޖެހދިާނެއެވެ. ބަލިޖެހފިއިވާ މީހެއްގެ އަނގައި ނުވަތަ ނޭފަތުން ބުރައިގެންދާ ތަކެތި އެހެން މީހެއްގެ ނޭވާލާ ނިޒާމުގެތެރެއަށް ހިނގައްޖެނަމަ އެމީހަކަށް ވެސް ބަލިޖެހޭނެއެވެ. އެހެންކަމުން ބަލިޖެހިފައިވާ މިހަކާއި ތިން ފޫޓު ދުރުގައި ހުރުމަކީ މުހިއްމު ކަމެކެވެ.

ވޯރލްޑް ހެލްތު އޯގަނައިޒޭޝަނުން މިހާރު ގެންދަވަނީ ކޯވިޑް-19 ފެތުރޭ ގޮތް ދިރާސާކުރަމުންނެވެ. ދިރާސާތައް ކުރިއަށްދާ ވަރަކުން ހޯދުންތައް އަދާހަމަކުރަމުން ގެންދަވާނެކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއެވެ.

ކޯވިޑް-19 ފެތުރޭ ވައިރަސް ވައިގެ ތެރެއިން ފެތުރިދާނެތަ؟

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ވައިގެ ތެރެއިން ބަލި ފެތުރުމަށްވުރެ ބޮޑަށް ކޯވިޑް-19 ފެތުރެނީ ނޭވާލާ ނިޒާމުން ބޭރުވާ ޖަރާސީމުންނެވެ.

ބަލީގެ އަލާމާތް ނުފެންނަ މީހެއްގެ ފަރާތުން ކޯވިޑް-19 ފެތުރިދާނެތަ؟

ބަލި ފެތުރޭ އެންމެ އާއްމު ގޮތަކީ ބައލިޖެހިފައިވާ މީހަކު ކެއްސާއިރު ބޭރުވާ ޖަރާސީމުންނެވެ. އެހެންކަމުން ބަލީގެ އަލާމާތް ނުފެންނަ މީހެއްގެ ފަރާތުން ކޯވިޑް-19 ޖެހުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެހެންނަމަވެސ ކޯވިޑް-19 ޖެހިފައިވާ ގިނަ މީހުންގެ ކިބައިން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެވެ. އެހެންކަމުން ބަލީގެ އަލާމާތެއް ނުފެނުނު ނަަމަވެސް ކުޑަކޮށް ކެއްސާ މީހެއްގެ ފަރާތުން ވެސް ކޯވިޑް-19 ޖެހިދާނެއެވެ. ބަލި ފެތުރޭ ގޮތާމެދު ކުރެވުމުންދާ ދިރާސާތަކުގެ ހޯދުންތައް ޑަބްލިޔު.އެޗް.އޯ އިން އާއްމުކުރަމުން ގެންދާނެއެވެ.

ބަލިޖެހިފައިވާ މީހެއްގެ ބޮޑުކަމުދާތަކެތީން ކޯވިޑް-19 ޖެހިދާނެތަ؟

ބަލިޖެހިފައިވާ މީހެއްގެ ބޮޑުކަމުދާތަކެތިން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ބައެއް މީހުންގެ ބޮޑުކަމުދާ ތަކެތީގައި ވައިރަސް ހުރެދާނެކަމަށް ކުރީގެ ތަހުލީލުތަކުން ދެއްކި ނަމަވެސް މި ބަލި ފެތުރޭ ގޮތަށް ބަލާއިރު ބޮޑުކަމުދާ ތަކެތިން ބަލި ފެތުރުމަކީ މި ބަލީގެ ސިފައެއް ނޫނެވެ. ބަލި ފެތުރިދާނެ ގޮތްތައް މި ޖަމިއްޔައިން ދިރާސާކުރަމުން ދާ މި ދަނޑިވަޅުގައި ބޮޑުކަމުދިއުމަށްފަހުގައްޔައި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަކީ މުހިއްމު ކަމެކެވެ.

އަމިއްލަ ނަފްސު ބަލިން ރައްކާތެރިކުރުމަށާއި ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭނީ ކޮންކަމެއް؟

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓާއި، އެ ގައުމެއްގެ ސިއްހީ އިދާރާތަކުން ހާމަކުރަމުންދާ އެންމެ ފަހުގެ މައުލޫމާތު ހޯދައި އެކަމަށް ހޭލުންތެރިވާންވާނެއެވެ. ދުނިޔޭގެ އެތައް ގައުމަކުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވާއިރު ބައެއް ގައުމުތަކުގައި މި ބަލި ދަނީ އަވަސް ބާރުމިނުގަިއ ފެތުރެމުންނެވެ. ޗައިނާގެ ސިއްހީ އިދާރާއާއި އަަދި އެހެން ބައެއް ގައުމުތަކުން ބަލި ފެތުރޭ މިންވަރު މަދުކުރުމަށް ކުރަމުން ދިޔަ މަަސައްކަތް މިހާރު ވަނީ ކާމިޔާބުވެފައެވެ. އެހެންނަމަވެސް ހާލާތު ބަދަލުވެދާނެ ގޮތް ކަނޑައެޅިގެން ނޭނގޭތީވެ އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދަންވާނެއެވެ.

ބަލި ޖެހުމާއި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅު:

- އަލްކަހޯލް އެކުލެވޭ އެއްޗަކުން އތް ސާފުކުރާ އެއްޗަކުން އާދަކޮށް އަތް ސާފުކުރާށެވެ. ނުވަތަ ފެނާއި ސައިބޯނި ލައިގެން އަތް ދޮންނާށެވެ. އަލްކަހޯލް އެކުލެވޭ އަތް ސާފުކުރާ އެއްޗަކުން ނުވަތަ ފެނާއި ސައިބޯނި ލައިގެން އަތް ދޮވުމުން އަތުގައި ހުރެދާނެ ޖަރާސީމު މަރުވާނެއެވެ.

- ކެއްސާ ކިނބިހި އަޅާ މީހަކާއި އެއް މީޓަރު ނުވަތަ ތިން ފޫޓުގެ ދުރުމިން ބަހައްޓާށެވެ. ކެއްސާ، ކިނބިހި އަޅާ އިރު އަނގަޔާ ނޭފަތުން ނުކުންނަ ކުޅުފަދަ ތަކެތީގައި ވައިރަސް ހުރެދާނެއެވެ. އެހެންކަމުން އެފަދަ މީހަކާ މާ ކައިރީގައި ހުރެއްޖެނަމަ ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް އެ ޖަރާސީމު ވަންނާނެއެވެ ކެއްސާ މީހާއަކީ ކޯވިޑް-19 ޖެހިފައިވާ މީހެއް ނަމަ ކޯވިޑް-19 ވައިރަސް ވެސް ހަށިގަނޑުގެ ތެރެއަށް ދާނެއެވެ.

- ލޮލާއި، ނޭފަތާއި އަނގައިގައި އަތް ނުލާށެވެ. ނޭނގި ނަމަވެސް އަތް ލެވޭ ތަންތަނުގައި ޖަރާސީމު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ތަނަކުން ޖަރާސީމުގައި އަތް ލެވިއްޖެނަމަ ލޮލާއި، އަނގަޔާއި، އަދި ނޭފަތަށް ޖަރާސީމު އަރާނެއެވެ. އަދި އެ ގުނަވަންތަކުން ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަދެ މީހާ ބަލިވެދާނެއެވެ.

- ތިމާއާއި ތިމާގެ ވަށައިގެން އުޅޭ މީހުން ކެއްސައި ކިނބިހި އަޅާއިރު އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއި ރިވެތި އާދަތައް ހިފަހައްޓާކަން ކަށަވަރުކުރަންވާނެއެވެ. އެގޮތުން ކެއްސާ، ކިނބިހި އަޅާއިރު ނޭފަތާއި އަނގަމަތި ޓިޝޫއަކުން ނުވަތަ އުޅަނބޮށިން ފޮރުވަންވާނެއެވެ. އަދި ވަގުތުން ޓިޝޫ ރައްކާތެރިގޮތުގައި ނައްތާލަންވާނެއެވެ. އަނގަމަތި ނިވާ ކުރުމަށް ބާރު އަޅަނީ ކެއްސާ، ކިނބހި އަޅާއިރު ބުރައިގެންދާ ކުޅުން ވައިރަސް ފެތުރޭނެތީއެވެ. އަނގަމަތި ނިވާކުރުން ފަދަ ރީތި އާދަތަކުގެ ސަބަބުން އަރިދަފުސް ރޯގާއާއި ކޯވިޑް-19 ފަދަ ބަލިތަކުން ތިމާގެ ވަށައިގެންވާ މީހުން ރައްކާތެރި ކުރެވޭނެއެވެ.

- ބަލިވެ އުޅޭނަމަ ގެއިން ބޭރަށް ނުދާށެވެ. ހުން އައިސް، ކެއްސާ، ނޭވާ ލާން އުނދަގޫ ވާނަމަ އެފަދަ އަލާމާތްތަކުގެ ކުރީކޮޅު ސިއްހީ އިރުޝާދު ހޯދާށެވެ.

- ސިއްހީ އިދާރާތަކުން ދޭ އިރުޝާދަށް ތަބާވާށެވެ. ކޯވިޑް-19 ފަދަ ބަލިމަޑުކަމެއްގެ އެންމެ އަދާހަމަ މައުލޫމަތާއި އެ ސަރަހައްދެއްގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ސިއްހީ އިދާރާތަކަށް ކަމަށްވާތީއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމުން އަމަލުކުރަންވާ ގޮތުގެ އެންމެ ރަނގަޅު މައުލޫމާތު ލަސްނުވެ ލިބޭނެެއެވެ. މީގެ ސަބަބުން އަމިއްލަ ނަފްސު ބަލިން ރައްކާތެރިވުމުގެ އިތުރުން ވައިރަހާއި އެހެނިހެން ބަލިތައް ފެތުރުން ހުއްޓުވޭނެއެވެ.

- ބާރު ދެވެލިގައި ބަލި ފެތުރޭ ސަރަހައްދުތަކުގެ މައުލޫމަތު ހޯދާށެވެ. އަދި އެފަދަ ތަންތަނަށް ނުގޮސްވޭތޯ ބަލާށެވެ. ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނާއި ފުއްޕާމެއާއި ހިތުގެ ބަލި ހުންނަ މީހުން މިފަދަ ތަންތަނަށް ދިއުން ރަނގަޅެއް ނޫނެވެ. އެފަދަ މީހުންނަށް ކޯވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑެވީމައެވެ.

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޯވިޑް-19 ފެތުރޭ ސަަރަހައްދަކަށް ޒިޔާރަތްކޮށްފައިވާނަމަ އެޅިދާނެ ފިޔަވަޅުތައް:

މަތީގައި ބަޔާންކުރެވުނު 'ބަލިޖެހުމާއި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅު"ގައި ހިމެނޭ އިރުޝާދަށް ތަބާވާށެވެ.

- ބަލިވެ، ބޮލުގައި ރިއްސުމާއި ހުން އައިސް (37.3 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިނަމަ) ނޭފަތުން ފެން ފައިބާނަމަ އެކަންކަން ރަނގަޅުވާންދެން ގެއިން ބޭރަށް ނުގޮސް ގޭގައި ނަފްސު އެކަހެރިކުރާށެވެ. ތިމާގެ ޒަރޫރީ ބޭނުން ފުއްދުމަށް ބޭނުންވާ ތަކެތި ގެނެސްދޭނެ މީހަކު ހުރުން މުހިއްމެވެ. އެފަދަ މީހަކު ނެތި ކާބޯތަކެތި ފަދަ އެއްޗެތި ގަންނާން ގެއިން ބޭރަށް ދާންޖެހިއްޖެ ނަމަ، އެހެން މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން މާސްކެއް އަޅާށެވެ. ބޭރުތެރެއަށް ނުނުކުމެ ގޭގައި މަޑުކުރުމުން އެހެން ފަރާތްތަކަށް ވައިރަހާއި ބަލި ފެތުރުމުން ރައްކާތެރިވާނެއެވެ.

- ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫ ވާނަމަ ސިއްހީ ވީ އެންމެ އަވަހަކަށް ސިއްހީ ލަފާ ހޯދާށެވެ. އެއީ ނޭވާލާ ނިޒާމު އިންފެކްޓުވުމުގެ ސަބަބުން ނުވަތަ އެހެން ސީރިއަށް ހާލަތެއްގެ ސަބަބުން މެދުވެރިވި ކަމަކަށްވެސް ވެދާނެއެވެ. އަދި އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާނަމަ ދަތުރުގެ ތަފްސީލާއި، ދަތުރު މަތީގައި ބައްދަލުވި ފަރާތްތަކުގެ މައުލޫމާތު ސިއްހީ އިދާރާތަކާއި ހިއްސާކުރާށެވެ. އެެންމެ އެކަށޭނެ ފަރުވާ އަށް މަގުފަހިކޮށްދޭން އެނގޭނީ އެފަދަ މައުލޫމާތު ހިއްސާކުރުމުންނެވެ.

އަހަންނަށް ކޯވިޑް-19 ޖެހިދާނެކަމުގެ ބިރު އޮތީ ކިހާވަރަކަށް ހެއްޔެވެ؟

ކޯވިޑް-19 ޖެހުމާއި ނުޖެހުން ބިނާވަނީ އެމީހަކު ދިރިއުޅޭ ތަނަކުންނެވެ. ޚާއްސަކޮށް އެމީހަކު ދިރިއުޅޭ ތަނެއްގައި ކޯވިޑް-19 ފެތެރެމުންދާނަމައެވެ.

ގިން ތަންތަނުގައި ދިރިއުޅޭ ގިނަ މީހުންނަށް ކޯވިޑް-19 ޖެހޭ މިންވަރު ދަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިހާރު މި ބަލި ފެތުރެމުން އެބަދެއެވެ. އެފަދަ ތަންތަނުގައި ދިރިއުޅޭ މީހުންނާއި އެފަދަ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ކޯވިޑް-19 ޖެހިފައިވާ މީހަކު ފާހަގަކުރެވޭ ކޮންމެ ފަހަރަކު ސަރުކާރުތަކުންނާއި ސިއްހީ އިދާރާތަކުން ބަލި ފެތުރުނަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދެއެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމާއި އެއްވެ އުޅުމާ ގުޅޭ ގޮތުން ސިއްހީ އިދާރާތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. ބަލި ކޮންޓްރޯލްކުރުމަށް އިދާރާތަކުންކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުން ބަލި ޖެހުމާއި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރެވޭނެއެވެ.

ކޯވިޑް-19 އަކީ ކޮންޓްރޯލްކުރެވޭނެ ބައްޔެކެވެ. ޗައިނާއާއި އެހެން ބައެއްގައުމުތަކުން މިކަން ސާބިތުވެއެވެ.

އެހެންނަމަވެސް އާ ސަރަހައްދުތަކުގައި ބަލި ފެންނަމުން ދާނެއެވެ. އެހެންކަމުން ދިރިއުޅޭ ތަނެއްގެ ހާލަތާއި ޒިޔާރަތްކުރާން ގަސްތުކުރާ ތަނެއްގެ ހާލަތު ދެނެގަންނާންވާނެއެވެ. ޑަބްލިޔު.އެޗް.އޯ އިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޯވިޑް-19ގެ ހާލަތު ކޮންމެ ދުވަހަކު އަދާހަމަކުރެއެވެ.
އެ މައުލުާމާތު މި ލިންކުން ފެންނާނެއެވެ.

ކޯވިޑް-19 އާ މެދު ކަންބޮޑުވާން ޖެހޭތަ؟

ކޯވިޑް-19ގެ ސަބަބުން ޖެހޭ ބަލީފެ އަސަރު އާއްމުގޮތެއްގައި ކުޑައެވެ. ޚާއްސަކޮށް ކުޑަކުދީންނާއި ބޮޑެތި މީޙުންނަށް މި ބަލީގެ އަަސރު ކުޑައެވެ. އެހެން ނަމަވެސް މި ބަލީގެ އަސަރު ބޮޑަށް ވެސް ކޮށްފާނެއެވެ. ބަލިޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހެއެވެ. އެހެންކަމުން ތިމާއާއި ގާތްތިމާގެ މީހަކަށް ކޯވިޑް-19ގެ އަސަރުކުރާނެ މިންވަަރަކާ މެދު ކަންބޮޑުވުމަކީ ނުވެނުދާނެ ކަމެކެވެ.

ބަލީގެ އަސަރުކުރާނެ މިންވަރަކާ މެދު ކަންބޮޑުވުމުގެ ބަދަލުގައި ތިމާއާއި، އާއިލާ އަދި މުޅީ މުޖްތަމައުގެ ސަލާމަތަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމެވެ. އެގޮތުން އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުން އާދަވެގެން ރަނގަޅަށް އަތް ދޮވުމާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ޓިޝޫއަކުން ނުވަތަ އުޅަނބޮށީން ނިވާކުރުން ހިމެނެއެވެ. ދެވަނަ ކަމެއްގެ ގޮތުން ސިއްހީ އިދާރާތަކުން ހާމަކުރާ މައުލޫމާތާއި ދޭ އިރުޝާދަށް ތަބާވާންވާނެއެވެ. އޭގެތެރޭގައި ދަތުރުފަތުރުކުރުން މަނާ ތަންތަނަށް ނުދިއުމާއި އެއްވެ ނޫޅުން ހިމެނެއެވެ.

ތިމާގެ އަމިއްލަ ނަފްސު ރައްކާތެރި ކުރާނެގޮތް މި ލިންކުން ފެންނާނެއެވެ.

ބަލީގެ ސަބަބުން ބޮޑަށް އަސަރުކުރުމުގެ ފުރުސަތު އޮތީ ކޮންބަޔަކަށް؟

ކޯވިޑް-19ގެ ސަބަބުން އިންސާނުންނަށްކުރާ އަސަރުތައް އަދިވެސް ދިރާސާކުރަމުންދާއިރު އުުމުރުން ދުވަސްވީ މީހުންނާއި ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ބައްޔާއި، ފުއްޕާމޭގެ ބަލިތަކާއި، ކެންސަރު އަދި ހަކުރު ބަލި ފަދަ ސިއްހީ ހާލަތެއް މެދުވެރިވެފައވާ ފަރާތްތަކަށް މި ބަލި ޖެހިއްޖެނަމަ އެފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ފަރާތްތަކަށްވުރެ އެފަދަ ފަރާތްތަކަށް ބަލީގެ ސަބަބުން ކުރާ އަސަރު ބޮޑެވެ.

ކޯވިޑް-19އަށް ފަރުވާކުރުމަށް ނުވަތަ ބަލިން ރައްކާތެރިވުމަށް އެންޓިބަޔޮޓިކް ބޭނުންކުރެވިދާނެތަ؟

އެންޓިބަޔޮޓިކުން ފަރުވާ ލިބެނީ ހަމައެކަނި ބެކްޓީރިއާއިން ފެތުރޭ ބަލިބައްޔަށެވެ. ކޯވިޑް-19 ޖެހެނީ ވައިރަހަކުންނެވެ. އެހެންކަމުން ވައިރަހާ ދެކޮޅަށް އެންޓިބަޔޮޓިކް މަސައްކަތެއް ނުކުރެއެވެ. ކޯވިޑް-19 އަށް ފަރުވާކުރުމަށް ނުވަތަ އެބަލިން ރައްކާތެރިވުމަށް އެންޓިބޮޔޮޓިކް ބޭނުންކޮށްގެން ނުވާނެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރަންވާނީ ފިޒީޝަނެއްގެ އިރުޝާދާއެކު ބެކްޓީރިއާގެ ސަބަބުންޖެހޭ ބަލިބަލީގެ ފަރުވާއަށެވެ.

ކޯވިޑް-19 އަިން ރައްކާތެރިވުމަށް ނުވަތަ ފަރުވާއެއްގެ ގޮތުން ބޭނުންކުރެވިދާނެ ބޭހެއް ނުވަތ ތެރަޕީއެއް ވޭހެއްޔެވެ؟

ހުޅަނގުގެ ގައުމުތަކުގައި ބޭނުންކުރާ ބައެއް ގެވެށިފަރުވާއިން ކޯވިޑް-19ގެ އަލާމާތްތަކަށް ލުޔެއް ލިބިދާނެއެވެ. ނަމަވެސް މި ބަލިގެ ފަރުވާއެއްގެ ގޮތުން ނުވަތަ ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބޭހެއް ދުނިޔޭގައި ހުރިކަމުގެ ހެއްކެއް އަދި މިހާތަނަކަށް ލިބިފައިނެތެވެ. އެންޓިބަޔޮޓިކް ހިމެނޭގޮތުން އެއްވެސް ބޭހެއް އަމިއްލައަށް ބޭނުންކޮށް ކޯވިޑް-19އަށް ފަރުވާކުރާކަށް ޑަބްލިޔު.އެޗް.އޯ އިން އިރުޝާދެއް ނުދޭނެއެވެ. އެހެންނަމަވެސް ހުޅަނގުގެ އަދި ކުރީގެ ބޭސްވެރިކަން ބޭނުންކޮށްގެން ތަފާތު ތަހުލީލުތައް ކުރިއަށް އެބަދެއެެވެ. އެފަދަ ކްލިނިކަލް މައުލޫމާތެެއް ލިބުމާއެކު އެ މައުލޫމާތު އާއްމުކުރެވޭނެއެވެ.

ކޯވިޑް-19އަށް ފަރުވާކުރުމަށް ބޭހެއް، ނުވަތަ ވެކްސިނެއް އެބައޮތްހެއްޔެވެ؟

މިއަދާ ހަމައަށް ކޯވިޑް-19އަށް ފަރުވާކުރުމަށް ނުވަތަ ރައްކާތެރިވުމަސް ބޭނުންކުރާނެ ވެކްސިނެއް އަދި ވަކި ޚާއްސަ އެންޓިވައިރަލް ބޭހެއްވެސް ހޯދިފައިނުވެއެވެ. އެހެންނަމަވެސް ބަަލީގެ އަލާމާތްތައް ކުޑަކުރުމަށްޓަކައި ބަލީގެ އަސަރުކޮށްފައި ތިބޭ މީހުންނަށް ފަރުވާދޭންވާނެއެވެ. ބަލީގެ އަސަރު ބޮޑަށް ކޮށްފައިވާ މީހުންނަށް ފަރުވާދޭންވާނީ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. ބަލިޖެހޭ ގިނަ މީހުން ބަލިން ސަލާމަތްވެއެވެ.

ބައްޔާ ދެކޮޅަށް ބޭނުންކުރެވިދާނެ ވެކްސިނާއި ބައެއް ބޭހު ފަރުވާ މިހާރު ދަނީ ތަހުލީލު ކުރެވެމުންނެވެ. މިތަކެތި ތަހުލީލުކުރަނީ ކްލިނިކަލް ޓްރަޔަލް މެދުވެރިކޮށެވެ. ކޯވިޑް-19އިން ރައްކާތެރިކުރުމާއި ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާނެ ވެކްސިނާއި ބެސް އުފެއްދުމަށް ޑަބްލިޔު.އެޗް.އޯ އިން ދަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.

ކޯވިޑް-19އިން ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެޅޭނޭ އެންމެ އެކަށީގެންވާ ފިޔަވަޅަކީ ގިނަގިނައިން އަތް ދޮވުމާއި، ކެއްސާ، ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށިން އަނގަމައްޗާއި ނޭފަތް ނިވާކުރުމެވެ. އަދި ކެއްސައި، ކިނބިހި އަޅާ މީހާއާއި ތިން ފޫޓު ދުރުގައި ހުރުމެވެ.

ބަލިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

ކޯވިޑް-19 އާއި ސާރސް އަކީ އެއް ބައްޔެއްތަ؟

ކޯވިޑް-19އާއި ސާރސް އަކީ އެއްބައްޔެއް ނޫނެވެ. ކޯވިޑް-19 ޖެހޭ ވައިރަހާއި 2003ވަނަ އަހަރު ދުނިޔޭގައި ފެތުރުނު ސިވިއަރ އެކިއުޓް ރެސޕިްރޭޓަރީ ސިންޑްރޯމް (ސާރސް) ފެތުރުނު ވައިރަހަކީ ޖެނެޓިކް ގޮތުން ގުޅުންހުރި ދެ ވައިރަހެވެ. ނަމަވެސް އެ ދަ ވައިރަހުން ޖެހޭ ބަލި ވަރަށް ތަފާތެވެ.

ކޯވިޑް-19 އަށްވުރެ ސާރސް ނުރައްކާތެރިއެވެ. އެކަމަކު ބަލިޖެހޭ މިންވަރު މަދެވެ. 2003ގެ ފަހުން ދުނިޔޭގެ އެއްވެސް ހިސާބަކުން ސާރސްގެ ބަލި ފެނިފައިނުވެއެވެ.

ބަލިން ރައްކާތެރިވުމަށް މާސްކެއް އަޅަންޖެހޭތަ؟

މާސްކު އަޅަންވާނީ ކެއްސުން ފަދަ ކޯވިޑް-19ގެ އަލާމާތަކާ އެކު ބަލިވެ އުޅޭނަމައެވެ. ނުވަތަ ކޯވިޑް-19 ޖެހިފައިވާ މީހެއް ބަލަހައްޓާ ނަމައެވެ. ބޭނުންކޮށްފައި އުކާލާ މާސްކު އެއްފަހަރު އަޅާފާ އުކާލަންވާނެއެވެ. އަމިއްލައަށް ބަލިވެ ނޫޅޭ ނަމަ ނުވަތަ ބަލި މީހަކު ބަލަހައްޓަން ނުޖެހޭ މީހަކު މާސްކު އަޅައިގެން އުޅޭނަމަ މާސްކެއް އިސްރާފުކުރެވެނީ އެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މާސްކުގެ ދަތިކަން ވަނީ ފޯރާފައެވެ. އެހެންކަމުން ބޭކާރުގޮތުގައި މާސްކު ބޭނުން ނުކުރުމަށް ޑަބްލިޔު.އެޗް.އޯ އިން އިލްތިމާސްކުރެއެވެ.

މާސްކު އެޅުމާއި، ބޭނުންކުރުމާއި، ނަގައި، ނައްތާލާނީ ކިހިނެއް؟

1. މާސްކެއް ބޭނުންކުރާންވާނީ ސިއްހީ އެހީތެރީންނާއި، ބަލިމީހަކު ބަލަހައްޓާ މީހުންނައި، ހުން އައުމާއި ކެއްސުންފަދަ އަލާމާތްތައް ފެންނަ މީހުންނެވެ.

2. މާސްކުގައި އަތްލުމުގެ ކުރިން އަލްކަހޯލް ހިމެނޭ އަތް ސާފުކުރާ ބާވަތަކުން ނުވަތަ ފެނާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ސާފުކުރާށެެވެ.

3. މާސްކު ނަގައި ވީދިފައި ހުރިތޯ ނުވަތަ ލޯވަޅެއް ހުރިތޯ ބަލާށެވެ.

4. މަައްޗަށް ހުންނާންވީ ކޮން ފުށެއްކަން ފާހގަކުރާށެވެ. (މިއީ ވިދާ ފަށެއް އިންނަ ފުށެވެ.)

5. ބޭރަށް އިނީ ރަނގަޅު ފުއްތޯ ބަލާށެވެ. ބޭރަށް ހުންނާނީ ކުލަފުށެވެ.

6. މޫނުގައި މާސްކު ބޭއްވުމަށްފަހު ރިހިކުލައިގައި ހުންނަ ފަށުގައި ނިޔަރޮދިން ހިފައި ނޭފަތާ ދިމާއިން މޫނަށް މާސްކު ހެޔޮވަރުކުރާށެވެ.

7. މާސްކުގެ ތިރީގައި ހިފައި އަނގަމައްޗާއި ދަތްދޮޅި ފޮރުވޭވަރަށް ތިރިއަށް ދަމާލާށެވެ.

8. ބޭނުންކުރުމަށްފަހު މާސް ނަގާށެވެ. މޫނާއި ލައިގެން ހުންނަ އަންނައުނާ ދުރަށްވާ ގޮތަށް ކަންފަތާއި ދިމާއިން ފުރަގަހުން ރަބަރު ފަށް ނައްްޓައި މާސްކު ނަގާށެވެ. އޭރުން މާސްކުގައި ހުރެދާނެ ޖަރާސީމުގައި އަތް ނުލެވޭނެއެވެ.

9. ބޭނުންކުރުމަށްފަހު ވަގުތުން ބަންދުކޮށްފައި ހުރި ބިނަކަށް މާސްކު އުކާލާށެވެ.

10. މާސްކުގައި އަތްލުމަށްފަހު ނުވަތަ މާސްކު އުކާލުމަށްފަހު އަލްކަހޯލް ހިމެނާ ބާވަރަރުން އަތް ސާފުކުރާށެވެ. ނުވަތަ އަތް ކިލާވެފައި ހުރި ނަމަ ފެނާއި ސައިބޯނި ލައިގެން އަތް ދޮންނާށެވެ.

ކޯވިޑް-19ގެ އަލާމާތްތައް ފެންނަން ކިހާ މުއްދަތެއް ނަގާތަ؟

މި މުއްދަތަށް ކިޔަނީ 'އިންކިއުބޭޝަން ޕިރިއަޑް' އެވެ. އިންކިއުބޭޝަން ޕީރިއަޑްގެ މާނައަކީ ވައިރަސް ޖެހުމާއި ވައިރަހުގެ ސަބަބުން ބަލިގެ އަލާމާތްތައް ފެންނާން ފެށުމާއި ދެމެދުވެ ވަގުތަށެވެ. ކޯވިޑް-19އިގެ އަލާމާތްތައް ފެންނަން ފަށާ މުއްދަތެއް ކަމަށް ލަފާކުރެވިފައިވަނީ 1 ދުވަހާއި ސާދަ ދުވަހާ ދެމެދެވެ. އާއްމުގޮތެއްގައި ފަސް ދުވަހުގެ ތެރޭގައި އަލާމާތްތައް ފެންނާނެއެވެ. އާ ހޯދުންތަކާއެކު މި ލަފާ އަދާހަމަކުރެވޭނެއެވެ.

ޖަނަވާރެއްގެ ފަރާތުން އިންސާނަކަށް ކޯވިޑް-19 ޖެހިދާނެތަ؟

ކޮރޯނާ ވައިރަހަކީ ޖަނަވާރުންގެ ކިބައިން އާއްމުކޮށް ފެންނަ ވައިރަހުގެ އާއިލާއެކެވެ. ދޭތެރެއަކުން މީހުންނަށް މި ވައިރަހުގެ އަސަރުކުރެއެވެ. އަދި އެމީހުންގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރެއެވެ. ސާރސް އާއި މާރސް ފެތުރުނު ޖަނަވާރުތައް ހޯދިފައިވީނަމަވެސް ކޯވިޑް-19 ފެތުރެން މެދުވެރިވަނީ ކޮން ޖަނަވާރެއްގެ ސަބަބުންކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެހެންކަމުން އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުން ޖަނަވާރު ގެންގުޅޭ ބާޒާރު ފަދަ ތަންތަނަށް ޒިޔާރަތް ކުރުމައި ޖަނަވާރުގައި އަތްލުމާއި ޖަނަވާރު އުޅޭ ތަންތަނުގައި ހުރަހަކާ ނުލާ އަތްނުލުމަށް ސަމާލުވާންވާނެއެވެ. ކާބޯތެކެތީގެ ރައްކާތެރިކުރުމުގައި ސަމާލުވުމަށާއި ރީ މަހާއި ކިރު ނުވަތަ ޖަނަވާރުގެ ގުނަވަންތަކުގައި އަތްލާއިރު ފަރުވާތެރިވުމާއި ރޯ ނުފިލުވައި ހުންނަ ބާވަތްތައް ބޭނުންކުރުމުން ދުރުވާންވާނެއެވެ.

ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކުން ކޯވިޑް-19 ޖެހިދާނެތަ؟

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކުން ކޯވިޑް-19 ނުޖެހޭނެއެވެ. ކުއްތާއާއި ބުޅާ ފަދަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުން ކޯވިޑް-19 ޖެހޭ ވައިރަސް ފެތުރިދާނެކަމުގެ ހެއްކެއް އަދި ނެތެވެ.

ވައިރަހަށް ތަނެއްގައި ދިރިއޮވެވެނީ ކިހާ އިރަކަށް؟

ކޯވިޑް-19 ޖެހޭ ވައިރަހަށް ދިރިއޮވެވެނީ ކިހާ އިރަކަށް ކަމަެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މި ވައިރަހުގެ ކަންކަން ހުރީ އެހެން ކޮރޯނާ ވައިރަހުގެ އެހެން ވައިރަސްތަކާ އެއްގޮތަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަދި ކޯވިޑް-19 ވައިރަހާ ގުޅޭގޮތުން މިހާތަނަށް އެއްކުރެވުނު މައުލޫމާތުން އެނގޭ ގޮތުގައި މި ގަޑި އިރުތަކެއް ވަންދެން ނުވަތަ އެތަކެއް ދުވަސްވަންދެން މަރުނުވެ ވައިރަސް ހުރެދާނެއެވެ. ތަނެއްގެ ބާވަތާއި، ފިނިހޫނުމިނާއި ޖައްވުގެ ތެތްކަން ފަދަ ހާލަތްތަކުގެ ގޮތުން ވައިރަސް ދިރިއޮންނާނެ މުއްދަތު ތަފާތުވެދާނެއެވެ.

ވައިރަހުގެ އަސަރު ތަނަކަށް ކޮށްފައި ހުރިކަމަށް ގަބޫލުކުރެވޭނަމަ ތިމާއާއި އެހެން މީހުންގެ ރައްކަލަށްޓަކައި ޑިސްއިންފެކްޓެންޓަކުން އެތަނެއް ސާފުކުރާށެވެ. އޭރުން ވައިރަސް މަރުވާނެއެވެ. އަލްކަހޯލް ހިމެނޭ އަތްދޮންނަ ބާވަތަކުން ނުވަތަ ފެނާއި ސައިބޯނި ލައިގެން އަތް ދޮވެ ސާފުކުރާށެވެ. އަނގަޔާއި ލޮލާއި ނޭފަތުގައި އަތްނުލާށެެވެ.

ކޯވިޑް-19 ފެނިފައިވާ ސަރަހައްދަކުން ޕާރުސަލެއް ގެނައުން ރައްކާތެރިތަ؟

ކޯވިޑް-19 ފެނިފައިވާ ސަރަހައްދަކުން ފާރުސަލެއް ގެނައުން ނުރައްކާތެރިއެއް ނޫނެވެ. ބަލިޖެހިފައިވާ މީހަކަސް އެފަދަ ޕާރުސަލެއްގައި އަތްލެވުމުގެ ފުރުސަތު ވަރަށް ވަރަށް ހަންޏެވެ. އަދި އެފަދަ ޕެކޭޖަކުން ނުވަތަ ޕާރުސަލެއް އެއްގައުމުން އަނެއް ގައުމަށް ދާއިރު ފިނިހޫނުމިން އެކި ވަރަށް ހުންނަ ގައުމުތަކުގައި އެ ޕާރުސަލް ދައުރުވާނެއެވެ. އެފަދަ ޕާރުސަލަކުން ކޯވިށް 19 ޖެހޭ ވައިރަސް ފެނުމނުގެ ފުރުސަތު ކުޑަވާނެއެވެ.

ކޮންމެހެން ކުރާން ނުޖެހޭނެ ކަންތައްތަކަކީ ކޮބާ؟

ތިރިގައި މިވާ ކަންތައްތަކަކީ ކޯވިޑް-19 އާއި ދެކޮޅަށް ކޮށްގެން ނުވާނެ ކަންތައްތަކެވެ. އޭގެ ސަބަބުން ގެއްލުންވެސް ލިބޭނޭ ކަންތައްތަކެވެ.

• ދުންފަތުގެ އިސްތިއުމާލުކުރުން

• އެއް މާސްކަށްވުރެ ގިނަ މާސްކު އެޅުން

• އެނޓިބަޔޮޓިކް ކެއުން

ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވާނަމަ އެ އަލާމާތްތަކުގެ އަސަރު މާބޮޑަށް ނުކުރަނީސް ސިއްހީ ފަރުވާ ހޯދާށެވެ. އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތާއި ދަތުރުފަތުރުގެ މައުލޫމާތު ހިއްސާކުރާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.