ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފުވި ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފުވި ދެމީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހުޅުމާލޭ ފަޅުގައިއޮތް ސަފާރީއަކުން،ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފަށް ހުޅުމާލެއަށް އެރި މީހަކާއި ހއ. އަތޮޅުގެ ރިސޯޓަކަށް އެރި އެސޯޓްގެ މުވައްޒަފެކެވެ. މިދެމީހުންނަކީ ޢުމުރުން 32 އަހަރުގެ  ދިވެހި ދެ ފިރިހެނުންނެވެ.

ސަފާރީން ހުޅުމާލެއަށް ފޭބި މީހާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެމީހާ ސަފާރީން ހުޅުމާލެއަށް ފައިބައި ފުލުހުންނަށް ދޮގުމަޢުލޫމާތު ދީފައިވާތީ އޭނާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި 6:15 ހާ އިރުއެވެ.

ހއ. އަތޮޅުގެ ރިސޯޓަކަށް އެރި އެރިސޯރޓްގެ މުވައްޒަފުގެ ބަންދަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައި ފައެވެ. އޭނާ ރިސޯޓަށް އެރީ މިމަހު 20 ވަނަ ދުވަހުއެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ 7:45 ކަން ހާއިރުއެވެ. މިދެ މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފުވި އިތުރު ތިން މީހެއްގެ މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.