ކޮވިޑް-19: މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅެން: މޯލްޑިވިއަން

ކޮވިޑް-19 ގެ ސަބަބުން މޯލްޑިވިއަންގެ އެތެރެއާއި ބޭރުގެ ދަތުރުތައް މަދުކޮށްފައިވުމުން ގެއްލުންވާ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ވައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖަރ ޕަބްލިކްރިލޭޝަން އެންޑް ކޮމިޔުނިކޭޝަން މޫސާ ވަސީމް ވިދާޅުވީ ކުންފުންޏަށް ގެއްލުންވިޔަސް މުވައްޒަފުން މަދުކުރުމަށް ކުންފުނީން ވިސްނާފައި ނުވާކަމަށެވެ. "އަޅުގަނޑުމެންގެ ދަތުރުފަތުރު މަދުވުމާއެކީގައި އަޅުގަނޑުމެންނަށް ވެސް އޭގެ ގެއްލުން ނޫނީ އެ އަސަރު އެބަފެނޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވިސްނުމެއް އަދި ނެތް މުވައްޒަފުން މަދުކުރާކަށް. އަޅުގަނޑުމެން ގަބޫލުކުރަނީ މިހާރުތިބި މުވައްޒަފުންނާއެކީގައި އަދިވެސް ކުރިއަށް ގެންދެވޭނެކަމަށް،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މި ނޫން ހާލަތެއް ދިމާވެއްޖެ ކަމަށްވާނަމަ އެކަމާ ގުޅުންހުރި އިދާރާތަކާ ވާހަކަ ދައްކައިގެން އެކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. މިސާލަކަށް އެކަހަލަ ހާލަތެއް އަތުވެއްޖެނަމަށް އައިލޭންޑްއޭވިއޭޝަނާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އެކަމަށް މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް މިވަގުތު ކުންފުނީން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަންއިން މިހާރު ކުރާ ދަތުރުތަކުގެ އަގުބޮޑުކަމުގެ ޝަކުވާ މޯލްޑިވިއަންއަށް ލިބެމުންދާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ މި ދަތުރު ތަކަކީ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދަން ކުރާ ދަތުރުތަކެއް ނޫންކަމަށެވެ. ވިޔަފާރި އުސޫލުން ދަތުރުކުރާނަމަ މިހާރު ކުރަމުންދާ އަގުގައި ނުކުރެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.